އަދުގެ ޚާއްސަ

Print

ދަރިއަކު ވިހެއިފަހުން ފިރިހެނަކަށް ބަދަލުވި އަންހެނާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އެމް

ކުރިން އޭނާގެ ނަމަކީ، އަރްޥާ އެވެ. އޭނާ އުފަންވީ 1975 ވަނަ އަހަރު، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟު ގައެވެ. މެދު މަދުރަސީ ތަޢުލީމު ނިމެންދެން އޭނާ ކިޔެވީ ރިޔާޟުގެ އަންހެން ކުދިންނަށް ޚާއްޞަ ސްކޫލްތަކުގައެވެ. އެއަށްފަހު ސާނަވީ ތަޢުލީމް ފުރިހަމަ ކުރުމަށްޓަކައި ޔަމަނަށް ދިޔައެވެ. އަދި 1997 ވަނަ އަހަރު މީހަކާ އިނެވެ. އެކައިވެނީގެ ފުރަތަމަ މަހުގައި އޭނާގެ ބަނޑު ބޮޑުވިއެވެ. ނަމަވެސް ފަސްމަސް ދުވަސް ފާއިތުވިތަނާ އެ ކައިވެނި ރޫޅިއްޖެއެވެ.

އޭގެ 6 އަހަރު ފަހުން، އޭނާގެ ގާތް ތިމާގެ މީހުން ދެކިލުމަށްޓަކައި ރަށްފުށަށް ދިޔައެވެ. އެ ދަތުރުގައި އޭނާ ފަރުބަދައެއްގެ މައްޗަށް އަރައި ހުއްޓާ، ފަރުބަދައިގެ ތިރީގައި އޮތް ހިލައެއްގެ މައްޗަށް ވެއްޓުނެވެ. މި ހާދިސާގައި އޭނާއަށް ވަރަށް އަނިޔާވިއެވެ. އަދި އޭނާގެ ގައިން ވަރަށް ގިނައިން ލޭ ބޭރުވިއެވެ. އެބަލީގައި މަސްދުވަސް ވަންދެން އެނދުމަތީގައި ނުތެދުވި އޮތް އިރު، އޭނާގެ ބަނޑުގެ ތިރީގައި ރިއްސިއެވެ. ކޮންމެއަކަސް އެއަށްފަހު އޭނާއަށް މައްސަރުކަންތައް ޖެހުން ހުއްޓުނެވެ.


 

ދެން ވީގޮތެއް ބަލަންވެގެން އޭނާ ޑަކުޓަރުންނަށް ދެއްކިއެވެ. ޑަކުޓަރުން އިރުޝާދުދެއްވީ ހޯމޯން ޓެސްޓްކުރުމަށެވެ. ދެން ހޯމޯން ތަޙުލީލުކުރުމުން އެނގުނީ އޭނާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އިތުރުވެފައިވާ ކަމެވެ. އަދި އޭރު އޭނާގެ އަޑުވަނީ، ބަރުވެ ފިރިހެން އަޑަކަށް ބަދަލުވާން ފަށާފައެވެ. އަދި ބަނޑާއި މޫނާއި ދެފައިގައި އިސްތަށި ފެޅުން ފަދަ ފިރިހެން ސިފަތައް އޭނާގެ ކިބައިން ފާޅުވާން ފެށިއެވެ. މަޑުމަޑުން އޭނާގެ އަންހެން ވަންތަކަން ނިވާވަމުން ދިޔައިރު، ފިރިހެން ހަށި ފާޅުވަމުން ދިޔައެވެ.

ކުރީގެ އަރުވާ، މިހާރުގެ އިލްޔާސް ބުނެފައިވެއެވެ. "އަޅުގަނޑަށް މިބަދަލުތައް އަންނަމުން ދިޔައިރު، ވަރަށް ބޮޑަށް ކަންބޮޑުވެ ދެރަވިއެވެ. އެއްގޮތަކަށް ވެސް ގެއިން ނުނުކުމެ ދެ ހަފުތާވަންދެން ހުރީމެވެ. ދެން ޢަދަނުގެ ޑަކުޓަރެއްގެ ގާތަށް ދިޔައީމެވެ. އެއީ ޑަކުޓަރު ޙުސައިނުލްކާފެވެ. އޭނާ އަޅުގަނޑު ބެއްލެވުމަށްފަހު، ވިދާޅުވީ، އަންހެން ހެދުން ލައިގެން އުޅުން ހުއްޓާލައި، ފިރިހެން ހެދުން ލުމަށެވެ. ދެން ގެއަށް އައިސް އަހަރެން ފިރިހެން ހެދުން ލީމެވެ. ނަމަވެސް އަވަށްޓެރިންނަށްވީ އެކަން މާ ބޮޑު ކަމަކަށެވެ. ބައެއް އަވަށްޓެރިން އަޅުގަނޑު މަރާލާނެ ކަމުގެ އިންޒާރުވެސް ދިނެވެ. ފިރިހެން ހެދުން ލުމަށްފަހު، ކުރީގެ ހުރިހައި އަންހެން ރަޙުމަތްތެރިންނާއެކު ކުރިން އޮންނަ ގުޅުން ކަނޑާލަން ޖެހުނެވެ. އަދި އޭރު އަދާކުރަމުން ގެންދިޔަ ވަޒީފާ ވެސް ދޫކޮށްލަން ޖެހުނެވެ."

ކުރީގެ އަރްޥާ އަކީ، މިހާރު އޭނާގެ ދަރިފުޅުގެ "މަންމަބައްޕަ" އެވެ!

ގަހަކަށް ބަދަލުވި ޒުވާނާގެ ވާހަކަ އަޑުއައްސަވާފައިވާނަމަ، މިހާދިސާއިން އިތުރު ޢިބްރަތް ޙާޞިލުކުރެއްވޭނެއެވެ. ކިތަންމެ ކުޑަ ހާނިކައެއް ލިބިވަޑައިގަތަސް ޑަކުޓަރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވައިގެން ބޭސްކުރެއްވުމުގެ މުހިންމުކަން މިފަދަ ހާދިސާތަކުން އެނގެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ