އަދުގެ ޚާއްސަ

Print

ޕްރޮފެސަރ ޑީ.އީ ހެޓިއަރާޗީގެ ތަގުރީރު

ޝާޢިއުކުރީ ޢަބްދުﷲ ޒަމީރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ޒަމީރު (1997)

މިއީ ޕްރޮފެސަރ ޑީ.އީ ހެޓިއަރާޗީ އަމީނިއްޔާ އިސްކޫލާއި މަޖީދިއްޔާ އިސްކޫލުގެ މަތީ ކިލާސްތަކުގެ ދަރިވަރުންނާއި މުޚާޠަބު ކުރައްވައި 31 އޮގަސްޓް 1979 ވީ ހުކުރު ދުވަހު އަމީނިއްޔާ އިސްކޫލު ހޯލުގައި އިނގިރޭސިބަހުން ދެއްވި ތަގުރީރުގެ ދިވެހި ތަރުޖަމާއެވެ.

އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި  ތިޔަހުރިހާ ކުދިންވެސް ތިޔަކުދިންގެ ބަހާމެދު ބޭރުމީހުން ދެކެނީ ކޮންގޮތަކަށްކަން އެނގެން ބޭނުންވާނެއެވެ. މަޖިލީހުގެ ރައީސް އަޅުގަނޑުގެ ތަޢާރަފްގައި ވިދާޅުވިފަދައިން އަޅުގަނޑަކީ ތަފާތު ދާއިރާއެއްގައި މަސައްކަތްކުރާ މީހަކީމެވެ. އަޅުގަނޑު މަސައްކަތް ކުރަމުން އައިސްފައިވަނީ ސިންގަޅަބަހާއި ޕާލީބަހާއި ސަންސްކިރިތު އަދި ޕުރަކްރިތު މި ބަސްބަހާ މެދުގައެވެ. އަދި މިހާރު އަޅަގަނޑަކީ ސިރީލަންކާގައި އެއްކުރެވެމުންދާ ބަސްފޮތެއްގެ އެޑިޓަރެވެ. ތިޔަކުދިންގެ ބައެއް ޓީޗަރުންނާ އަޅުގަނޑާ ބައްދަލުކުރަން އެމީހުން އޮޅުން ފިލުވަން ބޭނުންވީ މިބަސްފޮތް ނިންމަން ގިނަ ދުވަސްތަކެއް ވިތޯއެވެ. މިބަސްފޮތް މަސައްކަތަށް ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އެއީ މި މަސައްކަތް އަވަހަށް ނިންމާލަން ގަސްތުކޮށްފައި ނުވާތީއެވެ.

ސާރ ޖަޔަތިލަކަ މިބަސްފޮތުގެ މަސައްކަތް ފެއްޓެވިއިރު މިކަމަށް ލިބިފައިވަނީ ވަރަށް މަދު ފައިސާކޮޅެކެވެ. އަދި އެހާމެ މަދު ޢަދަދެއްގެ މީހުންނެވެ. އެހެންކަމުން މި މަސައްކަތް އޭރުކުރެވުނީ ވަރަށް ލަސްލަހުންނެވެ. ފޫހި ފިލުވުމަށްކުރާ މަސައްކަތެއްގެ ގޮތުގައެވެ. މިމަސައްކަތަށް މިހާރު ފަންސާސް އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިހިސާބަށް އައިއިރު ބަސްތައްވަނީ އެއްކޮށް ތަރުތީބުކޮށް ނިމި އެޑިޓު ކުރަން ފެށޭ ހިސާބަށް އާދެވިފައެވެ.

އާ ސަރުކާރު ވެރިކަމާ ޙަވާލުވުމާ ގުޅިގެން ރައީސް ދެކެވަޑައިގަތީ މިކަހަލަ ކަންތައްތައް އަވަސްކުރުން މުޙިންމު ކަމަށެވެ. ތިޔަކުދިން މަހަވެލި މަޝްރޫޢު ނިންމުމަށް ފަންސަތިރީހަކަށް އަހަރު ވާނެއެވެ. އެކަމަކު ރައީސް ބޭނުންފުޅުވީ މި މަޝްރޫޢު ފަސްއަހަރުން ނިންމުމަށެވެ.  މިމުއްދަތުގައި ނުނިންމޭނެ ކަމަށް ދެންނެވި މީހުންނަށް އެންގެވީ މަޝްރޫޢުގެ މަސައްކަތުން ވަކިވުމަށެވެ. ބަސްފޮތަށް ބަލާއިރު ބަސްތައްވަނީ އެއްކުރެވިފައެވެ. ކޮންމެ ބަހެއް ލިޔެފައިވަނީ ވަކި ކާޑެއްގައެވެ. ހުރިހާ ކާޑެއްގެ ޖުމްލަ ސަތާރަލައްކަ ފަންސާސް ހާހަށް އަރައެވެ.

ބަސްފޮތުގެ މަސައްކަތް ފަސްއަހަރުން ނިންމުމަށް އަޅުގަނޑުގެ ކިބައިން ރައީސް އެދިވަޑައިގަތް ހިނދު ފަސްއަހަރުގެ ތެރޭގައި ނިންމާލާނެ ކަމަށް ދެންނެވުމުގެ ހިތްވަރެއް އަޅުގަނޑަކަށް ނުލިބުނެވެ. މިމަސައްކަތް ލަސްވާކަށް ރައީސް ބޭނުންފުޅެއް ނުވެއެވެ. އެހެންކަމުން މަސައްކަތް ދަނީ ކުރިއަށެވެ. ރައީސްވަނީ މިހާރު މަސައްކަތް ހިނގާނެގޮތް ހައްދަވައި ދެއްވާފައެވެ. މަސައްކަތް ހިންގަން ބޭނުންވާ ހުރިހާ ފަސޭހަތަކެއް ވަނީ ހަމަޖެއްސަވައި ދެއްވާފައެވެ. އެހެންކަމުން މިހާރު އަޅުގަނޑު މި މަސައްކަތް ކުރަން ޖެހޭނެއެވެ. ޢާންމު ގޮތެއްގައި ކޮންމެ ދުވަހަކު އަޅުގަނޑު ފަތިހު ތިނެއްޖަހާއިރު ތެދުވެ ކުރީ ދުވަހު ނުނިމި ހުންނަ މަސައްކަތް ނިންމާލަމެވެ. މިބަސްފޮތުގެ މަސައްކަތް ފެށުމުގެ ކުރިން އަޅުގަނޑަކީ ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރި މީހަކީމެވެ. މިވަޒީފާއިން އަޅުގަނޑު އިސްތިޢުފާ ދިނުމުން ސިންގަޅަ ބަހުން އެންސައިކްލޮޕީޑިޔާ އެއް ހެދުމަށް އަޅުގަނޑަށް އެންގެވިއެވެ. މިދެންނެވި އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާ ފަދަ އެއްޗެކެވެ. މިކަމާބެހޭ ހޯދުންތައް ހޯދުމަށް އަޅުގަނޑު އިންޑިޔާގެ ވަރަށް ގިނަ ތަންތަނަށް ދަތުރު ކުރީމެވެ. ޚާއްސަކޮށް މަދަރާސީގެ ތަންތަނަށް ޒިޔާރަތްކުރީމެވެ. އެއަށްފަހު އަޅުގަނޑު ދިޔައީ ޗިކާގޯއަށެވެ. އެއީ އެތަންވަޅު ޗިކާގޯގައި އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާ އިސްލާޙް ކުރެވެމުންދާތީ އެކަން ހިނގަމުންދާގޮތް ދަސްކުރުމަށްޓަކައެވެ. މިކަން ހިނގަމުންދާ ގޮތް ދަސްކުރުމަށްފަހު އަޅުގަނޑު އެނބުރި ސްރީލަންކާއަށް އައިސް ސިންގަޅަ އެންސައިކްލޮޕީޑިޔާގެ މަސައްކަތް ގެންދާނެ ގޮތް ރާވާލީއެވެ.

އެންމެ ފުރަތަމަ ހަ ވޮލިޔުމް ނެރުނީއެވެ. މި ހަ ވޮލިޔުމާމެދު މީހުން ދެކޭގޮތް ރަގަޅުވެ މިއަށް މަޤުބޫލުކަން ލިބުމުން ދެން ބަސްފޮތުގެ މަސައްކަތައިގެން މިހާރު އަނެއްކާވެސް ކުރިޔަށް ދެވޭގޮތްވީއެވެ. މިހާރު އެމަސައްކަތް ކުރިއަށް އެބަ ގެންދަމެވެ. އަޅުގަނޑު ދިވެހިބަހަށް ޝައުޤުވެރިވެ ލޯބި ޖެހުނީ ސިންގަޅަ ބަހުގެ ލޯބިވެރިއެއްގެ ގޮތުގައި ހުރެއެވެ. ދިވެހިބަހާމެދު ބަލާއިރު ތިޔަހުރިހާ ކުދިންނަށްވެސް އަޅުގަނޑަށް އެނގޭވަރަށްވުރެ ބޮޑަށް ދިވެހިބަސް އެނގޭނެއެވެ. އެކަމަކު އަޅުގަނޑު ދިވެހި ބަހާމެދު ބަލަންވާނީ ބޭރުމީހަކު ދިވެހި ބަހާމެދު ބަލަންވާ ގޮތަށެވެ. އެ ހައިސިއްޔަތުންނެވެ. އެހެނީ ސިންގަޅަބަހުގެ ބަސްފޮތުގެ މަސައްކަތުގައިވެސް ޕްރޮފެސަރު ވިލްހެމް ގައިގަރ އާއި ޕްރޮފެސަރު ހެލްމަޓް ޝުމިތް ފަދަ ބޭރުމީހުންގެ ލަފާއާއި ފައިދާހުރި މަޝްވަރާ ލިބިފައިވެއެވެ. ދިވެހި ބަހާމެދު ބަލާއިރު އަޅުގަނޑަށް އަދި މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އެކަމަކު ހަމަ ޔަގީނުންވެސް ދިވެހި ބަސް ބިނާވެފައިވަނީ އިންޑޯ-އާރިޔަން ބަހެއްގެ ގޮތުގައެވެ. ލިބިފައިހުރި މަޢުލޫމާތުގެ މައްޗަށް ބުރަވާއިރު ދިވެހި ބަހަކީ ސިންގަޅަ ބަހާ ވަރަށް އެއްގޮތް ބަހެއްކަން އެނގެއެވެ. އުނިއިތުރު އައިސްފައިވަނީއެވެ. އަޅުގަނޑަށް ވީވަރަކުން އަޅުގަނޑު މިގެންދަނީ ދިވެހި ބަހާމެދު ހޯދުންތައް ހޯދަމުންނެވެ. އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި ދިވެހި ބަހުގެ އަސްލު އާރިޔަން ބަހެއް ކަމަށްވާ ސިންގަޅަ ބަހާ ވަރަށް އެއްގޮތެވެ. އާރިޔަން ބަހެއްގެ ގޮތުގައި ބެލެވޭ ކޮންމެ ބަހެއް ތިންފިޔަވައްސަކަށް ބެހެވެއެވެ. އެއީ މުސްކުޅި އިންޑޯ- އާރިޔަން އާއި މެދު- އިންޑޯ އާރިޔަން އާއި މިޒަމާނުގެ އިންޑޯ- އާރިޔަންއެވެ.

ދިވެހިބަހަށް ބަލާއިރު ލިބިފައިހުރި ހެކިތަކުން އެނގޭގޮތުގައި މުސްކުޅި އިންޑޯ އާރިޔަންގެ ބަޔަށް ދިވެހިބަސް ވަދެފައެއް ނުވެއެވެ. ދިވެހިބަހުގައި ސަންސްކިރިތު ބަހުން އައިސްފައިވާ ބަސްތައް ހުރިކަމުގައި ވިޔަސް ބަސް ތަރައްގީ ވުމުގައި މުސްކުޅި އިންޑޯ އާރިޔަންގެ ފިޔަވައްސަށް ދިވެހިބަސް ވަދެފައެއް ނުވެއެވެ. މެދު އިންޑޯ އާރިޔަން ފިޔަވަހީގައި ބަހެއްގެ ގޮތުގައި ބަސްވަކިވިއެވެ. އަދި ވާހަކަ ދައްކާގޮތް ތަރައްގީވަމުން އައެވެ. އެއީ ގާތްގަނޑަކަށް މީލާދީން 500 އިން ފެށިގެންނެވެ. މިދުވަސްވަރު ބަހުގެ ބައެއް ޚާއްސަ ސިފަތައް ތަރައްޤީ ވިއެވެ. މިއަށް މެދު އިންޑޯ އާރިޔަން ނުވަތަ ޕްރަކްރިތުއޭ ކިޔެއެވެ. މީގައި ހިމެނޭ ބަސްތަކުގެ ތެރޭގައި  ބުޑިސްޓް-ޕާލީ ފަދަ ބަސްތައް ހިމެނެއެވެ. މިފަދަ ބަހާމެދު ބަލާއިރު އެއްކުރެވިފައި ހުރި މަޢުލޫމާތަށް ބުރަވުމުން އެނގޭ އެއްޗަކީ ދިވެހި ބަސް އެތައް ބައިތަކަކަށް ބިނާވެފައި ވާކަމެވެ. އެއީ ދިވެހި ބަހުގެ ގިނަ ބަސްތައް ނިސްބަތް ކުރެވެނީ އާ އިންޑޯ-އާރިޔަން ފިޔަވައްސަށް ކަމަށް ވާތީއެވެ.  މިގޮތުން ބައެއް ސިންގަޅަ ބަސްތަކަށް ބަލާލަމާތޯއެވެ. ފެނިފައިހުރި ބަހުގެ ހެކިތަކުން އެނގޭ ގޮތުގައި ދިވެހި ބަހުގައި އިހުގެ ސިންގަޅަބަހުގެ އަސްލުތައް ވަރަށް ބޮޑަށް ވެއެވެ. ދިވެހި ބަހުގެ ގިނަބަސްތައް ފެތެނީ އާ އިންޑޯ އާރިޔަން ފިޔަވައްސަށެވެ. މިއިން އިސްތިސްނާ ވަމުންދަނީ އަލަށް ވަންނަމުންދާ ބަސްތަކެވެ.

ސިންގަޅަބަހުން ލިބިފައިވާ މަޢުލޫމާތާ އަޅާބަލާއިރު ވަރަށް ޝައުޤުވެރިކަންދެވޭ ތަފާތުތައް ފާހަގަކުރެވެއެވެ. މިހާތަނަށް ނުގެއްލިހުރި ގިނަބަސްތަކަށް ބަލާއިރު ސިންގަޅަބަހާއި ވަރަށް ގާތްކަން ހުރި ބަސްތައް އެބަހުއްޓެވެ. އެހެންމެ ސަންސްކިރިތުގެ ދުވަސްވަރުގެ ބަސްތައްވެސް އެބަހުރިމެއެވެ. މިސާލަކަށް (ބައެއް ސިންގަޅަ ބަސް ވިދާޅުވެފައި) މިހުރިހާ ބަހަކަށްވެސް ތިޔަބޭފުޅުންގެ ބަހުގައި ކުޑަ ތަފާތެއް ގެނެވިފައި އެބަހުއްޓެވެ. މިހުރިހަ ބަހެއްގެ އަސްލަކީ  ސަންސްކިރިތިއެވެ. ނުވަތަ ބައެއްފަހަރަށް ޕާލީއެވެ. އެކަމަކު ގިނައިން ހުރީ ސަންސްކިރިތިއެވެ. މި ލަފުޒުތަކަށް ބަލާއިރު މިހުރިހާ ލަފްޒުތަކެއްވެސް ތަރައްޤީވެފައިވަނީ ސަންސްކިރިތުންނެވެ. މިސާލަކަށް ކިރަ-ސިންގަޅަ (މާނަ-ކިރު) ކިރު- ދިވެހި (މާނަ-ކިރު) ފިއްޔަށް މި ބަދަލު އައިސްފައިވާގޮތް އެނގޭތޯ އަޅުގަނޑު ސިންގަޅަބަސް ދިރާސާކުރީމެވެ. މިސާލަކަށް: ކެލަ- ސިންގަޅަ ( މާނަ- ކުޅު) ކުޅު- ދިވެހި (މާނަ-ކުޅު) އަނގޮޅި- ސިންގަޅަ (މާނަ-އިނގިލި) ކެކެރި- ސިންގަޅަ (މާނަ- ކެކުރި) ނޯޓް: އައްޑޫ ބަހުން މިހާރުވެސް ކިޔަނީ ކެކެރިއެވެ. އަޅުގަނޑަށް އަދި މިތަފާތު ނުހޯދެއެވެ. މިއީ އަދިވެސް އޮޅުންފިލުވައިލަން ވެފައިވާ ކަމެކެވެ. އަދި އަޅުގަނޑު ވަރަށްބޮޑަށް އަޅައިގަންނަ ބަސްތައްވެސް އެބަހުއްޓެވެ. މިއީ ސިންގަޅަބަހަށް ބަލާއިރު އެކަށީގެންނުވާ ތަފާތެއްމެއެވެ. މިސާލަކަށް ރަތަ- ސިންގަޅަ (މާނަ- ލޭ އަދި ރަތް) ރަތް- ދިވެހި (މާނަ- ރަތް). ދިވެހިބަހަށް މިތަފާތު އައުމުގައި އެހެންކޮންމެވެސް ނުފޫޒެއްގެ އަސަރުކޮށްފައިވަނީއެވެ. މިދެންނެވި ތަފާތުތައް ދިވެހިބަހަށް އައިގޮތެއް ހޯދުމަށް އަދި އިތުރަށް ދިރާސާތަކެއް ކުރަން ބޭނުންވެއެވެ. އަޅުގަނޑު ކުރިން އިޝާރާތް ކޮށްފައިވާ ފަދައިން ދިވެހި ބަހަކީ މެދު އިންޑޯ އާރިޔަން ބަހެކެވެ. މިބައިވަނީ ދިހަވަނަ ގަރުނުގައި ނިމިފައެވެ. އަދި މިކަމަށް ދިވެހި ތާރީޚް އިޝާރާތްކުރެއެވެ. މިކަމާބެހޭ އާލިޔުންތަކެއް ފެންނަންދެން ދިވެހިބަހާ ބަހުގެ ދިރަސާތައް ކުރެވިފައިވަނީ އޮނަރަބަލް އިބްރާހިމް ޝިހާބާއި އަލްފާޟިލް ހަސަންމަނިކު ފަދަ ބޭބޭފުޅުންގެ އަތްޕުޅުމަތީގައެވެ.
މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން ސްޓޫޕާ ( ތިޔަ ބޭފުޅުން ވިދާޅުވާ އުސްތުނބު) އިން ކުޑަ ރަން ތައްޓެއް ފެނިފައި ވެއެވެ. މިތަށިން މީލާދީން ދެވަނަ ގަރުނުގައި ރަސްކަންކުރެއްވި ވަސަކާ އާބެހޭ ވަރަށްގިނަ މަޢުލޫމާތު ލިބެއެވެ. މިފަދަ އެއްޗެހިތަކަކީ ތިޔަބޭފުޅުންގެ ތާރީޚަށް ވަރަށް އަގުހުރު މަޢުލޫމާތުތަކެއް ލިބިދޭ އެއްޗެހިކަމާމެދު ޝައްކެއްނެތެވެ. ސަބަބަކީ އީސާގެފާނުގެ ދުވަސްވަރުގެ ކުރީގެ މަޢުލޫމާތު ލިބެން ނެތުމާއެކުގައެވެ. އަލްފާޟިލް ހަސަންމަނިކުގެ ބެއްލެވުމުގެ ދަށުގައި ވަރަށްގިނަ ލޯމާފަނުތަކާއި މިފަދަ އެހެން ފިލަތައް އެބަހުއްޓެވެ.  މި އެއްޗެހީގައި ހުރި މަޢުލޫމާތެއް ހޯއްދެވުމަށް މިތަކެތި ކިޔުއްވަން އޭނާ ވަރަށްބޮޑަށް ބޭނުންފުޅުވެއެވެ. އެއީ މިކަމުން ދިވެހި ތަރީޚަށް އެޅިގެންދާނެ އައްޔަކަށްޓަކައެވެ.

މިކަމަށް ސްރީލަންކާ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން މިނިސްޓްރި އިފް ކަލްޗަރަލް އެފެއާޒްއާ އަދި ޕާމަނަންޓް ސެކްރެޓަރީ މިސްޓަރ ރަތުނާޔަކަ އާ ދެބޭފުޅުން ދިވެހި ސަރުކާރަށް އެހީވެ ދެއްވުމަށާއި ދެ ސަރުކާރު ގުޅިގެން މިމަސައްކަތް ކުރިޔަށް ގެންދިޔުމަށް ޝައުޤުވެރިވެއެވެ. އެއީ ދާގަބާތައް ހުރި ތަންތަން ބަލާ އެތަންތަން ކޮނުމުގެ މަސައްކަތުގައެވެ. މިކަމުން ކޮންމެވެސް މިންވަރަކަށް މާޒީވެ ގޮސްފައިވަ ގަރުނުތަކުގެ ތާރީޚަށް އަލިކަމެއް އެޅިގެން ހިނގައިދާނެތީއެވެ. އެދުވަސްވަރު ގެންގުޅުނު ބަސްތަކާއި ލިޔެ އުޅުނުގޮތް އެނިގިދާނެ ކަމަށްޓަކައެވެ. ދިވެހިބަހުގެ އަސްލާމެދު މިހާރުވެސް ތަފާތު ވިސްނުން އެބަގެންގުޅެއެވެ. އަޅުގަނޑާ ބައްދަލުވީ މީހަކު ގަބޫލުކުރަ ގޮތުގައި ދިވެހިބަސް އައިސްފައިވަނީ އިންޑިޔާގެ ހުޅަނގު އުތުރު ބިތުގެ ބަސްތަކުގެ ތެރެއިންނެވެ. އެހިސާބުގެ ބަހުން ދިވެހި ބަހަށް ނުފޫޒު ފޯރާނެގޮތެއް ވިސްނުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު މިފަދަ ނުފޫޒެއް ފޯރާފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
އަޅުގަނޑުމެންގެ މިނިސްޓަރާ ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވެފައިވަނީ ސްޓޫޕާސް (އުސް ތުނބު) ބެލުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދުމަށްފަހު އަޅުގަނޑު އެތަންތަނަށް ދިޔުމަށެވެ. އެއީ އެތަންތާނގައި  ރަން ނުވަތަ ލޯފަދަ ތަކެތީގައި ކަނޑާ ނަގާފައިވަ ލިޔުންތައް ހުރެދާނެތީއެވެ. މިފަދަ އެއްޗެއް ފެނިއްޖެނަމަ އޭރު ބޭނުންކުރެވުނު ބަހާ ލިޔުންތަކާމެދު އިތުރު މަޢުލޫމާތު ލިބޭނެތީއެވެ. ސްރީލަންކާގައިވެސް މިފަދަ ބައެއްތަންތަން އެބަހުއްޓެވެ. މިސާލަކަށް "ވިޖަރަތަސް" ސްރީލަންކާއަށް އައި ދުވަސްވަރަކާމެދު މިހާރު ބެލެވެނީ އެއީ އީސާގެފާނުގެ ކުރިން ހަވަނަ ގަރުނުގައި ކަމަށެވެ. އަޅުގަނޑު ކުރިން އިޝާރާތްކޮށްލި ވަސަކާގެ ރަންތަށިފަދަ އެއްޗެއްގެ ސަބަބުން ބައެއްފަހަރަށް އޭރުގެ ސިޔާސީ މަސްރަޙުގެ މައްޗަށްވެސް އަލިއެޅޭގޮތް ވެދާނެއެވެ. އެދުވަސްވަރު ރަސްކަން ކުރެއްވި ރަސްރަސްކަލުންނާއި އޭރުގެ ލިޔުންތައް ހުންނަގޮތާއި ބަހާބެހޭ މަޢުލޫމާތު ލިބިދާނެއެވެ. އަޅުގަނޑު އޮނަރަބަލް ޝިހާބާއި އަލްފާޟިލް ހަސަންމަނިކުގެ އަރިހުން އެދިފައިވާނީ މިގޮތުންލިބޭ  އެއްޗެއް ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށާއި މިމަސައްކަތްތައް ސީދާ އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ހިންގެވުމަށެވެ. މިކަހަލަ ގޮތަކުން ލިބޭ އެއްޗަކުންވެސް ވަރަށް ބޭނުންތެރި މަޢުލޫމާތެއް ލިބިދާނެއެވެ. އެންތްރޮޕޮލޮޖީ ނުވަތަ އިންސާނީ ދަރިފަސްކޮޅާ ބެހޭ ޢިލްމުގެ ޒަރީޢާއިން ކޮންމެވެސް ވަރެއްގެ އެހީއެއް ލިބިދާނެއެވެ. މިއާ ޚިލާފަށް އަޅުގަނޑުމެންނަށް މިގޮތުން ފެންނަ ނުވަތަ ހޯދާ ތަކެއްޗަކީ އޭރު ކަންތައްތައް ހުރިގޮތާމެދު އިޝާރާތްކުރުވަނިވި ހެކިތަކެވެ. އިންޑިޔާގެ ފަހުގެ ހުރިހާ ބަސްތަކާއި ބަހުރުވަތައް އުފެދިފައިވަނީ ޕުރަކްރިތުންނެވެ. އަޅުގަނޑަށް ފެންނަގޮތުގައި އުތުރު އިންޑިޔާގެ ކޮންމެ ބަހަކަށް ބެލިނަމަވެސް ބޭރުގެ ނުފޫޒު ފޯރާފައިވާ ވަރު އެނގޭނެއެވެ. މިގޮތުން ނަން އުފެއްދުމުގައި ޢަރަބިބަހާއި ފާރިސީއާއި މިނޫންވެސް އެހެންބަސްތައް ބޭނުންކުރެވިފައިވާތީ ފެނެއެވެ. ބޭރުގެ ނުފޫޒު ފޯރާފައި ވީނަމަވެސް ޕްރަކްރިތުން އުފެދިފައިވާ ހުރިހާ ބަހެއްގައިވެސް "ކަން" ހުންނަނީ ޕްރަކްރިތުންނެވެ.

އަޅުގަނޑަށް ހީވަނީ ދެން ތިޔަބޭފުޅުންނާއި ކުދިންގެ ވަގުތު އަޅުގަނޑު ބޭނުންކޮށްގެން ނުވާނެހެންނެވެ. އެއީ އަޅުގަނޑަށް ދިވެހިބަހާމެދު އެނގިފައިވާލެއް މަދުކަމުންނެވެ. ނަމަވެސް އަޅުގަނޑަކީ ދިވެހިބަހަށް ވަރަށްބޮޑަށް ލޯބިކުރާ މީހަކީމެވެ. އެއީ ދިވެހިބަހާ ސިންގަޅަބަހާ ހުރި ގާތްކަމުންނެވެ. ސިންގަޅަ ބަހަށް ބަލާއިރު ޢީސާގެފާނުގެ ކުރިން ތިންވަނަ ގަރުނުގެ ލިޔުންތައް ފެންނަން އެބަހުއްޓެވެ. ފޮތްތައް އެހާމަދު ޒަމާނެއްގައި ސިގިރިޔާގެ ފަރުތަކުގައި ލިޔެފައިވަ ލިޔުންތަކަކީ އެދުވަސްވަރަށް އަލި އެޅިގެންދާ އެއްޗެކެވެ. މިގޮތުން އަޅުގަނޑުމެން އުއްމީދު ކުރަނީ ކޮންމެވެސް އުސްތުނބެއްގެ ތެރެއިން ދިވެހިބަހާބެހޭ ކޮންމެވެސް ލިޔުމެއް ފެނިދާނެ ދުވަހަކަށެވެ. ހެޔޮ ނަސީބާއެކު ފެންނަ މިފަދަ ކޮންމެވެސް ލިޔުމަކުން އޭރު ބޭނުންކުރެވުނު އަކުރުތައް އެނގޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާއެވެ.
(ނިމުނީ)

މަޞްދަރު:

ޢަބްދުﷲ ޒަމީރު (1997). ފަތްތޫރަ ( 225). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު،މާލެ.

އިދާރާ

ވާހަކަ