އަދުގެ ޚާއްސަ

Print

މޫސާފުޅުބޭބެޔާ ނުރަޔާ

ޝާޢިއުކުރީ މަލިމް މުޙަންމަދު ދީދީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްމަރުޙޫމު މަލިން މުޙައްމަދު ދީދީ (1959)


ބިންފުރާނާގޭ މޫސާފުޅުބޭބެ އެއްދުވަހަކު ހެނދުނު ފެންވަރައިގެން އައިސް މޫނުބަލާ ލޯގަނޑުގެ ކައިރިއަށް ހުއްޓި ބޯ އޮމާންކޮށް ފުނައު އަޅާ ހެދުމުގެ ތެރޭގައި މަތިމަހުން އެފެނުނީ ނުރައެކެވެ. ހަމަ ފެނުމާއެކު، ކުއްލިއަކަށް ލޯ ވަށްކޮށްލާ، ދެބުމަ ދޭތެރެއަށް ރޫއަރުވައި، މޫނު ހަދާލައި ރުޅިން ފުރިގެން ހުރި މަންޒަރެއް ދައްކާލާފައި އެބުނަނީ  " މިއޯ މިއޯ. މިފެންނަނީ ކޮން ހުދުކަމެއްތަ؟" އެތަންވަޅު އޭނާގެ އަނބި ބިއްލޫރިމަނިކެ އެތާކައިރީގައި ހުރެފައި " އެއީ ނުރައެއް ނޫންތޯ" މިހެން ބުނީމާ ކުޑަކޮށް ލަދުގަތީކަންވެސް ނޭނގެ އަދި ވަކިން ރުޅި ވައްތަރު ގަދަކޮށްލައި މޫނުގެ ސިފަބަދަލުކޮށްލައި ރޯޝަނީކަމާއި ތޫނުފިލިކަން ނެތިކޮށްލާފައި އެބުނީ " ބަލަ ބަލަ އޭތް އޭތް މިހިރަ ނުރަޔާ. ކަލެޔަކީ ހާދަ ގޮތްކުޑަ ތަންދޮރު ނުދަންނަ، އަދި އަނެކެއްގެ މިލްކަކަށް ހުރުމަތެއް ނެތް ކުޑަކޮށްވެސް ޤާނޫނު ނުދަންނަ ޖާހިލަކީމުއެވެ. އަހަރެންގެ އިޒުނައަކާއި ނުލައި އެއްވެސް ޖެހިލުމެއް ސިހިލުމެއްނެތި މަގޭ މަތިމަހުގައި އައިސް ތިޔައިނީ ކީއްވެތަ؟ ލަދެއް ހަޔާތެއް ބިރެއްކަމެއްނެތި މަގޭ އަމިއްލަ މަތިމަހުގައި ތިޔަ މަންޒިލްކޮށްލީ ކޮން އާރަކާއި ބާރަކާއިގެން ކާކު ފޮނުވީމާ އައިސްތަ؟" މި ޒުވާބު ކުރަމުން ބޮލަސް ރަނގަޅަށް ވިސްނާލައި ބަލައިލިތަނާ ބޮލުގައިވެސް ހިސާބަކަށް ހުދު އިސްތަށި ހުއްޓާ ފެނިއްޖެއެވެ.

ދެން ޗޮކެއް ކަނޑައި ވަކިން އަޑު ހަރުކޮށްލައިފައި " އަދި އެކަންޏެއްވެސް ނޫންދޯ! ފަހޮޅިކޮއްކޮއް ބައިހަދައިގެން ލަޝްކަރު ގޮވައިގެންތަ އައީ؟ ބަލަ މަށަކީ ކާކުތަ؟ މަ މިހިރަ ޖާނު ވަރުގަދަ ވީދުވަހާ ބެލުމަށް މުސްކުޅި ނުހަނު ހިތްވަރުގަދަ އެއްކަށި ވީރެއްފަދަ ގަދަފަދަ މީހާގެ ބޮލާއި މަތިމަހަށް ތިޔަ އަރައިގަތީ ކީއްވެތަ؟ މަށަކީ މާގަމައިން ހަންހާރަކުރާ ޖިންސުއްލަޠީފުންގެ ކައިރީގައި ދަރަޖައަރައިހުރި އަދި އެކަނބަލުންގެ ގިނަ ދޫތަކުން މަށަށް މަށަށް ގޮވޭ ލޮބުވެތި މީހަކުކަން ކުޑަކޮށްވެސް ނުދެނަހުރީމުތަ؟ އަހަރެންގެ ކައިރީގައި މިހިރަ މަގޭ އަނބި ބިއްލޫރި މަނިކެ ޚަބަރުވެސް ނާހަމުދޯ. ބަލަގަ އެއީ މުޅި ރަށުތެރޭގައި އަންއަން ގޮވަމުން މާލެކުޑަޔަށް ލައިގެން އުޅުނު ކުއްޖެކޭ. ފުރަތަމަ އިން މީހާއަށްވެސް ތިންމަސް ދުވަހުން ތިންފަށްވިޔޭ. އަދި މަށާ އިންނާންދެން އަބަދުވެސް އިނދެ ވަރިކުރިމީހާޔާއި އިނދެގެން އުޅޭ މީހާޔާއި، ދެން އިންނާން ހުރި މީހާޔާއި ތިން މީހުންނަށް އެއްވަރަށް އޯގާވެރިކަމާއި އިޙުސާންތެރިކަން އަދާކުރާކުއްޖެކެވެ. އަދި ބޮޑުވަމުން އައި ދުވަސްވަރުގައި ބައެއް ހެނދުނު މޫނުން ފެންނަ ނިޝާންތަކުން ތިމާގެ މީހުންނަށް އިސްއުފުލައި ބަލއިލާންވެސް ނުކެރެއޭ. ނަމަވެސް މިހާރު އެއިންނަނީ ލޮލާއި ބޮލުން އެދިގެން ހިތާއި ހަށިގަނޑުން ކިޔަމަންތެރިވެ، އަލިފާނަށް އުށްވިރޭހެން ވިރިވިރިއޭ. އޭނާ އަހަރެންގެ ކައިރީގައި ކިޔަމަންތެރިވެފައި އެއިންނަނީ، އަރުނާސް ދެޔޯގެ ކައިރީގައި ރަސްރަސްކަނބަލުންގެ ދަރިދަރިކަނބަލުން، ކިޔަމަންތެރިވެ ވަޑައިގެން ތިއްބަވާ ވަރަށްވުރެންވެސް އެތައް ދަރަޖައަކަށް މަތިވެރިކޮށް މަޑުފުށްކޮޅަކަށް ވެގެންނޭ.

 އޭ މީނަ ބޭ އަދަބީ ނުރަޔާ.  ކަލެޔަކީ ހާދަ ގޮތެއް ފޮތެއް ނުދަންނަ، ހޭޑިއެއް ފޭޑިއެއް ނެތް އުޑި ނުފިލާހުރި ގޮހޮޅެކޭ. އަހަރެންނަކީ ކާކު ކަމަށްތަ ތިޔަހީކުރަނީ. ބަލަ! މަށަކީ މާލޭގައި ހެދުނު އެންމެ ބޮޑު މާވަޑިއަކު ކަމުގައިވި ހޭންވޭރު ބޮޑު ކޯއްޓޭ އެޅި މާވަޑިގޭ ޢަލިމަނިކުގެ ދަރިކޮޅުން އައިސް ހުރި މީހަކީމޭ. އަދި މާލޭގައި އެންމެ ބާރަށް ކަނޑި އެނބުރި މީހަކީވެސް އަހަރެންގެ މަތިފުށުގެ މީހެކޭ. އަހަރެންގެ މަތިފުށުގެ އެންމެންނަކީވެސް، މެއެއް ފިތެއް ނެތް ކުރާންޖެހުނު ކަމަކަށް ފަސްނުޖެހޭ ކުޅަދާނަބަޔެކޭ. އަހަރެންނަކީ އެދަރިކޮޅުގެ ލޭގެ އެސެންސުން އުފެދިފައި ހުރި ކާބަފައިންގެ ސާފުދަރިޔަކީމޭ. ރިއްސަށް ލޯ ލާފައެއް ނޫނެވެ. އަދި އަހަރެންގެ މަތިފުށުގައި ހަތް ހަކުރާއިންވެސް އިސްވެ ގޮސްފައިވާ ފިސާރި ރަނގަޅަށް މާލޭގެ ރަށްވެހިކަން ލިބިފައިވާ މީހަކީމޭ. އިއްޔެ މުޅިޔަކަށް ލައިން ގެނެސް ބޭލި ފައިން ލޮނުވެލި ނުފިލާ ބީރައްތެހި ގުންޑާޔެއް ނޫނެވެ. ބަލަގަ! އެޔެއް ކިޔެއް ނޭންގިގެން މީސްނުމީސް ވަކިނުވެގެން އެތަން މިތަނަށް ވެރިވެ ގަންނަމުން އައިސް މަގޭ މަހަށް، އަރައިގަންނާކަށް އެކައްޗެކޭވެސް ހިޔެއްނުވޭތަ؟ އަހަރެންނަކީ ހާދަ ޒިދަގަދަ ފޯރިޔާއި ޖޯޝްހުރި ކަށި ފިރިހެނަކީމޭ. ސިންގާޔާވެސް ހަމަލާދީ، ގެންޑާ މަރާފަދަ ގަދަފަދަ މީހަކު ކަމާމެދަކު ޝައްކުކުރަނީތަ؟ ތިޔަހަރީވެސް ހުރި މޯދަނޑި ކަމާއި ގަމާރުކަމޭ. އަނދޮޅުކަމާއި ގޮހޮޅުކަމެވެ. ބަލަ މަށަކީ ރަނަހަމައިދި ކޮށީގެ އިސްދަރިވަރަކީމޭ. ހަތްފިޔަވަޅަށް ދަނޑިޔާއި އަރަމޭ. އިސްވެ ހުރެގެން ދަނޑިޔާއި އެއްލަމޭ. އަދި މޫދުގެ ކޮށީގެ ހަވާ ތޮރުފައި ޚަޒީނާ ވަޅުލާ އެ ރޯކުރާ މީހަކީމޭ. އަތާ އަތާ ލައިގެން މަގޭ އަތް އަނބުރާލެވުނު މީހަކު ދުވަހަކު ނުދެކެމޭ. މަ ދަންނަމުތަ. ބަލަ މިހިރީ ފަސްއޮޅީ މެދުހަނގު ބޭކަލެކޭ ( މިހާތަނަށް ވާހަކަ ދިޔަތަނާ ހިސާބެއްގެ ހަމަހިމޭންކަމެއް، ހިނދުކޮޅެއްގެ ސުކޫތެއް. ހުސްއަނގަކައިލުމެއް، ދިގު ނެވާއެއް، ހަނދާން ނެތިފައިވާ ކަމެއް، ހަނދާންނެތިފައިވީ ކަމެއް ކުއްލިއަކަށް ހަނދާންވީ ފަދަ މަންޒަރެއް، އާނ ލަވަ އަނބުރައިފި) މޫސާފުޅު ބޭބެ. މިހާރުކުއްލިއަކަށް ބުރުދާއަށް ގޮސް އުޅުނުއިރު ކިޔާފައިވާ ޅެމެއް ހަނދާންވެއްޖެ. އެއީ ( ބައިތު1 )

މަޢާފު އެދެމޭ. އަހަރެންނަށް މިގޮވުނީ ހުސްގޯހެވެ. ކުށް ބަސްތަކެކޭ. ހާސަރުތަކެކޭ. މޮޔަ ބަސްތަކެކޭ. އޭ މިތުރު ނުރަޔާއެވެ. ކަލެޔަކީ އަހަރެންނަށް ވަރަށް ބޮޑު ނަޞޭހަތެއް އަދާކުރަން އައިސްހުރި ރަސޫލަކުކަން މިހާރު ވިސްނިއްޖެއޭ. އަހަންނަށް މިއުޅެވުނީ، އުއްތަރަވެ މަތި އަރައިގެންނޭ. މިހާރު ހަމަބިމުގައި ފައިތިލަ ސާބިތުވެއްޖޭ. މަރުޚަބާ އޭ ޢިއްޒަތްތެރި ނާޞިޙޭ ތިޔަ މިތުރުގެ ނަޞޭހަތް ދުވަހަކުވެސް ދޮގުނުކުރެވޭނެކަން ހިތުގެ އަޑިން ޤަބޫލުކުރަމޭ. ބުރުދާގެ މިބައިތު ހަނދާންވެއްޖޭ. (ބައިތު 2)

އޭ އަހަރެންނަށް ހެޔޮ އެދޭ ނުރަޔާއެވެ. ތިޔައީ ބޭރުން އައިސް އަހަރެންގެ މައްޗަށް ގަދަވެގަތް މެހެމާނެއް ނޫނޭ. މިހިރަ ކަޅު ދިހުންކުލަ އަރާ އިސްތަށި މުޅީން އޭގެ އިދިކޮޅު ކުލަޔަށް ބަދަލުވީއެވެ. އެއީ ހުރިގޮތަށް ނުހުރެ ބަދަލުވާނެކަމާއި، ފަނާވެދާނޭ ކަމުގެ އުޖާލާ ދަލީލެކެވެ. އަދި ފުރާނައާއި ހަށިގަނޑު ވަކިވެ، ދެވަނަ ހަޔާތަށް ބަދަލުވާނޭކަން ހަނދާނަށް އަތުވެއްޖެއޭ. އިސްތަށި ހުދުވި ފަދައިން، އަހަރެންގެ ކޮނޑަށް އަރާފައި މިހިރަ ހަރުމަސްތައް ވިރި ފާވެ ގިރިގެން ފައިބާ ކަށްވަޅުގެ ފަނިތައް އެއިން ކާނާ ޙާޞިލުކުރާނޭ ދުވަސް ދާދީ ކައިރީގައި ކުރިމަތިވެފައިވާކަން ހިތަކުން ނުފިލުވަމޭ. އަދި މިހިރަ ފަލަ ކަށިތައް ފީވެ އިންދިރާސްވެ ބިމުގެ މައްޓަށްވާނެ ކަމާއި މެދަކު ޝައްކެއްނުކުރަމެވެ. އަދި މުންކިރު ނަކީރު ދެމަލާއިކަތުން ކަށްވަޅުގައި ސުވާލު ކުރައްވާނެ ކަމީ އޮޅުމެއްނެތް ގޮތުން އެނގިފައިވާ ކަމެއްމެއޭ. ކަށްވަޅުގެ އަނދިރިކަމުގެ ތެރޭގައި ދެމިގެންވާނޭ ނުހިމޭ ފަދަ ގިނަގުނަ ދުވަސްތަކަށް ބިރުވެތިވެއްޖައީމެވެ. އޭ، މިތުރު ނުރަޔާއޭ. އަދި އެޔަށްވުރެ ބިރުވެތިކަމާއި ލަދު ތަދު ފަޟީހަތްވާނެ ދުވަހަކީ މަހުޝަރު ދުވެހެވެ. ހިތާމަ ހުއްޓޭ. ވޭތުވެ ދިޔަ ދުވަސްތައް ކަޑައްތު ކުރެވިދިޔަ، ގޮތްތަށް ހަނދާންކޮށްލައިފިނަމަ ފިތާއިމޭ ވިރި ފައިބާފަދަވެޔޭ. ކުރީން ހެދުނުހައި މީސްތަކުންނާއި، ފަހުން ހެދޭނެހައި ޚަލްޤުތަކުންގެ މެދުގައި މީޒާންކިރުއްވައި އަހަރެންގެ ހެޔޮކަންތަކާއި ނުބައިކަންތައް ވަޒަންކުރެވި، މިދުނިޔޭގައި އަހަރެންގެ ކިބައިން އިސްވެދިޔަނަމަ، ދިޔަހައި ނުބައިކަމެއް އެމައިދާނުގައި ގޮވާލެވޭނޭ ކަމުގެ މައްޗަށް ހުރި ހިތާމަޔެއްގެ ބޮޑުކަމެވެ. އަހަރެންގެ ޢުމުރުވެސް، މިހާރު ފަންސާހުގެ މައްޗަށް ދަނީއެވެ. ދެނެއް މިތާކު މާގިނަ ދުވަހަކު ނުހުރެވޭނެޔޭ. ޅެންވެރިޔާ ބުނުއްވަނީ ޙައްޤުތެދޭ. (ބައިތު 3)

އާނއެކޭ އަހަރެން މިހުރީ ދަތުރަށް ނުކުންނާން ޖެހިފައޭ. މިކަމާއެކުވެސް އަހަރެންގެ ހިތަކަށް ކުޑަ ކުޑަ، އަސަރެއްވެސް މީގެ ކުރިޔަކު ނުކުރިއޭ. ޢުމުރު އެ ދަނީ ނުހަނު ހަލުވިކަންމަތީ ދަތުރުކުރަމުންނެވެ. ނަމަވސް އަހަރެންނަކަށް އެކަމެއް ނުވިސްނުނޭ. ޖަވާނީ ޙައިރާންކަމުގެ ދުވަސްވަރު އަހަންނަކާއި ވަކިކޮށެއް ނުލެވުނޭ. އުޅުމަކަށް ބަދަލެއް ނުގެނެވުނެ. އަހަރެންގެ އުޅުން ބަދަލުކޮށް، ހެޔޮ ކަންތައް ގިނަކުޅައުން މައްޗަށް އަވަސްވެނުގެންފިނަމަ، ދެން އަހަރެންގެ ހަށިގަނޑަށް ލިބޭނެ ވޭނާއި ކެކުޅުން ކޮންފަދަ ބޮޑުވާނެބާވައެވެ.! ޅެމުގައި ބުނުއްވާފައިވަނީ (ބައިތު 4)


އޭ ޢިއްޒަތްތެރި ޔާރާއެވެ. ކަލޭ ތިޔަ ދިން ނަޞޭހަތުން އަހަރެން ނަޞޭހަތް ލިބިގެންފީމޭ. އަދި މިވަގުތަކީ އަހަރެންނަށް ވަރަށް ބަރަކާތްތެރި ބާއްޖަވެރިކަންބޮޑު ވަގުތެއް ކަމަށް ގަބޫލުކޮށް ޝުކުރުކޮށްފީމެވެ. މިއަދުން ފެށިގެން އަހަރެންގެ ކިބައިން އިސްވެދިޔަ ނޭދެވޭ އުޅުމުގެ މައްޗަށް ހިތާމަކޮށް އެފަދަ އުޅުމަކަށް ދުވަހަކު އިޢާދަ ނުވުމުގެ ހެޔޮ ޢަޒުމް ހިތުގައި ކަނޑައަޅައިފީމެވެ. ފާފަވެރި ހަށީގަނޑެއް ތާހރުވާނީ ދެ އަލިފާނުންކުރެ ކޮންމެ އެއްއަލިފާނަކުން އަނދައިގެންކަމާއި މެދަކު ޝައްކެއްނެތޭ. އެއް އަލިފާނަކީ، އިސްވެ ދިޔަ ފާފަތަކުގެ ޖަޒާއެއްގެ ގޮތުން އަޛާބު ލިބޭނެކަމުގެ މައްޗަށް ބިރުވެތިވެ އެކަމުގެ ހިތާމައިގެ އަލިފާނެވެ. އަނެއް އަލިފާނަކީ ނަރަކައިގެ ހޫނުކަންގަދަ އަލިފާނެވެ. ތެދެކޭ. ތެދެކޭ. އެތަކެއް ދުވަހެއް ވާންދެން ބެލެހެއްޓުމެއްނެތި ދަމިލަ ޖަހާންދޫކޮށްލާފައިވާ ލޯގަނޑެއް ސާފުވާނީ ކަނބުރުގެ އުނދުނުގެ އަލިފާނުގެ ތެރޭގައި އެކަށީގެންވާ ޒަމާނެއްގައި އޮތުމަށްފަހުގައެވެ. މިނިކަމެތި އަޅާ ނަރަކައިގެ ވޭންގަދަ އަޛާބުގައި، ކިތަންމެ ކުޑަ ހިނދުކޮޅެއްގައި ނަމަވެސް ލަސްވެލާން ޖެހިއްޖެނަމަ ހާލަކީ ކޮބައިބާވައެވެ! ހިތާމަޔޭ. ހިތާމަޔޭ. ސިނގިރެޓެއްގެ ކޮޅުގައިވާ ކުޑަ ކުޑަ އަލިފާންކޮޅު ޖެހިއްޖެ ނަމަވެސް ނަގާ ދިލަޔާއި ލިބޭ ވޭން ސާފުކޮށް އެބަ އެނގެޔޭ. އަދި ކުޑަކުޑަ ބިޗުލެއް ދައިގަތަސް ތިން ހަތަރު ދުވަސްވާންދެން ލޮލުފިޔަ ނުޖަހާ ތަނަށް ތިރިނުވެ، އިންނާން ޖެހޭތަން އެބަ ފެނެޔޭ.
މިދުނިޔޭގައި މިހެން ކަންހުރިއިރު، އުރެދޭ އަޅުތަކުންނަށް ތައްޔާރުވެފައިވާ ނަރަކައިގެ އަލިފާނުގެ ހޫނުކަން ކިހާ ގަދަވާނެބާވަޔޭ. އަދި އެތާނގެ ނަގުލަންދާއްޓާއި، ހަރުފަތަކުގެ އުނދަގޫ ކިހާ ބޮޑުވާނެބާވަޔޭ. ޝައްކެއްނެތެވެ. ޖަހަންނަމައިގެ ހުރިހާކަމެއް ކަމެއްމެ ހުންނާނީ އުރެދޭ މީހުންނަށް ކެތްނުވާފަދަ ގޮތެއްގައި އެއްވެސް މީހަކު ކިތަންމެ ވަރަށް ފިކުރުކުރިޔަސް ވިސްނުމަށް ނުގެނެވޭ ފަދަ ގޮތެއްގައި ކަން ޔަޤީނޭ. މިހެންވީއިރު ސިކުންތެއްގައި ނަމަވެސް އެތާނގައި ވާން ޖެހިއްޖެނަމަ ހާލަކީ ކޮބައިބާވަޔޭ! ސުބުޙާނަﷲ އަހަރެން މި އަވަސްވެގަންނަނީ. ތައުބާވެ ހެޔޮ ކަންތަކަށް އެނބުރިލުމަށެވެ. ( އަރަބީ އިބާރާތެއް )

ދެން އިވުނީ މަޑު ކަހަލަގޮތަކަށް ބުރުދާގެ މިބައިތު ކިޔާލި އަޑެވެ. (ބައިތު 5)


މިދުވަހުން ފެށިގެން މޫސާފުޅުބޭބެގެ އުޅުން ބަދަލުވެ ދުނިޔޭގެ ޒީނަތްތެރިކަމާއި ލައްޛަތުކުޑަކުރަމުން އަޅުކަން ގިނަކުރަމުން އައިސް މިދުވަސްވަރު މާލޭގައި ހުރި އެންމެ ބޮޑު ތަޤުވާވެރިޔަކީ މޫސާފުޅުބޭބެ ކަމުގައި ވެއްޖެއެވެ. ސުންނަތް ރޯދައެއް ދުލެއް ނުކުރެޔޭ. ޟުހާ ނަމާދު، އައްވާބީން ނަމާދު ކުރުން އާދަކޮށްފިޔޭ. އަދި ބުނާތީ އިވެނީ ރޭ އަޅުކަންވެސް އާދަވެގެން ކުރާކަމުގައެވެ. ހަމައެފަދައިން، އޭނާގެ އަނބި ބިއްލޫރިމަނިކެވެސް މުޅީން އާ ހަޔާތަކަށް ދިރިއުޅުން ބަދަލުކޮށްފިޔޭ. ގިން ރޭރެޔަށް ފަތިހު ހޭލައިގެން މޫސާފުޅުބޭބެޔަށް ގޮވައި މިސްކިތަށް ފޮނުވާފައި ދެން އެވަންނަނީ ނަމާދުކުރާން ކޮޓަރިޔަށެވެ. މޫސާފުޅުބޭބެ އަންނަނީ އިރުއެރީމައެވެ. އެހާއިރުވާންދެން ބިއްލޫރިމަނިކެވެސް އެއިންނަނީ ޛިކުރު ދުޢާކުރުން މަތީގައެވެ. މިދެމަފިރީންގެ ޤުރުއާންކިޔެވުމާއި. ތަސްބީޙަކިޔުން ވަރަށް ގިނައެވެ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަ މާނައިގައި ޕަރުހޭޒުވާރީންނަށް ވެއްޖެއެވެ.

ނިމުނީ

މިއީ 19 ސެޕްޓެމްބަރު 1959 ގެ "ވިޔަފާރި މިއަދު" ގައި ޝާއިޢު ކުރައްވާފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުގައިވާ ޢަރަބި ޅެންބައިތުތައް އުނިކުރެވިފައިވާތީ މާފަށް އެދެމެވެ. ޅެން ބައިތުތައް އުނިވެފައިވަނީ ޓައިޕު ކުރުމުގައި ދިމާވި ދަތިކަމެއްގެ ސަބަބުންނެވެ. އިރާދަ ކުރެއްވިއްޔާ، ވީ އެ މައްސަލަ ހައްލުވުމުން  ޢަރަބި ޅެންބައިތުތައް ހިމަނާނަމެވެ. ބައިތުތައް ހުރި ދިމަދިމާ އެވަނީ ފާހަގަ ކުރެވިފަ އެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ