އަދުގެ ޚާއްސަ

Print

އައިބައިފިލި:

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


އައިބައިފިލި: މީހުން ސަމާލުކަން ނުދޭ ބޮޑު މައްސަލައެއް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު - މާވަށް


ބަހަކީ ބަދަލުވާ އެއްޗެކެވެ. ބަދަލުވާންޖެހޭ ވެސް އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަހުގައި ހުންނަ ހަރުދަނާ ހަމަތަކާއި އުޞޫލުތައް ދޫކޮށްލުމެއް ނޫނެވެ. ބަހުގައި ހުރި މުއްސަނދިކަމުގެ ތެރެއިން ބައެއް އުނިކޮށްލުމެއް ވެސް ނޫނެވެ. ބަހަށް އަންނަންޖެހޭނީ ހެޔޮ ރަނގަޅު ބަދަލެވެ. ގެންނަންޖެހޭނީ މިފަދަ ބަދަލެވެ. އިޞްލާހަކީ ރަނގަޅު ހެޔޮ ބަދަލަށް ކިޔާ ނަމެކެވެ. ތަރައްޤީއަކީ ވެސް މިއީއެވެ.

ކަންހުރީ މިހެންކަމުގައި ވިޔަސް ލިޔާ މީހުންގެ ފަރުވާ ކުޑަކަމުގެ ސަބަބުން ނުވަތަ ކަމުގެ ކުޑަބޮޑުމިން އިޙުސާސް ނުކުރެވުމުގެ ސަބަބުން އަދި/ނުވަތަ ނޭނގުމުގެ ސަބަބުން ދިވެހިބަހުގައި ހުރި މުއްސަނދި ބައެއް އުޞޫލުތައް އޮޔާދާތަން އެބަ ފެނެއެވެ. މިފަދަ މަންޒަރުތައް ފެނުމަކީ ދިވެހިބަސް ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވެއެވެ.

މި ދެންނެވިފަދަ އެއް ކަމަކީ އައިބައިފިލީގެ ހަމަތަކެވެ. ދުވަހު ނޫސްތަކާއި މަޖައްލަތަކަށް ބަލައިލެވޭ ކޮންމެ ވަގުތަކު އަޅުގަނޑަށް ފާހަގަކުރެވެނީ ގިނަ މީހުން އައިބައިފިއްޔާމެދު އިހުމާލުވެފައި ވާތަނެވެ. ނުވަތަ އައިބައިފިލީގެ ހަމަތައް ނޭނގޭ ކަމެވެ. މިއީ ކުޑަކުޑަ ކަމެކޭ ހީވިޔަސް މިއީ ހަމަ ވަރަށް ބޮޑު ކަމެކެވެ.

އައިބައިފިއްޔަކީ އަބަފިއްޔަކާއި އަލިފު އިބިފިއްޔަކާ ގުޅިގެން އުފެދޭ ފިއްޔެކެވެ. އެ ގޮތަށް އެ ފިލި އުފެދުމުން އެ ފިލި ކިޔަން ޖެހޭނީ ވަކިވަކި ދެ ފިލީގެ ގޮތުގައެއް ނޫނެވެ. އެ ދެ ފިލި އެކުވެގެން އުފެދޭ މުޅިން އާ ފިއްޔެއްގެ ގޮތުގައެވެ. އެއީ ބަހުގެ ގޮތުން ބަލާއިރު ޑިފްތޮންގެކެވެ. ބަސްވާރުން ވިދާޅުވާ ގޮތުގައި ޑިފްތޮންގަކީ ވާހަކަދެއްކުމުގައި ބޭނުންކުރާ ވަކިއަޑެއްގައި ބާރުލާންޖެހޭ ތަނެއް (ސިލަބަލް) ވަކި ފިއްޔަކުން ފަށައިގެން މަޑުމަޑުން އަނެއް ފިއްޔަކަށް ބަދަލުވެ އެކުއެކުގައި ކިޔުމެވެ. މީހުންނަށް އައިބައިފިލި ދޫކޮށްލެވެނީވެސް މި ޙަޤީޤަތް ޤަބޫލު ނުކުރެވޭތީއެވެ.

އައިބައިފިލީގެ ހަމަތަކާއި ގަވާއިދުތައް ކުރީގެ މަޒުމޫނެއްގައި ވަރަށް ތަފްޞީލުކޮށް (ފަންވަތުގައިވެސް) ބަޔާންކޮށްފައި ވާނެތީ އެބައިދޫކޮށްލީއެވެ. މިފަހަރު އަޅުގަނޑު ގަސްތުކުރަނީ ނޫހަކުން ފެނުން ދެ ޢިބާރާތެއްގައި އައިބައިފިލީގެ ބަދަލުގައި އާބާފިލި ބޭނުންކުރުމުން އަންނަ ބަދަލުގެ ވާހަކަދައްކައިލުމަށެވެ.

"..... ނަގޫ ރޯޅިއެއް އަރާ 16 ގެޔަކަށް ބޮޑެތި ގެއްލުންތަކެއް {ވެއްޖެ}" މި ޢިބާރާތުގައި ދަށުރޮނގު ދަމައިފައި އެވަނީ ކުށް ގޮތެވެ. މިއީ އައިބައިފިލި އޮންނަންޖެހޭ ތަނެކެވެ. އެ "ރާ" ގައި އާބާފިލި އޮތުމުން "ނަގޫރޯޅިއެއް އަރާ" މި ޖުމުލަބުރި (ފްރޭޒް) ޖުމުލައިގައި އެ އަދާކޮށްދެނީ ޖެހިގެން އޮތް "16 ގެޔަކަށް" އިތުރު ސިފައެއް ގެނެސްދޭ ނަންއިތުރެއްގެ ވާޖިބެވެ. އޭރުން އެ ވާ ގޮތަކީ އެ 16 ގެޔަކީ ނަގޫރޯޅި އަރާ 16 ގެޔަށް ބަދަލުވަނީއެވެ. ނަމަވެސް ލިޔުންތެރިޔާގެ މަޤުޞަދަކީ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ވީ ކަމެއްގެ ވާހަކަ ބުނުމެވެ. މި ފަދަ  ޙާލަތްތަކުގައި އެ ފްރޭޒް ވީ ކަމެއްގެ ގޮތުގައި އޮންނާނީ އެ "ރާ" ގައި އައިބައިފިލި ޖަހައި ގެންނެވެ. ދިވެހިބަހުގެ މައިގަނޑު އަށް ބައިގެތެރެއިން "ކަމެއް"ގެ މަގާމުގައި އެ "ކަން" އޮންނާނީ އޭރުންނެވެ. އާބާފިލި ޖެހުމުން ބަދަލުވަނީ "ވާކަމަކުން" އުފައްދައިފައިވާ ނަންއިތުރަކަށެވެ. ވީމާ ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތައް ނިޔާކުރާ ގޮތުން، އަދި މަންޠިޤީ ހަމަތަކުންވެސް އެ ފްރޭޒް އޮންނަންޖެހޭނެ ރަނގަޅު ގޮތަކީ "..... ނަގޫރޯޅިއެއް އަރައި، 16 ގެޔަކަށް ބޮޑެތިގެއްލުންތަކެއް" މިއީއެވެ.

މި ދެންނެވި ނޫހުގެ އެ ޢަދަދުގެ 6 ވަނަ ޞަފުޙާގެ ފަލަ ސުރުޚީގައި އޮތް "... ބިލްތައް ކޮށާމެށޭނީ...." މި ޢިބާރާތުގައިވެސް އަޅުގަނޑު ދަށު ރޮނގަކުން ފާހަގަކޮށްފައި އެވާ އަކުރުގައި (ށަވިޔަނީގައި) އާބާފިލި ޖަހައިފައި އެވަނީ ކުށުންނެވެ. ރަނގަޅުގޮތަކީ "... ކޮށައި މެށޭނީ..." މިއެވެ. އެހެނީ އައިބައިފިލީގެ ހަމަތަކަށް ބަލާއިރު ކަންކުރިފަރާތް އެއްގޮތްވުމާއެކު އެއް ކަން އަނެއް ކަމާ ގުޅުވުމަށްޓަކައި ޖަހަން ޖެހޭނީ އައިބައިފިއްޔެވެ.  އަނެއް ހަމަޔަކުން ބަލާއިރު "ކޮށާމެށޭނީ" އާބާފިއްޔަށް ނިމޭ މިފަދަ ލަފުޒުތައް ނަފީކުރުމަށްޓަކައި އެކަހެރިކުރާނަމަ ފިއްޔަށް ބަދަލެއް ނުގެނެވޭނެއެވެ. އޭރުން ކިޔަން އަދިލިޔަން ޖެހޭނީ "ކޮށާއެއް ނުމެށޭނެ" މިހެންނެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ލިޔެ ކިޔައި އުޅޭ ގޮތެއް ނޫނެވެ. ކިޔައި ޔުޅެނީ އަދި ލިޔެ އުޅެނީވެސް "ކޮށައެއް ނުމެށޭނެ" އެވެ. މިއީ އެ ށަވިޔަނީގައި ޖަހަންޖެހޭނީ އައިބައިބިލިކަން ސާބިތުވާ އަނެއް ނުކުތާއެވެ

އަޅުގަނޑު ހަމައެކަނި މި ދެ މިސާލު ދަންނަވައިލުމަށް ފަހު ނިންމާލާނަމެވެ. މަޤުޞަދަކީ ކިތަންމެ މޮޅު ލިޔުންތެރިޔެއް ނަމަވެސް ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުޞޫލުތަކަށް ތަބާވުން މުހިއްމޭ ދަންނަވައިލުމެވެ. ދިވެހިބަހަކީ އަޅުގަނޑުމެން ދިވެހީންގެ ފަޚުރުކަމުގައި ވާހިނދު، މި ފަޚުރު ތަރައްޤީކޮށް ދެމެހެއްޓޭނީ މިފަދަކަންކަމާމެދު އެންމެން ފިކުރު ހިންގައިގެންނެވެ.


"ޚިދުމަތް ކުރުން ބަހަށް މީ ދެ އަޚެއްގެ ވާޖިބެއްނޫން
            އެދުނަސް  ދެމީހަކަށް މީ ކުރެވޭވަރުގެ ކަމެއް ނޫން"

ހަމަމިގަލަމުން

އިދާރާ

ވާހަކަ