އަދުގެ ޚާއްސަ

Print

ޝާޢިރު ކިޔާ ތަރާނާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަބްދުލްމުޢީދު ޙަސަން


ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޯލޮޖީގައި، އާކިޓެކްޗަރ ކޯހުގެ ހަތަރުވަނަ ބުރު ފުރިހަމަކުރި، ހަންހާރަވެތި ދަރިވަރުންނޭވެ!


2 ޖުލައި 2009 މ. ގައި ތިޔަ ކުދިން އިފުތިތާޙުކުރި އާކިޓެކްޗަރގެ މަޢުރަޒަކީ، ނިކަން ހައިބަތު ހުރި ހާދިސާއެކެވެ. މި ހާދިސާއަށް، ނޭވާލުމުގެ ފުރުޞަތު ލިބިއްޖެނަމަ، ދިވެހިރާއްޖޭގެ ބިނާވެށީގެ މަފުހޫމުތަކަށް ވަރުގަދަ އިންގިލާބެއް އަންނާނެކަން ކަށަވަރެވެ. ތިޔަ ކުދިން، ތިޔަ ނެގި އިސްނެގުމާއި، ތިޔަ ދެއްކި ފިސާރި ކެރޭކަމާއި ކުޅަދާނަކަމަށް، އެއްވެސް ހިފެހެއްޓުމެއްނެތި ސާބަހާއި އައްސަރި ބަސް ރައްދުކުރަމެވެ. އަދި ތިޔަ ކުދިންގެ މުޅި ޙަޔާތް، ތިޔަ ހިތްވަރާއި، ތިޔަ ޢަޒުމުގެ މަތީގައި ވޭތުކުރުމަށް އިލްތިމާސްކުރަމެވެ. "ކާމިޔާބަކީ، މަސައްކަތްތެރިންގެ ޙައްޤެކެވެ."


މި މުނާސަބަތުގައި، އިންޑިޔާގެ ޙިކުމަތްތެރި ފިލޯސަފަރު އަދި ކުޅަދާނަ ޝާޢިރު، ރަބިންދުރަނާތު ޓޭގޯރު ހައްދަވާފައިވާ "ޝާޢިރު ކިޔާ ތަރާނާ" ގެ ތަރުޖަމާއެއް ތިޔަ ކުދިންނަށް ހަދިޔާކުރަމެވެ. ޙިކުމަތްތެރި ފިލޯސަފަރުގެ މި އަގުހުރި ކަލިމަތަކަކީ، ތިޔަކުދިންގެ މުޅި ޙަޔާތަށް ފައިދާކުރަނިވި އެއްޗެއް ކަމުގައި ވާނެކަމަށް އުންމީދުކުރަމެވެ.



ޝާޢިރު ކިޔާ ތަރާނާ

ރަބިންދުރަނާތު ޓޭގޯރު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1.

ލަޙުނެއް ކުޅެން ފެށީމޭ، އަހުރެން ގިޓާގެ ނަރުގައި،
                        ގަސްތުގަ އެކަން ކުޅައިމޭ، ނަމަވެސް ވި ސިއްރު އޭގައި.
2.
ކިހިނެއް މަށަށް އެނގޭނީ، ތިޔަ ހިތް އަދައި އެ ދާނޭ،
                        އައްސޭރިތައް ހުރަސްކޮށް، ވައިރޯޅިޔާ އެކީގައި.
3.
ގާތަށް ތިބާ އައީމާ، އަހުރެން ކިޔާ ތަރާނާ،
                        ނެށުމަށް ނިކަން ފަށާނޭ، ހިނގުމުގެ އަޑާ އެކީގައި.
4.
އެކުވެރިކަމުން ހިތަށް ދޭ، ހަންހާރަވެތި އުފާ، ދޭ،
                        ކަންކޮޅުތަކަށް މި ޢާލަމް، މަތިވެރި ކަމާއެކީގައި.
5.
ދަހުރުން ދުވަސް ހިނގާނޭ، ގުލްޒާރުގައި ދަރީންނޭ!
                        މާތައް އައިސް ފޮޅޭނޭ، މޫސުމްތަކާ އެކީގައި.
6.
ބަސްތައް ނިކަން ލަޠީފީ، ޝާޢިރު ކިޔާ ތަރާނާ،
                        ޤުރުބާން ޤަބޫލުކޮށްލަން، އަތް ދިއްކުރީ މިތާނގައި.
7.
ފެންނަން މިވާ ތަކެއްޗެއް، ކައުނުގެ ތެރޭ ފަޒާގައި،
                        ފެންނަން ނުވާ ތަކެއްޗާ، ކުޅެޔޭ އެކީގަ ފީކޮއި!!!



ބައެއް ލަފުޒުގެ މާނަ:


ލަޙުނު: ރާގު.
ތަރާނާ: ލަވަ.
ހަންހާރަވެތި: ލޯބިވެތި.
ދަހުރު: ޒަމާން.
ފީކޮއި: އެއްބަޔަކު ފިލީމާ އަނެއްބަޔަކު ހޯދާގޮތަށް ކުޅޭ ކުޅިވަރެއް.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ