އަދުގެ ޚާއްސަ

Print

ޢީދު ،ރޯދައަށް ހަނދުބެލުން

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ޢަބްދުއްރަޙްމާން- ހއ. އުތީމު (2006) ފަތްތޫރަ 331

ކިޔައިއުޅެނީ ޢީދު ރޯދައަށް ހަނދުބެލުމެވެ. ފުރަތަމަ އޮންނަނީ ޢީދުގެ ވާހަކައެވެ. ރޯދަ އޮންނަނީ ފަހަތުގައެވެ. ނަމަވެސް އަހަރުގެ މަސްތަކާއި ދުވަސްތައް ތަރުތީބު ވެފައިއޮންނަ ގޮތުން ފުރަތަމަ ހަނދުބަލަންޖެހެނީ ރޯދައަށެވެ. ޢީދަށް ހަނދުބެލުން އޮންނަނީ ފަހުންނެވެ.

ރޯދައަށް ހަނދުބަލާނީ ޝަޢުބާންމަހުގެ 29 ވަނަ ދުވަހު އިރުއޮއްސޭއިރުން ފެށިގެންނެވެ. ޢީދަށްނަމަ ރަމަޟާންމަހުގެ 29 ވަނަ ދުވަހުގެ ހަމަ އެގަޑީގައެވެ. ކޮންމެކަމަކީ ނުވަތަ ވަރަށްގިނަ ކަންކަމަކީ އެކަމެއް ހިގަމުން އަންނަ ގޮތްތަކަށް  ޒަމާނާއެކު ބަދަލުތަކެއް އަންނަ ކަންކަމެވެ. ތަފާތު ސަބަބުތައް މެދުވެރިވާތީއެވެ. މިގޮތުގެމަތިން ބަލާއިރު ޢީދު ރޯދައަށް ހަނދުބެލުމުގައިވެސް ކުރިން ކަންކުރަމުން އައިގޮތާ މިހާރުކަން ކުރަމުން އަންނަގޮތަށް މިވަނީ ވަރަށްބޮޑެތި އެހާމެގިނަ ބަދަލުތަކެއް އައިސްފައެވެ. މި މަޒުމޫނުގައި ދަންނަވައިލެވޭތޯ ބަލާނީ ގާތްގަނޑަކަށް މީގެ ފަންސާހަކަށް އަހަރުކުރިން ކަންކުރިގޮތެވެ. އަޅުގަނޑު ދުށްތަނާ ބައެއް އެހެން ހަރުބޭފުޅުންގެ ފަރާތްޕުޅުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަޅުގަނޑުގެ ރަށާ އަދި ކައިރި ބައެއް އެހެން ރަށްރަށުގައެވެ.

ހަނދުބަލަނީ ރޯދައަށް ކަމަށްވިއަސް ޢީދަށް ކަމަށްވިއަސް މައިގަނޑުގޮތެއްގައި ކަންކުރަނީ ދާދި އެއްގޮތަކަށެވެ. ތަފާތު ހުންނަނީ އެމުނާސަބަތާގުޅޭ ބައެއް އެހެން ކަންކަމުގައެވެ. އެންމެފުރަތަމަ އޮންނަނީ ހަނދުބަލަން ނުކުތުމަށް ރައްޔިތުންނަށް ގޮވުމެވެ. ގޮވާނީ ހަނދުބަލާދުވަހު ހަވީރު ފަސްގަޑިބަޔަށް ހަނދު ބެލުމަށްޓަކައި ހުޅަނގުފަރާތު އަތިރިމައްޗަށް ނުކުތުމަށެވެ. މިގޮވުމާ ގުޅިގެން އެންމެހާ ރައްޔިތުން އެގަޑިއަށް ރަށުގެ ހުޅަނގުފަރާތަށް ނިކުމެ ހަދައެވެ. ހަނދު ފެންނަންދެން ނުވަތަ ޢިޝާނަމާދު ވަގުތުވަންދެން ހަނދުބެލުމުގެ މަސައްކަތުގައި ދެމިތިބެއެވެ. މިތިބޭ ތިބުމުގައި މަޢުރިބް ނަމާދަށް އެއްބަޔަކުދަނީ އަނެއްބަޔަކު ހަނދުބަލަން ބައިތިއްބާފައެވެ. ކުރީދިޔަމީހުން  އެނބުރި އައީމާ ދެންތިބި މީހުން ދަނީއެވެ. ޢިޝާނަމާދު ފަހުންވެސް ރަށްވަށައިގެން ހިނގާބަޔަކު ތިބެއެވެ. އެއީ އެއްވެސް ރަށަކުން އަލިކަމެއް ފެނޭތޯއެވެ.

ހަނދުފެނިއްޖެނަމަ ހަނދުލައްވާނީ (ހަނދު ސާބިތުކުރާނީ) ނައިބުމީހާއެވެ. ހަނދު ލެއްވުމުން ސަންގު ފުންމައެވެ. އަދި މާދަމާއަކީ ކޮންދުވަހެއްކަން ޢާންމުކޮށް އެންގުމަށްޓަކައި ރަށުތެރޭގައި ގޮވައެވެ. ރޯދައަށް ހަނދުފެނިގެން ނަމަ ގޮވާނީ މާދަމާއަކީ ރަމަޟާންމަހުގެ އެއްވަނަ ދުވަސްކަމަށެވެ. ނުވަތަ މިއަހަރުގެ މުލަ ރޯދަދުވަސް ކަމުގައެވެ. ހަނދުފެނުނީ ޢީދަށްނަމަ ހަމަ މިގޮތަށް މާދަމާއަކީ މިއަހަރުގެ ފިޠުރުޢީދު ދުވަސް ކަމަށެވެ. ހަނދު ސާބިތުނުވިނަމަ އެކަން އެންގުމަށްޓަކައިވެސް ގޮވުން އޮވެއެވެ. އެކަމަކު ހަނދު ސާބިތުވުމުން ފުންމާ ސަންގު ފުންމުމެއް ނޯވެއެވެ.

ހަނދުބަލާރޭ ހަނދުބެލުމަށް ނުކުންނަން ގޮވާއިރު އަންގާ ވަރަށްވަރުގަދަ އެންގުމެއް އޮވެއެވެ. އެއީ އެރެއަށް އިރުއޮއްސުމަށްފަހު ހަނދު ސާބިތުވެގެންނޫނީ  އިރު އެރުމުގެކުރިން އެއްވެސް ގެއަކުން ބަދިގެއަކުން އަލިކަމެއް ބޭރަށް ނުނެރުމުގެ އަމުރެވެ. ބޭރަށް އަލި ނުދެއްކުމަށް އަންގާ އެންގުމެވެ. އެފަދަކަމެއް ކޮށްފިމީހަކަށް އަދަބުލިބޭނެކަމަށް ގޮވާގޮވުމެވެ. މި އެންގުން އަންގަންޖެހެނީ އެދުވަސްވަރު އެއްވެސް ރަށަކަށް ހަނދު ފެނިއްޖެނަމަ އެހެން ރަށްރަށަށް އެކަން އެންގުމަށްޓަކައި ކުރާ ހަނި ހަންޏަކީ ނުވަތަ އިޝާރާތަކީ ހުޅުއެޅުން ކަމަށްވާތީއެވެ. ހުޅުއެޅުމަކީ ރަށުގެ ވަށައިގެން އަލި ފެންނަ ފަށުގައި ހުންނަ ރަށްރަށް އަލި ދެއްކުމަށްޓަކައި ހުޅުފަން ތައްޔާރުކޮށް އޭގައިއަލިފާން ރޯކޮށްގެން މައްޗަށްނަގައި ތިރިކޮށް އަދި ފަރާތްފަރާތަށް ހުޅު ހޫރުމެވެ. މީގެ އިތުރަށް އަލިފާންގަނޑުގަނޑު ރޯކޮށްގެން އަލިފާންވެސް އަންދައެވެ. މާނައަކީ އެރަށަށް ހަނދުފެނުނީއެވެ. މިފަދަ އަލިކަމެއް ފެނޭތޯ ބަލަންތިބޭ މީހުންގެ ތެރެއިން މީހަކަށް ނުވަތަ އެނޫންވެސް މީހަކަށް މިފަދަ އަލިކަމެއް ފެނިއްޖެނަމަ ވީހާ އަވަހަކަށް އެކަން  ރަށުގެ ވެރިންނަށް އަންގަނީއެވެ. ރަށްފުށުގެ ދިރިއުޅުމުގެ ގޮތްފޮތާއި އިޖުތިމާޢީ އާދަކާދަ ހުންނަގޮތުން ވެރިންނަށް މިކަން އެނގިލައްވާއިރު ޢާންމުކޮށް ރަށުގެ އެންމެންނަށް ވެސް އޮންނަނީ މިކަން އެނގިފައެވެ. އެހާތަނުން ރަށުގެ އެންމެން ކުދިބޮޑު އަންހެނުންނާއި ފިރިހެނުން އަތިރިމައްޗަށް ނިކުމެދާނެއެވެ. ހޭލަމޭލަވާން ފަށައިފާނެއެވެ. މީހަކަށް ނިދާފައި އޮވެވުނަސް ހޭލައި ނިދިފިލައިދާނެއެވެ.

ދެން އޮންނާނީ ވީހާއަވަހަކަށް އެ އަލިކަމެއް ފެނުނު ރަށަކަށް ދަތުރެއް ފުރުވުމެވެ. މިގޮތަށްކުރާ ދަތުރުތައް ބައެއްފަހަރަށް ކުރަންޖެހެނީ ގަދަ ވިއްސާރައާ ބާރުވައިގެ ތެރޭގައެވެ. ހަމަ މިފަދައިން ވައިރޯޅި ހިނދިފައިވާތީ ފަލިޖަހާފައިވެސް ދަތުރުކުރަން ޖެހެއެވެ. ކޮންމެ މޫސުމަކަށްވިޔަސް ދަތުރުފުރުވާނީ އެމޫސުމަކަށް އެންމެ ރަގަޅު ކެޔޮޅަކު (ނެތްވަކު) ގެ ވެރިކަމުގައި އެކަށީގެންވާ ފަޅުވެރިން ލާފައެވެ. ރަށުގައިހުރި އެންމެ ރަގަޅު ދޯންޏެއްގައެވެ. ދޯންޏަކީ ހަރުގޭގައި ހުރި ދޯންޏެއްކަމަށް ވިޔަސް އިސާހިތަކު ދޯނި ބާލައި ދަތުރަށް  ތައްޔާރުކޮށްލާނެއެވެ. ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކުވެސް ހުންނާނީ ދަތުރުދާން ތައްޔާރަށެވެ. އެހެންކަމުން ވެރިން އެމީހެއްގެ ނަންގޮވާއިރު ހުންނާނީ ދޯންޏަށް އަރާ ދޯނީގައެވެ. ބަސްބުނާހާ ހިނދުން ފުރައިފާނެއެވެ. އެދުވަސްވަރު އެއްރަށުން އަނެއްރަށަށް ހަނދާބެހޭ ޚަބަރުދީ، ގެނެސް ހަދަނީ މިގޮތުގެ މަތިން ދަތުރުކޮށްގެންނެވެ. މިގޮތަށް ޚަބަރު ސާފުކުރެވެނީވެސް އަލިފެންނަ ހިސާބުގެ ރަށަކަށް ހަނދުފެނި އެރަށަކުން އެދައްކާ އަލިކަމެއް ފެނުނިއްޔާއެވެ. ހަނދާބެހޭ ޚަބަރު ގެންނަންކުރާ ދަތުރުތައް އެކި ސަބަބު މެދުވެރިވެގެން ބައެއްފަހަރު ވަރަށް ލަސްވާގޮތްވެއެވެ. ވެގެންއުޅޭގޮތެއް ނޭގިފާ ގިނައިރު ތިބެންޖެހުމުން ވަރަށް ތަފާތު ވާހަކަތައް ދެކެވޭނެއެވެ. ދެކެވޭ ވާހަކަތައް އެހާމަޖާވެފައި ފޯރިވެސް ހުންނާނެއެވެ. ދެކެވޭނީ ހައްތަހާވެސް ހަނދާބެހޭ ވާހަކައާއި ދަތުރާބެހޭ ވާހަކައެވެ. ބައެއް އޮޑިވެރިން ދަތުރު ފުރުވި ދޯނި ގޯސްކުރާނެއެވެ. އޭނާގެ ދޯނި މާބާރަށް ދުވާނެ ވާހަކައާ ކަނޑަށް މާގަދަވާނެ ވާހަކަ ދައްކާނެއެވެ. ފަލީގެ ދަތުރެއްނަމަ ރަށުގައިތިބޭ ނޫކަށިފުރައިގެ ޒުވާން ފިރިހެން ކުދިން ދައްކާނީ ފަލިޖަހަން ލީމީހުންނަށް ފަލިނުޖެހޭ ވާހަކައެވެ.. މިއަޑު އަހަން ނުވަތަ އިވުމަށް ބޭނުންވާނެ ބަޔަކު އެތަނުގައި ތިބޭނެއަތީއެވެ. ކެޔޮޅުމީހާ ދަތުރުކުރާނެ ގޮތަށް ފާޑުކިޔާނެ ކެޔޮޅުންވެސް ރަށުގައި ތިބެއެވެ. ރޯދައަށް ހަނދުބަލާ ރެއެއްނަމަ ވަގުތު ގެއްލުމުގެ ކުރިން ހާރުކާނެއެވެ. ޢީދަށް ހަނދުބަލާ ރެއެއް ނަމަވެސް ވާނެގޮތެއް ނޭގޭތީ ގިނަމީހުން ހާރުކާ ކަމަށް ހަނދާންވެއެވެ. މިގޮތަށް  ހަނދުގެ ޚަބަރު ސާފުކުރާ އަހަރުތަކުގައިވެސް ބައެއްފަހަރު މެންދުރާ ދާދި ކައިރިވާފަހުން ޢީދުނަމާދު ކުރަންޖެހެއެވެ. ބައެއް އަހަރު އަހަރަށް ޢީދުލިބެނީ ވަގުތު ފާއިތުވާ ފަހުންނެވެ. އެއީ ޚަބަރު ނުދެވޭ ހިސާބު ރަށަކަށް ހަނދުފެނިފައި މާފަހުން އެކަން އެނގޭގޮތް ވާތީއެވެ. އެރަށުން ބަޔަކު އައުމުން ނުވަތަ އެރަށުން ބަޔަކު ދިޔުމުންނެވެ. މިގޮތަށް ބައެއް އަހަރު އަހަރަށް ޛުލްޙިއްޖާ މަސް ހާތާނގައި  މުލަރޯދަހިފަން ޖެހިފައިވެސް އެބަހުއްޓެވެ. މިހެން ދިމާވަނީ ދެކުނުގެ ތިން އަތޮޅުންކުރެ އަތޮޅަކަށް ހަމައެކަނި ހަނދު ފެންނަ ފަހަރުއެވެ. ހުވަދޫ ކަނޑުގެ ދެކުނުގައިތިބޭ މީހުންގެ މާލެ ދަތުރުކުރުން ހުންނަ ގޮތުންނެވެ. އަދި އަޅުގަނޑުމެންގެ ހިސާބު މީހުންނަށްވެސް މާލެދަތުރުކުރެވޭލެއް ލަސްވެފައި ދޭތެރެ ދުރުކަމުންނެވެ. ހަނދާބެހޭ ޚަބަރު ގެންނަންކުރާ ދަތުރުތައް އެކި ސަބަބު މެދުވެރިވެގެން ބައެއްފަހަރު ލަސްވާ ވާހަކަ ކުރިންވާނީ ދެންނެވިފައެވެ. އެގޮތުން މެދުވެރިވާ ބައެއްސަބަބު ދަންނަވާލުމަކީ ބޭނުންތެރި ކަމެއްކަމަށް ދެކެމެވެ.

ބައެއްފަހަރު އެއައްޔެއް ފެނުނު ރަށަކަށް ދާއިރު ރަށުގެ އެންމެން ތިބެނީ ނިދާފައެވެ. އެއްވެސް މީހަކާ ބައްދަލުވާނެ ގޮތެއް ނުވީމާ ދެންދާނީ ކަތީބަށް ނަންގަންނާށެވެ. ކަތީބު ނިދިކުރައްވާފައި އޮއްވާ ގޮސް ނަންގަނެގެން ކަތީބު ތެދުވަންނަފާއި ގޮސް ހަނދާބެހޭ އެއްވެސް ޚަބަރެއް އެރަށަށް ލިބިފައިނުވާ ވާހަކަ ބުނުއްވަފާނެއެވެ. އެހެންނަމަވެސް  އެކަމެއް ހިނގިގޮތެއް ސާފުކުރެއްވުމަށް ކަތީބު ނުކުންނަވާފާނެއެވެ. އެކިފަހަރު އެކި ގެއަށް ދުރުވެ އެކި މީހުންނާ ތަފާތު ސުވާލުކުރައްވަމުން ދަނިކޮށް  ކޮންމެވެސް މީހަކު ފުޅިބައްތިއެއް ހިފައިގެން އުޅުނުކަން އެނގިލައްވަފާނެއެވެ. ދެން ދުރުވަނީ އެދިމާއަށެވެ. ދުރުވެ ޚަބަރު އައްސަވާލެއްވުމުން އެއީ މީހަކު ބަނޑުގައި ރިއްސާތީ އަހިފަތެއް ހޯދަންދިޔައިރު ގެންދިޔަ ބައްތިއެއްކަމަށް ، ގެންގުޅުނީ ވަރަށްބޮޑަށް ނިވާކޮށްގެން ކަމަށްވެސް ނަންގަންނާނެއެވެ. މިކަންކަން ސާފުވަނީ އެތައް އިރަކުންނެވެ.  ސާފުވީމާ ނޫނީ ދިޔަ ދޯންޏެއް ނުފުރާނެއެވެ. އެހެންވީމާ ދަތުރު ލަސްނުވެ ހުންނާނެތޯއެވެ.  އަދި ބައެއްފަހަރު ހުޅުއެޅީ މިވެނި ރަށަކުން އަލިދެއްކީމާ ކަމަށާ އެރަށަށް ދިޔަދޯނި އަދި ނާންނަކަމަށް ބުނެފާނެއެވެ. މިހެންގޮސް ތަފާތު އެތައް ސަބަބު މެދުވެރިވެއެވެ. ކޮންމެ އަކަސް މިއުނދަގުލުގެ ތެރެއިން ހަނދު ހޯދައިގެން ރޯދަ ހިފާ ޢީދުކޮށްފައިވަނީ ކުރު މުއްދަތެއްގައެއް ނޫނެވެ.

ޢީދު ފުނިޖެހުމާ ޢީދު ފުނި ރޯކުރުން

ވަކި ނަޒަރަކުން ބަލާއިރު ޢީދު ފުންޏާ ހަނދުބެލުމާ ގުޅުމެއް ނެތްކަމަށް ބެލިދާނެއެވެ. އެކަމަކު ޢީދު ފުންޏާ ޢީދާ ގުޅެއެވެ. ޢީދުފުނި ރޯކުރަނީ ހަނދު ފެނުނަސް ނުފެނުނަސް ޢީދުވިލޭރޭ ފަތިހުއެވެ. އެދުވަސްވަރަކީ މިޒަމާނުގަހެން ފާޚާނާ ބޭނުންކުރާ ދުވަސްވަރެއްނޫނެވެ. ފާޚާނާއެއް ނުވެސްހުރެއެވެ. ގިފިލި ހުންނަނީވެސް ވަރަށްމަދު ގެއެއްގައެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ފަތިހު ހޭލުމާއެކު އެންމެފުރަތަމަވެސް ދާނީ އަތިރިމައްޗަށެވެ. އެދާއިރު ރަށެއްގައި ޢީދުފުނި ރޯކޮށްފައި ހުރެއްޖެނަމަ އޭގެމާނައަކީ އެރަށަށް ޢީދުވީއެވެ. ތިމާގެ ރަށަށް ހަނދުނުފެނުމާއެކު ޢީދުނުވެ އޮންނަރޭ ފަތިހު ޢީދުފުނީ ރޯކޮށްފައި ހުއްޓާ ފެނިއްޖެނަމަ ހަނދުގެ ޚަބަރު ހޯދުމަށް ކުރާ ދަތުރު ހަމަ އެފަދައިން އެ ޢީދުފުނި ހުރިރަށަކަށް ކުރާނެއެވެ. މިހިސާބުން ޢީދުފުންޏާ ހަނދުބެލުމާ ގުޅުންހުރި ކަމަށް ފެންނާތީ މިވާހަކަވެސް ދަންނަވާލީއެވެ.

ދެންއޮތީ ޢީދުފުނި ޖަހާގޮތެވެ. ޢީދުފުނި ޖެހުމަށްޓަކައި ފުރަތަމަ ޖަހަނީ މައިގަނޑެކެވެ. އެންމެގިނައިން ބޭނުންކުރަނީ ކުރި ވެއްޓިފައި ހުންނަ ތެދު ދިވެހި ރުކެކެވެ. މައިގަނޑުގެ ވަށައިގެން ފަލަ ރޯ އޮނުބުރި ތަކެއް ޖަހާފައި އޭގެ ވަށައިގެން ހިކި ފަންބަރިއެކެވެ. މިގޮތަށް އެތައް އޮނުބަރިތަކަކާ ފަންބަރިތަކެއް ޖަހާއިރު ޢީދުފުނީގެ ބުޑުދޮށުގެ ފަލަމިން ގާތްގަނޑަކަށް މާލޭގެ  މުންނާރަށް ވުރެ ހިމައެއްނުވާނެއެވެ. މަތިކުރި ހުންނާނީ ހިމަކޮށެވެ. ޢީދު ފުނީގެ އުސްމިނުގައި ވިއްސަކަށް ފޫޓް ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ޢީދުފުނި ރޯކޮށްލާނީ އެންމެމަތީ ކުންނުގައެވެ. އަނދަމުން ތިރިއަށް ފޭބިވަރަކަށް އޮނުބަދަތަކަށް ހޫނުވުމުން ފަޅައިގެންދާ އަޑު ހީވާނީ ބަޑިއެއްޖަހާހެންނެވެ. ވަރަށް އަޑުގަދަވާނެއެވެ. ގިނަ ބަޑިޖެހިވަރަކަށް މަޖާބޮޑުވާނެއެވެ. ބައެއް ކުދިންތިބޭނީ ޖަހާބަޑީގެ އަދަދު ގުނާށެވެ. އެކި އަހަރު ތަފާތު އަދަދަށް ބަޑިޖަހާތީ އެންމެ ގިނައިން ބަޑިޖެހި އަހަރުގެ ވާހަކަ ދައްކަމުން ގުނަމުން ދެއެވެ. ބައެއް ފަހަރަށް ސަތޭކަ، ސަތޭކަ ފަންސާސް ބަޑިޖަހައެވެ. ހުރިހަ ކުދިންނާ ބައެއް ބޮޑެތި މީހުންވެސް ޢީދުފުނި އަންދަން ނިކުމެއެވެ. ބަޑިޖަހާ އަޑަށް ގޭގޭގައި ތިބޭ މީހުންވެސް ކުޅިބަލަން އައިސް އުޅެއެވެ. ޢީދު ފުނި ޖަހަނީ އިމާރާތްތަކާ ވާހާ ދުރެއްގައި ވައިވަރު ހުންނަގޮތުން ރައްކައުތެރި ކަމަށް ފެންނަ ދިމާއެއްގައެވެ. ވީހާ ގޮނޑުދޮށެއްގައި ކިރިޔާ ރާޅުނާރާ ހިސާބުގައެވެ. ޢީދު ފުންޏަކީ ހުރިހާ ރަށެއްގައި ޖަހާ އެއްޗެއްނޫނެވެ.


އާދަމް ޢަބްދުއްރަޙުމާނު (2006).ފަތްތޫރަ (331). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރުމުގެ މަރުކަޒު، މާލެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ