އަދުގެ ޚާއްސަ

Print

އަޅޭ ކަތީބާ!

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޅޮހީ ޢަބްދުއްރަޙީމް / މަނަދޫގެ

އަލަށް އެއްޗެއް ތަޢާރަފުވާ ކޮންމެ ފަހަރަކީ އާ ކަންތައްތައް އަބަދުވެސް ހިނގާފަހަރު ތަކެކެވެ. މިގޮތުން އެކި ފަހަރު ހިނގަނީ އެކި ގޮތަށެވެ. ބަޔެއް ފަހަރު އެއީ ހެއްވާ މަޖާ ކަންތަކަށް ވެފައި އެބަހުއްޓެވެ. އަނެއް ބައި ފަހަރު އެއީ ނުހަނު ހިތާމަވެރި ހާދިސާތަކަށްވެސް ވެފައި އެބަހުއްޓެވެ. މިސާލަކަށް ކަރަންޓު އިސްތިރި ގެނައިތާ ކައިރީ އޭގެ ދަށްފުށް ރީތިވެފައި އޮމާންވީމާ އަތުން ބަލާލާ ހިތްވެގެން، އިސްތިރި ނުހަނު ދޮންބޮޑު ވެފައި ހުއްޓައި އަތްކާތާލެވިގެން އަތް ފިހިފައިވެސް އެބަހުއްޓެވެ. އެކަމަކު މިފަހަރު އެހެން ވާހަކައެކެވެ.

ރާއްޖޭގެ އުތުރު ރަށެކެވެ. ސަންފަ،  ގޯތި ތެރެ ކުނި ކަހަން އޮއްވާ ފޯނު ބޫތުން ފޯނެއް ސަންފައަށް އަންނަ ވާހަކަ އަޑު އިވިގެން ދުއްވައިގަތީ އެޔާ ދިމާއަށެވެ. ސަންފަގެ ފިރިމީހާ ގުޅާނީ އަބަދުވެސް ކޮންމެސް ކަހަލަ އުފާވެރި ޚަބަރެއް ދޭށެވެ. ނަމަވެސް މިއަދު އެ ދޭން އުޅެނީ ކޮން ޚަބަރެއް ބާއޭ ހިތަށް އަރަމުން އެކަން އޮޅުން ފިލުވުމުގެ ބޮޑު ބޭނުމުގައި ސަންފަ ދިޔައީ ނުހަނު ހަލުވި ދުވެލީގައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސަންފައަކީ މީގެ ފޯނު ބޫތުތަކަށް ވަދެ އުޅޭ މީހެއް ނޫނެވެ. އެތަނަށްވަނީމާ ފައި ތުރުތުރު އަޅާފައި ދެން އެވާ ގޮތްތަކަކީ ބުނެދޭންވެސް އުނދަގޫ ގޮތްތަކެއް ކަމަށް ސަންފަ ބުނެއެވެ. މިކަންވެސް ރަނގަޅުވީ ސަންފަ ބުނާގޮތުން ވިއްޔާ ލައްކަގިނަ ފަންޑިތަވެސް ހަދައިގެންނެވެ. އެކަމަކު ސަންފަ ފޯނު ބޫތަށް ވަންނަން މަޖުބޫރުވީ ސަންފަގެ ލޯބިވާ ފިރިމީހާ ހުރިހަމައެކަނި ދަރިފުޅު ގޮވައިގެން އެސޮރަށް ކިޔަވައި ދޭން މާލެ ފޭބި ފަހުންނެވެ. ގައިމު އެހެން އަންހެންވެރިން އެމީހުންގެ ދުރުތާ ތިމާގެ މީހުންނާއި އަދި ފިރިންނާއި ވާހަކަދައްކާފައި ފޯނު ބޫތުން އެނުކުންނަނީ ގަދަވެ ސަލާމަތުން ހެމުން އުފަލުން ފޮޅިފައި ތިބިގެންނެވެ. ވީމާ ސަންފައަށް މިހުރިހާ މަންޒަރެއް ފޯނު ބޫތަށް ވަންނަން މަޖުބޫރު ކުރުވީއެވެ.

ފޯނަށް ޖަވާބު ދީ ނިމުނު އިރު ސަންފަގެ ބަޑި، ހިއްކިމިރުހެއް އަވީގައި އޮވެ ފެޅޭހެން ފެޅިއްޖެއެވެ. ސަންފަ ދުއްވައިގަތީ ގެޔާ ދިމަޔަށެވެ. ގެޔަށް ގޮސް އަވަސް އަވަހަށް މަތި ހަދާލައިގެން ބޮޑު ފޮށި ހުޅުވާލާފައި އޭގެން ލިޔުންތަކެއް ނަގައިފިއެވެ. އެތަނުގައި އޮތީ އުފަންދުވަހުގެ ސެޓިފިކެޓުތަކާއި، އަދި އައިޑީ ކާރޑުތަކެކެވެ. އަވަސް އަވަހަށް މިއެއްޗެހި ހިފައިގެން އޮފީހަށް ހިނގައްޖެއެވެ.

އެދުވަސްވަރަކީ އަލަށް ރާއްޖޭގެ ރަށްތަކަށް ފޯނުލައިން ލައި،ފެކުސް ކުރަން ފެށި ދުވަސްވަރެވެ. ފެކުސް މެޝިން ބަލަހައްޓަމުން އައީ ސީދާ ރަށުގެ ކަތީބުގެ ބެލެހެއްޓުމުގެ ދަށުންނެވެ. ފެކުސް މެޝިނުގައި އަތްލުމާއި ހިސާބުންފެށިގެން ބޭނުންކުރުމާއި ހިސާބަށް ހުއްދަ އޮންނަނީ ކަތީބަށް އެކަންޏެވެ. އެހެންމީހުން ލައްވާ މި މެޝިން ފޮޅާ ސާފުކުރުމަކީވެސް ކަތީބު މުޅީން މަނާކުރައްވާފައިވާ ކަމެކެވެ.

ސަންފަ މިއެއްޗެހި ހިފައިގެން އައި އިރު ކަތީބުވެސް އޮފީހަށް ވަންނަވަނީއެވެ. އަވަސް އަވަހަށް ސަންފަ ފެކުސް ކުރަން ޖެހޭ އެއްޗެހި ކަތީބު އަތަށް ދެއްވައިފިއެވެ.

ކަތީބު: ކިހިނެއްވެގެން ހާދަ އަވަސް އަރުވާލާފައި މި ފެކުސް ކުރަން ތި އުޅެނީ.

ސަންފަ: އަޅުގަނޑުމެންގެ ސޮރު އެކްސިޑެންޓު ވެގެން. ސަރުކާރުގެ އެހީ ލިބެން އޮތީ ތިއެއްޗެހި އެކޮޅަށް ލިބިގެން ކަމަށް ވާތީ.

ކަތީބު ބޯހަލުވާލެއްވިއެވެ. މިޒަމާނުގެ ކުދިން ހަލަނި ވާހަކަޔާ ތަނެއްގައި މައިތިރި ވެގެން ނުތިބެވޭ ވާހަކަ ދައްކަވަން ފަށައިފިއެވެ. ސަންފަވެސް އާނހޫން ކިޔާލަ ކިޔާލަ ހުއްޓެވެ.

ކުއްލިއަކަށް ދުނިޔެ މަތި އަނދިރި ކޮށްލައިފިއެވެ. ނުހަނު ރީއްޗަށް މޫސުން އޮވެފައި ވިދާލި ވިދުވަރާއެކު ބޯވާރޭ ވެހެން ފަށައިފިއެވެ. ހީވަނީ ޓިނުތައް ވެސް ތޮރުފާލަފާނެ ހެންނެވެ. އޭރު ކަތީބު ފެކުސް ކުރައްވަން ޖައްސަވައިފިއެވެ. އެވަގުތު ސަންފަގެ ބުއްދިއަށް ކުއްލިއަކަށް ލިބުނު އިލްހާމަކުން ހިތަށް ލިބުނީ އިތުރު ބިރުވެރިކަމެކެވެ. އަވަސް އަވަހަށް ކަތީބު ކައިރިއަށް ޖެހިލާފައި ވައި އަޑަކުން އެބަ ބުނެއެވެ. " އަޅޭ ކަތީބާ. މިއޮއް ވިއްސާރައިރު ތިޔަ ފެކުސް ކުރެއްވީމާ ތޭމޭނީ ނޫންތޯ؟"

އޭރު ކަތީބަށްވެސް މިކުރެވުނު ކަމެއް އަދި ރޭކާލީއެވެ. ކުށްވެރިއެއްފަދައިން ބޯކަހާލައްވައިފިއެވެ. ކަތީބުވެސް މިވާހަކަ ނުދައްކާށޭ ބުނާކަހަލަ ގޮތަކަށް އިޝާރާތްކުރައްވަމުން ވައި އަޑަކުން ބުނެލިއެވެ. "ދެން ވިއްސާރަ ހުއްޓީމާ އަލުން ކުރާނީ ދޯ"
ނިމުނީ           

އިދާރާ

ވާހަކަ