އަދުގެ ޚާއްސަ

Print

ގޮދަންފުށް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަބްދުލްމުޢީދު ޙަސަން


1.
ގޮދަންފުށް އެއީ ރޮށި ފިހާ އެއްޗެކޭ،
             ތެދަށް ބުނަމެ ގުޅަވެސް ހަދާ އެއްޗެކޭ.

2.
އެއިން ގުޅަވަށައިގެން އެއަށް މަސް އަޅައި،
             އެއިން މަސް އެ ފަތަފޮޅި ހަދާ އެއްޗެކޭ.

3.
ބުނަން ޕީޓުރަލް ގައި ހުރޭ ޑިސްކުތައް،
             ގުނަން ވެސް އެއީ ޢަދަދު ގިނަ އެއްޗެކޭ.


4.
ހަދާނޭ އެއިން ކީމިޔާ ބިސް އަޅައި،
             ހަނދާނެއް ނުކާ ވެސް ނުވާ އެއްޗެކޭ.

5.
ފިހާރައިން ކިރައިގެން ކިލޯ ވިއްކިޔަސް،
             އަނހާށޭ! ލެމާޝްގައި ވި މޮޅު އެއްޗެކޭ.

6.
ސިޓިން ރޫމުގައި ތިބެ މޮޑޭނަމަ އިނގޭ،
             ސިޓިން ރޫމުތެރެއަށް ބުރާ އެއްޗެކޭ.

7.
އެއިން މީރު ކާނާ ހަދައިގެން ކެވޭ،
             އެއިން ބަނޑު ފުރާ ކާލެވޭ އެއްޗެކޭ.

މަތީގައި އެވާ ފޮޅުވަތްތަކަށް ކިޔާނީ ކީކޭތޯއެވެ؟ އެބާވަތުގެ ފޮޅުވަތްތައް ލިޔަން ކިލާހުގައި އަޅުގަނޑަށް ދަސްވިއެވެ. އޭރު އެނގު ގޮތުގައި، ޅެމަކީ އެގޮތަށް ލިޔެލާ ފޮޅުވަތްތަކެކެވެ. އޭގައި ވަޒަނެއް ވެއެވެ. އަދި ބަނޑުވަށް އަކުރަކާއި ކާފިޔާއެއް ވެއެވެ. ސުއާލަކީ، މި ކަންތައްތައް ފުރިހަމަވާ ކޮންމެ ފޮޅުވަތްތަކެއް ޅެމަކަށް ވެދާނެތޯއެވެ؟


ނަންގަނެވިދިޔަ ގޮތަށް ޅެން ހަދަން ދަސްވުމުން، ޅެމެއް ހަދާހިތްވިއެވެ. އެކަން ކުރުމަށް، ޝައުޤުވެރިވިލެއް ބޮޑުކަމުން، ހިތަށް އެރި އެއްޗެއް ޤަލަމުގެ ތުނޑާ ހަމައަށް އައީ، "ބާރަކާ މީހަކުގެ ނުމެލާ އާރަކަށް މާމުއި" ފެތޭހެން، ވަޒަނަށް ފެތިގެންނެވެ. އެގޮތުން ހެދި ޅެމުގެ ފުރަތަމަ ބައިތު ފެށީ: "ރިޒުޤުގެ ޚަޒާނާ ކަނޑުތަކަށް، ފުރަމޭ ނަމާދު ފަތިސް ފަހުން،" މިހެންނެވެ. ޅެން ހެދުމަށްފަހު، މިތުރުންނަށް ދައްކާލީމެވެ. އެންމެން ވެސް ބުނީ ވަރަށް ކަމުދާ ކަމަށެވެ. ދެން މަޝްހޫރު މަޖައްލާއެއްގައި ޅެން ޝާއިޢުކުރީމެވެ. އެއީ، ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ޅެމެއް ކަމުގައިވިއެވެ.


އޭގެ އަހަރުތަކެއް ފަހުން، އަޅުގަނޑަށް އެނގުނު ގޮތުގައި، ޅެމަކީ، ހަމައެކަނި ވަޒަނަކާއި ބަނޑުވަށް އަކުރަކާއި ކާފިޔާއެއް ނޫނެވެ. އެކަމަކު، އެނޫން ބައިތައް އޭގައި ހިމެނެއެވެ.

ޅެމުގައި ޚިޔާލާއި ފިކުރާއި ފަލްސަފާ ވެއެވެ. ބޭރުފުށުން ފެންނަ މާނައަކާއި އެތެރޭގައި ފޮރުވިފައިވާ މާނަތަކެއް ވެއެވެ. ޅެމުގެ ޙިކުމަތަކީ، ހަރުބަސްތަކެއް ވަކި ވަޒަނަކަށް ފައްތާލުމެއް ނޫނެވެ. އެކަމަކު، ޅެމުގެ ޙިކުމަތަކީ، މަލެއް ފޮޅެމުންދާއިރު، ޅެންވެރިޔާ އެއިން ނެރެދޭ ޙިކުމަތެވެ. ވާހަކަ ނުދައްކާ ތަކެތި ލައްވާ ވާހަކަ ދައްކުވަން އޭނާ ދަންނާނެއެވެ.


މިއީ، ވަރަށް ދިގުކޮށް ލިޔެވިދާނެ މައުޟޫޢެކެވެ. ނަމަވެސް މިވަގުތު މިހިސާބަށް ކުރުކޮށްލާނަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ