Print

ކޮލެރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ނާޒިކުލް މަލާއިކާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މި ހިމޭންވީ ރޭގަނޑު!

ކަންދޭށޭ އެހުމަށް ވޭނާ ރުއިމުގެ އަޑު!

ކަނު އަނދިރީގައި،

މަރުގެ ހިތާމައިގެ ހިމޭންކަމުގައި،

ބަލިމީހުން ގިސްލައި ރޯ އަޑު!

ހިތުގެ ހިތާމައިން ފެތުރޭ ހިތި އަޑު!


ހިތްތައް އަނދަމުންދާ ގަދަ އަޑު!


އޭގައިވީ އާހުން ފަތުރާލި ޞަދާ!


ކެކެމުންދާ ކޮންމެ ހިތެއްގައި،

ހިތިކަން ވޭ މީހުން ތިބި ޖިފުޓީގައި،

ރޮއި ރޮއި މަރުވާ ރޫޙެއްވޭ ކޮންމެ ތަނެއްގައި،

އަނދިރީގައި،

ރޯ އަޑު ވޭ ކޮންމެ ތަނެއްގައި،

ޖެހެމުން މިދަނީ ހިތްތައް މަރުގެ ޝިކާރައިގައި.

މަރު މަރު މަރު.

މަރު ކުރިކަން ފެނިފައި ކޯރު ތިރޯ ރުއިމާއޭ!



އަލިކަން އަތުވެއްޖޭ ފަތިހަށް،

ބުނަމޭ މީހުން އެ ހިނގާ އަޑު އެހުމަށް،

އަދި ގިސްލާ ރޮވެމުން ދާ މީހުން ދުށުމަށް.

ފަތިހުގެ ވި ހިމޭން ކަމުގައި،

ދިހަ މީހުން މަރުވެއްޖޭ، ނޫނީ ވިހި މީހުން،

ނުގުނާށެ ތިބާ މަރުވާ ޢަދަދެއް!

ބުނަމޭ އެހުމަށް ރޯއަޑު!

މިސްކީނު ކުދިން ގިސްލައި ރޯ އަޑު!

މަރުވާ މީހުން، މަރުވާ މީހުން،

ޢަދަދު ގުނޭކަށް ނެތް!

މަރުވާ މީހުން، މަރުވާ މީހުން،

މާދަމައެއް ވެސް އަންނާކަށް ނެތް!

ކޮންމެ ތަނެއްގައިވޭ ބަލި މީހެއް،

އޭނާ ގާތު އަޅާލާނެ ޙަޒީނެއް،

ދެމި ހުންނާނެ ހިނދެއް ނެތް،

ހަނު ހުންނާނެ އިރެއް ނެތް،

މީޔޭ މަރުގެ އަތުން ކުރި ކަމަކީ!

މަރު މަރު މަރު.

މަރު ދޭ އަނިޔާޔާމެދު އެންމެން ޝަކުވާކުރަނީ!



ކޮލެރާ!

ވީ ބިރުވެރި ހޮހަޅު ތެރޭގައި،

ކުދިކުދި ވެފަ ހުރި ގުނަވަންތަކުގައި،

އަބަދަށް ދެމިގެންވި ހިމޭންކަމުގައި.

އަދުގެ ދަވާ ކަމުގައި މަރު، ވެއްޖޭ!

ކޮލެރާ ބަލި ހޭލައްޖޭ!

ޙަސަދައިން ފުރި ފެތުރިއްޖޭ!

އުފަލުން އޮތް ނަލަ އަލި ވާދީއަށް ފައިބައްޖޭ!

މަޖުނޫނެއްހެން ތެޅެމުން ފޮޅެމުން ގޮވަމުން އެބަހަރަދޭ،

މިކަތުން ރޯ އަޑު ނުމެ އަހަޔޭ،

ކޮންމެ ތަނެއްގައި ވަކި އަޅުވައި ޒަޚަމެއް ކުރެޔޭ.

ނިކަމެތި އަންހެން ދަނޑުވެރިޔާ ވީ ޖިފުޓީގައި،

އެއްވެސް އެއްޗެއް ނެތް،

ސަކަރާތުލް މައުތުގެ އަޑު ފިޔަވައި.

މަރު މަރު މަރު.

ކޮލެރާއޭ މިކިޔޭ މުޖުރިމު، މަރު ހިފަމުންދޭ!



ވެރިވި ހިމޭންކަމުގައިވީ ހިތިކަމުގައި،

ތަކުބީރުގެ އަޑު ތަކުރާރުވަމުންދޭ،

ކަށްވަޅު ކޮނެދޭ މީހާ ވެސް ވަޅުލެވިދޭ،

ނަޞްރެއް ލިބުނު ކަތެއް ނެތް!

މަރުވެއްޖޭ މިސްކިތުގެ މުއައްޛިނު،

ދެން ކާކު ކުރާނީ ފަހެ، ކަފުނެއް މައްޔިތު!

ކުކުރާ އަޑަކާއި ބޭރަށް ލާ ނޭވާ ނޫން އެއްޗެއް ނެތް،

މި ތިބަ ކުދިންނަށް މި އަދަކު އަމަޔެއް ބަފަޔެއް ނެތް،

މި ކުދިން ރޯ އަޑު އިވެނީ އަނދަމުންދާ ހިތަކުން،

ނުލަފާ ބަލިގަނޑު ޤަތުލުކުރާނޭ މާދަން މި ކުދިން.

ބިރުވެރިވި ހިޔަންޏާއޭ! ތި ހިޔަނި ނުމެ ދޫކުރެޔޭ،

މަރުގެ ހިތާމަތަކެއް ނޫން އެއްވެސް އެއްޗެއް.

މަރު މަރު މަރު.

އޭ މިޞްރާއޭ!

މަރު ކުރި ކަންތައްތައް، ކުދިކުދި ކޮށްލީ،

އަހުރެން ހިތުގައިވި ޝުޢޫރޭ ކަތިލައިލީ!

*****


މިޅެމުގެ އަޞްލާއި ތަރުޖަމާގެ މީޒާނަކީ، "ބަސްކިރަމުން" އެވެ. މި ޅެން ހެއްދެވި ޝާޢިރާ، ނާޒިކުލް މަލާއިކާ އަކީ، ޢިރާޤުގެ މަޝްހޫރު ޅެންވެރިއެކެވެ. އޭނާ މި ޅެން ޝާއިޢުކުރައްވާފައިވަނީ، 1947 ގައެވެ. މި ޅެމުގެ ސަބަބުން، ޢަރަބި ޅެންވެރިކަމަށް ވަރަށް ބޮޑު އިންޤިލާބެއް އަޔެވެ.

ހުރިހާ ބައިތެއް އެއްވަޒަނަކަށް ފެތިފައިވާ ޅެމަށްވުރެ، މި ބާވަތުގެ ޅެން، މާ ފުރިހަމައެވެ. އެހެނީ، އިންސާނީ ޝުޢޫރުތައް ފާޅުކުރުމުގެ ކުޅަދާނަކަން މި ބާވަތުގެ ޅެމަށް ލިބިފައިވާ މިންވަރު މާބޮޑެވެ. މި ބާވަތުގެ ޅެމަށް ބައެއް މީހުން ދީފައިވާ ނަމަކީ، "މިނިވަން ޅެން" އެވެ. މިއީ، ވެޔޮ ޅެމެއް ނޫނެވެ. އަދި މިއީ، ނައްޞު ޅެމެއް ވެސް ނޫނެވެ.

މިނިވަން ޅެމާއި ވެޔޮ ޅެމާއި ނައްޞު ޅެން ހަދަނީ، ޅެން ހަދަން ނުދަންނަ މީހުން ކަމަށް ބުނެވޭ ބުނުމަކީ ޞައްޙަ ބަހެއް ނޫނެވެ. އެހެނީ، މި ތިންބާވަތުގެ ޅެމަކީ، ހުރިހާ ބައިތެއް އެއްވަޒަނަކަށް، އެއް ކާފިޔާއަކަށް ހުންނަ ޅެމަށްވުރެ މާ ފުރިހަމަ އެއްޗެކެވެ. ނަމަވެސް، މި ތިން ބާވަތުންކުރެ ބާވަތެއްގެ ޅެމެކޭ ކިޔާފައި، މީހަކު "ގޮދަންފުށް" ހަދައިފިނަމަ، އެޔެއް ޅެމަކަށް ނުވާނެއެވެ. ("ގޮދަންފުށް" ނަމަކަށް ކިޔާ ޅެމެއް ފަންވަތުގައި ޝާއިޢުކޮށްފައި ވާނެއެވެ.)

ހަމަމިގަލަމުން

އިދާރާ

ވާހަކަ