އަދުގެ ޚާއްސަ

Print

އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިވެހި


އިސްމާޢީލް ވަޙީދު (1999)

މާފަތްގޭ އަލްވަޒީރު އިބްރާހިމް މާފަތްތަކުރުފާނަކީ ދޮންމަނިކުގެ ދޮންތުއްތު (އިބްރާހީމް) އެވެ. އެއީ ބަބުރު ނައިބުކަލޭގެފާނު (މުޙަންމަދު ޙަބަޝީ) ގެ ކަޅު ޢަލިމަނިކުގެ ދޮންމަނިކު (ޢުމަރު މަނިކު) ދިއްފުށީ ޙުސައިން ހަނދޭގިރި ތަކުރުފާނުގެ މާކޮށާރު ޢަލިމަނިކުގެ މާކޮށާރު އިބްރާހީމް މަނިކުގެ މާކޮށާރު އާއިޝާ މަނިކެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ދޮންތުއްތުއެވެ. ފަހުން އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނެވެ. ބަބުރު ނައިބުކަލޭގެފާނު ނުވަތަ ބަބުރުނައިބު ތަކުރުފާނަކީ ފަހުން ރާއްޖޭގެ ބަންޑާރަ ނައިބުކަމާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ފަނޑިޔާރުކަން ލިބިވަޑައިގަތުމަށްފަހު އެއީ އަލްޤާޟީ މުޙަންމަދު ޢަފީފުއްދީނެވެ. ސުމުއްވުލް އަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވާ ގޮތުގައި އެއީ ރާއްޖޭގެ 35 ވަނަ ފަނޑިޔާރާއެވެ.

އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1870 (ހިޖުރައިން 1290 ) ގެ އަހަރުތަކުގެ ތެރޭގައި ފުރަމާލޭގައެވެ. ކިޔަވައި ވިދާޅުވީ މުލީގޭ ދޮށީދީދީ (ފަހުން އަލްވަޒީރު ޙުސައިން ފާމުދޭރި މަނިކުފާނު) އާ އަދިވެސް އެދުވަސްވަރުގެ ބައެއް ބޭފުޅުންގެ އަރިހުންނެވެ. މާފަތްތަކުރުފާނު ފުރަތަމަ އަދާކުރެއްވި ސަރުކާރަށް ލިބޭ ފައިސާ ބޮޑޮބަނޑޭރިގޭގައި ގުނައި އެހުންނާންވީ ދަފިތަކަށް އަޅަމުން ގެންދިއުމުގެ ވަޒީފާއެވެ. ބައެއް ބޭފުޅުންގެ އަރިހުން އަޅުގަނޑަށް ލިބުނު މަޢުލޫމާތުން އެނގުނު ގޮތުގައި  މާފަތްތަކުރުފާނު ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ އައްސުލްޠާން އިބްރާހިމް ނޫރައްދީންގެ ދެވަނަ ރަސްކަމުގައި )1888 މ. ން 1892 މ. އަށް) އެރަދުންގެ އިސްކަކާ ބޭކަލެއްގެ ވަޒީފާއެވެ. މާފަތްތަކުރުފާނުގެ ދެވަނަ ވަޒީފާއަކީ އޭނާގެ ބައްޕަ ދޮންމަނިކަށް އޮތް ބ. އަތޮޅުގެ ވާރުވެރިކަމަށް ބައްޕަގެ ބަދަލުގައި ވަޑައިގަތުމެވެ. ދޮންމަނިކު ނިޔާވުމުން އެއަތޮޅުގެ ވާރު ސަރުކާރުން ދެއްވީވެސް މާފަތްތަކުރުފާނަށެވެ. އިބްރާހިމް މާފަތްތަކުރުފާނު އަދާކުރެއްވި ތިންވަނަ ވަޒީފާއެއް ކަމަށްވަނީ ސަރުކާރުގެ ނާކޮޅުގެ ބަންގާޅު ނެވިކަމެވެ.  ނެވިކަމުގެ ފުރަތަމަ ދަތުރުގައި ކޮޅުބު މަގުން ކަލްކައްތާއަށް އޭނާ ވަޑައިގަތީ އޭނާގެ ދެވަނަ ދަރިކަލުން މާފަތްގޭ ދޮންސީދީ (ފަހުން އައްޝައިޚު ޢަބްދުލް ޤައްޔޫމް ސީދީ) ގޮވައިގެންނެވެ. އޭރު ދޮންސީދީގެ ޢުމުރުފުޅުން އޮތީ ފަނަރަ އަހަރަށެވެ. މާފަތްތަކުރުފަނު މިދަތުރުގައި ބަންގާޅަށް ފުރާވަޑައިގަތީ ހިޖުރައިން 1330 ވަނަ އަހަރުތެރޭގައެވެ.  އެއީ އޭނާގެ ޢުމުރުފުޅުން 40 ގެ އަހަރުތަކުގައެވެ. ބަންޑާރަ ނެވިކަމަށްފަހު ހަތަރުވަނަ ވަޒީފާއެއްގެ ގޮތުން ބޮޑޮ ބަނޑޭރިގޭގައި ލިޔެވޭ ކުދިކުދި ސިޓީތަކުގައި ސޮއިކުރެއްވުމުގެ ޤަދަރުވެރި ވަޒީފާ މާފަތްތަކުރުފާނަށް ލިބިވަޑައިގެންފިއެވެ. މިވަޒީފާގެ މުސާރައަކީ މަހަކު 100 ރުފިޔާ އާއި 150 ރާތަލުގެ ހަނޑޫ ބަސްތާއެކެވެ.

ދޮންމަނިކުގެ ދޮންތުއްތުއަށް މާފަތްކަމަށް ކޮލިލީ ޝަމްސުއްދީން ރަދުންގެ ރަސްކަމުން 27 ވަނަ އަހަރުއެވެ. އޭރު ދައުލަތުގެ ބޮޑުވަޒީރަކީ އަތިރީގޭ ސުމުއްވުލް އަމީރު ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނެވެ. މާފަތްކަމަށް ކޮލިލީ 1347 ރަބީޢުލް އާޚިރު 6 (1928 ސެޕްޓެމްބަރ 21) ވީ ހުކުރު ދުވަހުއެވެ. އެދުވަހުގެ ހުކުރުގެ ފަހުންނެވެ. މާފަތް ނުވަތަ މާފަހަތް ބޭކަލަކީ ސަރުކާރުގެ ރަސްމީ ލިޔުންތަކާއި ރިކޯޑުތައް ބަލަހައްޓަވައި އަދި ރަދުންގެ އަމުރުފުޅުތައް ނެރުއްވައި އަންގަވާ ވެރިޔާއެވެ. އަދި މީގެ އިތުރަށް އެއީ ސަރުކާރުގެ މުދަލާއި ފައިސާ ބަލަހައްޓަވާ ވެރިޔާގެ ނައިބުވެސް މެއެވެ. މާފަތްތަކުރުފާނަށް މާފަތްކަމަށް ކޮލިލެވުނު އިރު އޭނާގެ އަނބިކަބަލުން ނައިފަރު ތަންހަޅި މަރިޔަމް މަނިކެ އިންނެވީ މާފަތްތަކުރުފަނުގެ ދަރިކަނބަލުން އުއްމުކުލް ޘޫމަށް (މާފަތްގޭ ރަންފުޅު) އާލާސްވެއެވެ. އޭރު ބަނޑުފުޅަށް ދެމަހެވެ. މަރިޔަމްމަނިކެ ރަންފުޅައިގެން ރައްކާވީ މީލާދީން 1929 ވަނަ އަހަރުގައެވެ. މާފަތްކަމަކީ ދައުލަތުގެ ޢިއްޒަތްތެރި މަޤާމެއްކަމުން މަރިޔަމްމަނިކެ ރައްކައުވުމާއެކު އެޒަމާނުގެ އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތިން ހަމަވަގުތުން މާފަތްގޭ ދޮރުމަތީގައި ބެރުފިޔަފާޅި އަޅައި ބެރު ދުންމާރި ތާޅަފިލިވެރިން އައިސް ފަސްރޭ ފަސްދުވާލުގެ ސަމާފަޅިއެއް ކުޅުނެވެ. ބެރު ދުންމާރި ތާޅަފިލިވެރިންނަކީ ރަދުންގެ އަމުރުފުޅަށް ބޮޑުގަނޑުވަރުން ފޮނުއްވާ ބައެކެވެ.

އަލްވަޒީރު އިބްރަހީމް މާފަތްތަކުރުފާނަކީ ޙަކީމީ ބޭސްވެރިއެކެވެ. އުރުދޫ ބަސް ވަރަށް މޮޅަށް ދެނެވަޑައިގަނެއެވެ. ލަފާކުރެވޭ ގޮތުގައި އޭނާގެ އުރުދޫ ބަހުގެ ފެންވަރު އެހާ ރަގަޅުވީ ބަންގާޅަށް ކުރެއްވި ދަތުރުތަކުގެ ސަބަބުންނެވެ. އޭނާ ރައިވަރުވެސް ހައްދަވައި އުޅުއްވިއެވެ. "ނޫރުލްހުދާ" ނަމަކަށް ކިޔުނު ރައިވަރު ފޮތެއް ހެއްދެވި ކަމަށް ވެއެވެ. ނަމަވެސް ހިތާމައަކީ އެފޮތް އަޅުގަނޑުމެންނާ ހަމައަށް ނައިސް ގެއްލުނު ކަމެވެ. މާފަތްތަކުރުފަނަކީ ލާފެންކުރައްވަވާވެސް އުޅުއްވި ބޭފުޅެކެވެ. މަޝްހޫރު އެޗް.ސީ.ޕީ ބެލް ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި ނިކަން ރީތިކޮށް އަސައެއް ލާފެންކުރައްވާފައި ބެލް އަށް ހަދިޔާ އަކަށް ދެއްވިއެވެ. އަދި އޭނާއަކީ ޝަމްސުއްދީން ރަދުންގެ އަމުރުފުޅަށް ރާއްޖޭގެ ޗާޓްކުރެހުމަށް އުފެއްދި ކޮމިޓީގެ މެންބަރެއްވެސް މެއެވެ. މި ކޮމިޓީން 1921 ވަނަ އަހަރު ކުރެހި މިދެންނެވި ޗާޓް ރާއްޖޭގެ ދާރުލް އާސާރުގައި މިއަދުވެސް ފެންނާން އެބައޮތެވެ.

އަލްވަޒީރު އިބްރާހިމް މާފަތްތަކުރުފަނު ގިނަ ކައިވެނިފުޅުތަކެއް ކުރެއްވިއެވެ. ނަމަވެސް މީގެ ތެރެއިން ބޭފުޅުން ލިބިވަޑައިގެން ދަރިކޮޅުދެމިއޮތީ ހަތަރު ބަނޑަކަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތުންނެވެ. އެއީ ދޮށި ހަނގު ތަރުތީބުން ކޮނޑޭ އާމިނާދީދީގެ ބަނޑުފުޅުން މާފަތްގޭ ހަސަންމަނިކު، ގަލޮޅު ސީދީގެ ކަހަނބުގޭ ސިއްތީގެ ބަނޑުފުޅުން މާފަތްގޭ ދޮންސީދީއާއި ދޮންސިއްތި، ގާ އިބްރާހިމްފުޅުގެ ސަންޕާމަނިކެގެ ބަނޑުފުޅުން މާފަތްގޭ ދޮންމަނިކު، ނައިފަރު މަރިޔަމްމަނިކެގެ ބަނޑުފުޅުން އުއްމުކުލްޘޫމް (މާފަތްގޭ ރަންފުޅު) އެވެ. މާފަތްތަކުރުފާނު ކައިވެނި ބެއްލެވި ބޭފުޅުންގެ ތެރޭގައި އެއްގަމުގޭ ޙަސަން ފާމުދޭރިކިލެގެފާނުގެ އުއްމުކުލްޘޫމް ދީދީ ހިމެނިވަޑައިގަނެއެވެ. މި ދީދީ އާ ފަހުން ކައިވެނި ބައްލަވައިގަތީ ޙާޖީ އިމާދުއްދީން ރަދުންނެވެ.

އަލްވަޒީރު އިބްރާހިމް މާފަތްތަކުރުފާނު އަވަހާރަވީ 15 ވަރަކަށް ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު 1350 ހ. ވަނަ އަހަރުގެ މުޙައްރަމް މަހުގެ 5 ވީ އާދީއްތަ ވިލޭރޭ (1931 މެއި 23 ވީ ހޮނިހިރު ދުވަހުގެ ރޭ) ފަތިސްވަމުން އައިވަގުތުއެވެ. އެދުވަހު ހެނދުނު އަށެއްވެސް ނުޖަހަނީސް ޙުސައިން ސަލާޙުއްދީން ފަނޑިޔާރު މަނިކުފާނާއި ހެންވޭރުގޭ ޢަލީ ކުޑަ ރަންނަބަޑޭރި ކިލެގެފާނާއި ދައުލަތުގެ ބޮޑުންކުރެ އެތައް ބޭފުޅުންނެއް މާފަތްގެއަށް ވަޑައިގަތެވެ. އެޒަމާނުގެ އާދަކާދަ އޮންނަގޮތުން އެފެންވަރުގެ ބޭފުޅުންގެ ޖަނާޒާގެ ހުރިހައި ކަމެއް ހިނގަމުންދަނީ ރަސްމީ ޢިއްޒަތުގައެވެ. އެހެންކަމުން މާފަތްތަކުރުފަނުގެ ޖަނާޒާގެ ހުރިހައި ކަމެއް ހިނގަމުން ދިޔައީ ރަސްމީ ޢިއްޒަތުގައެވެ. ވަޅުކޮނުނީ ސަނދުވާ ދަމައިގެން ލާޖެހި އުނދަލިންނެވެ. އޭރު ނާބުސްޚާނާއިން ހަވަރަށް ބެރުޖަހާ އަޑު އިވެމުން ދެއެވެ. މިބެރަކީ ހަވަރު އެއްކުރަންޖަހާ ބެރެކެވެ. ބެރުޖަހަނީ ރަދުންގެ އަމުރުފުޅަށް މާބަނޑޭރި ބޭކަލަކު އެންގެވީމައެވެ. މާފަތްގޭދޮށަށް ހަވަރުން ބޭކަލުން ދުރުވިއެވެ. މާފަތްތަކުރުފާނުގެ ގާތްތިމާގެ ބޭފުޅުން މޫނުފުޅު ދުށުމުން ހަވަރަށް މޫނު ދެއްކެވިއެވެ. ޖަނާޒާގެ ހުރިހައި ކަމެއްގައި އިސްވެއުޅުއްވީ މާފަތްތަކުރުފާނާއި އެއްބަނޑު އެއްބަފާ ހުސައިންމަނިކެވެ. ސަންދޯއްޕުޅު ހިއްޕަވައިގެން އެންމެ ކުރިއަށް ތިއްބެވީ ސަލާޙުއްދީން ފަނޑިޔާރުމަނިކުފާނާއި ކުޑަ ރަންނަބަނޑޭރި ކިލެގެފާނާއި ދޮންމަނިކުގެ އިސްމާޢިލް ދީދީއާއި ޢަބްދުﷲ ދީދީއެވެ. ދެން މާފަތްތަކުރުފާނުގެ ދޮށީ ދަރިކަލުން މާފަތްގޭ ޙަސަންމަނިކާއި ދެވަނަ ދަރިކަލުން މާފަތްގޭ ދޮންސީދީއެވެ. ދޮރާށިން ސަންދޯއްޕުޅު ނެރުމާއެކު ސަންދޯއްޕުޅުގައި ހިއްޕެވުމަށް ތިއްބެވި ވަރުހަނގު ބޭކަލުންގެ އަށް ބޭކަލުން ކޮނޑުދޮށަށް ފޭލިލައްވައިގެން ސަންދޯއްޕުޅު ހިއްޕެވިއެވެ. ސަންދޯއްޕުޅު ގަބުރުސްތާނަށް ގެންދިޔައިރު ދެފަރާތުން ދެގުލާބުދާނުން ސަންދޯއްޕުޅު މައްޗަށް ފިނިފެން ޖަހަމުން ގެންދިޔައެވެ. ފަސްދާނުލެވުނީ ބޮޑުތަކުރުފާނު ޒިޔާރަތުގެ އިރުން އޭރުއޮތް ގަބުރުސްތާނުގައެވެ. ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތިތެރޭގައެވެ.
    

އިސްމާޢީލް ވަޙީދު (1999). ފަތްތޫރަ (247). ދިވެހިބާހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ. 

ހަމަމިގަލަމުން

އިދާރާ

ވާހަކަ