ސުންނަތަކީ ކޮބާ؟
ޔާސީން ނަސީމު އަބޫބަކުރު/ މުގޫ ލ.މާވަށް
ސުންނަތޭ ބުނުމުން، އަޅުގަނޑުމެންނަށް އެބަލައިގަންނަން އެނގޭނީ ސުންނަތަކީ ކޮބައިގަން އެނގިގެންނެވެ. ސުންނަތަކީ ކޮބައިތޯ ބަލާލަމާހެއްޔެވެ؟
ޢަރަބި ބަހުގައި ސުންނަތް
ބަހުގެ ގޮތުން ސުންނަތުގެ މާނައަކީ (ކަންހިނގާ) ގޮތް ނުވަތަ ސިޔަރަތެވެ. ( ރަނގަޅު ނުވަތަ ނުރަނގަޅު ވިޔަސްމެއެވެ.) ކީރިތި ޤުރުއާނުގައި މިމާނައިގައި "ސުންނަތް" ވާރިދުވެފައި ވެއެވެ.
" سُنَّةَ مَنْ قَدْ أَرْسَلْنَا قَبْلَكَ مِنْ رُسُلِنَا وَلا تَجِدُ لِسُنَّتِنَا تَحْوِيلا " (ސޫރަތުލް އިސްރާއު17/ 77)
މާނަ "(އެއީ) ތިމަން ރަސްކަލާނގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަން ރަސްކަލާނގެ ރަސޫލުންނާމެދު، ކަންތައް ހިންގެވި ގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ." ( ދިވެހިތަރުޖަމާ 2007)
އެހެން އާޔަތެއްގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. "سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلا " (ސޫރަތުލް ފަތުޙް48/ 23)
މާނަ " (އެއީ) މީގެކުރިންވެސް ﷲ އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި ﷲ ކަންހިންގަވާ ގޮތަށް ބަދަލެއް އަންނާތީކަލޭގެފާނަށް ފެނިވަޑައެއް ނުގަންނަވާނެއެވެ." (ދިވެހިތަރުޖަމާ 2007)
ސުންނަތޭ ބުނުމުން ތަފާތު ޢިލްމު ތަކުގައި އޭގެ މާނަ ތަފާތުވެގެން ދާނެއެވެ. މިގޮތުން ބަލާލާއިރު؛
ފިޤުހު ޢިލްމުވެރިންގެ އަރިހުގައިގައި ސުންނަތް:
އެއީ ކީރިތިރަސޫލާ(ޞ) ގެ އަރިހުން ވާރިދުވެފައިވާ ވާޖިބުނޫން ކަންކަމެވެ. ނުވަތަ އެކަލޭގެފާނުގެ އަރިއަހުން ޞައްޙަ އަދި ޞަރީހަކޮށް ސާބިތުވެފައިވާކަންކަމުގެ ތެރެއިން އެކަމެއް ކުރުމުން ޘަވާބު، ލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޢަޒާބު ނުލިބޭ ކަންކަމެވެ.
އުޞޫލުލް ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް:
އެއީ ޤުރުއާން ފިޔަވައި، ކީރިތި ރަސޫލާ(ޞ) ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއްހިނގިއިރު، ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމެވެ. އަދި ބައެއް ދަންނަބޭކަލުންގެ ނަޒަރުގައި އެކަލޭގެފާނުގެ ޚުލުޤީ (އަޚުލާޤީ) ސިފަފުޅުތައްވެސް ހިމެނިގެން ވެއެވެ.
ޙަދީޘު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް:
އެއީ ކީރިތި ރަސޫލާ(ޞ)ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއް ހިނގިއިރު ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމާއި (އިޤުރާރު) އެކަލޭގެފާނުގެ ޚުލުޤީ ސިފަފުޅުތަކާއި ( އޯގާތެރިކަމާއި ތެދުވެރިކަން ފަދަ ސިފަފުޅުތައް ) އެކަލޭގަފާނުގެ ޚަލްޤީ ސިފަފުޅުތަކެވެ.އެއީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން އަދި ފަހުންވިޔަސްމެއެވެ.
ސުންނަތުގެ ޙުއްޖިއްޔަތު
ކީރިތި ރަސޫލާ (ޞ) ގެ ސުންނަތަކީ ޝަރީޢަތުގެ ބައެއް ކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެއެވެ. ކީރިތި ރަސޫލާ (ޞ) ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން ދެވަނަ މަސްދަރެވެ.
ކީރިތި ޤުރުއާނުން މިކަމުގެ ހެކި ލިބެއެވެ.
]އަލްޙަޝްރު59 /7[ މާނަ "...އަދި ރަސޫލާ ތިޔަބައިމީހުނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން، ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ." (ދިވެހިތަރުޖަމާ 2007)
" ]އައްނިސާއު4/ 59[ މާނަ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަން ވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲއަށާއި، ރަސޫލާއަށް އެކަމެއް ހުށައަޅާށެވެ! (އެބަހީ: އެކަމާމެދު ﷲއާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުން، ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (ދިވެހިތަރުޖަމާ 2007)
އިސްވެ ދިޔަދެއާޔަތުން ދަލީލުކޮށްދޭ ގޮތުގައި ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އަޅުގަނޑުމެން އެއަށް ތަބާވާންޖެހޭ އަދި އެއަށް ޢަމަލުކުރަންޖެހޭ އިސްލާމީ ޝަރީޢަތުގެ އެއްބައެވެ.