Print

ފިއްލޯމަންޖެ އާއި ތަކަހަސަނުގެ ވާހަކަ - 01

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ



މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

     
ފިއްލޯމަންޖެއަކީ ދާދި ކުޑައިރު މައިންބަފައިން ނިޔާވެ ބަލާނެމީހެއް އަޅާލާނެ ޔާރެއް އިޔާރެއްނެތި އެއްބަދިގޭދޮށުން އަނެއް ބަދިގޭދޮށުން ސަލާންޖަހައި  ކައިއުޅޭ ކުއްޖެކެވެ.  މަސްކައްކާމީހުން ލޯގަނޑު ދޮންނަން ދާއިރު ލޯގަނޑުގައި ވަރަށްގިނަ ފުނޑުމަސް ހުރެއެވެ. އެމަންޖެ ލޯގަނޑުގައި ހުންނަ މަސްކޮޅު ހާވައި ނަގަން އުޅުމުގެތެރޭގައި ގައިގައި ފިއްލޯ އުނގުޅި ތަތްތެޅިގެން އުޅޭތީ ފިއްލޯމަންޖެ ކިޔައި އުޅެނީ އެވެ.

      
ތަކަ ހަސަނާ  ފިއްލޯމަންޖެއަކީ  އެއް އުމުރެއްގެ ސަލާންޖަހައި ކައިއުޅުނު އެއްހާލެއްގެ ދެ ކުދިންނެވެ. ސަލާން ޖަހައިގެން ލިބޭ އެތިކޮޅު ހިފައިގެން ކާންދަނީ އަތިރިމަތީ ވަކަރުމަށްޗަށް ނުވަތަ ބޮޑުމިދިލިގަހު މޫމަށްޗަށެވެ. މިހެންތިބެގެން ކާއިރު އެކަކަށް ލިބޭ މީރު އެތިކޮޅުން އަނެކަކަށްދީ ބަހައިގެން ކެއުމުން މި ދެކުދިންނަކީ ވެސް އެންމެ ޅަފުރައިން ފެށިގެންވެސް ދެ އެކުވެރިން ކަމުގައިވިއެވެ. ފިއްލޯމަންޖެ ތަންކޮޅެއް ބޮޑުވެ ބަދިގޭތެރޭގައި މީހުންނަށް ދުރުގާތްކޮށްދީ އުޅެވޭވަރު ވުމުން ބަދިގެއާއި ގޯތިތެރޭ ހުންނަ ކުދި ލުއިމަސައްކަތް ކޮށްލައިދިނުމުން ކާންބޯން ލިބޭގޮތް ވީއްސުރެ ސަލާންޖަހައި އުޅުން ހުއްޓީއެވެ. މިހެންގޮސް އެ ގޮއްޔެ ބޮޑުވަމުން އައިއައިހެން މީހުންދިޔައީ އެ ގޮއްޔެގެ ޚިދުމަތަށް ބޭނުންވަމުންނެވެ. އެ ކަހަލަ މި ކަހަލަ ގޮތަކަށް އައިސް އެ ގޮއްޔެ ވެސް ވަކިގޮތަކަށް ހަމަޖެހިއްޖެ އެވެ. ކަތީބު އަންހެނުން ދޮންކަތްދައަށް އެގޭ މަސައްކަތް ކޮށްދީ ،ކައްކައި ތެލިތަށި ދޮވުންފަދަ ޒިންމާތައް އުފުލައިދޭތީވެ އެކަތްދަ ވެސް އޭނާގެ ދަރިއަކުފަދައިން އަންނައުނު ހޯދައިދީ އަދި ކުޑަކޮށް ކިޔަވައިދީހެދުމުން ފިއްލޯމަންޖެ ދޮންދަލޭކައަކަށް ބަދަލުވެއްޖެއެވެ.
     
ތަކަހަސަނަށް ވެސް ވީގޮތަކީ އަތުންފައިން ކުދިމަސައްކަތް ކޮށްލައިދީ އުޅެވޭވަރުވީތަނާ ކަތީބު އާދޯނީގެ ކެޔޮޅު އިބުރާހިމްބެއްޔާ ހަސަނުލައްވައި ކުދި މަސައްކަތް ކުރުއްވާ މަސައްކަތް ދަސްކޮށްދީހަދަ އެވެ. މިހާރު ހަސަނަށް ކަފަ ގާނަށް އަޅައިހެދީމައި އުއި އަނބުރާމީހުންނަށް ލުއިވެއްޖެއެވެ. ދެން ހަސަން ވަކިބައްޓަމަކަށް ހުންނަ ފޫނާށީގެ ފޫކަނޑައި ނާށި އޮމާންކޮށް ތަކައިގެ ދަނޑިގަނޑު މަށައި ދަނޑިގަނޑު ކޮޅަށް ނަރުލައްވައި ތަކަ ހަދަންފެށުމުން ހަސަނު ހަދާތަކަ އެނބުރުން ހަލުއިވެފައި އުއި އެނބުރޭލެއް އަވަސްވުމުން ހަސަނަށް ތަކަހަސަނު ކިޔުނީއެވެ. ދެންހަސަނު ވެސް އުއިވަށައި ، ތަކައަށް އޮޅައިފައި ހުންނަ އުއި ފިރޯއްޓަށް އޮޅައިހަދައެވެ. އެއުޅީގައި ކިރިލިނަނު އަޅާއިރު ގެޔޮގަނޑުން އުޅިހަރުކޮށް ގޮށްދުއްވަން އެނގެއެވެ. މިހެންގޮސް ދުވަސްކޮޅެއްވީއިރު ހަސަނަކީ ކަތީބުގޭ އޮޑިދޯނިފަހަރުގެ ރަށުމަސައްކަތުގެ ބޮޑުމީހެކެވެ. ކަތީބުގޭ ބަދިގޭތެރޭގައި ކައްކައި ކާންދިނުމުގެ މުގޫ ދޮންދަލޭކަ އަތުގައި އޮތީމައި އެންމެ މީރުކޮށް ކާންލިބޭ މީހަކީ ތަކަަހަސަނެވެ.
     
މިހާރު ތަކަހަސަނަކީ އިބުރާހިމް ބެއްޔާ ބުނެގެން ދޯނިން މަހައްދާ މީހެއްކަމުގައި ހަމަޖެހިއްޖެއެވެ.  އެންމެ ފުރަތަމަ  ހަސަނަކީ އެންދަމާއިރު އަރާމަތި ދަނޑީގެ ބުޑުއޮއްބުމާއި އޮޑިދަށު ދަނޑީގެ ފުލުމާރުލާ މީހެކެެވެ. މިހެންގޮސް ހަސަނަށް އެންއުކަން ދަސްކޮށްދީ ކެޔޮޅަކަށް ހަދައިފިއެވެ. އިބުރާހިމް ބެއްޔާ ބުއެވެ. ހަސަނާއެވެ. އެން އުކުމަކީ މަސްވެރިކަމުގެ އެންމެ މުހިންމު އުކުޅެވެ. ރެހި ބޯދި އުކާގޮތާއި ބުރަކި މުގުރާން ޖައްސާގޮތް ތަފާތުވާނެއެވެ. ކެޔޮޅުންގެ ދޮށި ކުރުވިވަރަކަށް ހަންޖަލުގެ ކުރިއަށް އެން ޖައްސަންވާނެއެވެ. މުޑަނު ދޮށީގައި ދަށްމަޅަށް ފައިބައި ފިނައުރަސް ފިލާއައި ހަމައަށް އެންޖައްސަންވާނެއެވެ. އައިނުގައި މަސްބާނަމުން ދާއިރު އެހެންދޯންޏެއް އިދިކޮޅަށް ކައްވާނަމަ ދެއޮޑި އަރާހަމަވާ ވަގުތު ކުރިއަށްލައި އޮޑިދޮށަށް ދެވަށިގަނޑު އެންއަޅައިނުލިއްޔާ އޮޑިދޮށުގައި ކައިފާހުރިމަސް އިދިކޮޅަށްދާ އޮޑިދަށަށް ހިނގައިދާނެއެވެ. އަދި ހަސަނަށް އެން އުކާނެ ގޮތާއި ދޮށިއަޅާނެ ގޮތާއި ކަނޑުފަޅުގެ އާޖުފާޖު ދަސްކޮށްދިނެވެ. މިހެންވެ ހަސަނަކީ ފުދޭވަރެއްގެ ކެޔޮޅަކަށް ވެއްޖެއެވެ.

     
މިހިސާބަށް ކަންތައްދިޔައިރު ހަސަނާ ދޮންދަލޭކަ(ފިއްލޯމަންޖެ)ގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ހުރިހާކަމެއްއޮތީ ކަތީބުބެގެ ހެވަތުގައި އެގޭގައެވެ. ދެންކަތީބަށް ނަންގަނެގެން ތަކަހަސަނުގެ ދެމަފިރިންނަށް ރަށުގެ ދެކުނުކޮޅުން ދޮންކާސިމްބެއްޔާގެ ގެއާއެއްއިންވެގެން ގޯއްޗެއްލިބި ޖެހިގެންއައި ހުކުރުދުވަހު އޮޑީގައި މަހަށްދާކުދިންގެ ހީވާގިކަމާއެކު ގޯތި ތާހިރުކޮށްފިއެވެ. ދެން ދޮންކާސިމްބެއްޔާ ގާތަށްގޮސް ރަނގަޅު ތަނަވަސް ދިރިއުޅުމެއް އުޅެވޭކަހަލަ ވަގުތެއްގައި ގެއެޅުމުގެ ކަންވެރިކަން ލައިދިނުމަށް އެދެފިއެވެ.
     
ދެން ދޮންކާސިމްބެއްޔާ ފޮތްބޮނޑި ނަގައި ބެލިއިރު އަންނަ ބުރާސްފަތި ދުވަހަކީ،   ދޮށަ ނަކަތާއި މުލަނަކަތް ހިމެނުނީ މެދުކަންތައް ނުކުރާ ނަކަތުގެ ގޮތުގައެވެ. ބުދަދުވަސް މަހު މުލައަށްވާތީ އަމަރުތަ އޯގައެއްނުވިއެވެ. ރައޯ ބަނޑުވީދުވަސް ދޫކޮށްފާ ދެން ހަނދު ހުރި ބުރުޖާއި ސާޢަތް ބަލައި އަސަދުގައި ހަނދުވާނަމަ މުޝްތަރީ ސާޢަތް ރަނގަޅުކަމަށްބަލައި ދިނަށަ މެދުން ތަކަހަސަނުގޭގެ އިރުވަރުމުޑި ޖަހައިދީފިއެވެ. އަދި ކާސިންބެ ބުނުއްވިއެވެ. މާތްކަލާނގެ އިރާދަކުރެއްވިއްޔާ ރޯދި ނަށަމުން އަންނާނެއެވެ. އެކަލާނގެ ދެއްވާ ދެއްވުންތަކުން އެކަލާނގެ ރަސްކަންފުޅު ހަނދުމަކޮށް ނިޢުމަތަށް ޝުކުރުކުރާ އަޅުންނަށް ނިޢުމަތް އިތުރުކުރައްވާނެއެވެ. އެކަލާނގެ ދެއްވި ނިޢުމަތް ހަނދުމަ ނެތިކޮށް ދެއްވި ނިޢުމަތައް ކުފުރުވެގަންނަ ކޮންމެ ކިބުރުވެރިއެއްގެ ކިބައިން އެނިޢުމަތް ވަކިކުރައްވާނެ އެވެ. އެކަލާނގެ ނިޢުމަތް ދެއްވިފަދައިން އެނިޢުމަތް އަނބުރައި ގެންދެވުމަށްވެސް ކުޅަދުންވަންތައެވެ. ތިމާ އެތަކެއް އަހަރުން ޙާސިލްކުރި ހުރިހާކަމެއް އަނބުރައި ގެންދެވުމަށް ހިނދުކޮޅެއްވެސް ނުނަގާނެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންނަށް ހެޔޮކަންތަކާއި ނުބައިކަންތައް ޖެއްސެވުމުން އެކަލާނގެ އަޅުތަކުންގެ ގޮތް ބައްލަވައި އިމްތިޙާނު ކުރައްވާ ރަސްކަލާނގެ އެވެ.
     
ދެން ކަތީބުބޭ އެގޭ ތިންއޮޑީގެ މީހުން ފޮނުވައިގެން ކެޔޮޅު ހަސަނު (ތަކަޙަސަނު)ގެ ގެއާއި ބަދިގެ ދަނޑިފަނުން އަޅައިދެއްވައި ގިފިލި ހައްދަވައިދެއްވައިފިއެވެ. ދެން ދޮންކާސިމްބެއްޔާގެ ކަންވެރިކަމުގެ މަސައްކަތް ފެށިއްޖެއވެ. ހުދުފޮތިކޮޅެއްގައި ކުޑަ ދެ ވަހުތާން ލިޔެ ގިނަވެލި ދަނޑީގައި ޖެހުމުން ގިނަ ރޯދި ވަންނާނެކަމަށް ބުނާތީވެ ގިނަވެލި ދަނޑީގައި ގޭ ދެކޮޅު ވަސްމުޑީގައި ދެވަހުތާން އައްސަވައިފި އެވެ. ގޭތެރެ ކަންކުތިވާގޮތަށް ވާތުރޯނުދަމައި ގޭ ވަހުގައި ދިވެހިރުކުގެ ރޯބޮންތިއެއް ވާތުރޯނުން އައްސައިފިއެވެ. ދެން ކާސިންބެ އަތުހިފައި ދޮންދަލޭކަ ގެއަށް ވައްދައި ތައްޔާރުކޮށްފައިހުރި ކަޑިފެންކުރައި ގެވަށައިގެން އަޅައި ، ކާސިމްބެ ގެއަށް ވަދެ ފަތިސްނަމާދު ބަންގި ގޮވައިފި އެވެ. ފަތިސްނަމާދު ބަންގިދޭއިރު الصلاة خير من النوم  މިހިސާބަށް ދިއުމުން ދޮންދަލޭކަ ބޭންދިތަނުން ތެދުވެ ކޮޅަށް ހުރުމަށް ބުނެފައި ވާތީ އެކަން ކޮށްފިއެވެ. ބަންގި ނިމުމުން ތަނަކު ނުއިށީއިނދެ ދޮންދަލޭކަ ބަދިގެއަށް ވަދެ ބަތްޕެންތެލި އުނދުން މަށްޗަށް އުދުމުން ކާސިމްބެއްޔާ ފަންހުގުލެއްގައި ރޯކޮށް އާބަދިގޭ އާ އުނދުނަށް ގިނިލައިފި އެވެ. އާބަދިގޭގައި އަލަށް ކައްކާ ބަތްޕެން ތެލި ބަންޑުންވެ ފެތުރުނުވަރަކަށް އެބަދިގެއަށް ރޯދި ބަރަކާތް އިތުރުވާނޭ ބުނާތީ ގިނި ގަދަކޮށްލައި ބަތްޕެން ތެލި ބަންޑުން ކޮށްލައިފި އެވެ. މިކަން ނިމެންދެން ކާސިމްބެއްޔާ ކިޔަވައިލަ ކިޔަވާލަ ހުއްޓެވެ.
     
ކެޔޮޅު ހަސަނުގެ ގެޔަށް ކަތީބުބެ ކިޔައިދެއްވި ނަމަކީ މާވަހަރުގެ އެވެ. މާވަހަރުގޭ ބަދިގޭގައި ކެއްކި ކޮންމެ މީރު އެއްޗަކުން ކާސިންބެއްޔާ ގޭކުދިންނަށް ލިބެއެވެ. ކާސިންބެއްޔާ ގޭކުދިންނަށް ރަހަ ނޭނގޭ އެއްޗެއް މާވަހަރުގޭ ބަދިގޭގައި ކެއްކޭކަމަކަށް ނުވެއެވެ. މާވަހަރުގޭ ދޮންދަލޭކައަށް މަދަރުސީ ދައުރު ޢުމުރުގައި ދަސްކުރެވިފައިވާ ފިލާވަޅުތަކަކީ ގެވެހި އަންހެނެއްގެ މަސައްކަތެވެ. ދޮންދަލޭކައަކީ ކެރޭ މުރާލި އަންހެނެކެވެ. ޙަސަނު ގެންނަ މަސްކޮޅުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަމުން ބާކީކުރާ މަސްކޮޅު މާލެ ފޮނުވައިގެން ލިބޭ ފަސާކޮޅުން ހަވާދު ، ދުފާތަކެތި ، ބިސްކޯދު މެޓާފަދަ ކުދިވިޔަފާރި ކުރަން ފަށައިފިއެވެ.
    
މިހެންގޮސް އަތްމަތި ތަނަވަސް ވުމުން ގެރޫޅާލާ ތަންކޮޅެއް ރަނގަޅު ފެންވަރަކަށް ގެ އަޅަންވެގެން   ކާސިންބެގެ ލަފާގެމަތީން ގެއަޅަން ފުރަތަމަ އިރުވަރު މުޑި ޖެހީ ބިމާހަމައިން ކީހާލައި އެމުޑިބުރި ގޭތެރެއަށް ވާގޮތަށެވެ. އަދި މިފަހަރު ގެއެޅީ ފިހާރައާއި އެއްޗެތި ރައްކާކުރާކަހަލަ ދެވަތްގަނޑަށް ހުންނަ ކުޑަ ގުދަނަކާއި އެކުގައެވެ. ދެން ދެ އަހަރެއްހައި ދުވަސްވީރު ތަނަވަސްކަން ތަންކޮޅެއް ބޮޑުވުމުން އަމިއްލަ މަސްދޯންޏެއް ބަނުމަށް ވާހަކަދެކެވި އެކަމަށް ތައްޔާރު ރުއްވަކަރާއި ލަކުޑި ޖަމާކޮށްފި އެވެ.
     
ކާސިމްބެއްޔާގެ އިރުވަރާއި ނަކަތްތެރިކަމުގައި އޮޑިހަރުގޭ މުޑިޖަހައި ކަމަޅި ބަހައްޓައިފިއެވެ. ދެން ހެޔޮ އިރުވަރުގައި އޮޑިހަރުގެއަށް ވަޑިން ވައްދައި ކަމަޅިމަތީ މެދުފަށަން ކަނޑޫބުރި ބާއްވައި ދޮންކާސިމްބެއްޔާ އިރުވަރުގައި ފުރަތަމަ ދާލިފޮތި ކަނޑައިލައްވައި މާވަޑިޔާ އަތަށް ކާސިންބެއްޔާ އަތުން ފުރޯދީފިއެވެ. ދެން އަތްދަށުވަޑިން ލަވައަޅުވައިލައިފައި ކޮށާންފެށުމުން ތިންބުރި ފަށަނާއި ދެކޮޅު ދެމައްޔާ ކޮށައި މެށުމުގެ ހުރިހައިކަމެއް ނިމި އިސާހިތަކު ވަވަތްކޮށައިފި އެވެ. އަނެއްދުވަހު ފަޅައިލި އިރާއެކު ކަމަޅިވަޅުގެ އަޑިއަށް ބޮޑުރުކު ކާއްޓެއްލައި އިރުވަރު ކަމަޅި އިންދައިފިއެވެ. ހަފުތާއަކު ވަޑާންކުރިއިރު ތިންތިންމަޑުލުގެ މައްޗަށް އޮޑިއަރަށްޖެ އެވެ. ދެމަސްދުވަސް ވީއިރު ބުޑުވައް ، ފައިވައް އަޅައި ފަތަވެރި ވަކަރު ޖަހައިފި އެވެ. ތިން މަސްދުވަސް ވީއިރު އޮޑިވަޅުން ނަަގައި ، ކުދިވަޑާންކޮށް ނިމުނުއިރު ހަތަރުމަސް ދުވަސް ވެއްޖެއެވެ.
     
އޮޑި ނިމިގެން އޮޑީގެ އަގުކިޔުވައި އޮޑިބަނތް ވަޑިންނަށް އަގުދީ ދެލިފޭލި ހުރިހާކަމެއް ނިންމައިފިއެވެ. މިއޮޑިއަށް ކަތީބުބެ ދެއްވި ނަމަކީ މާވަހަރު ދޯންޏެވެ. ދެން އޮޑި ބޭލުމުގެ ހުރިހައި ކަމެއް ނިމުނީ މަހެއްހައިދުވަސް ފަހުން ނެވެ. ދެން އޮޑި ބޭލުމުގެ ހުރިހައިކަމެއް ފުރިހަމަވުމުން އޮޑި ބާލާ ދުވަހަކީ މަހުން ބާރަވާ ހޯމަދުވަސްކަމަށާއި އެއީ އެދުވަހުގެ ފަންސާސް އެއްފިވަޅުބައިން އެގާރަ ފިޔަވަޅު ބައި ކަމުގައި އަދި އެއީ މަސްގިލައި ، މަހުގެ ލޮލު އަލިވާ ހިސާބު ހަމަވާ ވަގުތުކަމަށްވެސް   ދޮންކާސިންބެއްޔާ ބުނުއްވުމުން އާއޮޑި ފެނުޖެއްސުމުގެ ހުރިހައި ކަމެއް ކުރާވަގުތަކީ އެއީ ކަމުގައި ހަމަޖައްސައިފި އެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ