އަދުގެ ޚާއްސަ

Print

ބުނަން ނުކެރިފައި..

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

   
ސްކޫލް ބަދަލުވުމަކީ، ނުވަތަނަވަސްކަން ހިތަށް ވެރިވާ ކަމެކެވެ. އެކަން އެނގޭނީ އަހަންނަށް އެކަންޏެވެ. ސީއެޗްއެސްއީ އަށް ވަންނަން ފުރުސަތު ލިބުމުން، ގޭގެ އެންމެން އުފާކުރި އެވެ. އަހަރެން ވެސް އުފާވި އެވެ. އެކަމަކު ހިތަށްއެރި އެވެ. އަހަންނަށް ރައްޓެއްސެއް ލިބޭނީ ކިތައް ދުވަހުންބާ އެވެ؟ ފުރަތަމަ ދުވަހު އަހަރެން ކުރާނީ ކީއްބާއެވެ؟

   
ފުރަތަމަ ސްކޫލަށް ދިޔަ ދުވަހު، ރައްޓެހި އެންމެ މޫނެއް ވެސް އަހަންނަކަށް ނުފެނުނެވެ. ރައްޓެއްސަކަށް ކަމުދާ ކުއްޖެއް ވެސް ނުފެނުނެވެ. އެހެންނަމަވެސް، ޖޯގްރަފީ ކްލާހުން ފެނުނު، އިސްކޮޅުން ދިގު، މަޑުމަޑުން ހުރި ފިރިހެންކުއްޖާ، އަހަރެންގެ ސަމާލުކަން އަތުލި އެވެ. އެހެން ހުރިހާ ކުދިންނާ އޭނަ ތަފާތެވެ.  އޭނަގެ ނަމަކީ ޒައިން އެވެ.
   
ހަފުތާއެއް ވީއިރު، އަހަރެންގެ ދެތިން ރައްޓެހިން ތިބެއެވެ. އެކަމަކު، ޒައިންއާ ވާހަކަދައްކާނެ ފުރުސަތެއް ނުލިބުނެވެ. އެއް ދުވަހު ކްލާސް ނިމުނީ ވަރަށް ބޯކޮށް ވާރޭ ވެހެނިކޮށެވެ. ޓެކްސީއެއް ނުލިބުނެވެ. ވެހުނުލެއް ބޯކަމުން، ބޭބެއަކަށް ބަލައެއް ނާދެވުނެވެ. ކުރާނެކަމެއް ނުވަތަ ދާނެ ތަނެއް ނޭނގިގެން، އެކި ކުދިން އެކި ދިމާޔަށް ވިއްސިވިހާލިވި އެވެ. އަހަރެން ބަލައިލިއިރު، ޒައިން އިނީ އެކަނިމާއެކަނި، ވާރޭ ވެހޭތަނަށް ބަލަހައްޓައިގެންނެވެ. އޭނަ ވިސްނަމުންދިޔައީ ކޯޗެއްކަމެއް އަހަންނަކަށް ނޭނގެ އެވެ. އަހަރެން ގޮސް ކައިރި އަށް ހުއްޓިލަން ބޭނުންވި އެވެ. ހިތަށްއެރި އެވެ. އޭރުން ޒައިން ހިތަށްއަރާނީ ކީކޭބާއެވެ؟ ދެން ހިތަށްއެރި އެވެ. އެ ގަޑި އަށް ވާރޭ ވެހުމާއި، ޒައިން އެ ތަނުގައި ހުރުމާއި، ބޭބެ އަށް ބަލައިނާދެވުން އެއީ އިއްތިފާގެއް ނޫނެވެ. ކޮންމެ ކަމެއް ވެސް ވާނީ ކޮންމެވެސް ސަބަބަކަށްޓަކަ އެވެ. އެހެންކަމުން، ހިތްވަރުކޮށްފައި ގޮސް އޭނަ ކައިރި އަށް ހުއްޓުނީމެވެ. ދައްކާނެ ވާހަކައެއް، ފައްޓާނެ ވާހަކައެއް ވެސް އަހަންނަކަށް ނޭނގުނެވެ.
   
    "އަހަރެން ހާދަވެއޭ ވާރެއާ ތެމޭހިތް!" ޒައިން ނުވެސް ބަލާ ހުރެ ބުނެލި އެވެ.

    އަހަރެން ހައިރާންވެގެން ވަށައިގެން ހޯދީމެވެ. އެ ހިސާބުގައި ވެސް އެހެން ކުއްޖަކު ނެތެވެ. އެކަމަކު، ޒައިން އަކީ، އަހަރެންގެ ރައްޓެއްސެއް ނޫނެވެ. އަހަންނާ ވާހަކަދެއްކީ ކީއްވެގެން ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ހުއްޓައި، ޒައިން ބަލައިލި އެވެ.

    "އޯ! ސޮރީ! އައި ތޯޓް..! އައިމީން އަހަރެން ހީކުރީ.."

    "އެހެން ކުއްޖެއްކަމަށް؟" އަހަރެން ބުނީމެވެ. "ވަކި ކުއްޖަކާތަ ވާހަކަދައްކަންޖެހެނީ؟"

    އެއީ އަހަރުމެން އެންމެ ފުރަތަމަ ވާހަކަދެއްކި ދުވަހެވެ. އެ ދުވަހަށްފަހު، އަހަރުމެން ދެ މީހުންނަކީ ދެ އެކުވެރިންނެވެ. އަހަރެން ބޭނުންވި އެއްޗަކީ ވެސް އޭނަގެ އެކުވެރިކަމެވެ. އަހަރެންގެ ލޯބިވެރިއެއް ހުރެއެވެ. ޒައިންގެ ލޯބިވެރިއެއް ވެސް ހުރެއެވެ. އެ ދުވަސްވަރު ދިރާގުން "ހިލޭ ގުޅޭ ނަންބަރު" ތައާރަފްކުރި އެވެ. އަހަރެން ނަގަން ބޭނުންވި ޕެކޭޖަށް ދެ ނަންބަރު ލެވެއެވެ. ޒައިން ވެސް ބޭނުންވީ އެ ޕެކޭޖް އެވެ. އެކަމަކު، އަހަރުމެން ދެ މީހުން ވެސް ގިނައިރު ގުޅަން ބޭނުންވަނީ އެންމެ ނަންބަރަކަށެވެ. އެއީ، ދެ މީހުންގެ ލޯބިވެރިންނެވެ.

    "ދެން ހިނގާ އަހަރުމެން ދެ މީހުންގެ ނަންބަރު ލަމާ؟" އަހަރެން ބުނީމެވެ.

    "ތީ ވަރަށް ސަޅިގޮތެއް!" ޒައިން ބުންޏެވެ.

    އެ ޕެކޭޖް ނަގާފައި، ވަރަށް ގިނައިން އަހަރުމެން، އެކަކުއަނެކަކަށް ގުޅީމެވެ. ދެ މީހުންގެ ލޯބިވެރިން ތިއްބަސް، ފޯނުން ގުޅައިގެން ވާހަކަދެއްކުން އެއީ މައްސަލައެއް ކަމަކަށް އަހަރުމެން ނުބަލަމެވެ. ޚިޔާލެއް ބޭނުންވާއިރަށް ނުވަތަ ފޫހިވާއިރަށް އޭނަ ގުޅައެވެ. ވަރަށް ނުތަންވަޅު ވަގުތުތަކުގައި އަހަރެން ވެސް ގުޅީމެވެ. އެކަކު ވެސް ގުޅާފައި "ބިޒީތޯއެއް" ނުބަލަމެވެ. ޒައިންގެ އެކުވެރިންނާއެކުގައި ވިލިނގިލީގައި ހުއްޓަސް، އާއިލާއާ އެކުގައި ތަނަކަށް ގޮސްގެން އުޅުނަސް، ގޭގައި ޓީވީ ބަލަން ތިއްބަސް އަހަރުމެން ގުޅާލައިގެން ވާހަކަދެއްކީމެވެ. އަހަރެންގެ ލޯބިވެރިޔާ ގާތުގައި ހުއްޓައި ޒައިން ގުޅައިފިއްޔާ ލޯބިވެރިޔާ އަތަށް ފޯނު ދެމެވެ. ޒައިން ވެސް އެހެން ހެދި އެވެ. 

    ދެތިން މަސް ވީއިރު، ޒައިން އަކީ އަހަރެންގެ ބެސްޓްފްރެންޑް އެވެ. އަހަންނަށް ދިމާވާ މައްސަލަތައް އޭނަ އަށް ކިޔާދީ، ފޯނުން ރޮއި ވެސް ހެދީމެވެ. އުފާވާކަމެއް ދިމާވާއިރަށް އެ ވާހަކަ ވެސް އޭނަ އަށް ކިޔައިދީ ހެދީމެވެ. އެހެން އުޅެނިކޮށް، އަހަރެންގެ ލޯބިވެރިޔާ އެހެން ކުއްޖަކާ ރައްޓެހިވި އެވެ. އެ ދުވަހު، ޒައިން ގާތަށް ގޮސް ހުރެގެން އަހަރެން ރުއީމެވެ. ކެންޓީންގައި އިނދެގެން އަހަރެން ރޮއިހެދިއިރު، އެހެން ކުއްޖަކަށް އެ ކަމެއް ނޭނގޭނެ އެވެ. ޒައިން ކިތަންމެއިރެއް ވަންދެން އަހަންނަށް ހިތްވަރުދިނެވެ. ވިސްނައިދިނެވެ.

   
ލޯބިވެރިޔާ ވަކިވިފަހުން، އަހަރެން ދެރަވެފައި ހުންނާނެތީވެ އެހެންކަމެއް ޒައިން ކުރަންފެށި އެވެ. އެއީ، މެސެޖުލިޔެފައި، އެންމެ ތިރީގައި ޖަހާލާ “LY” އެވެ. އެއީ I Love You ގެ ކުރުގޮތެވެ. އެންމެ ފުރަތަމަ އެހެން ޖެހި ދުވަހު އަހަރެންނަށް ވިސްނަން ހުރެވުނެވެ. ފަހުން އާދަވި އެވެ. ހިތަށްއެރި އެވެ. އެއީ، އެހެން މާނައެއްގައި ޒައިން ޖެހި އެއްޗެކެވެ. ޒައިންގެ ނުލާހިކު "ސީރިޔަސް" ލޯބިވެރިއެއްހުރެ އެވެ. އެހެންވިޔަސް، އެހެން ޖަހާތީ އަހަރެން ވަރަށް އުފާވި އެވެ. ހަނދާންނެތިގެން އެހެން ނުޖެހުނަސް ދެރަވެއެވެ. އެކަމަކު، އަހަރެން އެހެނެއް ނުޖަހަމެވެ. 

   
ޒައިން އަކީ އަހަރެންނަށް ލަފާދޭ މީހާ އެވެ. ބޭބެއެކެވެ. ބެސްޓްފްރެންޑެކެވެ. އެއީ، މީހުންނަށް އެނގޭ ނަންތަކެވެ. އަހަރެންގެ ހިތުގައި ޒައިން އަށް އޮތް ޖާގަ ބަދަލުވިތާ ކިތަންމެ ދުވަހެކެވެ. އެކަމަކު، ދުވަހަކު ވެސް އެހެން ނުބުނާނަމޭ ހިތަށްއެރި އެވެ. އެހެން ބުނެގެން ޒައިންގެ އެކުވެރިކަން ގެއްލިއްޖެއްޔާ އަހަރެން މާ ދެރަވާނެތީ އެވެ.

    "ދެން ކޮންއިރަކުން ބިޓެއް ނަގާނީ؟" އެއް ދުވަހަކު ޒައިން އެހި އެވެ.

    "އެއީ އަހަރެން ބޭނުންވާ އިރަށް ޓަސްލާފަ ވާކަމެއް ނޫނޭ.." އަހަރެން ބުނީމެވެ.

    އަހަރެންގެ ލޯބިވެރިޔާގެ ހުންނަންޖެހޭނެ ސިފަތައް އަހަރެން ކިއީމެވެ. އެ ހުރިހާ ސިފައެއް ޒައިންގެ ހުންނާނެ އެވެ. އެހެންކަމުން، އޭނަ އަށް ޝައްކުވެދާނެތީވެ، އޭނަގެ ނުހުންނަ ސިފަތައް ވެސް އަހަރެންނަށް ކަމުދާކަމަށް ހަދައިގެން ކިއީމެވެ. 

    "މިހާރު މިސާލަކަށް، ތީގެން ބައިވަރު ސިފަ އަހަރެންގެ ނެތް.. އެކަމަކު އަހަރެން ރައްޓެހިވާން އަހައިފިއްޔާޔޯ؟" ޒައިން އެހި އެވެ. 

    "ނޯންނާނެ ޗާންސެއް!" އެއީ އަހަރެން ކިހާ ހިތްވަރެއްކޮށްގެން ހެދި ދޮގެއްކަން އެނގޭނީ އަހަންނަށް އެކަންޏެވެ.

    މެދު ޗުއްޓީ އަށް ސްކޫލް ބަންދުވިއިރު، ޒައިން އާއި އަހަރެންގެ ހަޔާތަށް ވެސް އިތުރު ލޯބިވެރިން އައިސް ގޮސް ވިއެވެ. ޗުއްޓީތެރޭގައި އަހަންނާއި ޒައިން ބައްދަލުކޮށެއް ނުހެދުނެވެ. ފޯނަކުން ވެސް ނުގުޅުނެވެ. ޒައިން ދިޔައީ މައިންބަފައިންނާއިއެކުގައި މެލޭޝިޔާއަށެވެ. އެހެންކަމުން، ސްކޫލް ހުޅުވުނުއިރު، ޔަގީނުން ވެސް އަހަރެން ހުރީ ޒައިން ދެކިލާހިތުން ކެތްމަދުވެފަ އެވެ. ޒައިން ވަރަށް ބައިވަރު ކުދިކުދި ހަދިޔާ އަހަންނަށް ގެނެސްދިނެވެ. މެލޭޝިޔާގައި އޭނަ ދިޔަ ކޮންމެ ހިސާބަކުން އަހަންނަށް ހަދިޔާއެއް ގެނައެވެ. ދުރުގައި ހުއްޓަސް، އަހަރެންމަތިން ޒައިން ހަނދާނެއްނުނެތެ އެވެ.

    "މަންމަ އަބަދު ދިމާކުރަނީ ހާދަ ބައިވަރު ހަދިޔާއެކޯ ތި ގެންދަނީ ކިޔާފަ.." ޒައިން ބުންޏެވެ.
    "ދެން ކީކޭ ޒައިން ބުނީ؟" އަހަރެން އެހީމެވެ.

    "އަހަރެން ބުނި ތީ އަހަރެންގެ ބެސްޓް ފްރެންޑޭ!" ޒައިން ބުންޏެވެ.

    އެ ވާހަކަ އަޑުއަހާފަ އަހަރެން އެއްވެސް އުފަލެއްނުވި އެވެ. އަހަރެން ބޭނުންވަނީ ޒައިންގެ އެކުވެރިކަމެއް ނޫނެވެ. އެކަމަކު، ލޯބި ބޭނުންވާ ވާހަކައެއް އަހަރެން ނުބުނަމެވެ. އަހަރެން އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނެވެ. މާނަ އަކީ، ޒައިންދެކެ ލޯބިވާކަމުގެ އެއްވެސް ނިޝާނެއް، އަހަރެންގެ ފަރާތަކުން ނުފެންނާނެ އެވެ. އެހެންކަމަށްވާއިރު، އަހަރެންނަށް ޒައިން ލޯބި ހުށައަޅާނެ ހެއްޔެވެ؟ އަހަރެން އެކަމާމެދު ވަރަށް ބޮޑަށް ވިސްނީމެވެ. އަހަރެންގެދެކެ ޒައިން ލޯބިވާނީ ކިހިނެތްހޭ، އޭނަގެ ލޯބިވެރިއެއް ހުރެއޭ އަހަރެންގެ ހިތަށްއަރާއިރު، އަހަރެންގެ ލޯބިވެރިއެއް ވެސް ހުރެއެވެ. އެކަމަކު، އަހަރެންގެ ހިތް ދެވިފައިވަނީ ޒައިންއަށެވެ. ހަމަ އެ ގޮތަށް ޒައިންގެ ހިތުގައި، އަހަންނަށް ވެސް ލޯބި ފޮރުވާފައި އޮވެދާނެ އެވެ. ސަމާސައަކަށް ނަމަވެސް، އެހެން އެހި ދުވަހު އަހަރެން ނޫނެކޭ ބުނުމުން ދެން އަހަން ޒައިން އަށް ނުކެރުނީ ކަމަށް ވެސް ވެދާނެ އެވެ.

    އަހަރެން ދެކެ ޒައިން ލޯބިވޭ ހެއްޔެވެ؟ އެ ސުވާލު ހިތުގައި އުފެދެން ފެށުމުން، ޒައިންގެ އެކުވެރިކަމާ ދުރަށް އަހަންނަށް ދެވެންފެށި އެވެ. ކުރިން ކުރި ކޯލްތައް މެދުކެނޑުނެވެ. ޒައިންއާ ވާހަކަދައްކަން ތަންކޮޅެއް އުނދަގޫވި އެވެ. އެހެން އުޅެނިކޮށް ސްކޫލް ނިމިއްޖެ އެވެ. އެކަމަކު، މަދުމަދުން ޒައިން ގެ އަށް އާދެ އެވެ. ގޭގެ އެހެން ކުދިންނާ ވެސް ޒައިން އެކުވެރިކަން އުފެއްދި އެވެ. އަހަރެން ހައްތަހާ ދިޔައީ ދުރަށެވެ. އެ ވާހަކަ ފޯނުން ދައްކަން ޒައިން ވަރަށް މަސައްކަތްކުރި އެވެ. އަހަރެން އެ ވާހަކަ އޮއްބާލީ އެވެ.

    "ކޮބައިތަ މައްސަލަ އަކީ؟" ހަތަރުކަޅި ހަމަކޮށްފައި ޒައިން އެހި އެވެ.

    އެ ދުވަހު އަހަރުމެން އެންމެން ތިބީ ތާސްކުޅޭށެވެ. އެކަމަކު، ކުއްލިއަކަށް މަގުމަތީގައި އަޑުގަދަވެގެން، އެހެން މީހުން އެ ތަން ބަލަން ދިޔަ ވަގުތު، ވަރަށް ސީރިޔަސްކޮށް ޒައިން އެ މައްސަލަ ނެގި އެވެ.

    "އައި ލައިކް ޔޫ!" ފެންކަޅިވެފައި އަހަރެން ބުނެލީމެވެ.

    އެ ހިސާބުން އެކަން ނިމުނީކީ ނޫނެވެ. އަތްބައި އެ ތަނަށް އުކާލާފައި އަހަރެން ގޮސް ކޮޓަރި އަށް ވަދެފައި ތަންޑުއެޅީ އެވެ. ޒައިން އެއްޗެއް ނުބުނުމުން އަހަރެން ނިންމީ، އަހަރުމެންގެ އެކުވެރިކަން އެ ހިސާބުން ނިމުނީކަމަށެވެ. އެހެންވިޔަސް، ލޯބި ހިތުގައި ފޮރުވައިގެން މާ ގިނަ ދުވަހު އަހަންނަށް އުޅެވިއްޖެ އެވެ.
    ހެނދުނު ހޭލިއިރު އަހަންނަށް އައިސްފައި އޮތީ މެސެޖެކެވެ.

    "އައި ލައިކްޔޫ ޓޫ!" އޭގައި އޮތެވެ.

    އުފަލުން ގޮސް އަހަންނަށް ރޮވުނެވެ. އެކަމަކު، ދެން ކަންތައް ކުރާނެ ގޮތެއް ނޭނގުނެވެ. އަހަންނާ ގުޅާކަށް ޒައިންއަކަށް ނުކެރުނެވެ. ޒައިންއާ ގުޅާކަށް އަހަންނަކަށް ވެސް ނުކެރުނެވެ. އަދި އަހަރެންގެ ގެ އަށް އަންނާކަށް ވެސް ޒައިންއަކަށް ނުކެރުނެވެ. އިންތިޒާރުގައި ތިއްބައި ކޮންމެ ދުވަހެއް ވެސް ނިމިގެން ދިޔައީ އެވެ. އޭރު، ހަމަޖެހިފައިއޮތީ، ކިޔަވަން ޒައިން ބޭރަށް ދާގޮތަށެވެ. ދެން ހަދާނެގޮތެއް ނޭނގިފައި އަހަރެން ހުއްޓައި، ޒައިން ކިޔަވަން ފުރީ އެވެ. އޭރު އަހަރެންގެ ލޯބިވެރިއަކީ، ބައްޕަގެ ބެސްޓް ފްރެންޑްގެ ދަރިފުޅު އަފީފް އެވެ. ކުއްލިއަކަށް ކައިވެނީގެ ވާހަކަދެކެވި، އަހަރެންނާ ހަމައަށް އެ ވާހަކަ އައިއިރު، ދުވަސް ވެސް ކަނޑައެޅި ނިމިއްޖެ އެވެ. ބައްޕަ ހިތުގައި ޖައްސާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން ކައިވެނި ކުރީ އަފީފާ އެވެ. މިހާރު އަހަންނަށް ދެ ކުދިން ލިބިއްޖެ އެވެ. އަދި ވެސް އަހަރެން ލޯބިވަނީ ޒައިންދެކެ އެވެ. އެކަން އިނގޭނެ ދެވަނަ މީހަކީ ވެސް ޒައިން އެވެ. ލޯބިވާކަން ބުނަން ނުކެރިފައި ހުރުމަކީ ކިހާ ހިތްދަތިކަމެއްކަން މިހާރު އަހަންނަށް އެނގެ އެވެ.

(ނިމުނީ)
                                          

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ