އަދުގެ ޚާއްސަ

Print

ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ

ޝާޢިއުކުރީ ޢަބްދުﷲ ޒަމީރު . ހިމެނޭބަޔަކީ މާދަރީބަސް


ފޮތެއްގެ ތަޢާރަފް..
"ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ"....

ޢަބްދުﷲ ޒަމީރު (1998)
    
ދިވެހި ތާރީޚަށް އެކި ސިފަސިފައިގައި ރާއްޖެއިން ބޭރުގެ ލިޔުންތެރިންނާއި ދަތުރުވެރިން ޚިދުމަތްކޮށްފައި ވެއެވެ. މިގޮތުން ޚިދުމަތް ފާހަގަކުރެވޭ އެކަކީ ފަރަންސޭސިވިލާތުގެ ލަވާލްއަށް އުފަންވި މަޝްހޫރު ސައްޔާހު ފްރެންކޯއީ ޕިރާޑެވެ.
   
މީލާދީން ސަތާރަވަނަ ގަރުނުގެ ވަރަށްކުރީކޮޅު 1602 ވަނަ އަހަރު ރާއްޖެއަށް އާދެވުނު ފްރެންކޯއީ ޕިރާޑުގެ ދަތުރުނާމާ ޕިރާޑް ލިޔުނީ އޭނާގެ ރަށުގެ މީހުންނަށް އިރުމަތީ ދިރިއުޅުމާއި ޚަބަރުތައް ސާފުކޮށްދިނުމުގެ ބޭނުމުގައެވެ. ފަރަންސޭސިބަހުން ތިންފޮތަށް ޗާޕްކުރެވުނު ފޮތް އިނގިރޭސިވިލާތުގެ ޖަމާޢަތަކުން ޕިރާޑުގެ "ދަ ވޮއެޖް" އިނގިރޭސި ބަހަށް ތަރުޖަމާކުރެވިފައި ވަނިކޮށް 20 ވަނަ ގަރުނުގެ ތެރޭގައި މިފޮތް ދިވެހިބަހަށް ތަރުޖަމާކުރައްވައި ފުރަތަމަ ފަހަރަށް ނޫހުގެ ޒަރީޢާއިން ދިވެހިންނާ ހަމައަށް ގެނެސްދެއްވީ އަލްމަރުޙޫމް މުޙަންމަދު އިސްމާޢީލް ދީދީ އެވެ.
   
އަލްމަރުޙޫމް އިސްމާޢިލް ދީދީގެ މިދެންނެވި ތަރުޖަމާ 1995 ވަނަ އަހަރުގެ ލިޔުންތެރިންގެ ދުވަހު "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" މިނަމުގައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިހުން ވަނީ ޝާއިޢު ކުރައްވައި ޢާންމުކޮށް ލިބޭނެގޮތް ހަމަޖައްސަވާ ދެއްވާފައެވެ. މިއީ 432 ސަފްޙާގެ ފޮތެއް ކަމުގައި ވެފައި ފޮތް އެންމެ -/90 ރުފިޔާއަށް ވިއްކާކަމީ ދިވެހި ތާރީޚަށް ޝައުޤުވެރި ފަރާތްތަކަށް ލުއި އަގެއްގައި ފޮތް ލިބޭނެގޮތް ތަނަވަސް ކޮށްދެއްވުމުގެ ގޮތުން ހަމަޖައްސަވާފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
   
ޕިރާޑުގެ "ދަ ވޮއެޖް" ދިވެހި ބަހަށް ގެންނެވުމުގައި މިފޮތުގެ މުޞައްނިފު އަލްމަރުޙޫމް މުޙަންމަދު އިސްމާޢިލް ދީދީ ބައްލަވާފައިވަނީ މުޅިފޮތް ތަރުޖަމާ ކުރެއްވުމުގެ ބަދަލުގައި ރާއްޖެއާބެހޭ ބައިތައް ތަރުޖަމާ ކުރެއްވުން ކަމަށްވެފައި އެމަޤްޞަދު ޙާސިލް ކުރެއްވިފައިވާ ކަމުގައި އަޅުގަނޑަށް ފެނެއެވެ. ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ އަކީ ވަރަށްގިނަ މަޢުލޫމާތު  އެކުލެވޭ މުއްސަނދި ތާރީޚުގެ މަދަރުސާއެކެވެ. މީގެ ގާތްގަނޑަކަށް 394 އަހަރުކުރިން ރާއްޖޭގެ ބައެއް ކަންތައްތައް ހުރިގޮތް މިފޮތުން ވަރަށް ރަގަޅަށް ފިލައެވެ. މިފޮތުގެ އަސްލު ކަމުގައިވާ ޕިރާޑުގެ ދަތުރުނާމާ ޕިރާޑު ލިޔުއްވާފައިވަނީ ރާއްޖޭގެ ކަންތައްތައް ލޮލުންދެކެ ތަޖުރިބާ ކުރުމަށްފަހުގައި ކަމަށްވުމާއެކު ފޮތުގައި މުޞައްނިފު ގެންނަވާފައިވާ އެކި ޙާދިސާތަކުގެ ޙަޤީޤަތްކަން ވަރަށް ބޮޑަށް އެނގެއެވެ.
   
ކޮންމެ މުޞައްނިފެއްގެ ޚިޔާލު ތަފާތުވުމަކީ ޠަބަޢީ ކަމަކަށްވެފައި ޕިރާޑުގެ އަސްލު ލިޔުމުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވި މިފޮތުގެ މުޞައްނިފުގެ ޚިޔާލާ ޕިރާޑާއި ތަފާތުކަން ހުރިނަމަވެސް އަލްމަރުޙޫމް މުޙަންމަދު އިސްމާޢިލް ދީދީ ފަދަ ދިވެހި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅަކު ޕިރާޑަށް ތާއިދު ކުރައްވާ ކަންކަން ހުރިކަމީ ޕިރާޑުގެ އަސްލު ލިޔުން ދުށުމަށް ޝަޢުޤުވެރިކަން އުފެދޭކަމެކެވެ.
   
މީލާދީން ސަތާރަވަނަ ޤަރުނުގެ ކުރީކޮޅު ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވި އައްސުލްޠާން އިބްރާހިމް 111 ކަލާފާނުގެ ބައެއް ވާހަކަތައްވެސް މިފޮތުން އެނގެއެވެ. ހަމަ އެހެންމެ އެދުވަސްވަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަމަޖެހިފައި އޮތްގޮތް ވެސް މިފޮތުން ފިލައެވެ. އަދި ޢަދުލު އިންސާފާއި ޝަރީޢަތުގެ ކަންތައްތައް މީގެ ހަގަރުނުގެ ކުރިން ރާއްޖޭގައި އޮތްގޮތް މިފޮތުން އެނގެއެވެ. މިފަދަ މަޢުލޫމާތުތައް މިފޮތުގެ ބޭނުން އެތައް ގުނައަކަށް އިތުރުކޮށްދެއެވެ. ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ މިފޮތް ކިޔަމުން ދާއިރު ރާއްޖޭގެ އިހުގެ އާދަކާދަ ބައިސްކޯފު ފީތާފަށެއް ނިއުޅެމުންދާއިރު މަންޒަރުތައް ފެންނަ ބީދައިން ފެންނަމުން ދެއެވެ. މިއީ މިފޮތުގެ ރަގަޅު ސިފަތަކުގެ ތެރެއިން އެންމެ ރަގަޅު އެއްސިފަ ކަމުގައި ދަންނަވާކަށް އަޅުގަނޑު ޖެހިލުމެއް ނުވެއެވެ. ދިވެހިންނަކީ ކަނޑުދަތުރަށް ކުޅަދާނަ ބައެއް ކަމުގައި ޕިރާޑަށް ފެނިފައި އޮތުމަކީ ދުނިޔޭގެ  މީހުންގެ ތެރޭގައި ދިވެހިންގެ ޤަދަރު އުފުލޭނެ ކަމެއްކަން ކަށަވަރެވެ. ދިވެހި ދިރިއުޅުމާއި އާދަކާދަ މިފޮތުން ވަރަށް ރަގަޅަށް އެނގެއެވެ. މީގެ ތެރޭގައި އިޙްތިފާލުތަކާއި މުނާސަބަތުތައް ފާހަގަކުރެވޭ ގޮތާއި އެކިއެކި ގުޅުމާއި އުޅުންތައް ހުންނަގޮތުގެ ތަފްސީލަށް ފޮތުގައި އަލިއަޅުވާލެވިފައި ވެއެވެ.

ފާތިޙާ ދުވަސް ކަނދި ދުވަސް ބާރަ މައުލޫދު، ޛިކުރުކިޔުން ނަދުރު ބުނުންފަދަ ދިވެހިންގެ ތެރޭގައި އިހު ކުލަގަދަކޮށް ފާހަގަކުރެވުނު ކަންތައްތަކަށް  މިފޮތުގައި ބަލާލެވިފައި ވުމާއެކު މިފަދަ ކަންކަމާބެހޭ މަޢުލޫމާތު ހޯދަން ބޭނުންވާ މީހަކަށް މިއީ ޚަޒާނާއެކެވެ. މިފޮތުގެ މުޞައްނިފު ފޮތް ތަރުޖަމާ ކުރައްވާފައި ވަނީ އެކި މަޢުޟޫތަކަށް ވަކިވަކިން ކަމުން ފޮތުގެ މަޢުލޫމާތު ހޯދާ ފަރާތްތަކަށް މިކަމުން ނުހަނު ބޮޑު ފަސޭހަ ލިބޭނެއެވެ. ރާއްޖޭގެ ޢާންމުދިރިއުޅުން ސަތާރަވަނަ ޤަރުނުގައި ހުރިނެތްގޮތް ހޯދައިބަލާ ކޮންމެ މީހަކަށް މިފޮތަކީ އެއާނުލައި ނުވާނެ ފޮތެކެވެ. އެހެންމެ ރާއްޖޭގެ ތާރީޚަށް ޝަޢުޤު ހުންނަ ކޮންމެ މީހަކު މަދުވެގެން އެއްފަހަރު ނަމަވެސް މިފޮތް ކިޔާލަން ބޭނުންވާނެއެވެ. އަދި ދިވެހި ތާރީޚުގެ ދަރިވަރުންނަށް ލިބެންހުރި ތާރީޚާބެހޭ ލިޔުންތަކުގެ ތެރޭގައި އަލްމަރުޙޫމް މުޙަންމަދު އިސްމާޢިލް ދީދީގެ ފޮތެއްކަމުގައިވާ "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" ހިމެނެނީ ދިވެހި ތާރީޚާބެހޭ ފުން ކަނޑެއްކަމުގައެވެ. މިފޮތުން އެކަނިވެސް އަލްމަރުޙޫމް މުޙަންމަދު އިސްމާޢިލް ދީދީ ދިވެހި ތާރީޚަށް ދެއްވާ ސަމާލުކަމާ އަހައްމިއްޔަތު ވަޒަންކުރެވޭ ވަރުވެއެވެ. ކުރު ގޮތަކަށް ދަންނަވާނަމަ އަލްމަރުޙޫމް މުޙަންމަދު އިސްމާޢިލް ދީދީގެ "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" މިފޮތަކީ މިހާރުވެސް ލިބެންހުރި ދިވެހި ތާރީޚަށް ކުޑަވެސް ޝައުޤެއްހުރި ކޮންމެ މީހަކު ފަހަރު ފަހަރުމަތިން މުޠާލިއާ ކޮށްލުމަށް ހޯދާލުން ބޭނުންތެރި އަގުހުރި ފޮތެކެވެ.


ޢަބްދުﷲ ޒަމީރު (1998) ފަތްތޫރަ (228). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

އެނގޭތަ؟

ވާހަކަ