އަދުގެ ޚާއްސަ

Print

އޭ މޭޖަރ ފިލިޕްސް އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


     ހަނދާނާއި ތާރީޚްގެ ތެރެއިން:

    މިއީ މީގެ ފަންސާސް އަހަރުކުރިން ރާއްޖޭގައި ނިކުންނަމުން ދިޔަ ނޫހެއް ކަމުގައިވާ ވިޔަފާރި މިއަދުން ނަގާފައިވާ ލިޔުމެކެވެ.



ފޮނުވީ: މުހަންމަދު ޢަބްދުއްޞަމަދު

ކަލެއަކީ މީގެ ދެތިން އަހަރެއްގެ ކުރިން ، ދޫނި ސޫފާ ސޫފި ތަޖުރިބާ ކުރުމުގެ ނަމުގައި ، ދިވެހި ރާއްޖެއަށް ޒިޔާރަތްކުޅަ މީހަކީމު ނޫން ހެއްޔެވެ. އާއެކެވެ. ފައްކާ އިނގިރޭސި އަކީމު އެވެ.  އެ ދުވަހު ކަލޭގެ މައްޗަށް ދިވެހިންގެ ހިތްތަކުގައި އިސްތިޙްސާނާއި ހަމްދަރުދީގެ ޝުޢޫރުތައް، އުފެދިފައިވީ ކަން ކަށަވަރެވެ. ނަމަވެސް، އެންމެ ފަހުން މި ދިޔަ އެޕްރީލް މަހުގެތެރޭގައި ، ކަލޭ ދިވެހި ފަސްގަނޑުން ވަކިވެގެން ދިޔައީ، ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި  ކަލޭގެ މައްޗަށް ރުޅިވެރިކަމާ ނަފްރަތުގެ ޝުޢޫރުތައް އުފައްދައިފަ އެވެ.  ދިވެހި ރާއްޖެ ދެމިއޮތްހާ ދުވަހަކު ކަލޭގެ މައްޗަށް އެބައި މީހުންގެ ހިތްތަކެއް ހެވެއް ނުވާނެ އެވެ.

އޭ މޭޖަރ ފިލިޕްސް އެވެ. މި އަހަރުގެ ޖެނުއަރީ ފުރަތަމަ ތާރީޚުން ފެށިގެން ދެކުނުގެ ތިން އަތޮޅުގައި އުފެދިގެން އުޅޭ ބަޣާވާތްތެރިކަކުގެ ޙަޤީޤީ މުސްތަޝާރަކީ ކަލޭ ނޫން ހެއްޔެވެ. ޖެނުއަރި 2 ވަނަ ދުވަހު އައްޑު އަތޮޅު ގަމުގައި ހުންނަ އިނގިރޭސި ދައުލަތުގެލިއެސަން އޮފިސަރުގެ އޮފީހުގައި ދިވެހި ގައުމުގައި ދުވަހަކުވެސް އުފެދުނު އެންމެ ބޮޑު ބަޣާވާތްތެރިޔާ އަށް، ދިވެހި ފަސްގަނޑުގެ ތެރެއިން  އަލުން ޤައުމެއް އުފެއްދުން ރަގަޅުގަމުގައި އިރުޝާދުދިނީވެސް ހަމަކަލެއެވެ.

އެދުވަހު ކަލޭދެއްކި ވާހަކަތައް އަދިވެސް އަހަރެންގެ ކަންފަތަށް އިވޭ ކަހަލަ އެވެ!. ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާއި ދެމެދުގައި ކުރެވިފައިވާ ވަޢުދު ހަނދާން ކުރުމާވެސް އެކު ކަލޭ ބުނީ ކީކޭ ކަމަށް ހެއްޔެވެ؟"..... އަހަރެމެންވަނީ ، ދިވެހި ރާއްޖޭގެ ދާޚިލިއްޔަތާއި ނުބެހުމަށް ވަޢުދުވެ ފައެވެ.  އެކަމުގެ ސަބަބުން ރާއްޖޭގެ ދާޚިލިއްޔަތުގެ ތެރެއަކަށް އިނގިރޭސި ދައުލަތަކަށް ނުދެވޭނެ އެވެ. ނަމަވެސް އަހަރެމެން މިތިބީ ވަރަށްވެސް ހިމަހިމަ ލޯވަޅަކުން އެދެމެދަށް ވަދެވޭނެގޮތް ހޯއްދައިގެންނެވެ. އެލޯވަޅުން ވަދެގެން އެއްފަރާތުން އަނެއް ފަރާތަށް ދިއުމަށްޓަކައި އުނަގަނޑާހަމަޔަށް ތެމެން ޖެހެޔޭ " ބުނި ހަނދާން ކަލޭ އެބަހުރި ހެއްޔެވެ؟


އައްޑު އަތޮޅުގެ ފަސްހާސް ރައްޔިތުން ސަރުކާރެއް އުފައްދަން މަދުކަމަށާއި ފޯއްމުލަކާއި ހުވަދު އަތޮޅުގެ ރައްޔިތުން ވެސް އެބަޔަށް އަނބުރާލުމަށް ޢަބުދުﷲ ޢަފީފަށް ވިސްނައި ދިނީވެސް ހަމަކަލެއެވެ. "މިކަންކަމުގައި" ތިމަންމެންނަށް " ވެވެން އޮތް ކޮންމެ އެހީއެއް ވެދޭނޭ: ކަމުގެ ޔަގީންކަން އަފީފަށް ދިނީވެސް ހަމަ ކަލޭނޫން ހެއްޔެވެ؟ އާއެކެވެ. އައްޑުއަތޮޅު ކަމުގައި އިނގިރޭސި ދައުލަތުގެ ފަރާތުން ހަދަމުން ގެންދާ މަތިންދާ ބޯޓް ތިރިކުރާތަން ހެދުމުގެ މަސައްކަތް ފަހި ކުރުމަށްޓަކައި ދިވެހި ދައުލަތުގެ ލިއެސަން އޮފީސް ތަޅާލާ އަތޮޅުގެ އަންދާލުމުގެ ހުރިހާ ވިސްނުންތަކެއް ފުރޭނިގެން އައި ފުރަތަމަ ސިކުނިޑީއަކީ ހަމަކަލޭގެ ސިކުނޑި ނޫން ހެއްޔެވެ؟

އާއެކެވެ. ޒަމާންތަކެއް ފާއިތުވެ ދިއުމަކުން ކަލޭ ތިޔަކުރި ކަންތައްތަކަކީ ދިވެހި ތާރީޚުން ފިލައިގެންދާނޭ ކަންތައްތަކެއް ނޫނެވެ. އޭ މޭޖަރ ފިލިޕްސް އެވެ. ދިވެހި ދައުލަތުގެ އެއްވެސް ހުއްދައެއްނެތި ، އައްޑު އަތޮޅު ގަމުން، ރުއްތަކާއި ގަސްތައް ކަނޑައި ގެތައް ބަދަލުކުރަމުން ފެންދިޔައިރު، އެކަންތައްތައް ކުރަމުން ތިޔަގެންދަނީ ކޮންފަރާތެއްގެ އަމުރަކަށްތޯ ކަލޭ ކުރެން ސުވާލު ވެވުނު ހިނދު އަހުރެން ހިތުން ކަލޭ ދިން ޖަވާބު އަދިވެސް ކަލޭ ހަނދާން ހުންނާނެ އެވެ.

އާނއެކެވެ. މިހާރު މި ވީގޮތުން " އަމުރު ހޯދާނޭ ފަރާތެއް ދެން ނެތީ ނޫން ހޭ" ކަލޭ ބުނިއިރު އައްޑު އަތޮޅު ގަމަކީ ދިވެހި ރާއްޖޭގެ ފަސްގަނޑުގައި، އޮތް ރަށެއްކަމާއި ރާއްޖޭގައި ޤާއިމު ވެގެންވާ ސަރުކާރެއް އޮތްކަން ކަލޭ ހަދާން ނެތުމަކީ ހިތާމަހުރި ކަމެކެވެ! ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވްއޮފީހުގައި އެދި ވަޑައިގަންނަވައިގެން ، ޔޫ،ކޭ ހައި ކޮމިޝަނަރގެ އޮފީހުން ލަފާދެއްވުމާއެކު، އައްޑު އަތޮޅު ގަމުގައި ތިބި  ދިވެހި ދައުލަތުގެ ލިއެސަން އޮފީހުގެ އިސްޓާފުން ކޮޅުނބަށް ގެނެސް ދިނުމަށް  އެންގެވި މެސެޖްގެ ތިރީފޮޅުވަތްތަކުގައި ކަލޭގެ އަމިއްލަ އަތުން ލިޔުނު އިބާރާތްތައްވެސް އަހަރުމެން ލޮލުން ދުށީމު އެވެ. އެ ފޮޅުވަތްތަކުގެ ފަހަތުން "އަދި ބުއްދިވެރި ގޮތަކީ ލަސްކޮށްލުމޭ" އޮތް އިރު އެ ވަގުތު ލިއެސަން އޮފީހުގެ މުވައްޒަފުން ތިބީ ހާލު އެންމެ ބޮޑަށް ދަންނާނޭ ހަމަ ކަލޭ ނޫން ހެއްޔެވެ؟ ........ . ވީ އިރު " އިންސާނިއްޔަތުކަން ނެތީ " ކޮންފަރާތެއްގައިތޯ ކަލޭގެ ސިކުނޑީގެ ތަރާދުން އަމިއްލައަށް ކިރާލަނިކޮށް ވަޒަން ކުރެވޭނޭކަމަށް އަހުރެން ހީކުރަމެވެ.

ދިވެހި ދައުލަތުގެ ފަރާތުން ރާއްވަވާ ފައިވާ ގޮތުގެ މަތިން ސ. އަތޮޅު ގަމުގެ މީހުން އަތޮޅު ގަމަށް ބަދަލުކުރެއްވުމުގެ ބަދަލުގައި ސ އަތޮޅު ވިލިގިއްޔަށް އެބައި މީހުން ބަދަލުކުރައްވަން ސަރުކާރުން ގަސްތުކުރައްވާނަމަ، އެކަމުގެ ސަބަބުން ގަމުގެ ރައްޔިތުންނަށް ކިހާ ފައިދާ ވީސްހޭ ކިޔައިގެން ކަލެއާއި ޢަފީފާއި ދެމީހުން ޚިޔާލު ފާޅުކުރިއިރު އެކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ހިތްތަކަށް ކުރާނޭ ވިހަ އަސަރުތައް ކަލޭ ހަނދާން ނެތިކޮށްލިކަމީ ވެސް، މަލާމާތް ރައްދުވާވަރުގެ ކަމެކެވެ! އޭ މޭޖަރ ފިލިޕްސް އެވެ! ފެނިހުރިގޮތުން މިހުރިހާކަމެއް އިނގިލި ދިއްކުރަނީ ހަމަ އެންމެ ދިމާއަކަށެވެ. ކަލެއަކީ ދެކުނުގެ 3 އަތޮޅުގައި ފެތުރިގެން އުޅޭ ބަޣާވާތްތެރިކަމުގެ ޙަޤީޤީ މުސްތަޝާރުކަމެވެ. ފަހެ އެހެން ނޫން ހެއްޔެވެ؟ ނޫން ނަމަ ގަމު މީހުން ، ގަމު ކަތީބު ދޮންރަހާގެ ގެވައްޓާލަން އުޅޭކަމުގެ ނިޝާންތަކެއް ކަލެއަށް ލިބިގެން ރޭގަނޑެއްގެ މެންދަމު އެލް ސީ އެމް އަކަށް އަރައިގެން ހިތަދޫ އަކަށް ދާކަށް ނުޖެހުނީހެވެ. އެންމެ ފަހުން އެރޭވެސް ޢަފީފު ގޮވައިގެން ކަލޭގަމަށް ގޮސް އާރު، އޭ . އެފް ގެ ފުލުހުން އިންތިޒާމެއްގެ މަތިން ރުކުރުވިގެން ތިބީ ވެސް ހަމަ ކަލޭގެ މަސައްކަތުން ނޫން ހެއްޔެވެ؟


އޭ މެޖަރ އެވެ! އެވަގުތު ކަލޭ ހަނދާން ނެތުނީ ހަމަ އެންމެ އެއްޗެކެވެ. ކަލޭގެ ހުރިހާ ހަރަކާތެއްގެ މައްޗަށް އަބަދުވެސް ވިސްނާ ހުޝިޔާރު ކަންމަތީގައި ބަޔަކު މީހުން ތިބިކަމެވެ.

އާނއެކެވެ! ތިމާގެ ސިކުނޑިއަށް ފެންނަގޮތަކީ، އެންމެ މޮޅު ގޮތް ކަމުގައި ހީކުރާ މީހުންނަކީވެސް ، ކަލާނގެ ކުޅަދުންވަންތަ ވެރިކަމުން މި ދުނިޔެމަތީގައި ލެއްވި ބައެކެވެ. އެ ފަދަ މީހުންގެ ތެރޭގައި ، ހިމެނޭ އެކަކީ 20 ވަނަ ގަރުނުގެ ތެރޭގައި އައްޑު އަތޮޅު ގަމުގައި އުޅުނު އިގިރޭސި ވިލާތުގެ މޭޖަރ ފިލިޕްސްގެ ނަމުން ނަންލިބިފައިވާ ކަލޭ ނޫންހޭ؟ (ހުވަދު އަތޮޅު ވާދޫ ގައްދަޑުގޭ އަޙްމަދު ލަޠީފުގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގެ މަތީން ) އައްޑު އަތޮޅުގެ މައްސަލަ އ.ދ މަޖިލިސަށް ހިނގައްޖިއްޔާ، ދެންވާނޭ ގޮތް ވެސް ކަލޭ ތިޔަހަރީ ކަނޑައަޅައިގެން ނޫން ހެއްޔެވެ؟ އޭރުން އަހަރެމެން އެދޭގޮތް ވީ އެވެ. ދެން އިނގިރޭސިން މާލެއާއި ދިމާކޮށް، މާލޭގައި ތިއްބެވި ވަޒީރުންތައް ގެންގޮސް އަޅާލާނީ ސިންގަޕޫރު ޖަލަށޭ. . .  ދެން ފެހި ކުލައިގެ ބޮޑެތި ގޮނޑިގޮނޑީގައި ތިއްބެވި ދާނެ ނޫންހޭ؟ ބުނި އިރު ތަދުބީރުގެ ކުރިމަތީގައި ތަޤުދީރު ހީނލަހީނލާ ހުންނަކަންވެސް ހަނދާނުން ކެހިގެން ދިޔަކަމީ އިންތިހާ ދަރަޖައިގެ ދެރަކަމެކެވެ.

"މިވަގުތު މަސްލަހަތު އެންމެ ބޮޑީ" ލިޔެސަން އޮފީހުގެ މުވައްޒަފުން ހިތަދުއަށް ގެންގޮސް ބައިތިއްބުން ކަމުގައި ކަލެއަށް ފެނިގެން ޢަފީފުގެ ކައިރީގައި ޚިޔާލު ފާޅު ކުރި ދުވަހުވެސް އެތާގައި އަހުރެމެން ތިބީމު ނޫން ހެއްޔެވެ؟ އެ ވަގުތު ހިދަތޫގެ މީހުން ، އޮފީހުގެ މުވައްޒަފުން ދެކެ އައިސްފައިވާ ރުޅިއާއި އޮފީހުގެ މުވައްޒަފުންގެ ފޮށިތަންމައްޗާއި އަންނައުނަށް ހަދާލިގޮތް އެންމެ ބޮޑަށް، ވަޒަން ކުރެވޭނޭ އަކަކީ ވެސް ހަމަ ތިޔައީ އެވެ. އެހުރިހާ މަންޒަރެއް ތަމްޘީލުވެގެން ދިޔައީވެސް ހަމަކަލޭގެލޮލުގެ ކުރިމަތީގައި ނޫން ހެއްޔެވެ؟ ވީއިރު އެފަދަ ފިޔަވަޅެއް އެޅުމުގެ ޚިޔާލުކުރިންއައީ އޮފީހުގެ މުވައްޒަފުންގެ މައްޗަށް ބަހައްޓާން އުޅުނު އަނިޔާއެއްތޯ އިންސާފުކުރުމަކީ، މިފުރުޞަތުގައި މިގަލަމުގެ ވާޖިބެއް ނޫނެވެ.

އޭ މޭޖަރ ފިލިޕްސް އެވެ! ގަމުގައި ހުންނަ އާރު. އޭ. އެފް ގެ ޕޯސްޓް އޮފީހަށް އެކިއެކި ފަރާތްފަރާތަށް ފޮނުވުމަށްޓަކައި ގެންދާ ކޮންމެ ދިވެހި ސިޓީއެއް ކަލޭ ފޫހިވުމެއްނެތި  ޢަފީފުގެ އަތަށް  ގެނެސްދެމުން ގެންދިޔަ ކަމީވެސް ހައިރާން ވާވަރުގެ  ކަމެކެވެ. އަދި ޢަފީފުގެ ސޮއެއް ނުވަތަ ހުއްދައަކާއި ނުލައި އެއްވެސް ދިވެހި ސިޓީއެއް އަތޮޅުން ބޭރު ނުވާނޭ ގޮތުގެ އިންތިޒާމެއް ކަލޭ ހަމަޖައްސައިދިނީވެސް ދެކުނުގެ 3 އަތޮޅުގައި ހިނގަމުންދާ ބަޣާވަތުގެ ހަރަކާތްތަކުގެ ޚަބަރުތައް މާތްވެގެންވާ ދިވެހި ދައުލަތުގެ ވެރީންނަށް ވަންހަނާ ކުރުމުގެ ނިޔަތުގައި ނޫން ހެއްޔެވެ؟ ނަމަވެސް ކޮންމެ ކަމެއް ފެށުމާއި ނިމުމަކީ ދައުލަތް ހިންގަވަން ތިއްބެވި ވެރިންގެ އަރިހަށް އުފުލެމުން ދިޔަ ޚަބަރުތަކެކެވެ.

އޭ މޭޖަރ އެވެ! ގަމުގައި ހަދަމުންގެންދާ އާރ.އޭ.އެފް ގެ އެއަރ ބޭހަށް މަސައްކަތުދާ ދިވެހި ލޭބަރުންގެ މުސާރަބޮޑުކޮށް ކޮންމެ މީހެއްގެ އަތުން 50/- ލާރި ޢަފީފުގެ ސަރުކާރަށް ހިފައި އެއިން ސަރުކާރު ހިންގުމުގެ ހިންގުމުގެ މަސްއަލަ ހަމަޖެއްސުމުގެ ޚިޔާލު ޢަފީފަށް ހުށަހެޅީވެސް ހަމަ ކަލެއެވެ. އަދި މަސްހިފާ ބޯޓެއް އޮސްޓްރޭލިޔާ ފަދަ ރަށަކުން ގެނެސްދޭނޭ ކަމަށާއި އެއިން އެހިސާބު ގަނޑުގެ ހުރިހާ މަހެއް ހިފައި އެމަހުން އާމްދަނީ ހޯދައިގެން ދިރިއުޅުމަށާއި އެކަމުގެ އިންތިޒާމްތައް ހިންގާ ހަމަޖެއްސަން ވިލިނގިލި ޚާއްޞާކުރުމުގެ ޚިޔާލަކީވެސް ހަމަކަލޭގެ ސިކުޑީގެ އަޑިން ފުރޭނިގެން އައި ޚިޔާލެއް ނޫން ހެއްޔެވެ؟ ޢަފީފުގެ އަމިއްލަ ދުލުން ބުނެ ފާޅުކުރިފަދައިން މިބަޣާވާތް އުފެއްދުމަށް މަސްއަލަ ކޮންމެ ކޮޅަކަށް ޖެހުނު ނަމަވެސް ޢަފީފުގެ ފުރާނަ ސަލާމަތްކޮށްދޭނޭކަމުގެ ޔަގީންކަން އޭނާއަށް ދިނީވެސް ހަމަ ކަލޭ ނޫން ހެއްޔެވެ؟

އޭ މޭޖަރ ފިލިޕްސްއެވެ! ޝައްކަކަށް ވަސް ވާހަކަށް ތަނެއް ނެތެވެ. ކަލެއަކީ ޚައްޠުން ދެކުނުގެ 3 އަތޮޅު ބަޣާވާތްކޮށް އެބަޣާވާތް ދެމެހެއްޓުމުގެ ހުރިހާ މަޝްވަރާތަކެއް ޢަފީފަށް ދެމުން ގެންދިޔަ  އިންސާނާކަމީ މުޅިދުނިޔެ ދެނެހުރި ޚަބަރުތަކެކެވެ. އެ ކަކަށްވެސް އަލުން އިތުރު ތަޢާރަފަކަށް ބޭނުންވާވަރަށްވުރެން މިހާރު އުއްމަތުގެ ކުރިމަތީގައިވަނީ ޞަރީހަކަން ބޮޑުވެފައެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ