ބަސްފޮތް ހަދަނީ ކިހިނެއް؟
ޢަބްދުﷲ ނަޢީމް އިބްރާހީމް (1997)
ބަސްފޮތް ހަދަނީ ކިހިނެއް ހެއްޔެވެ؟ ބަސްފޮތް ހަދަނީ ކޮންބަޔެއް ހެއްޔެވެ؟ ބަސްބަހުގެ މާނަ ހޯދަނީ ކޮންބަޔެއްހެއްޔެވެ؟ ރަނގަޅު މާނަ ފެނުނީމާ އެނގެނީ ކިހިނެއް ހެއްޔެވެ؟
ބަސްފޮތް ހަދާނީ އަޅުގަނޑުމެންނެވެ. ތިޔަބޭފުޅުންނެވެ. ބަސްފޮތް ހެދިފައިވާ ބަހަކަން ވާހަކަދައްކާ އެންމެންނެވެ. ލިޔުމުގައި ބޭނުންކުރާ ބަހުރުވައާއި، ވާހަކަދެއްކުމުގައި ބޭނުންކުރެވޭ ބަހުރުވަޔާ މެދު ލިންގުއިސްޓުން ނުވަތަ ބަހުގެ ޢިލްމުވެރިން ބަލަނީ މުޅީން ތަފާތު ދެގޮގަތަކަށެވެ. ލިޔުމުގެ ބަހުރުވައަށް ބަލާއިރު ރަދީފު އެކުލުވުމުގައި ޢިލްމުވެރިން ގެންގުޅޭ ހަމަތަކެއް ހުރެއެވެ.
ޑޮކްޓަރ އެސް. އައި. ހަޔަކަވާ އަކީ ބަހުގެ ޢިލްމުވެރިއެކެވެ. ސެންފުރެންސިސްކޯ ސުޓޭޓް ކޮލެޖުގައި އިނގިރޭސި ބަސް ކިޔަވައިދެއްވާ ޕުރޮފެސަރެކެވެ. ތިރީގައިމިވަނީ ރަދީފު އެއްކުރެވޭ ގޮތާ ބެހޭގޮތުން އޭނާ ލިޔުއްވާފައިވާ ލިޔުއްވުމަކުން ނަގާފައިވާ މަޢުލޫމާތުކޮޅެކެވެ.
ރަދީފު އެކުލަވާލުމުގެ މަސައްކަތުގެ ފެށުމަކީ ލިބެން ހުރި އެންމެ ގިނަ އަދަދަކަށް އިހުގެ ލިޔުންތަށް އެއްކޮށްގެން ކިޔުމެވެ. ކިޔަމުންދާއިރު އަޅައިގަންނަ ބަސްތައް ކާޑުތަކެއްގައި ލިޔަނީއެވެ. އަދި އެބަސްތައް ބޭނުންކުރެވިފައިވާ ތަފާތު ނުވަތަ އާދަޔާ ޚިލާފު ހުރިހައި ޢިބާރާތެއް، ކޮންމެ ޢިބާރާތެއް ވަކި ކާޑެއްގައި ލިޔަނީއެވެ.
މިސާލަކަށް:
ދޮރުވޮހި
ނައުބަތުޚާނާއިން ދޮރުވޮހި ޖަހާއަޑު އިވުނޭ. ދޮންބީފާނު ވާހަކަ – ޞަފްޙާ 134 ޙުސައިން ޞަލާޙުއްދީން
އާދެ، ބަހާއި އެބަހެއް ބޭނުންކުރެވިފައިވާ ގޮތް ރެކޯޑުކުރަނީއެވެ. މި މަސައްކަތް ނިމޭއިރު ކޮންމެ ބަހަކަށް ދެތިން މާނަ ނުވަތަ އެތައްސަތޭކަ މާނަޔެއް ނޯޓު ކުރެވިފައި ހުރެއެވެ. ކޮންމެ މާނަޔެއް ވަކި ކާޑެއްގައެވެ.
ރަދީފަށް ބަސްހޮވާ މީހުންގެ ކުރިމަތީގައި މިހުރިހައި ކާޑެއް ހުންނާނެއެވެ. މިކާޑުތަކުގައި ހުންނާނީ ތާރީޚީ ނުވަތަ އަދަބީ ގޮތުން ފާހަގަކުރެވޭ މީހަކު ނުވަތަ ބަޔަކު އެ ބަސްތައް ބޭނުންކޮށްފައި ހުރިގޮތެވެ. ބަސް ހޮވާ މީހުން މިހުރިހައި ކާޑެއް ވަކި ވަކިން ކިޔާނެވެ. ބައެއް ކާޑުތައް އެތައް ފަހަރަކު ކިޔާނެއެވެ. އޭގެ ފަހުން ކަމުނުދާ ކަމަށް ފެންނަ ކާޑުތައް ބާކީ ކުރުމަށްފަހު. އެބަހެއް ބޭނުންކުރެވިފައިވާ އެކިގޮތް ވަކިވާނެހެން ކާޑުތައް ބައިބަޔަށް ބަހާލަނީއެވެ. އެންމެ ފަހުން ހޮވާ މީހާ ޚިޔާރުކުރާ މާނަތައް ލިޔަނީއެވެ. މިއިން ކޮންމެ މާނައެއްބެސް ބިނާވެފައި އޮންނާނީ ކާޑުތަކުގައި ހުރި ޢިބާރާތް ތަކުގެ މައްޗަށެވެ. އޭނާގެ އަމިއްލަ ޚިޔާލަކަށް ނޫނެވެ.
ވުމާއެކު ރަދީފު ލިޔުމަކީ އެއްވެސް ބަޔަކަށް ބަދަލުނުކުރެވޭފަދަ ދާއިމީ މާނައެއް ހޯދާފައި، ލިޔުމެއް ނޫނެވެ. އެބައެއްގެ ޤާބިލުކަން ހުރި މިންވަރަކުން އިހުގެއާއި، ފަހުގެ ތާރީޚީ ލިޔުންތައް ބަލައިގެން އެބަހަކަށް، އެހިނދަކަށް ފެންނަން އޮތް މާނަޔެއް ރެކޯޑުކުރުމެވެ. ރަދީފު ލިޔާމިހާއަކީ ބަހުގެ ޤަވާޢިދު ހަދާ މީހެއް ނޫނެވެ. ބަހާބެހޭ ތާރީޚު ލިޔާމީހެކެވެ.
މި މަޒުމޫނު މިހިސާބަށް ލިޔެވުނު ފަހުން އެންމެ ފުރަތަމަ ޢަރަބި ބަހުގެ ބަސްފޮތެއް ހެދި މީހާ، އެބަސްފޮތް ހަދަން ބޭނުންކުރި އުޞޫލު އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިޔަކު ވިދާޅުވެދެއްވިއެވެ. އެއީވެސް ބަސްފޮތް ހަދަން ބޭނުންކުރެވިފައިވާ ގޮތަކަށް ވާތީ މިތާނގައި ލިޔެލާނަމެވެ.
އެންމެ ފުރަތަމަ ޢަރަބި ބަހުގެ ބަސްފޮތެއް ހެދީ ޚަލީލު އަޙުމަދު އަލްފަރާހީދީ ނަމަކަށް ކިޔުނު މީހެކެވެ. އޭނާ ހެދި ފޮތަށް ކިޔާފައިވާ ނަމަކީ " ކިތާބުލް ޢައިނު " އެވެ.
އެންމެ ފުރަތަމަ އަލްފަރާހީދީ ހެދިގޮތަކީ ދެ އަކުރު ހޮވައިފއި އެދެ އަކުރުގައި ޢަރަބި ބަހުގެ ހުރިހައި ފިއްޔެއް ޖެހީއެވެ. އެޔަށްފަހު އެ ބަސްތަކުގެ ތެރެއިން މާނައެއް ދޭހަވާ ހުރިހައި ބަސްފޮތެއް ލާފައި، މާނައެއް ދޭހަނުވައި ބަސްތައް ދޫކޮށްލީއެވެ.
މިސާލަކަށް ހ އާއި ނ ނަގަމާތޯއެވެ. މިދެއަކުރުގައި ދިވެހިބަހުގެ ހުރިހައި ފިއްޔެއް ޖައްސަވާށެވެ. ހޯނު، ހިނި، ހަން، ހަނަ، ހުނު، ހިނަ، ނަހަ، ނިހި، ނުހު މިހެންގޮސް ދެއަކުރު ދެފަރާތަށް ލައްވައިގެން ހުރިހައި ފިއްޔެއް ޖައްސަވައިގެން ހެއްދެވުނު ބަސްތަކުން މާނައެއް ދޭހަނުވާ ބަސްތައް ދޫކޮށްލައްވާށެވެ. މާނައެއް ދޭހަވާ ބަހެއް އޮތްނަމަ ބަސްފޮތަށް ލައްވާށެވެ. މިއީ އަލްފަރާހީދީ ގެންގުޅުނު އުޞޫލެވެ. ދިވެހި ބަސްފޮތް ހެއްދެވުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މިދެ ގޮތުން ކުރެ ގޮތެއް ކަމުދޭތޯ ނުވަތަ ނޫންތޯ ބައްލަވާނީ އެބޭފުޅުންނެވެ. ބަސްފޮތް ހެދުމުގައި ބޭނުންކުރާނޭ މިނޫން އުޞޫލެއް ނެތެކޭ ނުދަންނަވަމެވެ. މިނޫން އެހެން ގޮތެއް މިއަށްވުރެމޮޅުވެސް ވެދާނެއެވެ.
(ނިމުނީ)
ނަކަލުކުރެވުނީ؛
ޢަބްދުﷲ ނަޢީމް އިބްރާހީމް (1997).ފަތްތޫރަ (221) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު،މާލެ.