އަދުގެ ޚާއްސަ

Print

ފައިޞަލްގެ މުޢުޖިޒާތް

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ވާހަކަ



މަޑުލު މުޙަންމަދު ވަޙީދު (2005)
    
މޮޑަން ވިލާގައި ދިރިއުޅޭމީހުން ތެދުވެގެން އެކި މީހުން އެކިތަންތަނަށް ދާން ތައްޔާރުވަނީއެވެ. އުޑުމަތި ބަނަކޮށް އޮތް ހެނދުނެކެވެ. ބާއްޖަވެރި ހެނދުނުގެ އަޑު އެއްކޮޓަރިން އިވޭ އިރު އަނެއް ކޮޓަރިން ބީ.ބީ.ސީ ޚަބަރު އަންނަ އަޑު އިވެއެވެ. ތިންވަނަ ކޮޓަރީގައި ޖަހާފައިހުރީ އެންމެފަހުން ނުކުތް ދިވެހި ލަވަ ރޯލެވެ. މިހާރު އިވެމުން އެދާ ލޯބީގެ ލަވައިގައި ކިޔާ " ވަކިން އުޅުނަސް ވަކިވުމެއްނެތޭ...." އެއީ މޮޑަން ވިލާގެ ދިރިއުޅުމާ ވަރަށްގުޅޭ ލަވައެކެވެ.

މިގޭގައި އުޅޭ ތިން ފިރިހެން ކުދިންނަކީ އެއްބަނޑު އެއްބަފާ ތިންބެއިންނެވެ. އެ ތިންބެއިންގެ މަންމަ މަރިޔަމްފާނަކީ އަމިއްލަ މަސައްކަތުން ގެދޮރުބިނާކުރި ކެރޭ ހީވާގި އަންހެނެކެވެ. ހެދިކާ  ހަދައިގެން ލިބުނު ފައިސާއިން ގެދޮރު އެޅީއެވެ. ކިއްލި ވިއްކައިގެން ލިބުނު ލާރި ޚަރަދުކުރީ ކުދިންގެ ކިޔެވުމަށެވެ. މަރިޔަންފާނުގެ ފިރި  ދޮންމަނިކަކީ، ހޮޓަލުން ސައިބޮއިގެން އެއްރާޒުވާ ގޮނޑިދޮށުން އަނެއް ރާޒުވާ ގޮނޑި ދޮށަށް ގޮސް އުޅުމުގައި ރެޔާދުވާ ހޭދަކުރި މީހެކެވެ. ދެމަފިރިންނަށް ލިބުނު ތިން ފިރިހެން ދަރިންނަކީ އާސިމާ އަކުރާމާ ޢާދިލެވެ. ގާތްގާތުގައި ވިހައިފައި ތިބި މި ތިންކުދިން ބޮޑުވަމުން އައީ އެކުއެކީގައެވެ. ކިޔަވައިނިމި ވަޒީފާއަށް ދާންފަށައި މީހުންނާ އިނުމާއެކު އެކަކު އަނެކަކާ ވާހަކަ ދެއްކުން މަދުވެ ވަކިން ކައްކައިގެން އުޅެން ފެށިއެވެ. ގެއަށް ގެނައި އަނބިންގެ ކަންތައްތަކާ މައިދައިތައަށް އެއްޗެހި ބުނެވެން ފެށުމުން މުޅި ޢާއިލާ ހަމަނުޖެހުމުގެ ތެރެއަށް ވަކިން ބޮޑަށް ވެއްޓުނެވެ. މިހިރަ ކަންތައްތަކާ ކެތްނުކުރެވިގެން މަރިޔަމްފާނު ހާޓްއެޓޭކެއްޖެހި މިދުނިޔެ ދޫކުރީއެވެ. މަރިޔަންފާނުގެ ޙަޔާތުގައި އަބަދު ބޭރުގައި އުޅުނު ދޮންމަނިކަށް އެކަނިވެރިކަން އިޙްސާސްވާންފެށީ ދެނެވެ. އަނބިމީހާ މަރުވުމުން ދޮންމަނިކު ގެއިންބޭރަށް ދާކަށް ނޫޅެއެވެ. ދޮށްޓައްހުރި އަޙުމަދު އާސިމުގެ އަންހެނުން ޝަހީމާ ދިން އެއްޗެއް ކައިލައިގެން ގޭގައި އިންނަނީއެވެ. އެހެން ބޭރަށް ނުނިކުމެ ހަމަ ހިމޭން ހިތާމައިގައި ދުވަސްތަކެއް ވޭތުކުރުމަށްފަހު އަނބިމީހާ ނިޔާވިތާ ދެއަހަރާ ތިންމަސް ވީތަނާ ދޮންމަނިކުވެސް މި ދުނިޔެ ދޫކުރީއެވެ. މަންމައާއި ބައްޕަގެ އަލަމާރިއާ ޙަވާލުވެގެން ހުރި އާސިމަށް ޖެހުނީ އަނެއް ދެބެއިންގެ ކުރިމަތީގައި އަލަމާރީގައި ހުރި އެއްޗެއް ހާވައި ބަލާށެވެ. ރަނާއި ފައިސާ ހުރެދާނެ ކަމަށް ތޯއްޗެކެވެ.

ކަރަންޓް ބިލާ ފެންބިލަށް ފައިސާ ދައްކަން ޖެހުމުން މައްސަލަތައް ކުރިމަތިވާން ފެށިއެވެ. އެންމެފަހުން ތިން ކޮޓަރިއަށް ކަރަންޓާ ފެން ވަކިކޮށް ނިމިއްޖެއެވެ. އެކަކު އަނެކަކުގެ ޙާލު ބަލައެއް ނޫޅެއެވެ. ޖެހިގެން ދިޔަޔަސް އަނގަޔަކުން ނުބުނެއެވެ. އާސިމްގެ އަންހެނުން ޝަހީމާ އުޅެނީ އޮފީހެއްގައެވެ. އަކްރަމްގެ އަންހެނުން ހައްވާދީދީ އަކީ އޭނާގެ ނަސަބުގެ މާތްކަމާމެދު ފަޚުރުވެރިވާ ކުއްޖެކެވެ. ހައްވާދީދީގެ ވީސިއާރު ނިއްވާލައިފައި ބެހެއްޓުމަކީ މަނާކަމެއް ކަހަލައެވެ. އެއަޑުފަށްގަނޑާ ހެދި އާދިލްގެ އަންހެނުން އަފީފާ އިންނަނީ ދަތްކުނޑި ވިކިވިކިއެވެ. މި ތިންބެއިންގެ ކައިވެންޏަށް ދެއަހަރު ވެގެންދިޔައިރުވެސް ކުއްޖަކު ލިބެންއުޅޭކަމުގެ އެއްވެސް އިޝާރާތެއް ނެތެވެ. އެކަހަލަ ކަމެއްވޭތޯ ކޮންމެ އަންހެނަކުވެސް އޭނާއަށް ލިބެންހުރި މަގުތައް މެދުވެރިކޮށް ބަލަމުން ގެންދިޔައެވެ.

    އެއްދުވަހަކު އާސިމުގެއަށް އައިސް ކާން އިންދައި އޭނާގެ އަންހެނުން ޝަހީމާ ބުންޏެވެ.

ޝަހީމާ: އާސިމް! އަހަރެން ބުނަންތަ ވާހަކައެއް

އާސިމް: ބޮލަށް އުނދަގޫ ވާކަހަލަ އެއްޗެއް ނުބުނާތި

ޝަހީމާ: ބޮލަށް އުނދަގޫ ވާކަހަލަ ވާހަކައެއް ނޫނޭ ހިތަށް އަރުވައިލާ

އާސިމް: ދެން ބުނެބަލަ!

ޝަހީމާ: ކަލޭމެން ތިންބެއިންގެ ތެރެއިން އެންމެ ދޮށީ އާސިމެއްނުން

އާސިމް: ދެން ކީއްވީ؟

ޝަހީމާ: ވާންވީ ގޮތަކީ ގާތްކަން އާލާކުރަންވީ

އާސިމް: ތި އުޅެނީ ހުވަފެނެއް ފެނިގެންތަ. އެދެމީހުންނަކީ މަށަށްވުރެ ހަނގު ދެމީހުންނޭ. އެދެމީހުން މަށަށް ނުބަލާ ބެލުމެއް މަޖެހޭނެތަ ބަލަން؟

ޝަހީމާ: އަހަރެންގެ ޕޮއިންޓަކީ ތިއީޔޭ. ދޮށީމީހާ އިސްނަގައިގެން ކަންތައްތައް ރަގަޅުކުރާށޭ.

އާސިމް: ނިމުނީތަ! ވިސްނިއްޖޭ އެންމެ ރަގަޅު، ޝަހީމާ ތެދުވެގެން ހިނގައްޖެއެވެ.

އާސިމް ކައިނިމިގެން ތެދުވެއްޖެއެވެ. ޝަހީމާ އެދެއްކި ވާހަކައިން އާސިމްގެ ހިތަށް އުނދަގޫތަކެއް ކުރަން ފެއްޓެވެ. އެހެންނަމަވެސް ހައްލެއް ނެތް މައްސަލައެއްގައި ހައްލެއް ހޯދުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އާސިމް ގޮސް ޖޯލިފައްޗާ އަރާ ހަމަވިއިރު ޝަހީމާ އޮތީ ނިތްކުރީގައި އަތް ބާއްވާލައިގެންނެވެ. އާސިމްގޮސް ޖެހިގެން ހުރި ޖޯލީގައި އިށީނުމުން ޝަހީމާ ލޯ ހުޅުވާލައިފިއެވެ. އަދި އޭނާ ބަލިވެއްޖެހެން ހީވާވާހަކަ ބުންޏެވެ. އާސިމް، އަވަހަށް ގޮސް އޮށޯވެލާ. ކަންކަމާ މާބޮޑަށް ފިކުރުކުރަނީއޭތީ. ވަރަށް އަވަހަށް ޝަހީމާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅަކުން އަކުރަމް ނުކުމެގެން ދޮރާއްޓާ ދިމާލަށް އެބަދެއެވެ. އާސިމް ގޮވައިލިއެވެ. އަކްރަމް ފަސް އެނބުރި ބަލައިވެސް ނުލައި ނުކުމެގެން ހިނގައްޖެއެވެ. އާސިމް ބޯހޫރާލައިފައި ގޮސް އާސިމްގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ޝަހީމާ ފާޚާނާގައި އުޅެއެވެ. އޯކަށް ދެމި ދެމިފައި ހޮޑުލެވޭތޯ އުޅެނީއެވެ. އާސިމް ހިތަށް އެރިއެވެ. މީނާ ރަގަޅަށް ބަލިވީތާއެވެ. ޝަހީމާ ގޮވައިގެން އާސިމް ހޮސްޕިޓަލަށް ދިޔައެވެ. ޓެސްޓްތަކެއް ކުރަން ޖެހުނެވެ. ނަތީޖާ އަކަށްވީ ޝަހީމާ ބަލިވެ އިންކަން އެނގުމެވެ. މިވާހަކަ މާގިނަ މީހުން ގާތު ބުނާކަށް މިދެމަފިރިން ގަސްތެއްނުކުރިއެވެ. އެކަމަކު ދެމަހެއްހާ ދުވަހުގެ ތެރޭގައި ޝަހީމާގެ ޅިޔަނުގެ އަނބީންނަށް އެގިއްޖެއެވެ. ދުވަސްފުރައި ޝަހީމާ ވިހައިފިއެވެ. ދޮންދޮން ރިތި ފިރިހެން ކުއްޖެކެވެ. މިދަރިފުޅުގެ ނަމަކަށްކީ ފައިސަލެވެ. ފައިސަލަކީ އާދަޔާ ޚިލާފް ކުއްޖެކެވެ. ވަރަށް ކުޑައިރުކޮޅަކު ހޭލައި އުޅުނަސް ގިނައިރު އޮންނަނީ ނިދައިފައެވެ. ގާތުން ދޭންވެސް އެހައިމެ އުނދަގުލެވެ. ފައިސަލަށް 4 މަހަށް އޮއްވައި ޑޮކްޓަރަށް ދައްކަން ގެންދިޔައެވެ. ޑޮކްޓަރު ވަރަށް ރަގަޅަށް ބައްލަވައިފައި ނިންމެވީ ފައިސަލަކީ ބަލިކުއްޖެއްކަމަށެވެ. ނުކުޅެދޭ ކުއްޖެއްކަމަށެވެ.
   
އެދުވަހު ހޮސްޕިޓަލުން އައިސް އާސިމާ ޝަހީމާ ވަރަށް ރުޔެވެ. މިކަން އެނގިގެން ޖެހިލުންވެ ތިބެވެސް އާސިމްގެ ދެ ކޮއްކޮއިން އައިސް އެ މީހުންގެ ބޭބެ ކުރެން ޚަބަރު އޮޅުން ފިލުވިއެވެ. އަކްރަމާ އާދިލްގެ ހިތަށް ހަމްދަރުދީ ވަނެވެ. އަދި ފައިސަލް ދެކިލަން ކޮންމެ ދުވަހަކުހެން އެ ކޮޓަރިއަށް ވަންނަން ފެއްޓެވެ. ކުއްޖަކު ލިބުނު ޝަހީމާއަށް އެއްވެސް ބުރަހިތެއް ނުބާއްވާފަދަ ގޮތަކަށް ހައްވާދީދީ އާއި އަފީފާވެސް ފައިސލް ދެކެން އަންނަން ފެއްޓެވެ. މިހާރު ފައިސަލް މުޅިންހެން ގެންގުޅެނީ ފައިސަލްގެ ދެބޭބެއާއި ފަހަރި ދައިތައިންނެވެ. އެކެއްގެ އަތުން އަނެކެއްގެ އަތަށެވެ. ކާންދީ ރީތިކޮށް ހަދަނީވެސް ކޮންމެވެސް އެއް ފަހަރިއެކެވެ. އުމުރުން އެހައި ހަނގު ވާހަކަވެސް ނުދެއްކޭ  އަދި ސިނކުޑި ރަގަޅަށް މަސައްކަތްވެސް ނުކުރާ ކުޑަކުޑަ ކުއްޖަކު މޮޑަންވިލާއަށް މިގެނެސްދިން އުފާވެރިކަން ހާދަހައިވެސް ބޮޑެވެ. އެތައް އަހަރެއްވީ ރުޅިވެރިކަމާ ޙަސަދަވެރިކަން ފިލައިގެން ހިގައްޖެއެވެ. ތިން ފިރިހެނުން އެއްމޭޒުދޮށުން ކައި ހަދަން ފެށިއެވެ. ކަންކަމާ މަޝްވަރާކުރަން ތިބޭތަން ފެންނާން ފަށައިފިއެވެ.
   
ފައިސަލްގެ އުމުރުން އަހަރެއްވީއިރުވެސް ކަނދުރާ ހަރެއް ނުލައެވެ. ނުއިނދެވެއެވެ. ފިޔަވަޅެއް ނުޖެހެއެވެ. ކޮޅަށް ނުހުރެއެވެ. އެކަމަކު އޭނާގެ މޫނަށް ބަލައިލައިފި ކޮންމެ މީހަކަށް އެ ހީނލާ ފޮނިފޮނި ހިނިތުންވުމާއި ލޮލުން އެރައްދުކުރާ ތޫނުފިލިކަމާ ބަލައިލި މީހެއްގެ ހިތަށް ވައްދައިދޭ ރަޙުމާއި ހަމްދަރުދީގެ ސަބަބުން ހިލަހިތެއްވެސް މަޑުމަޑު ފުށްގަނޑަކަށް ހަދައިލާ ފަދައެވެ. ﷲ ގެ ކުޅަދުންވަންތަ ވެރިކަމާމެދު އަޖައިބު ފަހެ ނުވާނެތޯއެވެ؟ އެއްގޭގެ ތެރޭގައި ބީރައްޓެހިންހެން އުޅުނު ރުޅިވެރި ތިން ޢާއިލާ އެކަތި ގަނޑަކަށް ހެދުމުގައި ބަސްނުމޮށެވޭ ކުޑަކުޑަ ކުއްޖަކު މިކުޅުނީ ކޮންފަދަ މުޙިންމު ބައެއް ހެއްޔެވެ.

ފައިސަލަށް ތިން އަހަރު ފުރުނުއިރު މޮޑަންވިލާ އަކީ ތަނަވަސް ގެއަކަށް ވެއްޖެއެވެ. އުފާވެރިކަމާ ހުނުމުގެ އަޑު އަބަދުހެން އިވޭ ގެއަކަށް ވެއްޖެއެވެ. އެންމެން އެކުގައި ކައްކައި ކައިބޮއި އުޅޭ ބަދަހި ޢާއިލާއަކަށް ވެއްޖެއެވެ. މަސައްކަތްތައް އެކި މީހުންނަށް ބަހައިލައިގެން ކުރަން ފެށުމުން އެކަކަށްވެސް އެހާބޮޑު ބުރަޔަކަށްނުވެ ކަންތައްތައް ނިމެމުންދާން ފަށައިފިއެވެ. ފައިސަލަށް ކަމުދާ ކަހަލަ ކޮޓަރިއެއް ވަކިން ތައްޔާރުކޮށްފިއެވެ. އެ ކޮޓަރިއަކީ ގެއެއްގެ ބޮޑު ކޮޓަރި ކަހަލައެވެ. އެންމެން ޖަމާވާ ތަނަކަށް އެތަން ވެއްޖެއެވެ. މިހާރު އާސިމަށް ކުރެވެނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިއްޖެ ކަމުގެ އިޙްސާސެވެ. ފައިސަލްގެ ބަލި ޙާލު އެނގިގެން ގެއަށް އައި ދުވަހު ރުއި ރުއިމުގެ  ބަދަލުގައި ފައިސަލަކީ އާސިމްގެ ޙަޔާތަށް ކިހާ މުޙިންމު ކުއްޖެއްކަން އެނގިއްޖެއެވެ.


މަޑުލު މުޙަންމަދު ވަޙީދު (2005). ފަތްތޫރަ (314) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

އެނގޭތަ؟

ވާހަކަ