އަދުގެ ޚާއްސަ

Print

ރިހޭފައިމައްޗަށް ފޮއި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ މޫސާ ދީދީ

ފަތިހު ގޮސް ހުޅުވައިލި އިރުގައި ސައިހޮޓާ ވައިގަދަކަމުން
     ދަތިތަކެއް ކުރިމަތިވިޔޭ ޓިނުތައް ފުރާޅުގެ ތެޅުވުމުން

ނައިކަމުން ހެދިކާ ހަދާމީހުންގެ އިތުރަށް ވޭޓަރުން
     ހައިބަނޑާ ހުރެ ދުއްވުމަށް ޖެހުނީ އެމީހުން ހޯދަމުން

ތިންހަތަރު މީހުން އައިސް ކުޑަކޮށް މަސައްކަތް ފެށްޓުމުން
      އިންތަނުން ގޮސް ތެދުވެގެން ގުދަނަށް ވަނީމޭ މަޑުމަޑުން

ޓައްޕުތައް މަތިތައް ނަގަން ހީކޮށް ގުދަން ދިއްލައިލުމުން،
      ކަށްޓަކަށް ޖެހުނީ ކޮޅަށް ހަނޑުލާ ހަކުރުފުށް ނެތް ކަމުން

އައިދެތިން ގަނޑު ކޮޅިޔަކުން ފެންބޮޑުވެ ދިޔަ ހައްދައިލިޔަސް،
      ގައިމުވެސް މިވަރެއް ނުވާނޭ ހީވި   އެތަކެތި އާ  ވުމުން

ބިތްދޮށުން ވަދެ ކޮންމެ އެއްޗެއް ކައިފަޔޭ މީދާވަނީ،
       އަތްދޮށުން ދިޔަ ނުބެލުމެކެ މީދާ މިނަށްވުރެ ގިނަވުމުން

ދެން އެހެން ވިސްނާލުމަށް ހުރެފައި ހެތަށްއެރިޔޭ މިވީ،
        ފެންވަރައިލަން ގޭދޮށަށް ދިޔުމޭ އޮތީ ހަމަ މަޑުމަޑުން

ގޭދޮށަށް ދިޔައިރު ދަރިންތައް ރޮއިހަދަޔެ އެކި އަޑުއަޑުން،
        ބޭރުގައި ހުސް މީހުނޭ ތިއްބާ އެ ފެނުނީ ތަންގަނޑުން

އޭގެ ދޮޅުގަޑި އިރު ކުރީ އައި ރޯޅިޔަކު ބަނބުކެޔޮގަހުން
       ނޭނގި ވެއްޓުނު ކޭލަކުން ޖެހި ފައިބިނދިއްޖޭ އަންހެނުން

އޭރު ވެސް އޯކަށް ދެމޭއަޑު ބޭރުގޭން އިވެމުންދެޔޭ
        ރޭރުވެއްޖޭ ކަން މިހިރަ ކުރިމަތިވެގެންދާ   ގޮތްގޮތުން

ފޯނުގަނޑު މާބާރަކަށް ރަނގަބީލުވާތީ ނެގިތަނުން،
         ރޮއިގަތޭ ދޯނީގެ ކެޔޮޅަކު    ހާލުގައި ޖެހިފައިވުމުން

އައިނުގައި ހުއްޓާ އެއައި ރާޅެއްގެ ހޮޅިދަށުލައި މުޅިން،
         ބައިނިގަނޑު ތެރެޔަށް ފުށުން ޖެހުނީ އެ ޝާފުޓު ބުރިވުމުން،

ހަންޖެހީމާ ކައިރިކުރި ދޯނިން ގެނައިތީ ފަޅުވެރިން
          ތަންކޮޅެއް ހިތްހަމަ ޖެހުނެ މީހުން ސަލާމަތް ވީކަމުން

ކަންބޮޑުވެގެން ދެން ހަދާނެ ގޮތެއް ފެނޭތޯ މަޑުވުމުން،
          އަންހެނުން ރޮއިގަތް އަޑޭ އިވުނީ ބިނދުނުފައި ދައްކަމުން

ކޮންކަމެއް ބާއޭ ދިމާ މިވަނީ ހަޔާތުން ހީމިވީ،
         ދެންމެޔަކު ބޭރަށް ހިނގައްޖެޔަތީ ކުދީން ވެސް  ފަތްބޮމުން

ޑޮކްޓަރަށް ދައްކަންވެގެން ފައިސާކޮޅެއް ހޯދައިލުމުން
          ވަކި ދެތިން ރުފިޔާމެ ނޫނިއްޔާ    ތިޖޫރީން ނުފެނުމުން

ކާރަކަށް އަވަހަށް ގޮވައިގެން ޑޮކްޓަރަށް ދިޔުމަށް ހިތާ،
           ބާރަފަހަރަށް ސެންޓަރާ     ނުގުޅުނު އެވާ އެންގޭޖަކުން

އައިރުޅީގައި ފައިދެ ދަނޑިޔަށް ބާރުލައި ދުއްވައިގަތީ،
           ގައިމު ވެސް ޓެކްސީއަކާ އަވަހަށް     ދިމާވާނޭ ކަމުން

ރަނގަޅަކަށް ދުއްވައި ނުގަނެވޭ މަގުތަކުން ކައްސާވަރުން،
            އަނގަވަތަށްލައި ވެއްޓިދާނޭ    ހީވޭފައި  ވާތީ ބިރުން

ގޯޅިޔަކު ތެރެއިން ނިކުމެ އައިބާރުގާ ޖެހިކާރަކުން،
          ބޯފަޅައިގެން ގޮސް ގުޑައިލައިފިޔެ ދެފައި ދަނޑިޔާ ޅިނދުން

ހޭވެރިވެ ތަންދޮރު އެނގޭގޮތްވީ ފަހުން މީހަކުބުނީ،
          ގޭގެކަންތައް މާބޮޑަށް     ބޮޑުވެއްޖެޔޭ    ތިޔަ ވީގޮތުން

ދެން ހެދޭނެ ގޮތެއް ނެތީމާ މިންވަރަށް ކޮށްގެން ޝުކުރު
           ކޮންމެ ގޮތަކަށް ވެސް މިވީ ބަލިފައިގެ މައްޗަށް ފޮއިޖެހުން

ހަމަމިގަލަމުން

އިދާރާ

ވާހަކަ