އަދުގެ ޚާއްސަ

Print

އިސްތިރި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ޙަޤީޤީ ހާދިސާ

އާދަމް ނަޞީރު އިބްރާހީމް (2009)

ދުވާލުގެ އިރު ދަމަކަށް އެރިވަގުތެވެ. މި އަދުވެސް ޙަސަންފުޅަށް އެއްކަލަހެންވީ އެވެ. ރޮއިހޭރެންފެށީ އެވެ. އަމިއްލަގައިގައި ތަޅައި ހަޅޭލަވަންފެށީ އެވެ. ފެންނެތް ވަތަކުތެރޭ މަރަށް ތެޅޭ މާނިޔާ މަހެއްހެން ތެޅި ފޮޅެނީ އެވެ. އިންނަން އޮންނަން ނުކެރި މަގުމަތީގައި ދުވަންފެށީ އެވެ. ފަންޑިތަޔަކުން، ބޭސްފަރުވާއަކުން ލުޔެއް ނުލިބުނު މި އާފާތުގެ އަހުވައިގައި ހަސަންފުޅު އަވަދިވަނީ އެވެ. އޭނާ އޮބެހެއްޓޭތޯ އާމިނާނިކެއާއި، ހާމިދު ވަރަށް ހިތްވަރު ކުރެއެވެ. ޒީނާ ވެސް ދެ ހިތާމަ އެއްކޮށްލައިގެން ގޭ އުތުރު އެނދުގައި ގިސްލަގިސްލައި އެބަ އޮތެވެ.

ޒީނާއަކީ، ހަސަންފުޅުގެ ދެމަފިރިންގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ސޯޅަ ސަތާރައިގެ އުމުރު އޭނާގެ ޒުވާން ހަށިގަނޑަށް ރަތުރަނުގެ އުޖާލާކަމެއް ކުއްތަންކުރަމުންދެ އެވެ. ބަހާރު މޫސުން މާމެލާމެއްޔަށް ދޭ ފަދަ ތާޒާކަމާއި، ފާގަތި ކަމެކެވެ.

އެ ބުރުހަމަ މޫނުން ދިއްލައިދެނީ އަރާ އިރުގެ ދޯދިތައް އަމާޒުވެފައިވާ ދޮންދަނބުރުކަކު ކިހާހެއްގެ ކުލަވަރެވެ. ހަމަށް ލިބިފައިވަނީ ރަސް ދަނބުރުކަކު ބޮންތި ފަންވަތެއްގެ އޮމާންކަމެވެ. މުޅި ހަށިގަނޑަށް ޤުދުރަތުން ބައްސަވައިފައިވާ ރަތްދޮންކުލަ، ދެންމެ ނޮޅައިލައިގެން ގެނައި ރުއްކުރިގަނޑެއް ފަދަ އެވެ. އިސްކޮޅު މެދުމިނެވެ. ހެދިހުރި ހަށިގަނޑަށް ތަރުޙީބުދޭ ރޫފައެކެވެ. ވިދުވަރެއްފަދަ އެ ތޫނު ދެލޮލާއި، ކަޅުފޮއި ދަންވަރެއް ފަދަ އިސްތަށިގަނޑުގެ ޖާދޫގައި އަނދަގޮނޑި ނުޖެހޭ ހަމަ އެއްވެސް ފިރިހެން ކުއްޖަކު، އަނބިފުރާވަރަށް އަރާފައި މުޅި އެ ރަށުގައި ވެސް ހުރިހެނެއް ހީއެއް ނުވެ އެވެ.

މި މަންޒަރު އެންމެ ބުއްދިވެރި ގޮތެއްގައި ބަލާ މީހަކީ، ޒީނާގެ ބައްޕަ އެވެ. ޒީނާގެ މައްޗަށް މުޅި ރަށުގެ ކަޅި ހުއްޓި، ފާލު އެޅިފައި ހުންނަ ކަން އޭނާ ރަނގަޅަށް ދަނެ އެވެ. ދުނިޔެ އުޅެ މުސްކުޅިވީ ދުވަހު ހިންދެމިލައިގެން އަރާމުގައި އުޅެވޭނެ ގޮތް މިންވަރު ކުރައްވާފައިވާކަން އޭނާ ގަބޫލު ކުރެއެވެ. ހަވާލު ކުރައްވާފައިވާ އަގުހުރި އަމާނާތެއްގެ ސަބަބަކުން ނޫނެވެ. ދިރިއުޅުމުގެ ހަނގުރާމައިން ލިބުނު ''ޣަނީމާގަނޑެއް''ގެ ސަބަބުންނެވެ.

ރެއެއް ދުވާލެއް ނެތެވެ. ހުސްނު ހީނާގެއަށްވަނީ މޫސުމީ ވޭލާވަރެއް އައިސްފަ އެވެ. ކަނދުފައްޗެއްގެ ދޮށަށް މަސްޖަމާވެފައި އޮންނަ ފަދައިންނެވެ. ޒީނާގެ ބައްޕަޔަށް ދަތި އެއްކަމެއް ނޯވެ އެވެ. ލައިގެންކާނެ އެއްޗެހި ލިބެ އެވެ. ދަނޑަށް ހިނގައްޖެ ނަމަ ތޮނަ ނޮޅައިދޭނެ މީހުންވެ އެވެ. ގޯތީތެރޭންނަމަ ބިލެތް ކަނޑައި އަޅައިދޭނެ ކުދިންނެވެ. މިރުސް ދަނޑަށް ފެންދޭނެ ކުދިންނެވެ. ގޭ ފަންފުރާޅު ބަދަލުކޮށް ޓިނުޖަހައިދިނުމުގައި އެހީތެރިވާނެ ކުދިން އެތިބީ ލައްބައޭ ބުނާނެ އެދުމެއް ހަސަންފުޅުގެ ފަރާތުން ހުށަނައިޅައިގެންނެވެ.

މީން ކޮންމެ ކުއްޖެއްގެ މަސައްކަތަށް ވެސް ހަސަންފުޅު ތާރީފު ކުރެ އެވެ. ޚާއްޞަކޮށް، ކަލޭފާނުގޭ ހާމިދަކީ، އޭނާ މާ ގަޔާވާ ކުއްޖެކެވެ. މަސައްކަތުގައި އަމަލީ އެހީތެރިކަމެއް ދޭތީ އެއް ނޫނެވެ. މި ދިޔަ ޢީދަށް ވެސް އޭނާ ވަނީ ހަސަންފުޅަށް އަށްޑިހަ އަށްޑިހައިގެ މުންޑެއްދީފަ އެވެ. ހުދުގަންޖުފަރާހަކާއި، ނުވެސް ކަނޑައި ހުރި ޔާސްމީން އަތަރުފުޅިއެއްދީފަ އެވެ. މިރުސް ދަނޑުގައި މާ ނާޅާވާހަކަ ބުނީމާ އެކަމަށްޓަކައި ވަޚުތާނެއް ލިޔެދީފަ އެވެ.

މިހުރިހާ އޮއިވަރެއް ދެމި ދެމި އޮއްވައި ވެސް، ޒީނާޔާ އެންމެ ފުރަތަމަ ސީދާ ރަޙްމަތްތެރިކަމެއް އުފައްދައިލީ ސަމީރެވެ. އަތްމަތި މާ ތިޔާގި ނޫނަސް، އޭނާއަކީ، މީހުން ފޫހިވާ ޒާތު ކުށްތަކުގައި މަޝްހޫރު މީހެއް ނޫނެވެ. ރޭގަނޑު ވަލުން ކުކުޅު ހިފައިގެން ކެއުމާއި، ދަންވަރު ވަގަށް ވެލާ ބިސް ނެގުމާއި، ނުފޫޒުގެ ބޭނުން ކޮށްގެން ރަށުގެ ޒުވާނުން ލައްވައި މީހުންގެ ދަނޑުފަނގަށް ގެއްލުން ދިނުމާއި، މި ކަހަލަ ޖަމާޢަތުގެ އަދަބާ ޚިލާފު އެއްވެސް ކަމަކުން ސަމީރަށް ފޫޅުކެނޑޭ އަޑެއް އެއްވެސް މީހަކު ޔޯލަޔަކަށް ވެސް އަހައިފައެއް ނުވާނެ އެވެ. ފަހަރެއްގައި އެ ފަދަ ކަމަކުން ދެރައެއް ލިބިއްޖެ ނަމަ، އޭނާ ދަފަރާ ކޮށްދޭނެ އުރަތްޕެއް އޭނާގެ ބައްޕަގެ ކިބައިގައި ނެތީމާ ކަމަށް ވެދާނެ އެވެ. އަތޮޅުގެޔާއި މާލޭގެ ބޭބޭފުޅުންނަށް ކޮށި ބަފަޔަކަށް ސަމީރުގެ ބައްޕަ ވީތީ ކަމަށް ވެސް ވެދާނެ އެވެ.

ޒީނާއަށް ކަމުދިޔައީ ސަމީރުގެ ސާދާ މިޒާޖެވެ. ބުރުސޫރަޔާ ހައިބަތަށްވުރެ އުޅުންތެރިކަމާއި އަބުރުވެރި ކަމެވެ. ސިއްރު ގޮތެއްގައި އުފެދުނު ގުޅުން ދެ ފަރާތުގެ އިންސާނީ ކަރާމާތުގައި ކޫރުމެއް ނޭޅި، އާރުލަމުން އާދެ އެވެ. ޅޮސްކަނދުން ފެށުނު ފެށުން މާ ގިނަދުވަސްތަކެއް ނުވެ ހައިވަކަރުހައި ހިލަވެއްޖެ އެވެ.

ބާރަޔަށް މާލެ ދިޔަ ދޯނި ލަފާތަނަށް ހަސަންފުޅު ދިޔައީ، އޭގެ މަހެއްހައި ދުވަސް ކުރިން ހާމިދުގާތުގައި އޭނާ ދެއްކި ވާހަކަ ހަނދާންވެގެނެއް ނޫނެވެ. ތަށިބަރިޔަކާއި، ބޮޑު ދޮލަނގެއް ގަންނަން މީހަކާ ހަވާލު ކުރެވިފައި އޮތީމާ އޭގެ ޚަބަރެއް ބަލައިލާށެވެ!

ލުއިމުދަލަށް ފަހު، ބަރުމުދާތައް ބައިލަންފަށައިފި އެވެ. ޓިނާއި ބެރި އެވެ. ސިމިންތި އެވެ. ލޫވަރާއި، ކޮށިބިއްލޫރި އެވެ.

ހަސަންފުޅު ދިމަދިމާޔަށް ލޯ ހިންގައިލި އިރު، އެތާ ރުކެއްގެ ދަށުގައި ޒުވާނުންގެ ބައިގަނޑަކާއެކު، މޮޅު ރެލީ ބައިސްކަލެއްގައި ހާމިދު އިންދައި ދެކެފި އެވެ. މި ހާރު މި ވެގެން އުޅޭގޮތެއް ރޭކައިލައިފި އެވެ. ހަސަންފުޅުގެ ގުރުސްފެންމަތިވީ އެވެ. ނަސީބު އައިސް އަތުގައި ހިފައި ލަކިޖަހައިގަތީ އެވެ. ދެކުދިންގެ ކާވަންޏަށް، ކޮޓަރި ހަދާއިރު، މުޅިގެ ވެސް އޮންނާނީ ހެދި ނިމިފަ އެވެ. ރޯނުފުރި އެނދުތައް، ކަރައި އެނދަށް ބަދަލުވާނެ އެވެ. ހައިގެ ކުނާތައް މިލަފޭލިތަކަށް ބަދަލުވާނެ އެވެ. ފީފަނުގެ ފުރާޅު، ރިހިދަޅައިން ވިދަމުންދާ ޓިނުފުރާޅަކަށް ބަދަލުވާނެ އެވެ.

ހަސަންފުޅު ހަރުގަންނަވައިފައި ގޮސް ގެޔަށް ވަނތް އިރު ހުރީ މަތިނޭވަޔަށް ވެފައެވެ. މިހާ ދުވަސްވީ އިރު، އާމިނާނިކެ ގާތުގައި އެވާހަކަ ނުބުނެ އޭނާ ލަސްކުރީ އޭނާގެ ޠަބަޢީ އުސޫލުގެ މަތިންނެވެ. އޭނާ ނިންމާކަމެއް އޭނާ ނިންމި ގޮތަކަށް ނިމެންޖެހޭނެ ކަމަށް އަބަދުވެސް ގަބޫލު ކުރާތީ އެވެ. އަމުދުން ގޭގެ ވެރިޔަކީ އާއިލާގެ ބާރުވެރިފަރާތަކީ، އޭނާ ކަމަށްވާއިރު، އޭނާގެ ޙުކުމެއް މަންސޫޚު ކުރެވޭނެ އެހެން އެއްވެސް މީހަކު މި ގޭގައި ހުރެގެން ނުވާނެ އެވެ. ނުވެސް ހުންނާނެ އެވެ.

އާމިނާނިކެ؛ ''ހަސަންފުޅާ! ޒީނާ އެއްޗެކޭ އެބަ ކިޔައޭ!''

ހަސަންފުޅު؛ '' ކޮންއެއްޗެކޭތަ ކިޔަނީ؟''

އާމިނާނިކެ؛ ''މީހަކާ އިންނަންވިއްޔޯ''

ހަސަންފުޅު؛ ''ބަލަ ޒީނާ ނޫނަސް މަށަށް ވެސް އެބަ އެނގެޔޭ އޭނާ މީހަކާ އިންނަންވެއްޖެކަން''

އާމިނާނިކެ؛ ''ދެން؟ ދެން އެ ނިމުނީތަ؟''

ހަސަންފުޅު؛ ''ބުނޭ ބާރަވިލޭރެޔަށް ތައްޔާރުވާށޭ! އޭރަށް ވާއިރަށް ކޮޓަރި ވެސް ހަދައި ނިންމޭނެ''

އާމިނާނިކެ؛ ''ބަލަ އިންނަނީ ކާކާތަ؟ ސަމީރު އެވާހަކަ ހަސަންފުޅުގާތުގައި ދައްކައިފައި އޮތީތަ؟''

ހަސަންފުޅު؛ ''އޭނ! (ސިއްސައިގެން ގޮސްފައި) ސަމީރޭ؟ ކޮން ސަމީރެއް؟ ރާބެގޭ ސަމީރު؟''

(ހަސްފުޅުގެ މުސްކުޅިވެ އޮފުކެނޑިފައިވާ ދެލޮލުން ދުންކަނިބުރައިގަތެވެ.)

އާމިނާނިކެ: ''އާނ! އެހެން އެކޮއި އަހަރެންގާތުގައި ބުނީ''

ހަސަންފުޅު ވިއްސައިގެން ދިޔައީ، ބުޅަލުފިނދުގައި އުނބުންޖެހީމާ އެއްލިގެންދާ ބާރު މިނުގަ އެވެ. އެ ދިޔަގޮތަށް ގޮސް ޒީނާޔާ ދިމާ ކޮށްލައިފި އެވެ.

''ކަނބުލޯ މިވަރުކަމެއް މި ހާހިސާބަށް ގެންދިޔަ އިރު، އަމަޔާ އައްޕަޔާ ދެމީހުން ހަމަ އެއްވެސް ބަޔަކަށް ނުހެދީމު ދޯ؟ ތިޔަ ކަން ހުއްޓައި ނުލިއްޔާ ކުޑަ އިރު ބުއި ކިރުވެސް ވާނީ ހޮޑަށް ލާން... މަގޭ ބާރު ފޯރާފަށެއްގައި، މިގޭ ހަތަރު ފުޅަފުން އެތެރޭގައި އަލަފަތެއްގެ ދަށުންވެސް ކަނބުލޯޔަކަށް ހިޔާވަހިކަމެއް ނެތް.. ހަނދާން ކުރާތި! އެނގިއްޖެ؟''

ސަމީރަކީ، އެއްވެސް ހާލެއްގައި މި ކާވަންޏަށް ކުފޫހަމަވާ މީހެއްކަމުގައި ހަސަންފުޅު ނުދުށްޓެވެ. އެވަރުން ނުފުދިގެން، ސަމީރުގާތަށް މީހަކު ފޮނުވައިފައި އަންގައިފި އެވެ. މި ގޯއްޗާ ކުޑަބޭރު އަރާލިޔަސް ނިމުނީ އެވެ. ދެފައިދަނޑި ބިންދާލާނަމެވެ.

ސަމީރުގެ ދެފައިދަނޑި ނުބިނދުނަސް، ޒީނާޔާއި، ސަމީރުގެ ލޯބީގެ ކިއްލާގައި ވިހުރި ވިހުރި ހުރި އުފާވެރިކަމުގެ ދިދަ އޭގެ ދަނޑިން ބިނދިގެން ވެއްޓިއްޖެ އެވެ. ދެ ފަރާތުގެ ދެމެދުގައި ޗައިނާގެ ބޮޑު ފާރަށްވުރެ ބޯ ފާރެއް މި ވަނީ ލެވިފަ އެވެ. ބަދުނަސީބާއި އިހާނެތިކަމުގެ ހުރަގެއެއްގައި ދެމީހުންމެ އެ ތިބީ ފިސާރިޔަކަށް ހައްޔަރުވެވި ހަފުސްވެފައެވެ. ގިސްލުމާ ކަރުނަޔަކީ މުނިފޫހި ފިލުވުންކަމުގައި ވެއްޖެ އެވެ.

ހަސަންފުޅުމެންގެ ގެ މަރާމާތު ކުރެވެން ފަށައިފި އެވެ. ކުރިޔާ ޚިލާފަށް ހާމިދު އެގެޔަށް ސީދާ ގޮތެއްގައި ވަދެ ނިކުމެ އުޅެންފަށައިފި އެވެ. އާމިނާނިކެއާ ވެސް ސަމާސާގެ ބަސްތައް ބުނެލައި ހަދަންފަށައިފި އެވެ. ލިބާހު ޖީބަށް އުޅައިބައި، ހާރު ކަހަލަ އެއްޗެހި ވަންނަން ފަށައިފި އެވެ. އާމިނާނިކެ މި އެއްޗެހި ހޫރާ ނުލިޔަސް، މާ ބޮޑު ބަލައިގަތުމެއް މޫނުމަތިން ފާޅުވާހެނެއް ހީއެއް ނުވެ އެވެ. އެކަމަކު ދުވަސްވީވީހެން ދެމަފިރިން ވެސް ޒީނާ ލައްވައި ފެންތަށި، ފަނިތަށި، ބިލެތްއަރި، ހާމިދަށް ދެވޭތޯ މަސައްކަތް ކުރެ އެވެ.

ޒީނާތޯ އެވެ؟ ލޮލުގެ ކުޑަ ކޮޅުންވެސް އޭނާ ހާމިދާ ދިމާޔަށް ބަލައެއް ނުލާނެއެވެ. އޭނާ ބުނާ ކަހަލަ އެވެ. ފައިސާޔާއި ބާރާއި ނުފޫޒުން އަހަރެންގެ ހޭވެރިނުވާ މައިންބަފައިން ހައްލާށެވެ! އަހަރެން މިވަނީ ކަލެޔަށްޓަކައި މުޅި ޢުމުރަށް ކަނުބަނދެވިގެންނެވެ. ދެ އަތްތިލަ ކަސްތޮޅު އެޅެވިގެންނެވެ. ދެ ކަންފަތް ރީ އެޅިގެންނެވެ. އޭ ރަހުމުކުޑަ ލުޓޭރާއެވެ. މި ހަށިގަނޑުން ހިތްފަސޭހަ ކަމެއް ހަތްހަރާމުން ހަރާންކުރާށެވެ!

ހާމިދުގެ އުންމީދަކީ މި ނަފުރަތާ ނުރުހުމުގެ ވިލާގަނޑުން ހޮނުއެޅުމުގެ ކުރީގައި، ތަނަވަސް ރަޙުމަތްފުޅަކުން، އުދަރެސް އަލިވެ ސާފުވެގެން ދިޔުމެވެ. އެކަމަށްޓަކައި އޭނައަށް ކުރެވުނުހައި ކަމެއް ކުރާނެ އެވެ.

މި އަދަކީ ހަސަންފުޅު ސަމީރަށް އިންޒާރު ދިންތާ 7ވަނައަށްވީ ދުވަހެވެ. އެންމެ ފަހުން ހާމިދު އާމިނާނިކެގެ އާދޭހަށް ހަސަންފުޅު ގޮވައިގެން މޫދަށް ހިނގައްޖެ އެވެ. ގޮނޑުރާޅު މާބޮޑު ނޫނަސް އޭރު އޮތީ ހަޅަ ދިޔަ އެވެ. ހާމިދު ހަސަންފުޅު ގޮވައިގެން މޫދަކަށް ނޭރެ އެވެ. އެރުވީ އޭނާގެ އެކުވެރީންގެ ތެރޭން ދެކުއްޖެކެވެ. ނަމަވެސް އިރުޝާދުދީ ކަންކުރަންވީ ގޮތް ކިޔައިދޭން އަޑުފޯރާފަށުގައި ހުރެ އެވެ.

ހަސަންފުޅު ފަކީރު ގޮވައިނަގަ އެވެ. " އައްދިއްޔޯތް! އަލިފާނޯތް! މި ތިބަ އިސްލާމުންނޭ! މަ މިހިރަގެން ހަލާކުވަނީ، އަހަންނަށް ގަދަ ފަދަ ހޫނަކުން އެބަ އަޒާބު ލިބޭ.... لاإله إلا الله محمد الر سول الله! ޔަޤީން މީ އެ ރާބެގެ ސަމީރަށް ގަންނަ... ކަމެއްކަން''

ފަހަކަށް އައިސް ކޮންމެ ދުވަހަކު އޭނާ މި އަޒާބުގައި ހަނާވަމުން ދެއެވެ. މިހާރު ދެ ލޯވެސް ވަނީ ދިމާ ބޭރަށް ނިކުމެފަ އެވެ. ޑިންޑިން ކޮވެއްޔެއްގެ ލޯހެން ރަތްމަދޮށި ކުލައިގަ އެވެ. ވަރުހުރި މީހަކު ހަންމުށްޓަކުން ދޮޅަހަކަށް އެތިފަހަރު އަޅައިފައިވާ ކަހަލަ އެވެ. ފެނު އަޑީގައި ވެސް މި އަދު އޭނާ އަށް ކެތްކުރެވޭ ވަރެއް ނޫނެވެ. ހިމޭންވެ އޮބި އޮންނަ ވަރެއް ނޫނެވެ. އޭނާގެ ފުރާނަ ދަނީ އެވެ. ފަހު ވަގުތު އައިސް ޖެހުނީ އެވެ. ވަރުބަލިވެ މީހާ ހިނދިއްޖެ އެވެ. އަޑެއް ބޭރެއް ނުވެ އެވެ. އެނބުރެމުން ސެނބުރެމުން އޭނާ އިޝާރާތް ކުރަނީ އަވަހަށް ޒީނާޔާއި އާމިނާނިކެ މި ތަނަށް ގެނެސް ދިނުމަށެވެ. ނަގާދިލަޔާއި، އަރާ ހޫނުގެ ސަބަބުން، އެއްގަމަށް އަރަން އެނާޔަށް ލާހިކެއް ނޫނެވެ. މަރުވެގެން ވެއްޓެން މި ޖެހުނީ މެދުފަޅުތެރެޔަށެވެ.

އާމިނާނިކެ ބަލައި ހާމިދު ކުއްޖަކު ފޮނުވި އިރު އޭނާ އުޅެނީ މެންދުރަށް ކައްކަން އުދައިގެންނެވެ. މެންދުރުން އިރު ލެނބިލީމާ ކޮންމެ ދުވަހަކު ވެސް ހަސަންފުޅަށް ލުއިކަން ލިބޭތީ، ލުނބޯ ފަނި ތަށްޓެއް ގިރާލައިފައި އޭނާ ބަލައި އަތިރިމައްޗަށް ދާންކަމަށެވެ!

މާނޭވައި ލަމުން ދުވެފައި އައި ޒުވާނަކު ބުނީ ހަސަންފުޅު މަރުވަނީ ކަމަށެވެ. އެންމެފަހުގެ ވަސިއްޔަތް އަޑު އަހަން އަވަހަށް ޒީނާޔާއި، އާމިނައިނިކެއާ ދެމައިން އަތިރިމަގުން މޫދަށް ދާންވީ އެވެ.

އާމިނާނިކެއަށް ހީވީ، މުޅި ގައިގައި ޕައްކިޔާފައި ހުޅުހިފިހެންނެވެ. ރޮއިގަނެވިއްޖެ އެވެ. ދިމަ ދިމާޔަށް ދުވެގަނެވިއްޖެ އެވެ. ދަރިފުޅާ ޒީނާއޭ ގޮވައި ގަނެވިއްޖެ އެވެ. ޒީނާ ރޮމުން އަތުވެއްޖެ އެވެ. ބަތްތަވަޔަށް ބަލައިލެވުނު އިރު ގަޑަގަޑަ އަޅައިފައި ކެކެނީ އެވެ. އަނދަ އަނދާ ހުރި ދަރު އުނދުން އެ އަނދަނީ ނާށި އަނގުރުގަ އެވެ. ނިއްވާލައިފައި ނޫނީ ނުދާން އެވަގުތު ހިތަށް އެރީ ޒަމާނުއްސުރެ ކަށީ ހިފައިފައިވާ އާދައެއްކަމަށްވާތީ ވެސް ތޯއްޗެކެވެ. ބަދިގެޔަކީ ދަނޑިފަނުގެ ބަދިގެޔަކަށްވާތީ، ރައްކާތެރިކަމުގެ ގޮތުން އާދަކުރެވިފައި އޮތް ކަމެކެވެ.

ކުއްލިޔަކަށް ބަތްތަވާ ނަގައި ފުއްޑުންމަތީ ބެހެއްޓި އެވެ. ފުޅަފިގަނޑަކުން އަލިފާންތައް ކަހާލައިފައި ދުންބޯން ދެލި ތައްޔާރުކުރާ ދަޅަށް އަލިފާންތައް އަޅައިލި އެވެ. ދެވަނަ ފަހަރަށް ވެސް ކަހާލި އެވެ. ކުއްލިޔަކަށް އުނދުނުގެ އަޅިތަކު ތެރޭން ހުދުފޮތިކޮޅެއްގެ ކޮޅު ހިއްލިލައިފި އެވެ. ހާސްކަމާއި އަޖާބުކަމާ އެކުވެގެން ނަމަވެސް އާމިނާނިކެއަށް ދެވަނަ ފަހަރަށް ވެސް ފުޅަފިގަނޑު މާ ފުނުން ހިންގައި ލެވުނެވެ. ފުންމައިގެން އެރީ ހުދު ފޮތިން ކަފުންކޮށްފައި އޮތް ގަބުރެކެވެ. އާދެ މައްޔިތެއްގެ ޒާތަށް ސިފަގެނެސް ކަފުން ކޮށްފައި އޮތް ލުނބޮޔެކެވެ. އިންސާނެއްގެ ސިފައިގަ އެވެ. ގުނަންތައް ހަދައިފައި އޮތީ ބޮންތި އޮށީންނެވެ. ލުނބޯ އެއީ މައިހަށިގަނޑެވެ. ހަޅޭއްލަވައިގަތުމާއެކު ގިނިފަތިން ހިފައި މި އެއްޗެއް ބަދިގޭ ތަޅުންމައްޗަށް ހޫރައިލެވިއްޖެ އެވެ.

އާމިނާނިކެ ބަލައި އަތިރީމަގުން އައި ސޮރު މި ތަންފެނިފައި ދުވެ ބަޑިބަޑިޖަހައިގަތީ، ހާމިދާ  ދިމާޔަށެވެ. ދިޔައިރު ހަސަންފުޅު އެއްގަމަށް އަރުވައި ވައިޖައްސާން ގުންޑޮޅިމަތީ ބައިންދާފައި އިނެވެ. އޭނާ ގޮސް ބަދިގޭ ބޮޑު އުނދުނުން ފެނުނު ''ގަބުރެއް''ގެ ވާހަކަ ބުނެފި އެވެ.  މި އަޑަށް ހާމިދު ސިއްސައިގެން ގޮސްފައި ހަމަ ތެދެއްހޭ އަހާފައި އަވަހަށް ހަސަންފުޅު ގޮވައިގެން ގެއަށްދާން އޭނާގެ ދެ އެކުވެރިންނަށް އަންގައިފި އެވެ. އަދި ތިޔައީ ކޮންއެއްޗެއްތޯ ލަސްނުކޮށް ބަލަންވާނެޔޭ،  މަ މިދަނީ ބައްޕަ އުޅުއްވައިތޯޔޭ ކިޔައިފައި ރޭހެއް އިސްޓާޓުކުރި މީހަކުހެން އޭނާ ޝާހީ ރެލީ ބައިސްކަލުގައި ގަމުތެރެޔަށް ލުއްސިގަތެވެ.

އިސާހިތަކު މީހުންތައް އެއްވެއްޖެ އެވެ. އަވައްޓެރީންނެވެ. ތަންގަނޑު މީހުންނެވެ. މި އެންމެންގެ ކިބައިން ފެތުރިގެން ދިޔަ އާދަޔާ ޚިލާފު މި ޚަބަރާއެކު، ޖަމާވި ކަންބަލާމީހުންނާއި ކަންވެރީންނެވެ. ރަށުގެ އިސް މުދިމެވެ. އޭނާ ފިޔަވައި އެއްވެސް މީހަކަށް ބިރުން މިއާ މާގާތްވާކަށް ނުކެރުނެވެ. މުދިންބެ އަށް ވެސް ހޫނުކަމުން އަތްލާކަށް ނުކެރުނެވެ. ފަނަރަވަރަކަށް މިނިޓަށްފަހުން، ''މައްޔިތާ'' ނިއުޅައިލެވިއްޖެ އެވެ. އަތުފަންކާޔަކުން ވިހެމުން ހިހޫކުރަމުންނެވެ. ފަރުވާތެރިކަމާއެކު، އެތައް ގޮތަކަށް ބެލުމަށްފަހު، މުދިންބެ މީގެ ތަފުޞީލު ކިޔައިދޭން ތައްޔާރުވެލި އެވެ.

ކުއްލިޔަކަށް އައިސް ބަދިގޭތެރެޔަށް އެވަނީ ހަސަންފުޅެވެ. އޭނާޔަށް އެހީތެރި ދެ ކުދީންނާ އެކީގަ އެވެ. ހާ މިދުވެސް މިހާރު އޭނާގެ ބައްޕަ، ކަލޭފާނު ގޮވައިގެން މި އެއްޗެއްގެ ހަގީގަތް ބައްލަވަން އަވަސް އަވަހަށް މި ގެޔަށް ދުރުވާނެ ކަމާމެދަކު ޝައްކެއް ނެތެވެ.

ހަސަންފުޅުގެ މޫނުން ލޮޑުކަމަކާއި، ނިކަމެތިކަމެއް ފެނުނަސް މިހާރު ދިލަ ނުނަގާކަން އެނގެ އެވެ. މުދިންބެ އެ ކިޔާއެއްޗެއް އަޑު އަހަން އޭނާ ހުއްޓި ކޮޅަށްޖެހިލީ، ބިމަށް ހަރާލި ދަގަނޑުފޭރާއެއް ހެންނެވެ.

'' މި ބާވަތުގެ ފަންޑިތަ ހަދަނީ މީހުންގެ ދުވަސް ދުއްވާލަން. މި ވަޅުލެވިފައި މި އޮތީ ދެ މީހެއްގެ ދެމެދުގައި އޮތް ލޯބި ނައްތައިލުމަށް. ޚާއްޞަކޮށް ފިރިހެން މީހާ ފަނާކޮށްލުމަށް. އަނެއްކޮޅުން އަންހެން ކުއްޖާގެ ހިތްދަމައިގަތުމަށް. އެކަމަކު ފަންޑިތަ ހެދިފައި މި އޮތީ ނުބައިކޮށް. އެހެންވީމާ ޖެހެންވި މީހާ ނޫން އެހެން މީހަކަށް ޖެހުނީ. ވަޅުލަންވި ބަދިގެ ނޫން އެހެން ބަދިގެއެއްގައި ވަޅުލެވިފައި މި އޮތީ.'' ހަސަންފުޅު ގައިން އެ ދިލަ ނަގައި ގަންނަނީ ކޮންމެ ދުވަހަކު ވެސް ކައްކަން ވެގެން މި އުނދުނަށް އަލިފާން ލީމާ. ދިލަ މަޑުވަނީ އުނދުން ނިވުނީމާ.. މި އުނދުނުގައި އަންދާ އަލިފާނުން މި ލުނބޮޔަށް އަރާ ހޫނެއް، ހަސަންފުޅަށް ވެސް އަރާނެ. އެ ގޮތަށް އެ ހޫނުގައި ލުނބޯ ހަލާކުވެ ހުތް ހިކިގެން ދިޔަ ނަމަ، ހަސަންފުޅެއް ވެސް ދުނިޔެއަކު ނުހުންނާނެ.''

މިހާތަނަށް ދިޔައިރު، ހަސަންފުޅު ހުރީ، ބޮޑުވައި އިނގިލިކުރިން ބިންމަތީގައި ކޮށްޓާލަ ކޮށްޓާލަ އެވެ.  މަންމަ ނުރުހޭ ކުއްޖަކާ އެކު ކުޅެން އުޅެނިކޮށް ހާނީއްކައެއް ލިބުނީމާ، އައިސް މަންމަގާތުގައި އެވާހަކަ ބުނަން ނުކެރި ފަސްޖެހޭ ފަސް ހަ އަހަރުގެ ތުއްތު ކުއްޖަކު  ފަދައިންނެވެ.

މި ރަށުގައި މި ވަރުކަމެއް ކުރަން ދަންނާނެ  ހުންނާނީ ކާކުކަން ހަސަންފުޅަށް ރަނގަޅަށް ކަށަވަރުވެ އެވެ.  މުދިންބެ ސީދާ  ނަންހާމަ ނުކުރިޔަސް، އާމިނާނިކެޔަށް ވެސް މުދިންބެ އެކިޔަނީ ކީކޭކަން ފިސާރި ރަނގަޅަށް އެބަ އެނގެ އެވެ.


''ދެން އިރާދަ ކުރެއްވިއްޔާ މިކަން މި ނިމުނީ.. ކަންބޮޑު ނުވޭ'' މުދިންބެގެ މި ޖުމުލަޔާމެދު، އުފާވުމަށްވުރެ ބޮޑަށް ހަސަންފުޅުގަތީ ލަދެވެ. އެހެރަ ރުންކުރު މީހާ މި ވަގުތު، ޒީނާގެ މޫނަށް ބަލައިލަން ވެސް ޖެހިލުންވި އެވެ.

ޒީނާގެ ތުންފަތް މަތިން އުދުހިގެން ދިޔައީ އުންމީދީ ވިދުވަރެކެވެ. ސަލާމަތްކަން ލިބުނީ ހަމަ އެކަނި ބައްޕަޔަށް ނޫންކަން އޭނާޔަށް މުޅީން ޔަޤީންވީތީ އެވެ. ދަންޖައްސަން ބޮލަށް ކޯރިފައްތާފައި ހުއްޓައި، މަޢާފުގެ އޯގާވެރި އަތަކުން އެ ކޯރި ބޮލުން ދަމައިގަތީމާ ލިބޭ ފަދަ އުފާވެރި އިޙްސާސްތަކެއްގައި ޒީނާގެ ދެލޯ ފެންކަޅި ވެއްޖެ އެވެ.  ''ފޮނި ގިސްލެވުމެއް'' ގައި ބޭއިޚްތިޔާރުގައި މަންމަގައިގައި އޮޅުލައިގަނެވިއްޖެ އެވެ.

އެ ވަގުތުންފެށިގެން ކަލޭފާނުގެ ހާމިދާއި މިގެޔާ ދެމެދު އޮތް ހުރިހާ ގުޅުމެއް އަބަދުގެ އަބަދަށް ހަރާންވީ އެވެ. އުމުރު ދުވަހަށް ވެސް އޭނާ ދެން މިގޯއްޗާ ކުޑަބޭރު ވެސް ނާރާނެ އެވެ.

(ނިމުނީ)

ނޯޓު: މިއީ މީގެ ފަންސަވީހަކަށް އަހަރު ކުރިން ހިނގައިފައިވާ ޙަޤީޤީ ހާދިސާއަކުން ޚިޔާލު ލިބިގަނެގެން އުފައްދައި އެކުލަވައިލައިފައިވާ ވާހަކަ އެކެވެ.


މި ވާހަކައިގެ ނަމާމެދު....

އިސްތިރި ވަރިތޮޅި މިއީ ސިހުރު ހާހޫރައިގެ މައިދާނުގައި ހިމެނޭ ދެބަ ހެވެ.
އިސްތިރިއާއި ވަރިތޮޅި މިއީ ދެބަހެކެވެ. އެއްކޮށްލައިގެން ކިޔަނީ ދުލަށް ފަސޭހަޔަށެވެ. ތަށި ތެލި އުނދުޅި ކިޔާ ބީދައިންނެވެ.
މި ތާނގައި އިސްތިރިއޭ މި ދަންނަވަނީ، އަންނަ އުނުން ރޫ ފިލުވަން ގެންގުޅޭ އިސްތިރީގެ މާނައިގައެއް ނޫނެވެ. އެ ވަސީލަތަށް ވެސް އިސްތިރިއޭ ކިޔައެވެ. އެއީ އަތްލެވޭ އެއްޗެކެވެ. އަތްފިހޭ ވެސް އެއްޗެއް ދޮގެއްތޯ އެވެ؟

ސިހުރުގެ މައިދާނުގައި ''އިސްތިރި'' އޭ ބުނެވިއްޖެ ނަމަ، އޭގެ މާނައަކީ، އަންހެނަކާ ފިރިހެނަކާ ދެމެދު ލޯބީގެ ގުޅުން އުފެއްދުމަށް ހަދާ ފަންޑިތަ އެވެ. އަންހެންކުއްޖެއްގެ ހިތް ފިރިހެން ކުއްޖަކާ ދިމާޔަށް ލެންބުމަށް ހަދައިއުޅޭ ފަންޑިތަ އެވެ. މި ފަދަ ފަންޑިތަ ހެދުމަށް އިސްތިރި ހެދުމޭ ކިޔަ އެވެ. މި ފަދަ ފަންޑިތައެއް އަންހެން ކުއްޖަކަށް ޖެހިއްޖެ ނަމަ، އެވަނީ އިސްތިރިއެއް ޖެހިފަ އެވެ. އެހެންކަމުން މި އިސްތިރިއަކީ، މާނަވީ އިސްތިރި އެކެވެ. އަތް ނުލެވޭ، އެ ކަމަކު އޭގެ ބާރު ވަރަށް ގަދަ ޖަޒުބާތުގެ އަލިފާނެއް އުފައްދާ ރޫޙާނީ ބާރެކެވެ.

'' ޢިޝްޤަކީ ބާރެއް ނުފޯރާ ބާރުގަދަ އަލިފާނެކޭ
ޖެއްސިޔަސް ވެސް ރޯނުވާ ރޯވެއްޖެ ނަމައީ ނުމެ ނިވޭ'' - ޢަބްދުﷲ ޞާދިޤު -

ވަރިތޮޅިއަކީ މީގެ އިދިކޮޅެވެ. މިއީ ދޭދޭ ދެމަފިރިން ދުރުކުރުވުމަށް ހަދާ ފަންޑިތަ އެވެ. ނުވަތަ ސިހުރެވެ. ބައެއް ދިވެހީން ދެކޭ ގޮތުގައި ކަންވެރިކަމުގެ ދެ ބާވަތެއްވެ އެވެ. އެއީ ފަންޑިތައާއި ސިހުރެވެ. ފަންޑިތައަކީ ލާބަ ލިއްބައިދޭ ކަމެއް ހާޞިލް ކުރުމަށް ކުރާ ކަންވެރިކަމުގެ ކަންކަމެވެ. ސިހުރަކީ ހަލާކާއި ގެއްލުން ދިނުމަށް ކުރާ ކަންވެރިކަމުގެ ކަންކަމެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތް ކުށްކަމުގައި ނުވާނަމަ، ޢަރަބި ބަހުގައި މި ދެބާވަތަށް ވެސް ކިޔަނީ ''ސިޙުރު'' އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ