ބަލަ އަނެއްކާ ވެސް މާވަޑިބެޔަށް ގުޅާށޭ ޖެހޭނީ
އަޙްމަދު ސަމީޢު ށ.މިލަންދޫ
މި ދަންނަވާލަދެނީ އަޅުގަނޑަށް ދިމާވި ހަޤީޤީ ހާދިސާއެކެވެ. އޭރު އަޅުގަނޑު އުޅުނީ ލަކުޑި ވިއްކާ ފިހާރައެއްގެ ސޭޓަކަށެވެ. މިހެން އުޅެނިކޮން އެއްދުވަހަކު ދެތިން މީހަކު އަތުވެއްޖެއެވެ. އެމީހުން އައީ ދޯންޏެއް ބަންނަންވެގެން އެކަމަށް ބޭނުއްވާ ލަކުޑި ހޯދުމަށެވެ. އެކަމަށްޓަކައި އެމީހުންވަނީ ބޭނުންވާނެ ލަކުޑީގެ ލިސްޓެއް ވެސް އެކުލަވައިލައިފައެވެ.
އަޅުގަނޑު އެމީހުން ގެނައި ލިސްޓުގައިވާ ލަކުޑީގެ ހިސާބުހަދައި ބެލިއިރު އެލަކުޑިއަށް ލައްކައިން ގުނާލެވޭ އަދަދެއް އަރައެވެ. އެމީހުންވެސް މި ހައި ބޮޑުވިޔަފާރިއެއްވީމައި ޑިސްކައުންޓު ލިބޭނީ ކިހާވަރެއްތޯއާއި އަދި ބޭރުން އޯޑަރު ކޮށްގެން ގެނެސްފިނަމަ ޖެހޭނީ ކޮންއަގެއްތޯއާ މި ކަހަލަ ސުވާލުތަކެއް ކޮށްފިޔެވެ. އެހިސާބުން އަޅުގަނޑުވެސް ޖެހުނީ ފިހާރައިގެ ވެރިޔާއަށް ގުޅާށެވެ.
ފިހާރައިގެ ވެރިޔާއަށް ގުޅާފައި މި ވާހަކަ ދެންނެވުމުން މިވަގުތު އިންނެވީ ހެޑް އޮފީހުގައި ކަމުގައާއި އެމީހުން ބޭނުންވެގެން އެއުޅޭ ލަކުޑީގެ ލިސްޓު ފެކުސް ކޮށްދިނުމަށް ވެރިޔާ ވިދާޅުވެއްޖެވެ. އެހެންވީމައި އަޅުގަނޑު އެލިސްޓު ފެކުސް ކުރުމަށްޓަކައި މެސެނަށް ލެއްވުމާއެކު އެމީހުންގެ ތެރެއިން މީހަކު އެމީހުންގެ ވެރިއަކަށް އައިސްހުރި މީހާގާތު ކޮންމެވެސް އެއްޗެކޭ ބުނެފިއެވެ. ހަމަބުނުމާއެކު އެމީހާބުނެފިއެވެ . އެއީތެދެކޭ އިހަށް ތިފޮނުވައިނުލައި ދޭށެވެ. އެ މީހާ އެހެންބުނުމުން އަޅުގަނޑު ފެކުސް ކުރުމަށްޓަކައި މެސިނަށް ލެއްވި ގަނޑު ނަގާ އެމީހުންގެ އަތަށް ދީފީމެވެ. ގަނޑުނަގައި ދިނުމުން އަދި އިތުރު ހުސްގަނޑެއް ދިނުމަށް އެދުނެވެ.
ކުޑަވަގުތުކޮޅެއްފަހުން ވެރިޔާ ފޯނުކުރައްވައިފިއެވެ. އަދި ފެކުސް ކޮށްފިންތޯ އައްސަވައިއެވެ. އަޅުގަނޑު ފެކުސް ކުރަން އުޅުމުން ކަންވީގޮތާއި އަދި އެމީހުން އެއަށް އިތުކުރަން އުޅޭކަމަށް ލަފާކުރެވޭވާހަކަ ދެންނެވީމެވެ. ލަސްވަނީ އެހެންވީމައި ކަމަށްވެސް ދަންނަވައިފީމެވެ. ވެރިޔާވެސް ވީއެންމެއަވަހަކަށް ފޮނުވައިދިނުމަށާއި ދޮޅުގަޑިއެއްހައި އިރު ފަހުން މީޓީންނަކަށް ދާންޖެހިފައި އޮތްވާހަކަ ވިދާޅުވެ ފޯނުބާއްވަވައިފިއެވެ.
އަޅުގަނޑު މިދެއްކި ވާހަކަ އަޑުއަހައިފައި އެތަނުން މީހަކު ބުނެފިއެވެ. އެއްޗެއް އިތުރު ކުރަނީއަކީނޫނެވެ. މި ފޮނުވާލާއިރު މީގެ ކޮފީއެއް އަހަރުމެން އަތުގައި ނެތިއްޔާ ވަރަށް އުނދަގޫވާނެ ނޫންހޭ؟ އެހެން ވީމާ މީގައި ހުރި އެއްޗެހިތައް ނޯޓު ކޮށްލަނީއެވެ. އަޅުގަނޑު ބުނެފީމެވެ. އަޅުގަނޑު ފޮނުވާލާނީ މި އެއްނޫނެވެ. މީގެ ކޮޕީއެކެވެ. އެމީހުން އެހެންވިއްޔާ ރަނގަޅޭ ކިޔާފައި ދީފިއެވެ. އަޅުގަނޑު އަނެއްކާ އެލިސްޓް ގެންގޮސް ފެކުސްމެސެނަށް ލައްވާ ނަންބަރު ވެސް ނުޖެހިގެން އުޅެނިކޮށް އެތަނުން މީހަކު ކުޑަކޮށް ރުޅިއައިސްފައި ބުނެފިއެވެ. ''އަދި ކޮޕީއެއްވެސް ނުނަގަމެންނުން! ބުނީމެއްނުން ކޮޕީއެކޭ ފޮނުވައިލާނީ ! ކޮޕީއެއްނުނަގައި ތިފޮނުވައިލީމާ އަހަރުމެންނަށް ޖެހޭނީ އަނެއްކައި މާވަޑިމީހާއަށް ގުޅާށެއްނުން!