އަދުގެ ޚާއްސަ

Print

ބަހަނާ

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު


"ކޮބާ ދެން އަނެއް ދިވެހިރާއްޖެ އަށް މި އޮތީ އާދެވިފަ! ކޮބާބާ ޚަބަރަކީ؟" އަހަރެން އެހީމެވެ.

    އެކުވެރިންނާ އެކުގައި އަހަރެން އިނީ ކޮފީބޯށެވެ. އޮފީހުގައި ބިޒީކޮށް އުޅުމަށްފަހު، ކޮފީއެއް ބޯލަން ނުކުމެވުމުން ސިކުނޑި އަށް، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނޮވެންބަރު އެގާރައިގައި އޮފީހުގެ ވެރިޔާ ބަދަލުވާތީވެ، މަސައްކަތްތައް ހުރީ އިސްކޮޅުނުކާ ހިސާބަށް އަރާފަ އެވެ.

    "ކޮން ޚަބަރެއްތަ އޮންނާނީ؟ އަހަރުމެން ހަމަ މިހެން ބިޒީކޮށް އުޅެއުޅެތިއްބާ މަރުވެގެން ވެއްޓޭނީ. އަހަރުމެންނަކަށް ނުލިބޭނެ މިނިސްޓަރުކަމެއް. އެ ކަމެއްގަ އުޅުނު ބަޔަކަށްތާ އެ ކަމަކުން މަންފާކުރާނީ." ފޫހި ގޮތަކަށް ކޮފީތަށި ގިރާލާފައި، ވަތުތަށި ތެރެއަށް ސަމުސާ ވައްޓާލަމުން މައުރޫފު ބުނެލި އެވެ. "ކޮންމެ މީހަކު ވެރިކަމަށް އަޔަސް ޖެހޭނީ ހަމަ އެއްތާކު. މަ ބުނީތީ ވެސް ކަލޭ ހުރޭ ބަލަން. ކުރިން ނުކުރެވިއޮތް ދެތިންކަމެއް ކުރެވޭނެ މަގު ތަނަވަސްކޮށް ނުދޭނެއެކޭ ނޫން. އެކަމަކު ދިވެހިން ވާނީ ދިވެހިންނަށް. މައްސަލަ އަކީ ޤައުމީ މައްސަލައެއް ނޫނޭ. ފަރުދީ މައްސަލައެއް."

    މައުރޫފަކީ ޓީވީން ޝޯ ހުށައަޅައިދޭ މީހެކެވެ. އެހެންކަމުން، އޭނަގެ ވާހަކަތައް ހުންނާނީ އެހެންނޭ އަހަރެންގެ ހިތަށްއެރި އެވެ. އެއީ ކާކު ޤަބޫލުކުރާނެ ވާހަކައެއް ހެއްޔެވެ؟ ހުރިހާ ވެސް މައްސަލަ އަކީ، ސަރުކާރެވެ. އެ ޤައުމެއްގެ ވެރިކަން ކުރާ ޕާޓީގެ ޕޮލިސީތަކެވެ. ވިޔާނުދާ، ބޭކާރު ޚަރަދުތަކެވެ. އަހަރެންގެ ވިސްނުން އެކަކަށް ވެސް ބަދަލެއްނުކުރެވޭނެ އެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއަކަށް ވީމައި މޮޅު ބަހެއް ބޭނުންކުރެވިދާނެ އެވެ.

    "ފަރުދީ މައްސަލައެކޭ؟" އަނެއްކާ އިތުރު ކޮފީއަކަށް އޯޑަރުދެމުން ރަމީޒު އެހި އެވެ. "ކަލޭ ބޮޑެތި ބަސްތައް ބޭނުންކުރީމަ އަހަރުމެންނަކަށް އޭގެ މާނައެއް ނޭނގެޔޭ. ކޮބައިތަ ފަރުދީ އަކީ؟"
    "ދޮންކަލޯ އަށް ތި އުޅެނީ ފަރުދީގެ މާނަ ނޭނގިގެން.. ދެން ކިހިނެއް ޤައުމު ދަސްވާނީ؟" އޭނަ މަލާމާތުގެ ރާގަކަށް ބުންޏެވެ.

    އެ ހިސާބުން މައުޟޫޢު ބަދަލުވި އެވެ. އެ ވާހަކަތައް އަހަރެން ވެސް ހަނދާންނެތުނެވެ. ދެން އަހަރުމެން ދެއްކީ އަންހެންކުދިންގެ ވާހަކަ އެވެ. އަހަރުމެން ފުރާގެ ފިރިހެނުން ދައްކަން އޮންނާނީ ވެސް އެހެން ކޮން ވާހަކައެއް ހެއްޔެވެ؟ ޤައުމުގެ ވާހަކަ ދައްކަނީ ވެސް އަނގަތަޅާލުމުގެ ބޭނުމުގަ އެވެ. އަހަންނަށް ކީއްހެއްޔެވެ؟ އުޅެންޖެހޭލެއް ބިޒީކަމުން، އެހެން ކަމަކަށް ވިސްނާލާކަށް އަހަންނަކަށް ވަގުތެއްނުވެ އެވެ.

    އެ ތަނުގައި އިންދައި، އަހަރެން ބޭނުންވެގެން ވެރިޔާ ގުޅަންފަށައިފި އެވެ. އެހެންކަމުން، އެކުވެރިން ދޫކޮށްލާފައި އަހަރެން ދިޔައީ އެވެ. އަހަންނަކީ އައިޓީ ސްޓާފެކެވެ. އޮފީހަށް ދިޔައިރު، އިރުފާނު އަތުން ފައިލްތަކެއް "ޑިލީޓް" ވެގެން ވެރިޔާ ހުރީ ހާސްވެފަ އެވެ. އިރުފާނަކީ، އެންމެ ފަހުން އޮފީހަށް ވަން މުވައްޒަފެވެ. އެ ފައިލުތަކަކީ، ކޮންމެހެން ވެސް ބަހައްޓަންޖެހޭ އެއްޗެކެވެ. އަހަރެން ޖެހުނީ، އެހެން ހުރިހާ ކަމެއް ހުއްޓާފައި، އެ ފައިލުތައް ހޯދަން މަސައްކަތް ފަށާށެވެ. ރުޅި އާއި ފޫހި އެއްކޮށްގެން އަހަރެން ކޮމްޕިއުޓަރު ކައިރީގައި އިށީނީމެވެ. ކައިރީގައި އިރުފާނު ވެސް އިނެވެ. ކަންބޮޑުވެފަ އެވެ.

    "ކިހިނެއް އިރުފާނު އެހާ ފަސޭހައިން ޑިލީޓުކޮށްލީ؟ އެޑްމިން ރައިޓްސް ނެތި ޑިލީޓެއް ނުވެސް ކުރެވޭނެ މި ކޮންޕަކުން.." އަހަރެން ބުނީމެވެ.

    "އައިޓީ ކުއްޖަކު އެއްޗެއް އިންސްޓޯލްކުރަން ޖައްސާފަ ދިޔަ ގަޑިއެއްގަ ފުހެލެވުނީ.. ރިސައިކަލް ބިން ތެރޭން ވެސް ފުހެލިފަހުން އެ ފައިލްތައް ބޭނުންވެގެން ވެރިޔާ ގުޅުއްވީ. ވަރަށް ބޮޑަށް ސޮރީ.." އިރުފާނު ބުންޏެވެ.

    "ދެން އަޅާނުލާ.. ގަސްތުގައެއް ނޫންތާދޯ؟ ދެންފަހަރަކުން ވެސް..."
    އަހަރެން އެ ހިސާބަށް ބުނިތަނާ އިރުފާނަށް ކޯލެއް އައެވެ. އަހަރެން ހީކުރީ އޭނަ އެ ކޯލަށް ޖަވާބެއް ނުދޭނެކަމަށެވެ. އެކަމަކު ވަގުތުން ފޯނު ނެގި އެވެ. ވާހަކަދައްކަމުން ތަންކޮޅެއް ދުރަށް ދިޔަ އެވެ. އަހަރެން ވާހަކަދައްކަދައްކާ ހުއްޓައި ފޯނަކަށް ޖަވާބުދޭން އޭނަ އަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ހިތުގައި އުފެދިފައި އިންދައި އިރުފާނު އައެވެ. އެހެންނަމަވެސް، އަހަރެން އެ ސުވާލެއް ނުކުރަމެވެ.

    "ސޮރީ އިނގޭ!" އިރުފާނު ބުންޏެވެ. "ކާފަ ވަރަށް ބޮޑަށް ބަލިވެގެން ހޮޕިޓަލުގަ ބާއްވާފަ އޮތީ. އެހެންވެ ފޯނު ނަގަންޖެހުނީ. އަހަންނާ ދައްތައާ ކާފަ މި ބަލަނީ.. ރޭގަ ވެސް ހޭލާ ހުރެފަ މި އައީ.."
    އިރުފާނުގެ ވާހަކަތައް އަޑުއިވުމުން، އަހަރެން ކުރަން އުޅުނު ސުވާލު ނުކުރެވުނީތީވެ އުފާވި އެވެ. ސުވާލު ކުރި ނަމަ، އަހަރެންގެ ރާގު ވެސް ހަރުކަށިވީހެވެ. ދެން ކުއްލިއަކަށް ހަނދާންވި އެވެ. ކުރީ ރޭ ދަންވަރު އަހަންނަށް މެސެޖެއް އައެވެ. އޭގަ އޮތީ މާމަ ވަރަށް ބަލި ވާހަކަ އެވެ. މެސެޖު ފޮނުވީ ބައްޕަ އެވެ. އަހަރެން ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. އުޅެންޖެހޭލެއް ބިޒީކަމުން އެހެންކަމެއް ހަނދާން ހުންނާނީ ކިހިނެއް ހެއްޔެވެ.

    "ބަސްފޮތް އަޅާލަދެއްޗޭ!" އިރުފާނު  ބުންޏެވެ.

    ފުހެވުނު ފައިލުތައް ހޯދާފައި، ބަސްފޮތް އަޅައި ނިމުނުތަނާ، މައުރޫފު ބުނި ބަސް ހަނދާންވި އެވެ. ކައިރީގައި އެހެން މީހަކު ވެސް އެ ވަގުތު ނެތުމާއެކު، "ފަރުދީ" ގެ މާނަ އަހަރެން ބަލައިލީމެވެ. އެ ބަހުގެ މާނައެއް ނެތެވެ. އެއީ ނަމެއް ނޫނެވެ. ނަމަކީ "ފަރުދު" އެވެ. އޭގެ މާނަ އަކީ "މީހާ" އެވެ. ނުވަތަ ކޮންމެ މީހަކީ ވެސް ފަރުދެކެވެ. މައުރޫފު ބުނި އެއްޗެއްގެ މާނަ އަހަންނަށް ވިސްނުނީ ދެނެވެ. ރާއްޖޭގެ މައްސަލަ އަކީ ސަރުކާރެއް ނޫނެވެ. މީހުންނެވެ. މާނަ އަހަންނަށް ވިސްނުމުން މާނަ ގަބޫލުކުރަން އުނދަގޫވި އެވެ. މީހުންގެ މައްސަލަ އަކީ ކޮބައިހެއްޔެވެ؟ ޤައުމަށް ރަނގަޅު ބަދަލުތައް ގެނައީ މީހުންނެވެ. ގިނަ މީހުންގެ މަސައްކަތުންނެވެ. އެ ފިކުރުގައި އިންދައި ބައްޕަ ފޯނުކުރި އެވެ.

    "ދަރިފުޅާ ނާންނަމެއްނު މާމަ އަށް ގޮވާލާކަށް؟" ބައްޕަ ބުންޏެވެ.
    "ބިޒީކަމުން ހަމަ ނުދެވިގެން މި އުޅެނީ ބައްޕާ. އެކަމަކު މިއަދު ދާނަން.." އަހަރެން ބުނީމެވެ.
    މެންދުރުފަހުން ގެ އަށް ގޮސްފައި، ދެ ބަނޑަށް ކައިގެން އޮށޯވެލިތަނާ ނިދިއްޖެ އެވެ. އިރާކޮޅު އަނެއްކާ ވެސް ހޭލެވުނީ ބައްޕަގެ ކޯލަކަށެވެ.
    "ކުއްލިއަކަށް މާމަގެ ހާލު މާބޮޑުވެގެން ހޮސްޕިޓަލަށް މި ދަނީ.. އަންނާތި އޭޑީކޭ އަށް." ބައްޕަ ބުންޏެވެ.

    ހޮސްޕިޓަލަށް ދިޔުމަކީ އަހަރެންނަށް ވަރަށް އުނދަގޫކަމެވެ. އެ ތަނަށް ވަނީމަ ދުވާ ބޭސް ވަހާއި، ބަލި މީހުންނާއި، ނަރުހުންތައް ފެނުމުން ވެސް އަހަރެން ހުންނަނީ ބަލިވެފަ އެވެ. އެހެންނޫނަސް، އަހަރެން މާމަ އަށް ގޮވާލަން ދިޔައެކޭ ކިޔާފައި މާމަ ރަނގަޅުވާނެ ހެއްޔެވެ؟ އަހަރެން ފެނުނަސް މާމައަކަށް ނޭނގެ އެވެ. އަހަރެން ދައްކާ އެއްވެސް ވާހަކައަކަށް މާމަ ޖަވާބެއް ނުދޭނެ އެވެ. މާމަ ދައްކާނީ މާމަ ބޭނުން ވާހަކައެކެވެ. ވީއިރު، ހޮސްޕިޓަލަށް ގޮސްފައި އަހަރެން ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ. މާމަ އަށް ގޮވާލަން އަހަރެން ދާނީ ގެ އަށް ގެނައީމަ އެވެ. އަނެއްކާ ކޯލެއް އައެވެ. ނަންބަރަށް ބަލައިލުމާއެކު، އޮފީހަށް ދާންޖެހުނީކަން އަހަންނަށް އެނގުނެވެ.

    "ކީކޭ؟" އަހަރެން އެހީމެވެ.
    "ސިސްޓަމް ހޭންގްވެއްޖެ! ވަރަށް އަވަހަށް ޖައްސާލަބަލަ!" ޑީޖީ ބުންޏެވެ.
    ތެޅެމުންފޮޅެމުން އަހަރެން ދިޔައީ އޮފީހަށެވެ. ދަންވަރު ދޭއްޖަހަން އުޅެނިކޮށް ބައްޕަގެ މެސެޖެއް ލިބުނެވެ.

    "ހުރިހާ ކުދިން މާމަގެ މޫނުދެކެން އާ ސަހަރާ އަށް އަންނާތި!" އެ މެސެޖުގައި އޮތެވެ.

    އެ ހިސާބުން އަހަރެންނަށް ކުޑަކޮށް އުނދަގޫވި އެވެ. މާމަ ނިޔާވީމަ އެވެ. އެކަމަކު، އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ދިޔަ ނަމަވެސް، މާމަ ނިޔާވަން ހުރިއްޔާ ނިޔާވާނެ އެވެ. އެއީ އަހަރެން ޒިންމާވާންޖެހޭ ކަމެއް ނޫނެވެ. އަނެއްކޮޅުން، ހޮސްޕިޓަލަށް އަހަންނަށް ނުދެވުނީ، އޮފީހަށް އަންނަންޖެހުނީމަ އެވެ. އޮފީހަކީ އަހަރެންގެ ވަޒީފާ އެވެ. ނުކުންނަން ބުނީމައި ނުކުތުމަކީ އަހަރެންގެ ވާޖިބެކެވެ. ބައްޕަ ގާތުގައި އެހެން ބުނާނީ އެވެ. ގައިމު ވެސް ދޮގަކަށް ނުވާނެ އެވެ.

    ފަތިހު ސަހަރާ އަށް ދިޔައިރު، އެހެން މީހުން ވެސް ގޮސް ތިއްބެވެ. ފެނުނު ކޮންމެ މީހެއް ގާތުގައި "ބަހަނާ" ދައްކާފައި އަނެއްކާ ވެސް އެހެން މީހަކާ ދިމާލަށް ހިނގައިގަންނަނީ އެވެ. އެންމެފަހުން މަންމައާ ދިމާވި އެވެ. މަންމަ އަށް ވެސް ހަމަ އެ ބަހަނާތައް އިއްވީމެވެ.

    "އެންމެ ފަހު ވަގުތުގަ ވެސް މާމަ އެހި ދަރިފުޅު ކޮބައިހޭ؟" މަންމަ ބުންޏެވެ.
    އެހެން ހެއްޔެވެ؟ އަހަރެންގެ ހިތަށްއެރި އެވެ. އަހަރެންދެކެ މާމަ އެހާ ލޯބިވޭ ހެއްޔެވެ؟
    "އެއީ ކީއްވެ އަހަރެން ކޮބައިހޭ އެހީ؟" އަހަރެން ބުނީމެވެ.
    "ތިއެއްނު މާމަގެ ހުރިހާ ވެސް ދަރިއަކީ.. ދަރިފުޅުދެކެ ލޯބިވާ ވަރަށް އެހެން އެއްވެސް ކުއްޖަކުދެކެ މާމަ ލޯތްބެއް ނުވާނެ. ބައްޕަ އެ ވަރަށް އެ ގުޅީ ވެސް ދަރިފުޅުގެ ވާހަކަ މާމަ ދައްކާވަރުންނޭ." މަންމަ ބުންޏެވެ.

    "އަހަރެން ހިއެއްނުކުރަން އަހަރެންދެކެ މާމަ އެހާ ލޯބިވާކަމަކަށް.." ކުޑަކޮށް ދެރަވެފައި އަހަރެން ބުނީމެވެ. "މާމަ ނުވެސް ބުނޭ އެހެނެއް!"
    "މާމަ އަބަދު ވެސް ބުނާނެ އެހެން.. ދަރިފުޅަށް އަޑުއަހަން ވަގުތުނުވީ.." މަންމަ ބުންޏެވެ. "މަރުވަމުން ޝަހާދަތް ކިޔުމުގެ ކުރިން ބުނި އެއްޗަކީ ވެސް، ދަރިފުޅު ކޮބައިހޭ؟"
   
ކުއްލިއަކަށް އަހަރެން ފެންކަޅިވި އެވެ. އަހަރެން މީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ ޤައުމުގެ ވާހަކަދައްކަން ކޮފީ މޭޒުދޮށުގައި އިންނަން ވަގުތު ހޯދެ އެވެ. މާމަ އަށް ގޮވާލަން އަންނަން އަހަންނަށް ވަގުތެއްނުވި އެވެ. ވާޖިބޭ، ޒިންމާއޭ ކިޔައިގެން އަހަރެން ކޮން ވާހަކައެއް ދައްކާކަށް ހެއްޔެވެ؟ އޮފީހުގައި ކިތަންމެ ބިޒީވިޔަސް، ކުރަން ބޭނުންވާ ކަންތައް ކުރަން އަހަންނަށް ވަގުތުހޯދެ އެވެ. މާމައާ ބައްދަލުކޮށްލަން އަހަރެން ބޭނުންނުވީ އެވެ.

    އަހަރެން ކުޑައިރު، އަހަންނަށް ވާހަކަނުދެއްކުނުއިރު، ހުއްޓާނުލައި އަހަންނަށް ގޮވާލަގޮވާލާ އިންނަން މާމަ އަށް ވަގުތުވި އެވެ. އޭރު އަހަންނަކަށް މާމައެއް ނޭނގެ އެވެ. ދައްކާ ވާހަކައެއް ނޭނގެ އެވެ. ކުޑަމިނުން މާމަ އަށް ގޮވާލާކަށް ވެސް ނޭނގެ އެވެ. ކުޑައިރު އަހަރެން އޮތް ހާލަތާއި، މުސްކުޅިވެގެން މާމަ އޮތް ހާލަތުގެ ތަފާތަކީ ކޮބައިހެއްޔެވެ؟ ކޮންމެ މީހަކު ވެސް ހަޅޭއްލަވަމުން ހިނގާއިރު، އެ މީހެއްގެ ޒިންމާ އެ މީހަކަށް އަދާކުރެވުނު ހެއްޔެވެ؟ މައްސަލަ އަކީ އެއީ އެވެ. ވާޖިބު ކަމަށް އަހަރެން ދުށީ އޮފީސް މަސައްކަތެވެ. މުސްކުޅި މާމަ އަށް އަޅާލުމުގެ ވާޖިބު އަހަރެން ހަނދާނެއް ނެތެވެ. ބިޒީވީ އޮފީހުގެ މަސައްކަތް ކުރުމުގަ އެވެ. ބިޒީވާންވީ ކަންތައް އަހަރެން ހަނދާންނައްތާލީ އެވެ. އަހަރުމެން އެންމެންގެ މައްސަލަ އަކީ ވެސް ފަރުދީ މައްސަލައެކެވެ. ވެރިކަމާއި ސަރުކާރުގައި ވެސް ތިބެނީ އިންސާނުންނެވެ. ދެން ތިބެނީ ވެސް އިންސާނުންނެވެ. ބަހަނާ ދެއްކުމުގެ ބަދަލުގައި، ފަރުދީ ޒިންމާ އަދާކުރަން، މަދު ބަޔަކު ފިޔަވައި، އެހެން މީހުން ނުވިސްނި އެވެ. ކޮންމެ ވެރިއަކު އަޔަސް، ތިމާގެ ޒިންމާތަކަށް ނުވިސްނާހާ ހިނދަކު، ބޭނުންވެގެން މި އުޅޭ އަމާންކަމާއި ހަމަޖެހުމެއް ނާންނާނެ އެވެ. ދެއްކޭނީ ބަހަނާ އެވެ.

      (ނިމުނީ)
                                          

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ