www.fanvai.info

Print

ޕުލާސްޓިކު ކޮތަޅުން ވެށްޓަށް ގެއްލުން ލިބެނީ ކީއްވެ؟

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތިމާވެށި



އަޙްމަދު ސަމީޢު
     
ޕުލާސްޓިކު ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ވާހަކައަކީ މިހާރު ވަރަށް އާންމު ވާހަކައެވެ. މިކަން ނެގޭ ދިވެއްސަކު ހުންނާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. ޕުލާސްޓިކް ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން އިޙްސާސް ކުރެވުންލެއް ބޮޑުވީމައި ބައެއް ރަށްތަކުން މިހާރު ވަނީ ޕުލާސްޓިކު ކޮތަޅު ބޭނުން ކުރުން ހުއްޓައިލުމަށް ނިންމާފައެވެ. ޕުލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތިކޮތަޅާއި ކަރުދާހު ކޮތަޅު ބޭނުން ކުރުމަށް އެރަށްތަކުން ދަނީ ވިސްނަމުން ނެވެ. މަޤުޞަދަކީ އަޅުގަނޑުމެންގެ ނާޒުކު ތިމާވެއްޓަށް ޕުލާސްޓިކް ކޮތަޅުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމެވެ. ނުވަތަ އެއްވެސް ގެއްލުމެއް ނުވުމެވެ. ސުވާލަކީ މިކުރެވޭ ބުރަ މަސަތްކަތުގެ ނަތީޖާ އެންމެ އެދެވޭ ގޮތުގައި އަޅުގަނޑުމެންނަށް ފެންނާނެބާއެވެ. އަދި ފުލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލެވިދާނެބާއެވެ. އަޅުގަނޑަށް ލަފާކުރެވޭނީ މިއީކުރެވޭވަރުގެ ކަމެއް ނޫންކަމަށެވެ. ވަރަށް ގިނަ ސަބަބުތަކާއި ހެދިއެވެ.
 
  
ޕުލާސްޓިކް ކޮތަޅުބޭނުން ކުރުން ހުއްޓާލަން ވިސްނާއިރު ޕުލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރާނީ ކޮންއެއްޗެއްބާއެވެ. ކަރުދާހު ކޮތަޅުވެސް ބޭނުން ކުރެވޭނީ ބައެއް ހާލަތްތަކުގައެވެ. ހަމަ މިގޮތުން ފޮތި ކޮތަޅުވެސް ބެނުން ކުރެވޭނީ ބައެއް ހާލަތް ތަކުގައެވެ. މިގޮތުން އަޅުގަނޑު ކުޑަ މިސާލެއް ދަންނަވާލާނަމެވެ. އަޅު ގަނޑާއެކު ބާޒާރަށް ހިންގަވާށެވެ. އާދައިގެ ހަތަރުފަސް މީހުން އުޅޭ ގެއަކަށް ބެނުންވާނެ ތަކެތި ގަތުމަށް ޓަކައެވެ. ފިނިކުރި ކުކުޅެއް ، ކުޑަ ކަނޑުމަހެއް،  ކާށި، ލުނބޯ، މިރުސް، ފިޔާ، އަލުވި، ތަރުކާރީ ކިލޯއެއް،  ފާޚާނާ ސާފުރާ ފުޅިއެއް ، ތަށި ދޮންނަން ބޭނުންވާނެ ސާމާން  ، ބައެއް ދަޅުކާނާ ، ސުވާލަކީ މިތަކެތި ރައްކާތެރި ކަމާއި އެކު ގެއަށް ގެނައުމަށް ޓަކައި ބޭނުން ވާނީ ކޮންކަހަލަ ކޮތަޅެއްތޯއެވެ. މަހާއި ފިނި ކުރި ތަކެތި އަޅާނީ ކިހެނެއްތޯއެވެ. ފޮތި ނުވަތަ ކަރުދާސް ކޮތަޅަކަށް ލައިގެން 5 ވަނަ ފަންގިފިލާއަށް އަރާއިރު ސިޑި ދޮންނަން ނުޖެހިދާނެ ބާއެވެ. ފާޚާނަ ސާފުކުރާ ސާމާނާއި ތަރުކާރީ އާއި މަސް އެއްކޮތަޅަކަށް އަޅައިފިނަމަ އެއީ ރައްކާތެރި ގޮތެއްބާއެވެ. ނުވަތަ ބާޒާރަށް ދާ ކޮންމެފަހަރަކު ގެއިން ތެއްޔާއި ބާލިދީ ފަދަ އެއްޗެއް ގެންދެވޭނެ ބާއެވެ. މިއީ މި ތަރަށްގީ ވެފައިވާ ޒަމާނުގައި އުފުލިދާނެ ބުރައެއްބާއެވެ. މިހައި ބުރަ އުފުލި ކަމުގައިވިޔަސް، ޕުލާސްޓިކް ކޮތަޅުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރަށް ބަދަލެއް ނާންނާނެ ވާހަކަ ހިތާމައާއި އެކު ދަންނަވާލަމެވެ. ސުވާލަކީ ކީއްވެގެން ތޯއެވެ؟
   
އަޅުގަނޑުމެން ވިސްނާ ވަރަށް ވުރެން ޕުލާސްޓިކް ކޮތަޅުގެ މާނަ މާފުޅަލެވެ . އަޅުގަނޑު މެންނަށް އާންމު ގޮތެއްގައި ޕުލާސްޓިކް ކޮތަޅޭ ބުނުމުން ހިތަށް އަންނަނީ ބާޒާރަށްގޮސް އެއްޗެހި އަޅައިގެން ގެންނަ ތުނި ކޮތަޅެވެ. އަޅުގަނޑު މެން ވަރަށް ގިނަމީހުންގެ ހެނދުނުގެ ސަޔަށް ބެނުން ކުރާ ޕާން ލާފައި އޮންނަނީ ވެސް ޕުލާސްޓިކް ކޮތަޅަކަށެވެ. އެޕާން ޕުލާސްޓިކް ކޮތަޅަކަށް ނުލައި ފިހާރާގައި ވިއްކަން ހުންނަނަމަ އެ ޕާން ގަންނާނީ ކިތަށް ބޭޕުޅުން ބާއެވެ. މީގެއިތުރުން ވިސްނާލައްވާށެވެ. ރާއްޖެއަކީ ވަރަށް މަދު އެއްޗެއްނޫނީ އުފައްދާތަނެއް ނޫނެވެ. ހުރިހައި އެއްޗެއް ގެންނަނީ ބޭރު ޤައުމުތަކުންނޭ ބުނުން މުޅިޔަކުން ދޮގަކަށް ނުވާނެއެވެ. ބޭރުން ގެނެވޭ ތަކެތިހުންނަނީ ކިހެނެއްތޯ އެވެ. ފައިވާނާއި ބޫޓުން ފެށިގެން އަންނައުނާއި ކާބޯތަކެއްޗަށް ދާނދެން ހުން ނަނީ ރަބަރުގައި ބަންދުކޮށްފައެވެ. އެއީވެސް ހަމަ ޕުލާސްޓިކް ކޮތަޅެވެ. ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަލާއިރު ހަމަހަމައެވެ.  ރާއްޖޭން ބޭރުން ރާއްޖެއަށް ގެނެވޭ ތަކެއްޗަކީ ވަރަށް ގިނަ ބަނދަރު ތަކަކާއި ބޯޓް ތަކުގެ އިތުރުން ވަރަށް ތަފާތު ފިނިހޫނު މިނުގެ މާހައު ތަކުގެ ތެރެއިން ލާފައި ރާއްޖެއަށް އެތެރެވާ އެއްޗެހި ކަމަށް ވާތީ އެތަކެތީގެ  ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި އެފަދަތަކެތި އުފައްދައި ބޭރުކުރާ ކާރުހާނާ ތަކަށްވެސް ރަބަރު ކޮތަޅު ބޭނުން ކުރުމަށް ވަނީ މަޖުބޫރު ވެފައެވެ.

އެނޫންގޮތަކަށް އެތަކެތި އެތެރެ ކޮށްފިނަމަ ގަންނާނެ  މީހަކު ވާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އަދި އެފަދަ އެއްޗެއް ގައި ޖަރާސީމާއި ތަފާތުވައްތަރުގެ ބެކްޓީރިޔާ ފަދަ ތަކެތި ނުހުންނާނެކަމުގެ އެއްވެސް ޔަޤީން ކަމެއްވެސް ނޯންނާނެވެ. މިގޮތުން ރަބަރު ލެވި ރަގަޅަށް ބަންދު ކުރެވިފައި ހުރުން އެއީ މިވަގުތު ދުނިޔޭގެ ބާޒާރުގައި އެއްވަނަ ދަރަޖައިގައި ބަލައިގަނެވިފައިވާ އިތުބާރު ހުރި ގޮތަކަށް ވާއިރު ރަބަރު ކޮތަޅު ނުވަތަ ޕުލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނާނީ ކިހެއްބާއެވެ؟ ރޯދަމަހައް ވިސްނާލަމާތޯއެވެ. ރޯދަވީއްލުމަށްޓަކައި ވަރަށް ގިނަ ބޭފުޅުންނަށް ކަމުދާއެއްޗެއް ކަމަށްވާ ކަރާ ގަތުމަށް  ޓަކައި މާރުކޭޓަށް ދާއިރު ވަރަށް ގިނަފަހަރަށް ފެންނަ މަންޒަރެއް ދަންނަވާލާނަމެވެ. ކަރާ މެދުން ފަޅާލުމަށް ފަހު ކޮންމެ ފަޅިއެއްވެސް ރަބަރު ކޮތަޅު ކޮޅަކުން ބަންދުކޮއްލާފައި ވާތީ ފެންނާނެއެވެ. އެރަބަރު ކޮޅުނާލައި އޮންނަނަމަ އެބައްލަވައިގަންނަވާނީ ކިތަށް ބޭފުޅުން ބާއެވެ އަޅުގަނޑުގެ ހިތަށް އަރައެވެ. އެރަބަރުކޮޅު ނާޅާއިފިނަމަ ގަޑިއެއްހައި އިރު ތެރެގައި ކިތަށްވައްތަރުގެ ޖަރާސީމު އޭގެ ތެރެއަށް ވަންނާނެ ހެއްޔެވެ. ޕުލާސްޓިކް ކޮތަޅަކީ  އަޅުގަނޑުމެން ސިއްޙަތު ސާލާމަތުން ބެހެއްޓުމަށް ވަރަށް ބޮޑު އެހީއެއް ވެދޭ އެއްޗެކެވެ. ބަލިތަކުން ރުރުވުމަށް އެހީވެދޭ މިއާއި އެކު ގަނަދުވަހު ހަލާކުވުވެ ރައްކާތެރިކަމާއި އެކު ކަތަކެތިފަދަ ތަކެތި ބެހެއްޓުމަށް ބޭނުން ކުރާ އެއްޗަކަށްވާއިރު ޕުލާސްޓިކް ކޮތަޅު ހަތުރެއް ކަމަށް ދެކެންވީ ސަބަބެއް ނުވިސްނެއެވެ.
   
އަޅުގަނޑު ދެކެގޮތުގައި ޕޮލާސްޓިކް ކޮތަޅަކީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެއް ނޫނެވެ. ތިމާވެށްޓަށް ގެއްލުންދެނީ އަޅުގަނޑުމެންނެވެ. ތިމާވެށްޓަށް ގެއްލުންދޭ އެއްޗަކަށް ޕުލާސްޓިކް ކޮތަޅު ބަދަލުކޮށްލަނީ އަޅުގަނޑުމެންނެވެ. ޕުލާސްޓިކް ކޮތަޅަކީވެސް އެއާއިމެދު ރަނގަޅު ޒިންމާދާރު ގޮތެއްގައި ބަލައިފިނަމަ އޭގެ ސަބަބުން ތިމާވެށްޓަށް ތިޔަ ހީފުޅު ކުރަށްވާހައި ގެއްލުން ދޭނެ އެއްޗެއް ނޫނެވެ. މިކަމުގައި އޮތް އެންމެރަގަޅު ގޮތަކީ އަޅުގަނޑުމެން އަޅުގަނޑުމެން ކިބައިގައިވާ އެއްޗެއްސާއި އާލާތް ކުށްވެރި ކުރުމެގެ  އާދަ ފިލުވައިލުމެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންނަށް ކުރެވޭ ކުށް ގަބޫލު ކުރުމެވެ.

ކަންރަންޓް ކޭބަލެއްގެ ދާފަރާ ނޮޅައިލައިފައި މަގުމައްޗަށް ދޫކޮއްލުމަށް ފަހު އޭގައިޖެހެހި މީހުން  މަރުވުމުން ކަންޓް ކުށްވެރި ކުރާބަޔަކަށް އަޅުގަނޑުމެން ނުވަމާހެއްޔެވެ. ޕުލާސްޓިކް ކޮތަޅާއި އެފަދަ ތަކެތި ރަނގަޅު ޒިންމާދާރު ގޮތެއްގައި  ނައްތާލާ ބަޔަކަށް އަޅުގަނޑުމެން ވެއްޖެނަމަ ޕުލާސްޓިކް ކޮތަޅަކީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗަކަށް ނުވާނެއެވެ. މިއަދު ދުނިޔެ ވަނީ ކުރިއަރައި ތަރައްޤީ ވެފައެވެ. ޕުލާސްޓިކް ކޮތަޅާއި މިފަދަ ވިރޭ ތަކެތި އަލުން ބޭނުން ކުރުމަށްޓަކައި ވިރުވައިލެވޭ ފަދަ މެޝަނަރީތައް ވަނީ އީޖާދު ކޮށްފަ އެވެ. މިފަދަ މެޝަނަރީ ތަކެއް ގެނައުން ނުވަތަ ފަދަ މެޝަނަރީއެއް ތައްޔާރު ކުރުމާއި އެކު  އަޅުގަނޑުމެން އާންމުން މިކަމަށް ހޭލުންތެރި ވެވިއްޖެނަމަ ޕުލާސްޓިކް ކޮތަޅު އޭގެ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރާ ބައެއްކަމުގައި އަޅުގަނޑުމެން ވެގެންދާނެއެވެ. ޕުލާސްޓިކް ކޮތަޅުގެ ސަބަބުން ތިމާވެށްޓަށް ގެއްލުމެއްނުވާނެއެވެ. ޕުލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓައިލުމުގެ ތަކުލީފު އުފުލާކަށް ނުޖެހެނެއެވެ.
 

www.fanvai.info