އަދުގެ ޚާއްސަ

Print

މެންދަމެއްގެ އަރާމު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)


1- ފުރަމެންދަމެއްގެ ހިމޭންކަމާ ފިނިކަންވެޔޭ   މުޅި ބިންމަތީ
   ގުރަޔާ ކޮކާ، ކައުނާ ފަޒާ،  ނިދިފައިވެޔޭ     މަޑު ތަންމަތީ


2- އަހަރެން އޮތީމޭ ނުނިދިފާ، އަހަރެން އަހަންނަށް  ނޭނގިފާ
   ފަހަށާއި ކުރިޔަށް ވިސްނިފާ،     މި ޙަޔާތު ދޭ ރިހުމުގެ މަތީ


3- ޅަދުވަސް ހިނގައްޖޭ އުދުހިގެން، ހުދު ސާފު ކާފޫރަށް  ވެގެން، 
  ދެ ދުވަސް ކަމަށް އިޙުސާސްވެގެން، ކުރެވޭ މި ކުރު ދަތުރުގެ މަތީ




4- އަހުރެންނަކީ ފަހެކާކުހޭ؟   އަހުރެން އައީ      ފަހެ ކީއްވެހޭ؟
         ވަހުމެއް ނެތީ ކޮންތާކުހޭ؟   ދުނިޔޭގެ     ކަށި    ފާލަންމަތީ 


5- އައްޔާ އަނދިރިވެސް ނުގުޅެޔޭ،   ދެއްޔާ އަނގުރު ވެސް އެ ފަދަޔޭ،
         ވެއްޔާ ރަޙިމު  ގުޅިފައިމިވީ...!  ކިހިނެއްހެ ސިއްރުން   ޤުދުރަތީ


6-  މަށިފަސްކޮޅެއް ނޫންހޭ މިއީ،    ހަށިގަނޑުގެ  މީޔޭ  އަސްލަކީ،
        ކުށުގައި  ހެމުން  ކުރި  ހޯދަނީ،  ފުށި ފިނޮޅެކޭ އޮތް ކަނޑުމަތީ


7- މި އެނދާ މި މަޑު ބާލީސްތަކާ،    ކަފުނާ ކޮބައިހެ  ތަފާތަކީ؟
        މި ތަކެތި އަރާމެއް ދޭނެހޭ      މި ދެލޯ މެރޭ  ހިނދު މަރުމަތީ

       
8- އިވުނޭ ނިދާއެއް ހިތުތެރަށް، އުޑުތަކުމަތިން   އައިސް މޭތެރަށް،
       ވެވިދާ ތަޖައްލީ ވަގުތުގައި     ހުއްޓޭށެ ގޮސް     ''ކުރިފުޅުމަތީ''  
      
 
9- ވައިރޯޅިއެއްހެން ނިކުމެގެން، އަހަރެން  ދިޔައިމޭ ޝައުޤުގާ
        ފާފައިގެ ބަރުތައް ކޮނޑުއަޅައި     ހިތްދަތިކަމާއެކު    މަގުމަތީ

   
10- ރަޙްމަތުގެ މާތް ދަރުބާރުގާ،  ގޮސް ހުއްޓިހުރެ މިޙްރާބުގާ،
         އަހުރެންގެ ލޯ ތެމިލީ ވަގުތު!.....   ލިބުނޭ   އަރާމު  ނިހާޔަތީ
                     ------------------
7 ޖުލައި 2009

 
ނޯޓު: ބައެއް ކިޔުންތެރިން ފާހަގަ ކުރެއްވި ''ކާފޫރު'' ގެ މައްސަލަ މި ހާރު އެވަނީ ހައްލު ކުރެވި ފައެވެ. ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރިއްޔާ އެވެ.  (11 ޖުލައި 2009- 17.35)                       

ހަމަމިގަލަމުން

އިދާރާ

ވާހަކަ