އަދުގެ ޚާއްސަ

Print

ކުދިފިޔާ ހެއްދުން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ސަމީޢު ށ.މިލަންދޫ

ކުދިފިޔަޔަކީ ވަރަށްފަހަކާޖެހެން ރާއްޖޭގައި ވަރަށް ގިނައިން ހެއްދި އެއްޗެކެވެ. އަދި ރާއްޖޭގައި ވަރަށް ރަނގަޅަށް ހެދި ވަރށްރަނގަޅަށް ފައިބާވެސް އެއްޗެކެވެ. މިގޮތުން ކުދި ފިޔާ ހެއްދުމަށް ޅ.މާފިލާފުށި،  ކުރެންދޫ ފަދަ ރަށްރަށް ވަރަށް މަޝްހޫރު ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ.  ޅ. މާފިލާފުށީގައި މިހާރުވެސް ފިޔާހައްދާކަމަށްވެއެވެ. ކުދިފިޔަޔަކީ ކޮންމެ ގެއެއްގައިވެސް އެގެއެއްގައި ބޭނުން ކުރާމިންވަރަށް ވަރަށްފަސޭހަކަމާއެކު ހެއްދިދާނެ އެއްޗަކަށްވާތީ މިފަހަރު މި ހުށައަޅާދެނީ ފިޔާހައްދާނެގޮތުގެ މަޢުލޫމާތެވެ.


މުޑުވައްހޯދު

       ކުދިފިޔާ ހެއްދުމަށް އެންމެ އެކަށޭނަ މުޑުވަކަކީ ފިޔާގެސައިޒު ބޮޑެތި، ކުރިތައް ރީތިކޮންހުންނަ، ބަލިނުޖެހޭ،  އަދި އައިބުނުވާފަދަގޮތަކަށް ހުންނަ ފިޔައެވެ. މިގޮތުން މި ނެގޭ ފިޔަޔަކީ ފިޔާކޮންނަތާ ގާތްގަނޑަކަށް ތިންމަސް ނުވަތަ ހަތަރުމަސް ވެފައިހުރި ފިޔަޔަށްވުން ރަނގަޅުވާނެއެވެ. މުޑުވައްކުރުމަށް ނެގޭފިޔާ ނެގުމަށްފަހު ރަނގަޅަށް ވައިދަތުރުކުރާ ތަނެއްގައި ސުތުލި ގޯންޏެއްފަދަ އެއްޗެއްމަތީ ބަހައްޓާށެވެ. މިގޮތުން މުޑުވައް ރައްކާ ކޮށްފައި ބަހައްޓާއިރު އެކަށީގެންވާ ފިނި މާޙައުލެއްގައި ބަހައްޓާށެވެ.

ބިންތައްޔާރުކުރުން

ފިޔާ އިންދުމަށްޓަކައި ޚިޔާރުކުރާ ބިމަކީ ރަނގަޅަށް އަވިލިބޭ ހާމަތަނަކަށް ވާންޖެހޭނެއެވެ. މިގޮތުން ޚިޔާރުކުރި ބިން ފިޔާއިންދުމުގެ ކުރިން  ރަނގަޅަށް ފަސްގަނޑުޖަހައި އޮއްގަލާއި މޫ ނަގައި ރަގަޅަށް ސާފުކުރަންވާނެއެވެ. ފަސްގަނޑުޖަހާއިރު އުދަލިތިލައެއްގެ ފުންމިނަށް ފަސްގަނޑުޖެހުމުން ރަނގަޅުވާނެއެވެ. ފަސްގަނޑުޖެހުމަށްފަހު ދެފޫޓް ފުޅާ ދިހަފޫޓް ދިގުކޮށް ހުންނަވަރުގެ ބެޑްތަކަށް ބައިކޮށްލާށެވެ. އަދި މިވަރުގެ ބެޑަކަށް 7ނުވަތަ 8 ކިލޯ ގެރިގުއި ނުވަތަ ކާދު އެއްކުރާށެވެ. މިގޮތުން ތައްޔާރުކުރެވޭ ބެޑުތަކުގެ އުސްމިން ''4 ނުވަތަ ''6 އިންޗި ބަހަޓަންވާނެއެވެ. ސަބަބަކީ  ފިޔަޔަކީ ބިމުގެއަޑިއަށް ފައިބާއެއްޗަކަށް ވެފައި ފަސްގަނޑު ދޫކޮށް ބަހަޓަން ޖެހޭތީއެވެ. މިގޮތަށް ބެޑް އުފުލާލާފައި ބެހެއްޓުމުން ފަސްގަނޑުގެ ދޫކަން އިތުރުވެގެންދާނެއެވެ. ފެންހެދޭބިންބިމާއި އަބަދު ތެތްކަން ހުންނަ ބިމާއި މާ ހަރުބިންބިމުގައި ފިޔާހައްދަން މަސައްކަތްކުރުން ބުއްދިވެރިއެއްނޫނެވެ.

އިންދުން


ފިޔާއިންދުމަށްޓަކައި ތައްޔާރުކުރެވިފައި ހުރި ބެޑުތަކުގައި ފިޔާއިންދުމުގެ ކުރިން ރަނގަޅަށް ފެންޖަހައި ތެންމައި ލުމަށްފަހު ފިޔާއިންދާށެވެ. އަދި ބަލިތަކުން ދުރުކުރުމަށްޓަކައި ފިޔާ އިންދުމުގެ ކުރިން ކޮންމެވެސްކަހަލަ ފަންގި ސައިޑެއް ފެނާއި އެއްކުރުމަށްފަހު އެފެންއެތީ ތެރޭ ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓް ވަންދެން ފިޔާތައް ބަހައްޓާށެވެ. އޭރުން ފިޔާގަސް ހެދެމުންދާއިރު އެކިކަހަލަ ފަންގަސް ބަލިތަކުން ދުރުވާނެއެވެ.  ބެޑްތަކުގައި ފިޔާ އިންދާނީ ކޮންމެދެބަރިއެއް ދޭތެރޭ ގާތްގަނޑަކަށް 6 އިންޗި އަދި ކޮންމެ ދެގަސް ދޭތެރޭ 3 ނުވަތަ 4 އިންޗީގެ ދުރުމިން ބަހައްޓައިގެންނެވެ.


ފެންދިނުމާއި ކާނާ އެޅުން

      
ވިސްސާރަނޫން މޫސުމުގައި މާހޫނުގަދަނޫންނަމަ ދުވާލަކު އެއްފަހަރު ފެންދިނުމުން ފުދޭނެއެވެ. މިގޮތުން ގާތްގަނޑަކަށް ހެނދުނު 9 ޖަހާއިރު ފެންދިނުން ރަނގަޅުވާނެއެވެ.  ނަމަވެސް  މާހޫނު ގަދަކަމަށް ފާހަގަކުރެވޭނަމަ ފިނިހޫނުމިނަށް ބަލައި އިތުރަށް ފެންދޭންވާނެވެ. ނުވަތަ ކުޑަކޮށް ފެންޖަހާލަންވާނެއެވެ.

     
ފިޔާގަސް ފަޅައި ބޮޑުވަމުން އަންނަ ދުވަސްވަރު ނައިޓުރިޖަން ގިނަކާނާ ދޭށެވެ. ނަމަވެސް ފިޔާގަސް ރަނގަޅަށް ހެދެންފެށުމުން ޕޮޓޭސިއަމް ގިނަކާނާ ދިނުން ރަނގަޅުވާނެއެވެ. ސަބަބަކީ ފިޔާގައި މައިގަނޑުގޮތެއްގައި ބޭނުންކުރެވެނީ އަޑިއަށް ފައިބާ ބައެވެ. އަޑިއަށް ފައިބާ ގިނަ ބާވަތްތަކުގައި ޕޮޓޭސިއަމްގެބައި އިތުރުކުރުމުން އަޑިއަށް ފައިބާ ފިޔާ ނުވަތަ އަޑިއަށް ފައިބާ އެއްޗެތީގެ ސައިޒާއި ފެންވަރުވެސް ރަނގަޅުވާނެއެވެ.

ބަލި

    
ފިޔަޔަށް އާމުގޮތެއްގައި ޖެހޭބަލިތަކަކަށް ބަލާއިރު ފަތްތަކުގައި އަޅާ ކްރިޕްސް ކިޔާ ފަނެއްގެ އުނދަގޫ ފާހަގަކުރެވެއެވެ. މިފަނ ފަތްތަކުން ދިޔަ ބުއިމުގެ ސަބަބުން ފަތްތައްހަލާކުވެއެވެ. މިކަމުގެ ސަބަބުން ގަހުގެ ހެދުން ދެރަވެއެވެ. އަދި މީގެއިތުރުން ކޮންމެވެސްވަރަކަށް އެހެންކަހަލަ ފަނިފަކުސާވެސް އަށަގަނެއެވެ. މިކަން ކޮންޓްރޯލް ކުރުމަށްޓަކައި މިކަމަށް އެކަށޭނަ އިންސެކްޓް ސައިޑެއް ބޭނުނުން ކުރުމުން ވަރައްފަސޭހައިން ކޮންޓްރޯލް ވާނެއެވެ. މީގެއިތުރުންވެސް ބައެއްކަހަލަ ފަންގަސް ބަލިތަށް އަށަގަނެއެވެ. މިސާލަކަށް ފިޔާ ފީވުން ނުވަތަ ފަތްތަކުގައި ތަފާތު  ލައްޖެހުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މިކަން ކޮންޓްރޯލް ކުރުމަށްޓަކައި މިކަމަށް އެކަށޭނަ ރަގަޅު ފަންގި ސައިޑެއްބޭނުން ކުރުމުން ރަގަޅުވާނެއެވެ. އަދި އަބަދުވެސް ދެނެގަންނަން ނޭގޭގަހަލަ ބައްޔެއް ދިމާވެއްޖެނަމަ މިކަންކަމާ ބެހޭ މަޢުލޫމާތު ހުރި ބޭފުޅުންނާއި ގުޅައިގެން ނުވަތަ ކަމާބޭ މިނިސްޓްރީ ތަކާގުޅައިގެން އެމަޢުލޫމާތު ސާފުކޮއްގެން ބޭސްބޭނުން ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

ފިޔާކޮނުން

     
ފިޔާ އިންދާތާ ގާތްގަނޑަކަށް 90 ދުވަސް ތެރޭގައި ފިޔާކޮންނަވަރު ވާނެއެވެ. ފިޔާކޮންނަވަރުވުމުން ފިޔާކޮންނައިރު ގަހުގެ ބުޑުގައި ހިފާ ކުޑަކުޑަކޮށް މައްޗަށް ހިފާލުމުން ފިޔާގަސް ވަރަށް ފަސޭހަކަމާއެކު މައްޗަށް އަރާނެއެވެ. ފިޔާކޮނުމަށްފަހު ކުރިގަނޑު ގާތްގަނޑަކަށް އިންޗިއެއް ހުންނަވަރަށް ބުރިކޮއްލުމަށްފަހު ސުތުލި ގޯންޏަކަށް އަޅާ ތުން އައްސާލައި  ރަގަޅަށް ވައި ދައުރުކުރާ ތަނެއްގައި ހަފުތާއެއްވަރު ބެހެއްޓުމަށްފަހު ބޭނުންކުރާށެވެ. ނަމަވެސް މުޑުވަށްކުރަން ބޭނުންވާފިޔާ ކުރިން ބުނެވިދިޔަގޮތަށް 3 މަސް ނުވަތަ 4 މަހު ބަހައްޓަންޖެހޭނެއެވެ.

ނިންމާލަމުން

     
މަތީގައި ބަޔާންކުރެވިފަވާ ފަދަ ހަރަދުތަށް ނުކޮށްވެސް ރަށުން ލިބެންހުންނަ އާދައިގެ ކަޅުފަހުގައިވެސް މިކަން ކުރެވިދާނެއެވެ. އަދި ކުދިފިޔަޔަކީ ވަރަށް ބަލިޖެހުން ދުރު އެއްޗެއްކެވެ. ވީމާ  މާބޮޑު ޚަރަދެއް ނުކޮށްވެސް  ގޯތިތެރޭ އޮންނަ ހުސްބިންކޮޅުން އެގެއަކަށް ބޭނުންވާ މިންވަރަށް ފިޔާހޯދުމަކީ މާއުނދަގޫ ކަމަކަށްނުވާނެއެވެ.  މަތީގައި ބަޔާންކުރެވިފި އެވަނީ ކުދިފިޔާ ހެއްދުމުގައި ވަރަށްރަނގަޅު ނަތީއްޖާ ހޯދިދާނެފަދަ ގޮތެވެ. އަދި ކޮންމެސްވަރަކަށް ހަރަދުވެސް ކުރަންޖެހޭ ދޮގެއްތޯ .  1 ކިލޯ ކުދިފިޔާ އިންދައިފިނަ 90 ދުވަހުގެ ތެރޭ ގާތްގަނޑަކަށް 10 ކިލޯ ކުދިފިޔާ ލިބޭނޭކަމަށް މާފިލާފުށާގައި މިކަން ކުރަށްވާ ބޭފުޅަކު އަޅުގަނޑަށް މަޢުލޫމާތު ދެއްވިއެވެ.
 
 (ނިމުނީ)

މަޢުލޫމާތު : އެގްރިކަލްޗަރ އޮފިސަރ މުހަމްމަދު އަސްލަމް މިނިސްޓްރީއޮފް ފިސަރީޒް އެން އެގްރިކަލްޗަރ،

މިއީ އެގްރިކަލްޗަރ އޮފިސަރ މުޙައްމަދު އަސްލަމް ރޭޑިޔޯ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއު އެއްގައި ހިމެނޭ މަޢުލޫމާތަކުން ނަގާފައިވާ ނޯޓް ތަކެއްގެއަލީގައި އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

އިދާރާ

ވާހަކަ