އަދުގެ ޚާއްސަ

Print

ޙަޒީނުގެ މަރަށް ނަޒަރެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަބްދުލްމުޢީދު ޙަސަން


މިޒަމާނުގައި އަލަން އުފެދުނު ޅެމުގެ ތެރެއިން، އެންމެ މަޤުބޫލުކަން ކުޑަކަމަށް ބުނެވެނީ، ނައްޞު ޅެމެވެ. ނަމަވެސް، ނައްޞު ޅެމުން ހިތަށް ކުރާ އަސަރަށް ބަލާއިރު، އޭގެ ޅެންވެރިކަން ދެރައޭ ބުނެވޭނެ ޖާގައެއް ނެތެވެ. ފަންވަތުގައި ޝާއިޢުކުރެވުނު ނައްޞު ޅެމަކާމެދު ކިޔުންތެރިޔަކު، ހުށަހަޅުއްވާފައިވާ ޚިޔާލެއްގައި ވެއެވެ.

"މި ލިޔުމަކީ މިހާތަނަށް ފަންވަތުން ފެނުނުނު އެންމެ މޮޅު، އެންމެ ސާދާ ލިޔުން"

ފަންވަތުގައި ޝާއިޢުކުރެވުނު، އެއްވެސް ލިޔުމަކާމެދު، ކިޔުންތެރިޔަކު މިވަރުގެ ޝުޢޫރެއް ފާޅުކުރެއްވިކަން އަޅުގަނޑަށް އެނގިފައެއް ނެތެވެ.


މި މަޒުމޫނުގައި ބަލައިލާނީ، "ޙަޒީނުގެ މަރު" ގައި ވީ، ނައްޞު ޅެމުގެ ބައެއް ސިފަތަކުގެ މައްޗަށެވެ.



1. ވަޒަން:

ނައްޞު ޅެމުގައި ވަޒަނެއް ނޯވެއެވެ. އެހެންކަމުން، "ޙަޒީނުގެ މަރުގެ" ޝަތުރުތައް ވަނީ އެއް ތައްގަނޑަކަށް ފެތިފައެއް ނޫނެވެ. އަންނަނިވި ޝަތުރުތަކުން އެކަން އެނގެއެވެ.


މީގެ 17 ސިކުންތު ކުރިން، ޙަޒީނު މަރުވެއްޖެ އެވެ.
އޭގެ 17 މިނެޓު ކުރިން، އޭނާގެ ބޮލުން ލޭފައިބަންފެށި އެވެ.
އޭގެ 17 ދުވަސް ކުރިން، އޭނާ ސައިކަލު އެކުސިޑެންޓެއްވި އެވެ.


މަތީގައިވާ ތިން ޝަތުރުގައި ވަޒަނެއް ނެތަސް، އެއްގޮތް ލަފުޒުތަކާއި ތަކުރާރުވާ ލަފުޒުތައް ވާކަން ފާހަގަކުރެވެއެވެ. އެއްގޮތް ލަފުޒުތަކުގެ ތެރޭގައި، މީގެ، އޭގެ، ހިމެނެއެވެ. ތަކުރާރުވާ ލަފުޒުތަކުގެ ތެރޭގައި "ކުރިން" ހިމެނެއެވެ. ނައްޞު ޅެމަށް ވަޒަނުގެ ރޫޙު ގެނެސްދެނީ، މިފަދަ ލަފުޒުތަކެވެ.




2. މާނަ:

ނައްޞު ޅެމުގެ ޝަތުރުތަކުގެ މާނަ ސާފުކޮށް އޮޅުން ފިލާނެއެވެ. އެއާއެކު، އޭގައި ގިނަގުނަ މާނަތައް އެކުލެވިފައި ވާނެއެވެ. އެއިން އިލްހާމުވާ ކަންތައްތައް ގިނަގުނަ ވާނެއެވެ. މިސާލެއްގެ ގޮތުން އަންނަނިވި ޝަތުރުތައް ފުދެއެވެ.


އޭގެ 19 ސިކުންތު ކުރިން ދެމަފިރިން، އަތް އިސްކޮށްގަތެވެ.
އޭގެ 19 މިނިޓު ކުރިން، ދެ މަފިރިން، ޒުވާބު ކުރަންފެށި އެވެ.
އޭގެ 19 ހަފުތާ ކުރިން، އަނބިމީހާގެ ބޭވަފާ ފަޟީޙަތްވި އެވެ.


މަތީގައިވާ ތިން ޝަތުރުގައި ބުނެފައިވާ އެއްޗެއް ސާފުކޮށް އޮޅުން ފިލައެވެ. އެއީ، އަތް އިސްކުރި ކަމާއި، ޒުވާބުކުރި ކަމާއި ބޭވަފާތެރިވިކަން ފަޟީޙަތްވި ކަމެވެ. އަދި މިކަންކަން ހިނގާފައިވާ ވަގުތު ވެސް އެ ޝަތުރުތަކުން އެނގެއެވެ. ނަމަވެސް، މިކަންކަމުން އިލްހާމުވާ ވަރަށް ގިނަ ކަންތައްތައް ވެއެވެ. ... އަނބިމީހާގެ ބޭވަފާތެރިކަން، އެތައް ވާހަކަޔެއް އެބަ ކިޔައިދެއެވެ. ދެމަފިރިން ޒުވާބުކުރަން ފަށާފައި އެވަނީ، ފަޟީޙަތްވިތާ 19 ހަފުތާ ފަހުންނެވެ. އަދި ޒުވާބުކުރަން ފެށިތާ ނަވާރަ މިނިޓު ފަހުން، ދެމަފިރިން އެވަނީ، އަތް އިސްކޮށް މާރާމާރީ ހިންގާފައެވެ. އެހެންވީމާ، އެ ދެމަފިރިންނަކީ، ކޮންކަހަލަ ތަރުބިއްޔަތެއް ލިބިފައިވާ، ދެމީހެއްކަން އެބަ އިލްހާމުވެއެވެ.




3. ސިފަކުރުން:

ސިފަކުރުމުގެ މިސާލެއްގެ ގޮތުން އަންނަނިވި ދެ ޝަތުރު ފާހަގަކުރެވިދާނެއެވެ.


އޭގެ  18 ސިކުންތު ކުރިން، ދެމީހުން ދެ ފިނިފެންމާ ގަސްފަދަ އިން ނަލަ ހެއްދުނެވެ.
އޭގެ 18 މަސްކުރިން، އެދެމީހުންގެ ލަދު ޢިއްފަތުގެ ފަރުދާ އަންދައި އަޅިޔަށް ހަދައިލި އެވެ.


މަތީގައިވާ ދެ ޝަތުރުގެ ތެރެއިން، ފުރަތަމަ ޝަތުރުގައި އެވަނީ، ދެ މީހަކު، ދެ ފިނިފެންމާ ގަސް ފަދައިން ނަލަހެއްދުނު ކަމަށް ސިފަކުރެވިފައެވެ. ދެވަނަ ޝަތުރުގައި އެވަނީ، އަލިފާނުން އެއްޗެއް އަންދާލާ ފަދައިން، ލަދާއި ޢިއްފަތް އަންދާލިކަމަށް ސިފަކޮށްފައެވެ.




4. ވަޖިދުވުން:

އެހެން ޅެންތަކެކޭ އެއްފަދައިން ވަޖިދުވުމުގެ ބައި، ނައްޞު ޅެމުގައި ހިމެނެއެވެ. "ޙަޒީނުގެ މަރު" ގައިވާ، ވަޖިދުކުރުވާ އެއް ޢުންޞުރަކީ، ހާދިސާތައް ތަރުތީބުކޮށްފައިވާ ގޮތެވެ. އަދި ހިނގާފައިވާ ހާދިސާތަކަކީ ވެސް ވަޖިދުކުރުވާ ޢުންޞުރެކެވެ.




5. ނިމުން:

"ޙަޒީނުގެ މަރު" ގެ ޅެން ފޮޅުވަތްތައް ނިމިފައިވަނީ، ނައްޞު ޅެމުގެ ޝަތުރު ނިމޭ ގޮތަށެވެ. މި ބާވަތުގެ ޅެމުގެ ޅެން ފޮޅުވަތް ކަމުގައިވާ، ޝަތުރު ނިމޭނީ، ޖުމްލަތައް ނިމޭ ގޮތަށް، "އެވެ." އިންނެވެ. މިބާވަތުގެ ޅެމުގައި ކާފިޔާއެއް ނެތަސް، މި ނިމުމަކީ، ކާފިޔާއެއްގެ އަޑު ލިއްބައިދޭ ނިމުމެކެވެ. ކުޅަދާނަ ޅެންވެރިޔަކަށް އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފިދާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ