އަދުގެ ޚާއްސަ

Print

ޙަދީޘުފޮތްތައް ލިއެވިފައިވާ މައިގަނޑު ގޮތްތައް

ޝާޢިއުކުރީ ޔާސީން ނަސީމު އަބޫބަކުރު . ހިމެނޭބަޔަކީ ދިރާސާ


ޔާސީން ނަސީމު އަބޫބަކުރު / މުގޫ ލ.މާވަށް


ކީރިތި ޤުރުއާން ފިޔަވައި އިސްލާމްދީނުގެ އެންމެ މުހިންމު މަޞްދަރަކީ ކީރިތި މާތް ރަސޫލާ މުޙައްމަދު صلّى الله عليه وسلمގެ ސުންނަތެވެ. އެހެންކަމުން ކީރިތި ޤުރުއާނެކޭ އެއްފަދައިން ސުންނަތަކީވެސް އަޅުގަނޑުމެން އެއާމެދު، ރައްކާތެރިވެ، އުނގެނި ދަސްކުރަންޖެހޭނޭ އެއްޗެކެވެ.
ކީރިތި ޤުރުއާން އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ ފުރިހަމަ މަގުންކަމާމެދު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް އަޚަކު ޝައްކެއް ނުކުރާނެއެވެ. ނަމަވެސް ސުންނަތާމެދު، ތަފާތުގޮތްގޮތަށް ވާހަކަ ދެކެވޭ އަޑު މުޖުތަމަޢުގެ ތެރެއިން އަޅުގަނޑަށްވަނީ އިވިފައެވެ. އަޅުގަނޑަށް ލަފާކުރެވުނީ، އެއީ ސުންނަތާ ނުވަތަ ޙަދީޘާއި ބެހޭގޮތުން އޮޅުންފިލާފައި ނެތުމުގެ ސަބަބުން އަރާއަޅޮމެއްކަމުގައެވެ.

މާތްﷲ ވަނީ މިދީން ޤިޔާމަތާއި ހަމައަށް ލަހައްޓަވާ ރައްކާތެރި ކުރައްވާނެ ކަމާމެދު ވަޢުދުވެ ވޮޑިގެންފައެވެ. އެހެންކަމުން ކީރިތި ޤުރުއާނެކޭ އެއްފަދައިން އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ صلّى الله عليه وسلم ގެ ސުންނަތްވެސް އެކަލާނގެ ވަނީ ރައްކާތެރިކަމާއެކު އަޅުގަނޑުމެންނާއި ހަމައަށް ވާޞިލުކުރައްވާފައެވެ. އެއީ ޝައްކެއްވެސް ހުރިކަމެއްނޫނެވެ.

މިގޮތުން، އެކަމުގެ މެދުވެރިންކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާލެއްވި ޞަޙާބީންނާއި، ޢިލްމުވެރިން އަދި ޚާއްޞަކޮށް ޙަދީޘުޢިލްމުވެރިން ވަނީ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޙަދީޘުތައް އެއްކުރެއްވުމުގައާއި، ރައްކާތެރި ކަމާއެކު މުސްތަޤުބަލަށް އެ ސުންނަތް ފޯރުކޮށްދެއްވުމަށްޓަކައި، އެ ބޭފުޅުންގެ މުޅިއުމުރުހޭދަކުރައްވާފައިވާ ޢިލްމުވެރިން އެބަތިއްބެވިއެވެ. މިރޮނގުން އެބޭފުޅުން ކުރައްވާފައިވާ ޢިލްމީ މަސައްކަތްތައް ބަލައި، ދިރާސާ ކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ކުރުގޮތަކަށް އަޅުގަނޑު މިބަލާލަނީ ޙަދީޘުފޮތްތައް އެކުލަވާލައްވާފައިވާ ގޮތަށެވެ.

ޙަދީޘުތައް ނުވަތަ ކީރިތި ރަސޫލާ صلّى الله عليه وسلمގެ ސުންނަތް، ފަހުގެ ޖީލުތަކަށް ފޯރުކޮށްދެއްވުމަށްޓަކައި، ޢިލްމުވެރިން، މުޙައްދިޘުން ޙަދީޘު ލިއެރައްކާކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރައްވާފައިވެއެވެ. އެއީ އެބަލައި ހޯދާބައަކަށް ފަސޭހައިން އެޢިލްމުލިބިގަނެ، އޭގެ އަސްލަށް ރުޖޫޢަވުމަށްޓަކައެވެ. މިގޮތުން ޙަދީޘުފޮތްތައް އެކުލަވާ ލެއްވުމުގައި އެބޭބޭކަލުން ގެންގުޅުއްވި ގޮތަތްތަކުގެ ތެރޭގައި؛

1-    (އަލްޖަވާމިޢު) ޖަވާމިޢުއަކީ ދީނުގެ ހުރިހާމައުޟޫޢު އަކާ ގުޅޭ ޙަދީޘްތައް އެއްފޮތެއްގައި ޖަމާކޮށްފައިވާ ޙަދީޘު ފޮތްތަކެވެ. އަލްޖަވާމިޢުއަކީ ޖާމިޢުގެ ގިނަގޮތެވެ. އިސްލާމުދީނުގެ ބައިތައް ކަމުގައިވާ، ޢަޤީދާއާއި، ޙުކުމްތަކާއި، ހެޔޮކަންކަމަށް އެދުންވެރިކުރުވުމާއި، ކެއުންބުއިމާއި ދަތުރުފަތުރުގެ އަދަބުތަކާއި، ތަފުސީރާއި ގުޅޭކަންކަމާއި، ތާރީޚާއި ސިޔަރަތާއި ޤިޔާމަތް ވުމުގެ ޢަލާމަތްތަކާއި، ރަނގަޅުމީހުންގެ ސިފަތަކާއި ނުބައިމީހުންގެ ސިފަތަކާއި،އަދި މިނޫންވެސް، ހުއްޖަތެއްބޭނުންވާފަދަ އެންމެހާ މައުޟޫޢުތަކާއި، ގުޅޭ ޙަދީޘުތައް އެކުލެވިގެން ވެއެވެ.

2-    (އަލްމަސާނީދު) މަސާނީދު ނުވަތަ މުސްނަދަކީ، ކޮންމެ ޞަޙާބީބޭކަލެއްގެ ޙަދީޘްތައް ވަކިން ޖަމާކުރައްވާ ފައިވާ ފޮތްތަކެވެ. އެއީ ކޮންމެ ޞަޙާބީއެއްގެ ނަމުގެދަށުން އެބޭކަލަކު ރިވާކުރައްވާފައިވާ ޙަދީޘުތައް ގެނައުމެވެ. މުސްނަދުގައި ޞަޙާބީންގެ ނައްތައް ތަރުތީބު ކުރުމުގައި ތަފާތު ގޮތްތައް ބޭނުންކޮށްފައި ހުރެއެވެ. އޭގެ ތެރޭގައި ޞަޙާބީން އިސްލާމްވި ތަރުތީބުންތަރުތީބު ކުރުމާއި،  ޞަޙާބީންގެ މާތްކަމުގެ މައްޗަށް ބައްލަވައިގެން ތަރުތީބު ކުރުން ހިމެނެއެވެ. މީގެ އިތުރުން އަލިފުބާގެ ތަރުތީބުންވެސް ތަރުތީބުކުރައްވައެވެ.

3-    (އަލްމަޢާޖިމް) މިއީ މުސްނަދާއި އެއްގޮތަށް ކޮންމެ ޞަހާބީބޭކަލެއްގެ ހަދީޘުވަކިވަކިން، ލިއުއްވުމުގެ އިތުރުން ވަކިޝެއިޚެއް ނުވަތަ ވަކި ރަށެއްގެ އަހުލުވެރިންގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘުތައް ވަކިވަކިން ލިއުއްވާފައިވާ ފޮތްތަކެވެ. އަލްމަޢާޖިމު އަކީ މުޖުމަޢުގެ ގިނަގޮތެވެ.

4-    (އަލްއަޠުރާފު) މިނަން ދެވިފައިވަނީ، ޙަދީޘުތަކުގެ މަތުނުގެ ފެށޭކޮޅުއެކަނި ގެންނަވައި އެކުލަވާލައްވާފައިވާތީއެވެ. އެއަށްފަހު އެހަދީޘު އައިސްފައިވާ ހުރިހާ ސަނަދުތަކެއް މިފަދަ ފޮތްތަކުގައި ގެންނަވާފައިވެއެވެ. ("އަޠްރާފު" ނެގިފައިވަނީ "އައްޠަރަފް" އިންނެވެ. އެއީއެއްޗެއްގެ ކޮޅު، ނުވަތަ އެއްފަރާތެވެ.) މިފަދަ ފޮތްތައްކަށް އެނަން ދެވުނީ ޙަދީޘުތަކުގެ ފެށޭކޮޅު އެކަނި ގެންނަވާފައިވާތީއެވެ.

5-    (އައްސުނަނު) މިއީ ހަމައެނިފިޤުހީ ބާބުތަކުގެ މައްޗަށް އެކުލަވާލާ ލިއުއްވާފައިވާ ފޮތްތަކެވެ. މިފަދަ ފޮތްތަކުގައި އެކުލެވިގެން ވާނީ ހަމައެކަނި މަރުފޫޢު ޙަދީޘު (ކީރިތި ރަސޫލާ صلّى الله عليه وسلم ބަސްފުޅާއި އަމަލުފުޅާއި އިޤުރާރުފުޅު)  އެވެ. މައުޤޫފުޙަދީޘާއި މަޤުޠޫޢު ހަދީޘެއް ނުހިމެނޭނެއެވެ. އެހެނީ އެފަދަ ޙަދީޘުތަކަކީ ޝަރުޢީހުއްޖަތެއްކަމުގައި ބެލެވޭ ޙަދީޘުތަކެއްނޫނެވެ.  (ފަހަރެއްގައި މިފަދަ ފޮތެއްގައި މަރުފޫޢުނޫން ޙަދީޘެއް ހިމެނުނުކަމުގައިވިޔަސް ހިމެނޭނީ ވަރަށް މަދުންނެވެ.)


އިދާރާ

ވާހަކަ