އަދުގެ ޚާއްސަ

Print

ބުރުނު ކޮޅިގަނޑު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު

އާދަމް ނަޞީރު އިބްރާހީމް

ރާއްޖޭގައި ރިޔަލު ދަތުރު ފަތުރު ކޮށް އުޅުނުޒަމާނެވެ. ދަނޑުވެރި ރަށެއްގެ ބަޔަކު މީހުން މާލެ ދިޔުމަށްޓަކައި އޮޑި ދަތުރަށް ހަދަނީއެވެ.  އެއްބަޔަކު ދަރުކޮށައިގެން އަތިރިމައްޗަށްނެރެ އަތިރިމަތީގައި ދަރުތައް މާރުމާރަށް ބައިިޖަހަމުން ދެއެވެ. އަނެއްބަޔަކު ރުއްރުކުން ކުރުނބާ، ބާނައި އިހާތައް ބިމުޖައްސަމުންދެއެވެ. ވަލުހިނގާ މީހުން ހޮވިފައި ހުރި ކާށިތައް އަތިރިޔާވީ ފަރާތަށްނެރެ އެތާ ހުރި ފޭރާ އެއްގެ ދޮށަށް ފުނިޖަހައި، ހެހި، ގުނައި، ގޯނި ގޯންޏަށް އަޅަމުން ދެއެވެ. ރޯނުވަށާ މީހުންނާއި ފަންގިވިންނަ މީހުން ވެސް ތިބީ އެމީހުންގެ އުފެއްދުންތައް އެކަށައެޅުމުގައި އަވަދިނެތިފައެވެ.

 

މި މަންޒަރު ދެކޭން އަތިރިމަތީ ބޮޑު ދިއްގާގަސްދޮށު ހޮޅުއަށީގައި ތިބި އަލިފުޅާއި އަހަންމަދާ  ދެމީހުންކުރެ އަހަންމަދު އޭނީ ދެފިކުރެއްގެމަތީގައި ދެބައެޅިފައެވެ. ތެދެކެވެ. މި ހުރިހައި ސާމާނު އޮޑިޔަށް އަރުވައިފިއްޔާ، އޮޑި އޮންނާނި ބަރާވެ ބާރި ޖެހިފަ އެވެ. ދުވަސްވަރުގެ މޫސުމަށް ބަލާއިރު މިއީ، މަޑުކޮށް އޮތަސް އައްސިދަ ނިމެންޖަހައިފައިވާ ކޮޅުމައްޗެވެ. ހުޅަނގު މޫސުމުގެ އެންމެ ގޮތްނޭނގޭ ދުވަސްވަރެވެ. ކަނޑުމަތީ، ދަތުރުމަތީގައި ތިއްބައި ބުރުނު ކޮޅިގަނޑު ލައިގެންފިއްޔާ އެދެން ހަފުސްވީ އެވެ.  އެކަމަކު މިހާރަކަށް އައިސް ކޮންމެ ރެޔަކު ދަންވަރު މި އަންނަ ވަގުހުންގަނޑާއި، ގައިގެ ދަތި ދިމަ ދިމާއިން  ނަގައިފައި މިވާ، މުލިހި ގަނޑުގަނޑާއިި ފިޔަވަޅުގަނޑު އަޅައިލާ ކޮންމެ ފަހަރަކު ދެކަކުލު ހުޅުން މި ގޮވައިގަންނަ އަޑުފަށްގަނޑާ މިކަހަލަ ކުދިބަލިތައް ގިނަކަމުން ފާލެއް ބައްލަން ސީދީ އަރިހަށް މާލެ ނުގޮސް ވެސް ވާކަށް ނެތެވެ.

އަހަންމަދަށްވުރެ އުމުރުން ދޮށީ އަލިފުޅެވެ.  އެހެން ނަމަވެސް  އަހަންމަދުގެ ވާހަކަ ނިމުނު އިރު އެެހީތެރިއެއްގެ ގޮތުގައި އަލިފުޅު މި ދަތުރު މާލެ ގޮސްދޭން އެއްބަސް ވެއްޖެ އެވެ. ދެވެރިން މާލެދާން މުޅިން ހަމަޖެހިއްޖެއެވެ.  އޮޑި ފުރާނީ މިރޭ ފަތިސް ނަމާދަށް ފަހުގައެވެ.

ގިނަބަޔައެއްގެ މުދާ އޮޑީގައި ހުއްޓަސް، މި  ދަތުރުގައި މި އޮޑީގައި ހިމެނުނީ މުޅިއެކު ފަސްމީހުންނެވެ. އޮޑިއަކީ، ދިހަ ބާރަ ރިޔަނުގެ އަނގަމަތި މަސްދޯންޏެކެެވެ. ތިންދުވަހުގެ ނިޔާމަ ދަތުރަކަށް ފަހު މިހާރު މާލޭ ފަޅަށް ވަދެ އޮޑީގެ ރިޔާ ދޫކޮށް، ފަނާލައި  އޮޑި ހައްޔަރު ކުރަނީ އެވެ. އަހަންމަދު އޭނާގެ ބަލިޙާލައިގެން، ދިރުނބާކޮޅު ހުރަސްފިލާއަށް ވުރެ ކުޑަތަންކޮޅެއް ކޮޅުފަހަށްްޖެހިލައި އެތާ ކައްޅިއެއްގެ މަތީގައި އޮތް ދަރުބޮނޑިއެއްގެ މަތީގައި އިށީނދެލައިގެން މަޑުމަޑުން އެބަ އިނެވެ.  "އަލިފާނޯތް"...... މީހަކު ކޮލުދަތުން ހިފައި ބަދަން އޮށެއް ފިސްކޮށްްލި އަޑުކަހަލަ އަޑަކާއެކު، އަހަންމަދު ކުއްލިޔަކަށް ފީ އަޑަކުން ގޮވައިލިއެވެ. ހަމަ އެބާރުގައި ކަނާތް ގަޔާދިމާޔަށް ދަމައިގަނެ މި ހާރު އަތްތިލަ އެއޮެތީ ބަނޑުފުށްވަތަށް ގަޔާދުރަށް ދިއްކުރެވިފައެވެ. އަތްތިލައިގެ މެދުއިނގިލީގެ ނިޔަފަތިގަަނޑު އެ އޮތީ ފަޅައިގެން ގޮސްފައެވެ. އެ އިނގިލީގެ ކުރި ހީވަނީ ދަނޑިބުރިއަކުން ބާރު އެތިފަހަރެއް އަޅައި ބޯ ޗިސްކޮށްލައިފައި އޮތް ހޯނެއްގެ ބޯހެންނެވެ. ލޭތައް އޮހޮރެނީއެވެ. މިވީގޮތަކީ އޮޑި ގޮނޑުދޮށަށް ގޮނޑުކުރަމުން ގެންދާ މިވަގުތުގައި އަހަންމަދު މީނީ އިނގިލިތައް ބޭރަށް ވާގޮތަށް މަތިކަންމަތީ ކަނާތް އަޅުވައިލައިގެންނެވެ. މި ވަގުތު އޮތީ ހަޅަ ދިޔަ ކަމަށް ވީތީ ފަޅުތެރޭގައި ހިސާބަކަށް ގޮނޑުރާޅު އެބަހުއްޓެވެ. ފަޅުގައި އަޅައިފައި ހުރި އުޅަނދުތަކުތެރޭން ގޭނެމުން އޮޑި އަތްދޮށް ވަމުން ދިޔަ ދިޔުމުގައި  ކަނާތްފަރާތުގައި އޮތް ހުވަދޫ ބޮޑު ނާލުބައްތެލި އަހަންމަދަށް ދިން ކެއްސަކީ، އެ ބައްތެއްޔާ އަހަންމަދު އިން އޮޑިޔާ ދޭތެރޭގައިވާ އަހަންމަދުގެ ކަނާތު އަތްތިލަ ކުއްލި ގޮށްރާޅެއްގެ އެހީގައި ފިސާރިޔަކަށް ފިއްތައި ހިމުންކޮށްލުމެވެ.  މި އަށްފަހަކު ދެން އެ އަތުގެ  މެދު އިނގިލީގެ ބޭނުމެއް އޮތް ހެނެއް ހީއެއް ނުވެއެވެ.   

މިހާރު ދޯނީގައި ސަލާމަތުން ތިބި މީހުން ދޯނި ފަޅުގައި އެޅުމަށްފަހު،  މުދާބައިލައި ވިއްކަމުން ދަނީ އެވެ.  ދިއްލައިފައިހުރި  އުއްބައްތިއެއް ހިފައިގެން އަނދިރި ގުދަނެއްގެތެރޭގައި އުޅޭމީހަކުހެން، އަހަންމަދު، އެއްކަލަ ޗިސްވި އިނގިލިގަނޑު ގަޔާ ދުރަށް ދިއްކޮށްގެން، ކުކުރަމުން ކަހަލަ ގޮތަކަށް އޮޑިން ފޭބޭތޯ މަސައްކަތް ކުރަނީ އެވެ. ގާތުގައި އަލިފުޅުވެސް ހުރެއެވެ.  ދިރުނބާ ކޮޅު ފެންފިލާމަތީހުރެ ދިރުނބަލު މައްޔަލު ކޮޅުގައި ވާތްއަޅައިފައި އެއްގަމަށް ފުންމައިގަތް ދަނޑިވަޅު، އަނދެގެން ހުރި މުންޑު ރޮއިހޭރި ގަތް އަޑަށް ކުއްލި އަކަށް ފަސްއެނބުރި ތިރިޔަށް ބަލައިލުމުން އެނގުނީ އެ އިވުނީ ކަނިކުރެދީގައި މުންޑުއަޅައިގެންފައި އެ މުންޑު، ބައްރާސް ކިޔައިފައި އިރައިގެންދިޔަ އަޑުފަށްގަނޑު ކަމެވެ. ކޮންމެ އަކަސް ކުރާނެ ކަމެއްނެތެވެ. ހައްތާވެސް މީހުންގެ އެސްފީނާއެވެ. މީހުންގެ ހާހޫރައިގެ ސުންޕާ ދުއްޕާނެވެ. ސީދީ އަރިހަށް ގޮސް ފާލު ބައްލައިލައި ހަށިރައްކަލަށް  ތަވީދެއް އަޅައިލައި ހަދަނިކޮށް ހަމަ ނޭވައި ލެވިދާނެ އެވެ.

އެމީހަކު ކުރަންވީ ކަމެއް ކޮށް ނިންމައި ދަތުރަށް ތައްޔާރު ވެއްޖެ އެވެ. ހުންއައުމާއި ހަށިގަނޑުގެ އެތަން މިތަނުން ނަގައިފައިވާ މުލިހި ތަކުގެ އުނދަގުލުގެ އިތުރަށް ބަލި އިނގިއްޔެއް ގެންގުޅޭ އަހަންމަދު ވެސް ރަށަށްފުރަން ދަތުރަށް ތައްޔާރުވަނީ އެވެ. ސީދީ ދެއްވި ތަވީދު ހިން މަތީގައި ބަނދެލުމަށްފަހު، މާލޭގައިވީ ދެތިން ރޭގައި ހުމުގެ އުނދަގޫ   ވެސް ތަންކޮޅެއް ދުރުހެން  ހީވެއެވެ. ރިހޭ އިނގިލީގައި ކާށިތެޔޮ ފޮތިގަނޑެއް އޮޅައިލައިގެން ހުރެ ބާޒާރުކޮށް ނިންމީ  މާލޭގައި މި ހޭދަވި  ދެތިން ދުވަހަކީ މޫސުން ވެސް ރަނގަޅު ދެތިން ދުވަހަށްވީތީ ނިޔާމަ ފަހި ދަތުރަކަށް  އެދެމުންނެވެ. އަލިފުޅު ވެސް  ދަތުރަށް ގަތް ތަކެތީގެ ތެރޭގައި ރިހާކުރު ލާއްސަކާއި ކުޅިރަހަގަދަ ރަތްކުލަގަދަ  ދެތިން '' ނާސިރު ގިތިޔޮ މިރުސް'' ހިމަނާލީ އެހެން ވެގެންނެވެ.  މީރުކޮށް މަޖާކޮށް އޮޑިމަތީގައި ކައިބޮއި ހަދައިލުމުގެ ނިޔަތުގައެވެ.

ފަތިސް ނަމާދުން ފައިބައިގެން އައިސް، އެންމެން އޮޑިޔަށް އަރަައި، ދުނިޔެ ދޮންކޮށްލި އިރާ އެކު އޮޑި މާލޭފަޅުން ނެރެ، ފަހި ވަޔަށް ބޮޑުރިޔާ  ކޮށައިލިއެވެ. ކަނޑުކަފައި ފޮތި ފޮތި ކުރަމުން ބޮޑުރިޔަލުވައިގައި ދިމާ ފައްސިޔަ އަށް އޮޑި ހުރެގެން ފައިބައިގެން އެހެރަދަނީ ގާވިޔަތަ ހެޓު ހަބޭސް ކިޔައިފަ އެވެ. މެންދުރުން އަނަބުރާލިތަނާ ކުށްލިއަކަށް އެންމެ ރޯޅިއެއްނުވެ ވައި ހިނދިއްޖެއެވެ. ފަލިބައިލަން ޖެހިއްޖެ އެވެ. އިރު އޮއްސޭ ދަޅަމައްޗަށް އަޅައިލިތަނާ ކުޑަކޮށް ފެނުވަތުން ގުގުރާލައި ނާމާން ގޮތަކަށް އުދަރެހުގެ މޫނު ދައްކާލައިފި  އެވެ. ކުޑަ އިރު ކޮޅަކުން އަނެއްކާވެސް ރޯޅި ހެޔޮވެލައިފިއެވެ.  ބޮޑުރިޔަލަށް ހަމަ ވައި ލިބިއްޖެ އެވެ.

އިރު ފެނުޖެހުނުތާ ދަމެއްހައި ހިރު ފަހެވެ. ތަންކޮޅެއް ބާރަށް އެހެރަ ތަނުން ގުގުރިއެއް މިހިރަ ތަނުން ގުގުރިއެއް ޖަހައިލައިފިއެވެ. ރޯޅި ބާރުވެލައިފިއެވެ. ދެނަކާ ދެނެއް ނެތެވެ. ކަނޑު ކައްކާލައިފައި ބޮޑެތި ރާޅުގެ ފަރުބަދަތައް އުފުލައިލައި އޮޑިގަނޑު އެތަން މިތަނަށް  އުކަން ފަށައިފި އެވެ. ބައެއް ފަހަރަށް އުޑު އިރައިރައިގެން ދަނީއޭ ވެސް ހީވެއެވެ. ގުގުރިއާ ވިދުން އިންތިހާ އެވެ. ބޯ ކެރިޔާއެކު އައިސްޖެހުނު ގަދަވައިގެ ބާރުކަމުން ބޮޑުރިޔަލަކަށް މެދުރިޔަލަކަށް ކުޑަ ރިޔަލަކަށްް އޮތްބެއް ނޯތެވެ.  މީހަކަށް އޮޑިމަތީގައި ކޮޅަށް،  ކީއްކުރަން ހެއްޔެވެ؟ އިށީނދެވެސް އިންނަން ކުޅަދާނަ އެއް ނޫނެވެެ. ކަނުއަނދިރިކަމެވެ. ވިދާލާ ވިދުވަރުގެ ބިރުވެރި އަލިކަމެއްގައި ނޫނީ ލޮލަށް އިނގިލި ގޯޅާލިއަސް ނޭނގޭނެއެވެ. ތަނެއް ދޮރެއް އޮޅުމެއް ނުފިލައެވެ. އެންމެ ފުރަތަމަ ބޮޑު ރިޔާ ފުރޮޅާލެވޭތޯ  ދަންމާނު ހިފައިގެން ދިރުނބާކޮޅަށް ދާން ދިޔަ  ހުސޭނު ގޮސް ގޮސް ހުއްޓައި، ކޮޅުވަތަށް ހޫރާފައި ޖެހިފަހުން ކުކުރާލުމެއްގެ އަޑު ފިޔަވައި އޭނާގެ ޚަބަރެއް ހިލަމެއް ނުވެއެވެ. މެދުރިޔަލަށް ފަހު ކުޑަރިޔަލަށް ވެސް ކެތްވާވަރު ނުވެގެން ކުޑަރިޔާ ފުރޮޅާލައި ރިޔާ ތިރިކުރަންވެގެން ދަންމާނު ހިފައިގެން ދިޔަ މޮހޮދޭ އުނދުންކޮށްޓާއެކު މެދުވަތަށް ޖެހި ތަންޑާވެފައި ވެއްޖެ އެވެ. މިހާރު ދަންމާނު އެ އޮތީ ވަޔާ ތަޅަތަޅަ އެވެ. ދިޔަ ހިއްކަން ހޭވަތުގައި އޮތް އާކުރަށް ހިންދެމިލެވުނު ވަގުތަކު މަޅުމަތީ ހުރި ކަޑިފާޓާއެއް ސޮހިގެން އައިސް އާކުރުގެ ޅިނދުމަތީ ލެޑުނުލެއް ބާރުކަމުން އެފަކީރު އައްދިއްޔޯތް ގޮވައި ތަކުބީރުކިޔާއަޑު އެހައިގަދައެވެ. ކުނބު އިންނަ ފަތްމަތީ އިން މުސްކުޅި އަލި ފުޅުގެ ރުއިމުގެ އަޑުގައި އެހައި ވޭނީ އަސަރެއް އެހުރީ ކީއްވެކަމެއް އަދި  ނޭނގެ އެވެ.  ހުންގާނުގައި ހުރި ނެވިކަލޭގެ، ހަޅޭލަވައިގަތީ ދަންމާނު ބުޅި ކައިރީ އިށީނދެ އިން އަހަންމަދާ ދިމާޔަށެވެ.  ބަލަ އަހަންމަދާ ކަލޭ ނަމަވެސް މި ދޯނި ބަންޑުން ނުޖަހަނީސް އެ ދަން މާނު ނިކަން މަގޭ އަތުޖައްސައިދީބަލާށޭ  ކިޔައިފައެވެ.  ރިހޭ އިނގިލިދެކެ ފޫހިވެފައި އިން އަހަންމަދު، އަރައިގަތް ރުޅީގައި ރިހޭ އިނގިލި އޮތް އަތް އެއްލައި ދަންމާނު އަތުލައިގަތެވެ. '' އުނ! މި އޮތީ" އޭ ކިޔައިފައި މި އަނދިރީގައި ނެވިކަލޭގެ އާ ދިމާ އަށް ފޮނުވާލި އަތުގެ ރިހިރިހި އޮތް މެދު  އިނގިލި އެ ބާރުމިނުގައި ގޮސް ހެރުނީ ކުނބުކަފީކައިރީގައި ހުރި ފެންރުނބައިގެ ކޮއްްޔަަށެވެ!  ސުބުޙާނަﷲ އޭ  ކިޔައިފައި އަޑުުގެ ކޮޅަށް އޭނާ ހަޅޭލަވައިގަތްއަޑަށް ނެވި ކަލޭގެ ވެސް ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ.

މިހާރު ކޮޅިގަނޑު މަޑުވަމުން ދަނީ އެވެ. އޮޑީ ތެރޭން އިވެނީ އެކި ގޮތުން އެކިވަރަށް ހޭނެތުނު އެކީމީހުން އެކި އަޑުން ރޮއިހޭރި ތަކުބީރު ކިޔައި ނަދުރު ގޮވައި ހަދާާ  އަޑެވެ.  މީގެ ތެރޭން ވެސް ވީ ގޮތެއް ނޭނގި ރޮނީ ކުނބު އިންނަފަތްމަތީ އޭނދަ އަލިފުޅެވެ. މިހާރު އެފަކީރު ތެޅިފޮޅެނީ އެވެ.. މަށެއްވާނެތޭ، ލައިގެން އިން ހަރުވާޅުގެ ކަކެއްވެސް ނެތޭ ކިޔައި ގޮވެލި ފައްޗެއް ގޮވައި ނަގައެވެ. އާނއެކެވެ. ދަތުރުމަތީގައި މީރުކޮށް ކުޅިކޮށް މަޖާކޮށް ރިހާކުރާބަތާ ކާންވެގެން އޭނާ ގަތް މިރުސްތައް ކޮބައިހެއްޔެވެ؟ ތުނި ކަރުދާސްގަނޑަކަށްލައި ބަންދުކޮށްލައިފައިވާ އެ ދެތިން މިރުހާއި ރަބަރު ކޮތަޅެއްގައިވާ ރިހާކުރުފުޅި،  ދިއްޕަތް މައްޗަށް ނުވެއްޓޭނޭހެން ގޮތަކަށް ހައްޔަރުކޮށްލައިފައި، އޭނާ ބެހެއްޓީ ކުނބު އިންނަ ފަތްގަނޑުމަތީގައެވެ. ކޮޅިގަނޑުޖެހުނު ވަގުތު، އޮޑި ދެއަތް ދެއަތަށް ހަލުވާލެއް ބާރުކަމުން،  ކުނބުގައި ބައްދައިގަނެގެން ކަހަލަ ގޮތަކަށް އިންނަފަތްގަނޑުމަތީ އޭނާ އަށް އިށީނދެވިފައި މި އިން ގޮތުން މިހާރު އެއްކަލަ ކަރުދާސްލައި ބަންދުކުރެވުނު ދެތިން މިރުސް ފެންނަ ފަށަކު ނެތެވެ. ނޭނގި ނަމަވެސް މިދަތުރުގައި އޭނާ އަށް ލައިގެން މިއުޅެވެނީ އޭނާ އެބުނާ ގޮތް ވެފައި  އޮތް  ހަރުވާޅެކެވެ.

މިހާރު އިރު އަރާ އަލިވެއްޖެ އެވެ. ދުނިޔެމަތިވެސް ސާފުވެއްޖެ އެވެ. ދާންވީ ރަށުގެ މަލަ ވެސް  ފެނިއްޖެ އެވެ. އޮޑީ ކުދީންނަށް ވެސް ޒާތެއްގެ ހަމަ ޖެހުމެއް ލިބި، އުންމީދު އާވެއްޖެ އެވެ.

ރަށަށް ލަފައި މުދާބައިލައި އުޅުމުގެ ތެރޭގައި ރޭގައި އަލިފުޅު އިށީނދެ އިން، އިންނަފަތްމަތި އޮޑީކުދީންނަށް ބަލައިލެވުނެެވެ.   އޭގެތެރެއިން  މީހަކު ސިފަކުރިގޮތުގައި އެތަން  ހީވަނީ ކުދިބަޔަަކު ބަތްކައްކާ ކުޅެންވެގެން  ބަނބުކެޔޮ ތޮޅި ފުނޑާފައި ހުރި ދާއެއްހެންނެވެ.  ލައިގަތް ކޮޅިގަނޑުގެ ބާރުމިން ކިތަންމެހައިވެސް ރަނގަޅަކަށް އެނގެއެވެ. 
               
 


 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ