www.fanvai.info

Print

ތައްޖެހުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


ޢަލީ މޫސާ ދީދީ (2003)

އާދަކާދަ ނިޔާކުރަމުން އައިގޮތުން ރާއްޖޭގެ ޤާނޫނީ ޙުކޫމާތެއް ޤާއިމުވުމުގެ ކުރިންނާއި އަދި އޭގެ ފަހުން ދުވަސްތަކެއްގައި ވެސް ރާއްޖޭގައި ހެދޭ ލަކުޑީގެ ތެރޭގައި ހިމެނޭ (ލަކުޑީގެ ގޮތުގައި ލަކުޑިއަށް ހިމެނޭ) ވައްތަރުތައް ހިމެނުނީ ބަންޑާރަ (ސަރުކާރުގެ) ލަކުޑި ކަމުގައެވެ. އަދި އޭގެއިތުރުން އަމިއްލަޔަށް ހެދިފަޔާއި މީސްމީހުން އިންދާހައްދާ ލަކުޑީގެ އިތުރަށް ދިވެހިރުއް، ބަނބުކެޔޮ، އަދި ކަށިކެޔޮ ފަދަ ގަސްރުކުން ބަޔެއް ސަރުކާރަށް ލިބިދެވޭ އުސޫލެއްވެސް ހަމަޖެހިފައިވިއެވެ. މިއުސޫލުން ކޯޑެއްގެ ގޮތުގައި އެ ޒަމާނުގައި ބޭނުންކޮށް ހެދީ " ތައްކަށި " ނުވަތަ " ތައްޖެހުމެވެ. " ނަމަވެސް މި " ހަމަ " ނުވަތަ އާދަކާދަ ނޫނީ ޤަވާޢިދު ނަވާރަސަތޭކަ ތިރީސް އަށްވަނަ އަހަރުން ފެށިގެން ހުއްޓިފައިވެއެވެ.

ތައްޖެހުމަކީ އަށެއްކަ އިންޗިވަރުގެ ދިގު ދަނގަޑު ހޮޅިބުރިޔެއް އެއްކޮޅު ތޫނުކޮށް ތައްޖަހަންވީ ގަހެއްގެ ބުޑުދޮށުން ފެށިގެން (ބިމާއި ގުޅޭ ހިސާބުން ފެށިގެން މައްޗަށް ) ހަތަރުފޫޓުގެ އުސްމިނުގައި ހޮޅިބުރީގެ ތޫނުކޮށްފައިވާ ކޮޅުޖައްސާ އަނެއްކޮޅުގައި މުގުރަކުން ނުވަތަ މަރުތޭލަކުން ޖަހައި ތޮށިގަނޑުގެ ތެރެޔަށް ހޮޅިބުރި ރަނގަޅަށް ވައްދާ ފާހަގަ ވާވަރުކުރުމެވެ.  މި ގޮތުން ތައްކަށި ނުވަތަ ތައްޖަހާ ހޮޅިބުރީގެ މިނަކީ  ފަލަމިން ދެއިންޗިއެވެ. ތައްޖަހާ އުޅުނީ އެރަށެއްގެ ނުވަތަ އެހިންނައެއްގެ ( ނޫންނަމަ ތައްޖެހުމަށް ހަމަޖެހިފައިވާ ސަރަޙައްދެއްގައިވާ )ގަސްތައް ވަކި ހަމަޔަކުން ބަހައި ބައިކުރެވިގެންނެވެ. ތައްޖަހާ އުސޫލަކީ :-

އެއްތައް:

ގަހެއް ރުކެއްގައި ޖަހާފައިވަނީ އެންމެތަކެއް ނަމަ އެގެ މާނައަކީ އެއެއްޗަކީ އެއިންދާ ހެއްދިމީހާގެ އަމިއްލަ މިލްކު އެއްޗެއް ކަމެވެ.

ދެތައް:

ދެތައް ޖަހާފައިވާނަމަ އެރަށެއްގެ ރައްޔިތުންނަށް ޙައްޤު އެއްޗެއް ކަމެވެ.

ތިންތައް:

ތިންތައް ޖަހާފައި ވަނީނަމަ އެއީ ބަންޑާރަ (ސަރުކާރުގެ ) މިލްކު މުދަލެވެ.

ހަތަރުތައް:

މި ޢަދަދަށް ތައްޖަހާފައިވާނަމަ އެ ގަހެއް ނުވަތަ ރުކެއްގައި ގަންނަ، އަޅާ، ތަކެތީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ބަންޑާރައެވެ. އަނެއްބަޔަކީ އިންދާ ހެއްދި މީހެއްގެ ނުވަތަ އެ ރަށެއް، ހިންނައެއް، ނުވަތަ ގޮއިފާލަބައްޔެއް ލިޔުއްވައިގެން އުޅޭ މީހެއްގެ ބަޔެވެ. މިފަދަ ގަސްރުކަށް "ދެބައި" މިހެން ކިޔައި އުޅެއެވެ.

ފަސްތައް:

ގަހެއް ރުކެއްގައި ފަސްތައް ޖަހާފައިވަނީނަމަ އެއީ ތައްކަށްޓަށް ހަމަޖެހިފައިވާ އެއްޗެކެވެ. ތިންތައް ޖެހުމެކޭ ފަސްތައް ޖެހުމެކޭ މިއީ އެއް އުޞޫލެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ތައްޖަހަމުން ދާއިރު " ތައްކަށްޓަށް " މިނަމުގައި ހޮވޭ ރުއްގަހުގައި ޖަހާނީ ފަސްތަކެވެ. ކުރީޒަމާނުގައި އެކިއެކި ނަދުރު ބުނެގެންނާއި އަދި އެ ނޫންވެސް ގޮތްގޮތުން މީހުން މިސްކިތް މިސްކިތަށް ދީހަދާ ރުއްގަހުގައި ފަސްތައްޖަހައެވެ. މިފަދަ ރުއްގަހަށް މިސްކިތު ރުއް ކިޔައެވެ. އާދައިގެ ގޮތުގައި ނަދުރު ބުނެގެންނާއި ޞަދަޤާތުގެ ގޮތުގައި މީހުން ދީހަދަނީ ރުއްކަމަށްވާތީ މި ގޮތުން ނަންދެވިފައިވަނީ ކަމަށް ހީވެއެވެ. ތައްޖަހާނީ ދިވެހިރުއް، ކަށިކެޔޮ (މާކަށިކެޔޮ ) އަދި ބަނބުކެޔޮ ގަހުގައެވެ.  

ޤާނުނީ ޙުކޫމަތެއް ރާއްޖެގައި ޤާއިމުވީތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއިރު ރާއްޖޭގައި ހުރި ފުރަބަންޑާރަ ލަކުޑީގެ ތެރެއިން ބައެއްލަކުޑި ރައްޔިތުންނަށް ދޫކުރައްވާ އަދި ބަޔެއް ލަކުޑި ބަންޑާރަ ލަކުޑިގެ ގޮތުގައި ހަމަޖެއްސެވުމާމެދު ޤާނޫނޫ ހަދާ މަޖިލީހުގައި ބަޙުސްކުރެއްވުމަށްފަހު ލަކުޑިޔާއި ބެހޭގޮތުން ޤާނޫނެއް ހައްދަވައި އެއިރު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ތަޞްދީޤުކުރައްވައި 29 ޛުލްޙިއްޖާ 2351 ހ. ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ހިންގަވަން ފެއްޓެވި ޤާނޫނުގެ ދަށުން ރާއްޖޭގައި ރުއްވަކަރާއި ގަސްވަކަރުގެ ބޭނުން ކުރަމުން މި އަންނަނީ ޤާނޫނެއްގެ ދަށުންނެވެ.

މިދެންނެވީ ޤާނޫނުގައި "ފުރަބަންޑާރަ ފަޅުރަށްރަށުގައި ހުރި ފަނަރަ ބާވަތުގެ ފުރަބަންޑާރަ ލަކުޑިޔަކީ ބަންޑާރަ ލަކުޑިޔެވެ. އެއީ:-

ކައުނި (ކާނީ)

ފުނަ

ހިރުދު (ހިރުނދު)

ދަބު (ދަނބު)

ކަޑޫ (ކަނޑޫ)

ކިބި (ކިނބި)

ބުރެވި

މަދޮށި

ހެލެބެލި (ހެލެބެނލި)

ތަކަފަތި

މޫނިމާ

ހިތި

ބޮޑަވަކި

ނިކައަޅޯ

ކުރެދި

މި ފަނަރަ ބާވަތުގެ ލަކުޑި، ޅިސްކުރެއްޖާއި، އިލިކުރެއްޖާއި، ދެކޮޅު ދެމައްޔަލާއި، ކުނބުވައްގަނޑު، ފިޔަވައި ގަންނާން މެނުވީ ދައުލަތުގެ ފަރާތުން ނުލިބޭނެއެވެ. "

މި ޤާނޫނު ހިމެނިގެންވަނީ 16 މާއްދާއެއް (ނުވަތަ ސޯޅަ ނަންބަރެއްގެ ) މައްޗަށެވެ. އެއިގެ ތެރޭ މީހުން އުޅޭ ފުރަބަންޑާރަ ރަށްރަށާއި، މިސްކިތް މިސްކިތަށް ދެއްވައިފައިވާ ފުރަބަންޑާރަ ފަޅު ރަށްރަށާއި، މީހުން އުޅޭ ރަށްރަށާއި، މުސާރައިގެ ގޮތުން ދެއްވާފައި ހުންނަ ފަޅު ރަށްރަށާއި، އަދި ވަޤުފު ރަށްރަށާއި، ބަންޑާރަ ގޯތި ގޯއްޗާއި، ވަޤުފު ގޯތި ގޯއްޗާއި އަމިއްލަ ގޯތިގޯތީގައިވާ ލަކުޑިޔާއި (ރުއްގަހާއި) ބެހޭ މާއްދާތައް ހިމެނެއެވެ. ކަށިކޭލާއި މެދުކޭލުގައި ތައްނުޖެހުމަށާއި މިދެބާވަތަކީ އިންދާ ހައްދާ މީހެއްގެ މިލްކެއް ކަމަށާއި، މީހުން އުޅޭ ރަށްރަށުގައި އަމިއްލަޔަށް ހެދިފައިވާނަމަ އެރަށެއްގެ ރައްޔިތުންނަށް ކަމަށާއި، ފަޅު ރަށެއްގައި ހުރިނަމަ އެރަށަކަށް އަރާ މީހަކަށް ކަމަށްވެސް ވެއެވެ. އަދި ލަކުޑި ދޫކުރެވޭނެ ހަމަތަކަކާއި އަދި އުޞޫލުތަކެއްވެސް ހިމެނެއެވެ. އަދި މިނޫނަސް ރުއްގަހާއި ބެހޭ އިތުރު ޤާނޫނު ހެދި ފާސްވެ ތަޞްދީޤު ކުރެވި އަމަލުކުރަމުން ގޮސްފައިވެއެވެ.

ނިމުނީ


ޢަލީ މޫސާ ދީދީ (2003). ފަތްތޫރަ (288). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު،މާލެ.



www.fanvai.info