އަދުގެ ޚާއްސަ

Print

ދެނެއް ދިވެހިރާއްޖެޔެއް ނޯންނާނެ ޔޯ!

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ މާދަރީބަސް



ޅޮހީ ޢަބްދުއްރަހީމް / މަނަދޫގެ

އަޅުގަނޑުމެން ވަރަށް ގިނައިން ޢާންމުކޮށް އަޑުއަހާ އުޅޭ ޖުމްލައެކެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވަރުގަދައަށް އެކި ފަންތި ތަކުގައި އެކި ހައިސިއްޔަތުން ދެކެވޭވެސް ވާހަކައެއްމެއެވެ. މިހުރިހާ ކަމަކާއެކު އިއްޒަތްތެރި ކިޔުންތެރިންނަށް އަޅުގަނޑުވެސް އަރުވަން އޮތް ހިތާމަވެރި ޚަބަރަކީ މިއީއެވެ. މީގެ ސަތޭކަ އަހަރުފަހުން ނުވަތަ އެޔަށްވުރެވެސް އަވަހަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެ ނެތިގެން ހިނގައިދާނެއެވެ. އެކަމަކު ކަނޑުގެ ލޮނުގަނޑު އުސްވާތީއެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެން އަމިއްލަޔަށް ކަނޑުގެ ލޮނު ގަނޑަށް ގެނބެމުން ދާތީއެވެ.

މި ދަންނަވާ ލޮނުގަނޑު އަޅުގަނޑުމެންގެ ލޮލަކަށް ނުފެނެއެވެ. ނަމަވެސް އެ ލޮނުގަނޑުގައި އަޅުގަނޑުމެންގެ ސިކުނޑިތައް ހައްޔަރުވުމުން އެ ސިކުނޑިން ވެސް ނުކުންނާނީ ލޮނުބުރައިފައިވާ، ލޮނުރަހަލާ ފުރެއްދެ އެއްޗެއްސެވެ. މިބުނާ ފުރެއްދެ އެއްޗެހި އަޅުގަނޑުމެންގެ ތެރޭގައި ކިތަންމެ ސިފަ ސިފަޔެއްގައި ބޭނުން ކުރެވެމުން އެބަދެއެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ.

މިދިޔަ ހަފުތާގައި އަޅުގަނޑުގެ ރަޙުމަތްތެރިޔަކު ވަޒީފާހޯދުމަށް ބަސްދީގަތުމެއް ދިނުމަށް ދިޔައެވެ. ވަޒީފާގެ ބަސްދީގަތުމުގައި  ވަރަށްގިނަ ސުވާލު ކުރައްވާފައި ފޮނުވާލައްވައިފިއެވެ. މިބަސްދީގަތުން ކުރިޔަށް ގެންދެވުނީ ކޮން ބަހަކުން ކަން އެނގިވަޑައިގަންނަވާތޯ ތިޔަބޭފުޅުންގެ ކުރެން އެހުމުގެ ބޭނުމެއް ނެތެވެ. އެއީ އެންމެންވެސް ދަންނަ ކަމަކަށް ވާތީއެވެ. ''މައް އިނގިރޭސި " ބަހުންނެވެ.

އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ އަމިއްލަބަހުން ނަމެއް ކިޔޭ ޤައުމީ ޓީވީއެއް ނުހުންނަ ކަން އެނގިވަޑައިގަންނަވަނީ ކިތައްބޭފުޅުންނަށްތޯއެވެ؟ ހުންނަނީ ޓެލެވިޜަން މޯލްޑިވުސް އެވެ. އެކަމަކު ދިވެހިރާއްޖޭގައި ދިވެހިރޭޑިޔޯއެއް ހުރެއެވެ. " ދިވެހިރާއްޖޭގެ އަޑު" ން ފޮނުވާ ނަލަ ނަލަ ދިވެހި އަޑުތައް ދިވެހިރާއްޖޭގެ މުޅި ޖައްވު ފަޅުފިލުވާ ނުދޭތޯއެވެ. މީގެތެރޭން ވެސް އަޅުގަނޑުމެން އެންމެ ހައިރާންވެ އަންތަރީސްވާން ޖެހޭ ކަމަކީ  އަޅުގަނޑުމެންގެ އަމިއްލަ  ދިވެހި މުއައްސަސާތަކުން ދިވެހިބަހުގެ ބަދަލުގައި އިނގިރޭސިބަހުން ލިޔެކިޔައި، ދިވެހިބަހުގެ އަގުދައްކޮށްލެވޭނަމަ އެކަމެކެވެ.  އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެން ދިވެހިން ހިންގާ ޚަބަރު ފަތުރާ ތަންތަނުން  ދިވެހިބަހުގެ ބަދަލުގައި އެހެން ބަހެއް ބޭނުންކުރުމަކީ ބަހަށްދެވޭ ކިހާބޮޑު ގެއްލުމެއްތޯއެވެ.  އެ ތަނެއްގައި  ހަޔަކުން ހަޔަކަށް ދިވެހި ދިދައެއް ނެގުނަސް ނުނެގުނަސް، މި ބިމުގައި ހުންނަ ކަމަށްވަންޏާ މި ދިވެހި ބިމުގެ ގައުމީ ރުކުންތަކަށް ހެޔޮ އެދެންވާނެ ކަމަށް ދަންނަވަންޖެހެ އެވެ. ބަހަކީ ހުރިހާ ދިވެހިންގެ ޙައްޤެކެވެ. ދިވެހި ދައުލަތުގެ ޙައްޤެކެވެ. އެހެންކަމުން މި ބަހަށް އިހާނެތިކޮށް ހިތުމުގެ ހުއްދަ ހަމަ އެއްވެސް ފަރާތަކަށް އޮވެގެން ނުވާނެ އެވެ.

އަޅުގަނޑުމެންގެ ދަރިން ކުޑަދުވަހުން ފެށިގެން ފަރަންޖީ ބަސްތަކުގެ މައްޗަށް ދޫކޮށްލެވިފައި، އަމިއްލަބަސްނޭންގޭ ކިތަންމެ ކުއްޖެއް އަޅުގަނޑުމެންގެ ތެރޭގައި އުޅެމުން އެބަދެޔެވެ. މައިންބަފައިން "ބިޒީ" ކަމުން ދަރިފުޅަށް ވަގުތެއް ނުދެވޭތީ ދަރިފުޅަށް ގޭގައި ގެންގުޅޭ "ބަންގުލަދޭޝް މަންމަގެ" ބަސް ދިވެހި ބަހުގެ ބަދަލުގައި، ކިތަންމެ ކިތަންމެ ކުއްޖަކަށް ދަސްވެފައި އެބަހުއްޓެވެ. މިފުރަ މާލޭގައި އޭގެ ކިތަންމެ ކުއްޖަކު  ދުށުމުގެ ބަދުނަސީބު އަޅުގަނޑަށް ލިބުނެވެ. ކުރަތްޕޭ ބުނީމާ "ހޭރި" ނުގަންނަ ކިތަންމެ ކުއްޖަކު "ކޮކްރޮޗޭ" ބުނީމާ ހޭރިގަންނާނީ ގައިމު ކަމެއްވީމަތާއެވެ. ބަހުގެ ދަތުން ކުޑަވެފައި ބަހުގެ މޭރުންވުން ކުޑައީއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ބޭނުންކުރެވުނު ނުހަނު ނަލަ ނަލަ ރީތި އެތައް ދިވެހިބަހެއް، ބޭނުން ނުކޮށްހުއްޓައި، އޭގެ މައްޗަށް ހިރަފުސް އަރައިގެންގޮސް ގެއްލިގެން އެބަދެއެވެ. އެކަހަލަ ބަސްތައް އަޅުގަނޑުމެން ހޯދަނީ ބީރައްޓެހި ފަރަންޖީ ބަސްތަކުންނެވެ. " ނައިސް" ވެފައި " ކޫލް " ވެފައި މިޒަމާނުގެ ކިތައް މީހުން އެބައުޅޭ ބާވައެވެ؟ މިބަސްތަކަށް ބޭނުންކުރާނެ ދިވެހިބަސްތަކެއް ނެތީއެއްނޫނެވެ. ބަހުގެ މައްޗަށް ކުލުނެއް ނެތްކަމާއި، އަހުލުވެރިވުން ކުޑައީއެވެ. އަޅުގަނޑުމެންނަށް މިޒަމާނުގައި އެތައްކަމެއް " ފަހުމު " ނުވެފައި، " އަންޑަރސްޓޭންޑު " ވަނީ އަކީވެސް މަދެއްކޮށެއް ނޫނެވެ. ކޮންމެއަކަސް އަޅުގަނޑު ފެށި މައުޟޫއަށް އަޅުގަނޑު ރުޖޫޢަ ވާންވީ ވަގުތު ޖެހިއްޖެއެވެ.

އަޅުގަނޑަށް ފާހަގަކުރެވުނު ވާހަކައަކީ މީގެ ސަތޭކަ އަހަރުފަހުން ދިވެހިރާއްޖެ ނުއޮންނާނެ ވާހަކައެވެ. އަދިވެސް ހަނދުމަފުޅު އަރުވަން  އޮތް ހިތާމަވެރި ޚަބަރަކީ މިއީއެވެ. މިހާރުވެސް "ރާއްޖެ"އަކީ ކޮންތަނެއް ކަން ނޭންގޭ އެތައް ދިވެހިންނެއް، އެމީހުންގެ ބަހުން ނަމަ "މޯލްޑިވިއަނުން" ނެއް އެބައުޅެއެވެ. އެހެންވީމާ ދިވެހިރާއްޖެ އޮންނާނެ ހެން ތިޔަބޭފުޅުންނަށް ހީފުޅު ކުރެއްވޭތޯއެވެ. ފުރެއްދެ ބަސްތަކުގެ ތެރެޔަށް ގެނބެމުން ގެނބެމުން ގޮސް އަޅުގަނޑުމެންގެ " ދިވެހިރާއްޖެ " އޮންނާނީ މުޅިން ގެނބިފައެވެ. އޭރުން އޮންނާނީ " މޯލްޑިވުސް " އެވެ. އޭރުން ދިވެހިން ދިވެއްސަކަށް ވީތީ ފަހުރުވެރިއެއް ނުވާނެއެވެ. ފަހުރުވެރި ވާނީ މޯލްޑިވިއަނުންނަށް ވީތީއެވެ. މިހާރުވެސް އަޅުގަނޑުގެ މި ހާސަރުތައް ދިގުވެގެން ނުނިމިގެން އެތައް މޯލްޑިވިއަނުންނެއް ޝަކުވާކުރާނެތާއެވެ. އެކަމަކު ދިވެހިން މި ފިކުރަށް މަރުޙަބާ ކިޔާނެ ކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަމެވެ. އަޅުގަނޑުމެންގެ ބަހަށް އަދަށްވުރެ ފަަހި މާދަމާއެއް ދައްކަވާށިއެވެ.

ނިމުނީ

އިދާރާ

ވާހަކަ