އަދުގެ ޚާއްސަ

Print

ތަމްރީނަށް ބޭނުންވާނެ ކަންތައްތައް ދަނެގަތުން -02

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ވަޒީފާ ދިރާސާއެއް ހެދުން

16 ޖުލައި (ބުރާސްފަތި)އާ ގުޅޭ...

 ބިންމާ އިބްރާހީމް ވަޙީދު
  
ޓީއެންއޭ އަކީ ހަރުގަނޑެއް ނަމަ، ވަޒީފާ ދިރާސާއެއް ހެދުމަކީ އޭގެ އެއް ހަރުފަތެވެ. އެންމެ ދަށުން ފަށާނަމަ، އޮގަނައިޒޭޝަންގެ ތަފާތު ރޯލުތައް އަދާކުރާ މީހުންގެ ފެންވަރު ހުންނަންޖެހޭ މިންގަނޑުތައް ދިރާސާ ކުރެވިދާނެ އެވެ. މިއީ ގިނަ ފަހަރަށް ފަރުވާކުޑަ ކުރެވޭ ދިމާލެކެވެ. ސަބަބަކީ، އޮގަނައިޒޭޝަންގައި މަސައްކަތްކުރާ މީހުންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެކަމަށް ހީކުރެވުމެވެ. އަދި މިކަން ދަސްކޮށްދޭން އުޅުމަކީ އެހާ މުހިންމު ނޫން ކަމެއްކަމަށް ވެސް ބެލެވުމެވެ. ދިރާސާތަކުން، ކިތަންމެ ފަހަރަކު ދައްކާފައިވާ ގޮތުގައި މިއީ ކުށްހީއެކެވެ. ޓްރޭނިން ޕްރޮގްރާމެއް ބޭކާރުވާ އެންމެ އާންމު ސަބަބަކީ، ތަނުގައި ހުރި ޙަޤީޤީ ބޭނުންތަކަށް ވިސްނާނުލެވުމެވެ. ޓްރޭނިން ފެށުމުގެ ކުރިން، ތަމްރީނު އަމާޒުވާ ކަންތަކުގައި އެކުލެވިގެންވާ ބައިތަކުގެ ތަފުސީލުތައް، ޓްރެއިނަރަށް އިނގެންޖެހޭނެ އެވެ. ސަބަބަކީ، ތަމްރީނެއްގައި ކުރަންޖެހޭ ކަންތައްތަކުގެ މިންގަނޑެއް އެކުލެވޭނީ، މަސަތްކަތްކުރާ ތަނުގައި ގެންގުޅެންޖެހޭ މިންގަނޑުތަކެއްގެ މައްޗަށް ބަލާފަކަމަށް ވާތީ އެވެ.

   
ވަޒީފާ ދިރާސާ ކުރެވޭނީ، ވަޒީފާ އަދާކުރާ ތަނަށް ޓްރޭނިން ރާވާ މީހާ ގޮސްގެންނެވެ. ތަނަކީ، ޓްރޭނިން ރާވާ މީހާ ދެކެފަރިތަ ތަނެއްކަމަށް ވިޔަސް، ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް ބައިތަކަކަށް ބަހާލާއިރު، އެ ތަނުގައި ޓްރޭނިން ރާވާ މީހާ ހުރުމަކީ ރަނގަޅު ކަމެކެވެ. އަދި އެ ތަނުގައި ހުންނައިރު، ވަޒީފާ އަދާކުރާ މީހުންނާއި، އެ މީހުންގެ ސްޕަވައިޒަރުން އަދި ވެރިންނާ އިންޓަރވިއު ކުރުމަކީ މުހިންމު ކަމެކެވެ. އޭރުން، ތަމްރީނު ކުރުމުގައި ކުރިމަތިލާންޖެހޭ ކަންތައްތައް ފެންމަތި ކުރުމުގައި، އެ ފަދަ މީހުންގެ އެހީ ލިބޭނެ އެވެ. މި އިންޓަރވިއުތައް ކުރުމުގެ ތެރޭގައި، ވަޒީފާ އަށް ބޭނުންވާ ޝަރުޠުތަކާ ބެހޭގޮތުން އެކި މީހުންގެ ޚިޔާލު ހުރިގޮތް އޮޅުންފިލާނެ އެވެ. މި ސްޓޭޖުގައި، ކުރިން ލިބިފައި ނުވާހާ ގިނަ ލަފާތަކެއް ލިބުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެ އިންޓަރވިއުތައް ކުރުމުގެ ކުރިން، ޓްރޭނިން ރާވާ މީހާ އެ ކަމަށް ތައްޔާރުވުމަކީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. ކުޑަމިނުން، އިންޓަރވިއު ގައިޑެއް ތައްޔާރުކުރުން މުހިންމެވެ. އޭގައި، ދަސްކުރުމުގެ ފުރަތަމަ މަރުޙަލާގައި، ބައިވެރިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ލިސްޓެއް ފެންނަން އޮންނަންވާނެ އެވެ. ކޯހަށް ތައްޔާރުވުމުގެ މި މަރުޙަލާ ފެށުމުގެ ކުރިން، ތަމްރީނު ކުރެވޭ ވަޒީފާއަކާ ބެހޭގޮތުން ޓްރެއިނަރ ފުންކޮށް ވިސްނާލަން ވާނެ އެވެ. އެ މަސައްކަތަކާ ބެހޭގޮތުން އޮޅުންނުފިލާ އޮތީ ކޮންދިމާލެއް ހެއްޔެވެ؟ ރަނގަޅަށް ފެންމަތިނުވެ، ފޮރުވިފައިވަނީ ކޮންކަމެއް ހެއްޔެވެ؟ ނުވިސްނާ ހުއްޓައި ދިމާވެދާނެ ކަމެއް އެބައޮތް ހެއްޔެވެ؟ މި ފަދަ އެތައް ސުވާލެކެވެ.
    
 ކޮންމެ ޖޮބެއްގެ ދަށުގައި، ޑިއުޓީތައް، މަސައްކަތްތައް، ކުދި މަސައްކަތްތައް، ކުދި މަސައްކަތް ކުރަންވާ ގޮތުގެ ތަފްސީލުތައް ފާހަގަކުރާށެވެ. "ޖޮބް" ކަމުގައި މި ބަލަނީ ކުރަންޖެހޭ މަސައްކަތެވެ. އެއީ ވަޒީފާ ނުވަތަ މަގާމެވެ. "ޑިއުޓީ" އަކީ، އެ ވަޒީފާއެއްގައި އޭނަ އުފުލަންޖެހޭ ބޮޑެތި ޒިންމާތަކެވެ. ވަޒީފާ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެވެ. "ޓާސްކު" އަކީ، ކޮންމެ ޑިއުޓީއެއްގައި ކުރަންޖެހޭ ކަންތައްތަކުގެ ތަފުސީލެވެ. އެހެންގޮތަކަށް ބުނާ ނަމަ، ޑިއުޓީ ފުރިހަމަ އަށް އަދާކުރުމަށްޓަކައި އޭނަ ކަން ކުރަންވީ ގޮތުގެ ތަފުސީލެވެ. ސަބް ޓާސްކު އަކީ، ކަން ކުރަންވީ ގޮތުގެ ތަފުސީލުތަކުގައި ހުންނަ ކަންތައް ކުރަންވީ ގޮތުގެ ތަފުސީލެވެ. އެންމެ ފަހަށް އޮންނަ ޓާސްކު އެލިމަންޓަކީ، އެ ތަފުސީލުތަކުގެ ހަމަތަކާއި، ތަރުތީބުތަކެވެ.
   
މިސާލަކަށް، "ޖޮބަކީ" ޓީވީ ކެމެރާމަން އެވެ. "ޑިއުޓީ" އަކީ، ޕްރޮގްރާމް ޝޫޓިންގ، ނިއުސް ޝޫޓިންގ، އޮންއެއާރ ވަގުތު ސްޓޫޑިޔޯ ކެމެރާގައި ހުރުން ކަމުގައި ބަލާށެވެ. "ޓާސްކު" އަކީ، ޕްރޮގްރާމްގެ ނަމަ، ޑްރާމާ އަދި ޑޮކިއުމަންޓްރީ ނެގުމާއި، ލައިވް އިވެންޓާއި، ސްޓޫޑިޔޯ ރެކޯރޑިންގ އެވެ. ނިއުސްގެ ނަމަ، އީ، އެން، ޖީ ކަވަރޭޖު ހެދުމެވެ. އޮންއެއާރ ނަމަ، ޚަބަރު ނެގުމާއި، އެނައުންސްމަންޓު ނެގުމެވެ. "ސަބް ޓާސްކު" އަކީ، ބޭސިކު ކެމެރާ ޝޮޓްސް، ބޭސިކު ކެމެރާ މޫވްމަންޓްސް، ބޭސިކު ލައިޓިންގ ކަމުގައި ބެލިދާނެ އެވެ. މީގައި ބޭނުން ނަމަ، "ސަބް ސަބް ޓާސްކު" ވެސް ހިމެނިދާނެ އެވެ. އެއީ، ލައިޓުގައި ހަރުކުރާ ފިލަމަންޓު، ތަފާތު ބޮކިތަކަށް ކިޔާ ނަންތައް ކިޔާދިނުމާއި، ކަރަންޓު ކޭބަލްތަކާ ބެހޭގޮތުން ބުނެދިނުމާއި، ލައިޓް ފިލްޓަރ ކިޔާދިނުމާއި، ލައިޓްގެ ވައްތަރުތައް ކިޔާދިނުން ކަހަލަ ކަންތައްތަކެވެ. ހަމަ އެގޮތަށް ބޭސިކު ޝޮޓުތަކަށް ކިޔާ ނަންތަކާއި، ޝޮޓު ބޭނުންކުރާ ހާލަތާއި، ކެމެރާ މޫވްމަންޓްތަކަށް ކިޔާ ނަންތައް ކަހަލަ ކަންތައްތަކެވެ. "ޓާސްކު އެލިމަންޓް" އަކީ، ވައިޑު ޝޮޓު، ކްލޯސްއަޕް، ލުކިންގ ރޫމް، ހެޑްރޫމް އެވެ. ލައިޓްގެ ނަމަ، ޑޭލައިޓް ފިލްޓަރ، ޓަންގްސްޓަން ލައިޓު، ސޮފްޓު ފިލްޓަރ އެވެ. އެ ވަރަށް ލިޔެފައި ބެހެއްޓުމުން، ތިމާ ނަގައިދޭން ބޭނުންވާ ސެޝަންތަކުގެ ސެޝަން ޕްލޭން ހެދުމާއި، ލެސަން ޕްލޭން ހަދަން ވެސް ފަސޭހަވެ، އެ ކަންކަމަށް ވަގުތު ބަހާލަން އެނގޭނެ އެވެ.
   
ޕާރފޯރމަންސްގެ ގިނަ ދިރާސާތައް ކުރެވޭނީ "ޓާސްކުގެ" ލެވެލްގަ އެވެ. ފެންވަރާ ބެހޭގޮތުން ގޮތެއް ނިންމަން ބޭނުންކަމަށް ވަންޏާ ޖެހޭނީ، ޑިއުޓީއެއްގައި ހުންނަ ޓާސްކުތައް އެއްކޮށްލާށެވެ. އަދި ދިރާސާކުރަންޖެހޭނީ ވަކިވަކިންނާއި، ގުރޫޕެއްގެ ގޮތުގަ ވެސް ބަލާފަ އެވެ. ޓާސްކު އަކީ، ޖިސްމާނީ ގޮތުން ގުޅުންހުރި ޚަރަކާތްތަކެއްގެ ގުރޫޕެކެވެ. ޓާސްކެއް ވެއްޖިއްޔާ، އުސޫލެއްގެ ގޮތުން، އޭގެ ސީދާ ފެށުމަކާއި، ސީދާ ނިމުމެއް އޮންނާނެ އެވެ. އަދި ކޮންމެވެސް ކަހަލަ އިކްވިޕްމަންޓެއް ވެސް އެ ކަމުގައި ޝާމިލު ވެދާނެ އެވެ. ނުވަތަ މަސައްކަތްކުރަން ބޭނުންކުރާ ވަސީލަތެއް، އެހެންނޫނީ، އެހެން މީހުންނާ މުޢާމަލާތެއް ހިނގާނެ އެވެ. ޓާސްކެއް ވެއްޖިއްޔާ، ނިމޭއިރު މާނައެއް ހުރި ނަތީޖާއެއް ނެރެވެން ވާނެ އެވެ.
   
އެ ވަޒީފާއެއްގެ ސީދާ ބޭނުންތަކަކީ ކޮބައިތޯ ބަލައިހޯދުމުން، އެ ތަމްރީނެއް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ކަންތައްތައް ޓްރެއިނަރަށް އެނގެ އެވެ. އެ ޖޮބެއްގެ ޙަޤީޤީ ޑިމާންޑަކީ ކޮބައިކަން އިނގުމުގެ އިތުރަށް، އެ ހުނަރަކާ ގުޅުންހުރި ދިމާތައް ވެސް އޮޅުންފިލަ އެވެ. މީގެ މާނަ އަކީ، ކުރަންޖެހޭ އެއް މަސައްކަތް އަނެއް މަސައްކަތާ ގުޅުން ހުރީ ކޮން އުސޫލަކުން، ކިހިނެއްކަން ވެސް އެނގޭނެ އެވެ. މީގެ އިތުރަށް، މަސައްކަތު މާޙައުލާއި، އެ ވަޒީފާއެއްގައި އުޅޭ އެހެންމީހުންގެ މިޒާޖާއި، އަދި ތަމްރީނެއް ކާމިޔާބު ކުރުމަށްޓަކައި ނުސީދާކޮށް އަސަރުކުރާނެ ކަހަލަ، ވިސްނާލަން އުނދަގޫ ކަންތައްތަކެއްގެ ތަޞައްވުރެއް، ޓްރެއިނިން ރާވާ މީހާ އަށް ލިބިދޭނެ އެވެ. އެފަދަ ތަސައްވުރުތަކާ ގުޅުވައިދޭނެ ޓްރެއިނިން އެކްޓިވިތީތަކެއް ތައްޔާރުކުރެވުމުން، އެ ނޫންގޮތަކުން ނުހުންނާނެ ކަހަލަ ކިއްސަރާއި، ޙަޤީޤީ ކުލަ ގެނެވޭނެ އެވެ. ތަމްރީނެއްގައި، ލަފައަށް ވުރެ މުހިންމީ އަސްލެވެ. ތަމްރީނު ޕްރޮގްރާމެއްގައި ރޭވިފައިވާ މަސައްކަތްތައް އަމާޒުކުރެވިފަ ހުރީ، ބައިވެރިންގެ މަސައްކަތު މާޙައުލްގައި އެ މީހުންނަށް ކަންތައް އަސްލު ދިމާވާ ގޮތަށް ވިސްނާފައިކަމުގެ އިތުބާރު އެ މީހުންނަށް ލިބިދޭންޖެހޭނެ އެވެ. ތަމްރީނު ހަރުދަނާވެފައި، އަގެއްހުރި އެއްޗެއްކަމަށް އެ މީހުން ގަބޫލުކުރާނީ އޭރުންނެވެ.


ވަޒީފާ ދިރާސާކުރުމުގެ މަޤުޞަދު

   
ވަޒީފާ ދިރާސާ ކުރުމުން އޭގެ ބޭނުން ހަމައެކަނި ހިފޭނީ، ޓްރޭނިން ދެވިދާނެ މުވައްޒަފުންގެ މަސައްކަތް ދެނެގަތުމަށް އެކަންޏެއް ނޫނެވެ. ހުނަރު ދެނެގަތުމަށާއި، ޓްރޭނިން ހިންގަން ބޭނުންވާނެ (ވަގުތު، މީހުން، ތަކެތި، މަޢުލޫމާތު ފަދަ) ކަންތައްތަކާއި، ޓްރޭނިންގައި ބުނެދެވޭނެ ކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ، ބުއްދި ގަބޫލުކުރެވޭ ކަހަލަ އޮނިގަނޑަކާއި، ޓްރޭނިންގައި ހާސިލު ކުރެވޭނެ ކަހަލަ، ފެންވަރު ބެލޭނެ މިންގަނޑުތަކެއް ދެނެގަތުމަށް ވެސް މީގެން އެހީތެރިވެދޭން ވާނެ އެވެ. މީގެ އިތުރަށް ވެސް، ވަޒީފާ ދިރާސާ ކުރުމުން، ޓްރޭނިން ރޭވުމުގައި، އަންނަނިވި މުހިންމު މަޢުލޫމާތުތަކުގެ އެހީ ލިބޭނެ އެވެ. އެއީ، ތަމްރީނުގައި ތަފާތު ބައިތަކަށް އިސްކަންދޭނެ ތަރުތީބު، ބަޖެޓު، އެކި އެއްޗިހި ބުނެދިނުމަށް ވަގުތު ދޭންވާ ވަރާއި، މުޅި އެކްޓިވިޓީ އަށް ވަގުތު ހޭދަވާނެ ވަރު، ކަމަށް ބޭނުންވާނެ ސާމާނު، ކަން ކުރާނެ ގޮތާއި އަދި ބުނެދިނުމަށް ބޭނުންކުރާނެ (ޕްރޮޖެކްޓަރ، ވައިޓް ބޯރޑު، ފްލިޕް ޗާރޓު، އޯ. އެޗް. ޕީ ފަދަ) ވަސީލަތް ވެސް އިނގޭނެ އެވެ.
   
ވަޒީފާއަކަށް ބޭނުންވާނެ ހުނަރާއި، ޢިލްމަކީ ކޮބައިކަން ރަނގަޅަށް އެނގި، ސާފުވެފައި އޮތުމަކީ، ތަމްރީނު ޕްރޮގްރާމެއް ރޭވުމުގެ މަރުޙަލާގައި އެނގެންވާ އެއް ކަންތަކެވެ. މީން ދެން ދާނީ ގޮތެއްނިންމާ މަރުޙަލާއަށެވެ. ފަހުން، ކަމެއް އޮޅުންފިލުވައިދޭނެ ގޮތް ފަރުމާކުރާއިރު، އެ ގޮތެއް ތަފުސީލުކޮށް ބަޔާންކުރެވިދާނެ އެވެ. މަސައްކަތު މާޙައުލުގައި ކުރެވިދާނެ ކަންތައްތައް އިނގުމުން، ތަމްރީނު ދީގެން ދަސްކޮށްދޭންވީ ކޮންކޮން ހުނަރެއްކަން ދަނެގަނެވޭނެ އެވެ. އަދި މަސައްކަތް ހަވާލުކޮށްގެން ދަސްކޮށްދެވޭނީ ކޮން ޢިލްމެއްކަން ވެސް އެނގޭނެ އެވެ.
   
ބައެއް ފަހަރު، ޓީއެންއޭގެ ސަބަބުން، އިތުރަށް ދިރާސާކުރަން ބޭނުންވާތަން ވެސް އާދެ އެވެ. މިސާލަކަށް، ހަމަ އެ ނަތީޖާ ހޯދުމަށްޓަކައި، އެހެން އޮގަނައިޒޭޝަންތަކުން ކުރަނީ ކީއްހެއްޔެވެ؟ ތަމްރީނު ލިބޭ ޔުނިޓްތައް، އޮގަނައިޒޭޝަނުގެ އެހެން ޑިވިޝަންތަކާ އެކުގައި، އެދެވޭ ގޮތެއްގައި މަސައްކަތް ކުރުވުމުގެ ގޮތުން އެ ޑިވިޝަންތަކަށް ތަމްރީނު ދިނުމަށްޓަކައި، ސީދާ ބޭނުންވަނީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟ ރަނގަޅަށް ރޭވިގެން ތަމްރީނެއް ދިނުމުން، ވާނީ ނުވަތަ ވެދާނެކަމަށް ވެރިން އުންމީދުކުރާ ކަންތައްތަކަކީ ކޮބައިހެއްޔެވެ؟ މި ފަދަ ސުވާލުތަކުގެ ޖަވާބު ލިބެންވާނީ، ތަމްރީނެއް ރޭވުމުގެ ފުރަތަމަ މަރުޙަލާތަކުގަ އެވެ. ގޯހެއް ނުހެދި، ވަގުތު ސަލާމަތް ވާނީ ވެސް އޭރުންނެވެ. ރޭވުމުގެ މަރުޙަލާގައި ވަގުތު ކަނޑައަޅަން އެނގުމަކީ މުހިންމު ކަމެކެވެ. ތަމްރީނުގެ އެކިއެކި ޙަރަކާތްތަކާއި ފައިސާ އޮންނާނީ ގުޅިލާމެހިފަ އެވެ.
   
ހަމައެކަނި ރަސްމީ ބަޖެޓުގެ އިތުރަށް، ތަމްރީނު ހިނގަމުންދާއިރު މުވައްޒަފުން ނުލިބުމުގެ ސަބަބުން އުފެއްދުންތެރިކަމަށް ލިބޭ އުނިކަމާއި، ތަމްރީނުގެ ތެރޭގައި އިކްވިޕްމަންޓަށް ލިބޭ ގެއްލުމާއި، އެ ފަދަ އެހެނިހެން ވެސް ގެއްލުންތައް ހިމެނެ އެވެ. ނަތީޖާއެއްގެ ގޮތުން، ރޭވުންތެރިކަން ރަނގަޅުވާ ވަރަކަށް ޚަރަދު ކުޑަވާނެ އެވެ. އަދި ދިގު މުއްދަތަކަށް ބަލާއިރު، ރާވާ ޙަރަކާތްތައް ހިންގުމުގެ ޤާބިލުކަން ހޯދާތީވެ، އޮގަނައިޒޭޝަން ތެރޭގައި، ޓްރޭނިން ޑިޕާރޓްމަންޓުގެ ނުފޫޒު ގަދަކުރެވޭނެ އެވެ. މުޅި ތަމްރީނު ޕްރޮގްރާމްގެ ދިގުމިން ކަނޑައަޅަން އެނގުމަކީ ބޭނުންތެރި ކަމެކެވެ. މިކަން ބިނާވެފައި އޮންނާނީ، ބޭނުންވާ ޓްރޭނިންއެއްގެ ބާވަތާއި، ފުޅާމިނެއްގެ މައްޗަށެވެ. ރާވަން ބޭނުންވާ ތަމްރީނުގެ ހައިބަތު ބޮޑުވަމުންދާ ވަރަކަށް، ބޭނުންވާ ވަގުތު ގިނަވާނެ އެވެ. ހަމައެކަނި މުޅި ތަމްރީނަށް ހިނގާ ވަގުތަށް ވުރެ، ހުރިހާ ރޭވުމެއް އޭގެ މައްޗަށް ބިނާކުރެވޭ، ތަމްރީނުގެ ވަކިވަކި ބައިތަކަށް ބޭނުންވާ ވަގުތު މާ މުހިންމެވެ. ވުމާއިއެކު، ކޮންމެ ޓާސްކު، ސަބް ޓާސްކު، އަދި ޓާސްކު އެލިމަންޓަކަށް ހޭދަވާނެކަމަށް ބެލެވޭ ވަގުތު ލަފާކުރެވުމުން، މުޅި ތަމްރީނަށް ހޭދަވާނެ ވަގުތު އަންދާޒާކުރަން ފަސޭހަވެއެވެ.
   
ޓްރޭނިން އަށް ހިނގާނެ ވަގުތާއި، ހިމަނަންވީ ބައިތަކާއި، އެ ބައިތައް ގެނެސްދޭނެ ތަރުތީބު ހިތުން ލަފާކުރާކަށް ނޭނގޭނެ އެވެ. އެކަން ކަނޑައަޅަން ޖެހޭނީ، ޓީއެންއޭ ހެދުމަށްފަހުގަ އެވެ. ސެޝަން ރޭވުމުގެ ދިރާސާކުރެވުނު ބައިގައި، ވަރަށް ފުޅާކޮށް މި ކަމާމެދު އޮންނަންވާނީ ހަވާލާދެވިފަ އެވެ. ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާ އަކީ، ވަޒީފާގައި އެ މީހަކަށް މަސްއޫލިއްޔަތު އަދާކުރަންޖެހޭ ތަރުތީބުން ތަމްރީނުދޭން ވިސްނާފައި ހުންނަ ތަމްރީނުތަކަކީ، ކަމުދާ އެއްޗަކަށް ނުވެދާނެ އެވެ. ޓާސްކެއް ނުވަތަ ކުރާ މަސައްކަތެއް ކުރަނީ A,B,C,D ގެ ތަރުތީބުން ކަމަށްވިޔަސް، ތަމްރީނު ޕްރޮގްރާމެއްގައި އެކަން ދަސްކުރާއިރު، އެ ތަރުތީބުން ދަސްކުރުން އެއީ އެންމެ ރަނގަޅު ވިސްނުމެއްކަމުގައި ނުވެދާނެ އެވެ. އެންމެ ފުރަތަމަ C ދަސްކުރުމުން، A B ދަސްކުރަން މާ ފަސޭހަ ވެސް ވެދާނެ އެވެ. އެއް ކަމެއް ކުރުމުން، އެއާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅު އެނގުމަކީ، ދަސްކުރާ މީހާގެ ބޭނުންތައް ދެނެގަންނަން، ފަސޭހަވާ ކަމެކެވެ. ކޭކެއް ފިހާތަން  ދުވަހަކު ވެސް ނުފެނި ކޭކެއް ފިހަންޖެހުމަކީ ކޮންކަހަލަ ކަމެއްކަން ވިސްނާލަބަލާށެވެ. ނިމޭއިރު އެ އެއްޗެއް އޮންނާނެ ގޮތް އަންދާޒާ ކުރުމަކީ އަރަތެއް ކަހަލަ ކަމެކެވެ. މަޑު ނުވަތަ މުރަނަ، ފޮނި ނުވަތަ ލޮނު، އަލި ނުވަތަ އަނދިރި ކުލައެއްގައި އޮވެދާނެކަން ކުރިން ލަފާކުރާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން، ކުރިން މި ބުނި ގޮތަށް ކަންތައް ކުރުމުން، ކޭކެއް އޮންނާނެ ގޮތް، ލާނެ ރަހަ އާއި ދުވާނެ ވަސް، ކޭކު ފިހުމުގެ ކުރިން ދަނެގަންނަން އެހީތެރިވެދޭނެ އެވެ. ހަމައެގޮތަށް، ތަމްރީނު ކުރިއަށް ގެންދާނެގޮތް ތަރުތީބު ކުރުމަކީ، އޭގެ ނަތީޖާ އަށް، އިންތިހާ އަށް ނުފޫޒު ފޯރުވޭނެ ކަމެކެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ