އަދުގެ ޚާއްސަ

Print

ޗުއްޓީ

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


  ބިންމާ އިބްރާހީމް ވަޙީދު
 
ކަމެއްގެ އުނދަގޫ އިހްސާސް ކުރެވޭނީ، އެ ކަމެއް ދިމާވެގެން އުޅޭ މީހަކަށް އެކަންޏެވެ. އަހަރެންގެ ގައިގަ އަޅާ ވޭން އެނގޭނީ ކާކަށް ހެއްޔެވެ؟ ހަށިގަނޑުގެ ބޭރުން ޒަޚަމް ފެންނަ ނަމަ، ދުނިޔެ ވެސް އަހަންނާ އެކުގައި ރުއީހެވެ. ރައްޓެއްސެއްގެ ގާތުން އެހީއަކަށް އެދެވޭކަށް ވެސް އަހަންނަކަށް ނެތެވެ. ކޮންމެ ދުވަހަކު އަހަރެން ހީކޮށްގެން ހުންނަނީ، ކޮންމެވެސް ރަނގަޅު ގޮތެއް އަހަންނަށް މެދުވެރިވާނެ ކަމަށެވެ. އެހެން ހުއްޓައި އިރު އޮއްސެނީ އެވެ. އަނެއްކާ އަނެއް ދުވަހަށް އިރުއަރަނީ އެވެ.

އެންމެން އޮފީހުން ހުސްވުމުން ވެސް، އަހަރެންގެ ނަސީބާމެދު ހައިރާންވެފައި އަހަރެން އިނީމެވެ. އެންމެނާ އެކުގައި އަހަރެން ހީސަމާސަކޮށް އުޅޭއިރު، އަހަރެން ކިހާ އެކަނިވެރިކަމެއް އެކަކަށް ވެސް ނޭނގޭނެ އެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ރައްޓެއްސެއް ބުނާނެ އެވެ. ދެން އަވަހަށް މީހަކާ އިންނަންވީ އެވެ. ހީވަނީ، އިންނަން ބޭނުން ނުވެގެން އަހަރެން ހުންނަހެންނެވެ. އަހަރެން ގަޑި އަށް ބަލައިލީމެވެ. ހަވީރު ހަތަރެއް ޖަހަނީ އެވެ. އަހަރެން ޕާރސަނަލް ސެކެއްޓަރީއަކަށް ވީ ކީއްކުރަން ހެއްޔެވެ؟ ކާތިބާއަކަށް ބަދަލުވާންވީ އެވެ. އޭރުން އަވަހަށް ގެ އަށް ދެވޭނެ އެވެ. ބޮސް ގެ އަށް ދަންދެން އިންނާކަށް ނުޖެހޭނެ އެވެ.

    "ފާތުން.. ޖައްސާލަބަލަ މިކޮޅަށް!" ބޮސް އިންޓަރކަމުން ބުންޏެވެ.

   
އަހަރެންގެ ބޮސް އަކީ، އަހަންނަށް ވުރެ ދިހަ އަހަރު ދޮށި މީހެކެވެ. އެކަމަކު، ސްމާރޓް މީހެކެވެ. އޭނަ ހުންނާނީ އަހަންނާ އަޅައިގެންފަ އެވެ. އެކަން އަހަންނަށް އެނގެ އެވެ. އެނގޭކަމަށް ނުހެދީ އެވެ. އަޅާނުލުމުން އެކަން ހުއްޓޭނެކަމަށް ހީކޮށެވެ. އަހަރެން ކިހާ މޮޔަ ހެއްޔެވެ؟ ބޮސް މަސައްކަތް ކުރަމުން ގެންދިޔައީ، އަހަންނަށް އެކަން ނޭނގޭކަމަށް ހީކޮށް، އަންގާށެވެ. މީހަކާ އިނީމަ ވެސް ބައެއް ފިރިހެނުންނަށް އެހެން އަންހެނުންގެ ފަހަތުން ދުވުން ހުއްޓާނުލެވެނީ ކީއްވެގެން ހެއްޔެވެ؟

    "އިށީނދޭ!" އަހަރެން ވަނުމުން ބޮސް ބުންޏެވެ.

    ޗާބީ ދީފައި ހުރި ބުދެއްހެން އަހަރެން އިށީނީމެވެ. ބޮސް ބަލަހައްޓައިގެން އިނެވެ. އަހަރެން ނުދެނަހުރިކަމަށް ހަދާފައި ގަޑި އަށް ބަލައިލީމެވެ. ބޭނުމަކީ، ބޮސްގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމެވެ.

    "ފަހެއް ޖަހަނީ ދެއްތޯ؟" އަހަރެން ބުނީ އަސްލު ވަގުތެއް ނޫނެވެ.

    "ކޮންމެ ދުވަހަކު އަހަންނަށް އޮޅުވައެއްނުލެވޭނެ. ގަޑިން އަދި ނުވާނެ ހަތަރުގަޑި ބައެއް.. ފަހެއް ޖަހާނީ ކޮންއިރަކުން؟ އަހަންނާ އިންނަންވީނު ދެން؟" ބޮސް އާދައިގެމަތިން ބުންޏެވެ. "ދެރައެއް ނުދޭނަމޭ."

    "ކޮބައިތޯ އަނބިކަނބަލުން؟" އަހަރެން އެހީމެވެ.

    އެ ވަގުތު، ނަސީބަކުން ބޮސްގެ އަންބެއްގެ ކޯލެއް އައެވެ. މާލޭގައި ބޮސްގެ ދެ އަނބިން ތިބެއެވެ. ތިންވަނަ މީހާ ބަހައްޓާފައި ހުންނަނީ ލަންކާގަ އެވެ. އެ ވަރުން ވެސް ނުފުދެނީ ކީއްވެގެން ހެއްޔެވެ؟ އެ ކޯލު ބޭއްވުމާއެކު، އަވަސް އަވަސް ކޮށްލައިގެން ބޮސް ނުކުމެގެން ދިޔައީ އެވެ. އަހަރެން ސަލާމަތްވީ އެވެ.

    ކޮއްކޮ މީހަކާ އިންނަ ދުވަސް އަތުވެއްޖެ އެވެ. ކައިވެނި ކުރީ ސަލްސާގަ އެވެ. އެ ޕާރޓީ އަށް ނުދާން އަހަރެން ވަރަށް މަސަކަތް ކުރީމެވެ. ހީވަނީ، އިންނާނެ ފިރިހެނެއް ނުލިބިގެން އުޅެނީ އަހަރެން އެކަނިހެންނެވެ. އަހަރެންދެކެ މީހުން ހަމްދަރުދީވެގެން، އެ މީހުން އަހަންނަށް ނަންބަރ ހޯދައިދޭން ފެށި އެވެ. އެއީ އަހަންނަށް އެހީވާންވެގެން އެ މީހުން ކުރި ކަމެކެވެ. އެކަން އެނގެ އެވެ. ނަތީޖާ ސުމެކެވެ. އަހަންނަށް ބައެއްފަހަރު ހީވަނީ، އެއީ ކުރެވޭ މަލާމާތެއްހެންނެވެ.

   
އުމުރު ދޮށިވެގެންދާއިރު މީހަކާ ކައިވެނި ނުކޮށް ހުރުމަކީ، ލިބޭ މަލާމާތުގެ އިތުރުން، އުނދަގޫތަކެއް އިހްސާސްކުރެވޭ ކަމެކެވެ. އޮފީހުގައި، އަހަންނަށް ކަމުދާ ފިރިހެނަކު ނޫޅޭކަން އެއީ ވެސް ބަދުނަސީބެކޭ އަހަރެންގެ ހިތަށްއެރި އެވެ. ނޫނެކެވެ. އެއީ ނަސީބަކަށް ވެސް ވެދާނެ އެވެ. ރީތި ފިރިހެނުން ފެނުނީމައި އަހަންނަށް އުނދަގޫވެ އެވެ. އެހެން އުޅެނިކޮށް، އަލަށް އެ އޮފީހަށް ކުއްޖަކު ވަނެވެ. ކަންތަކާޖެހުނީ އެ ހިސާބުންނެވެ. ފުރަތަމަ ފެނުނު ފަހަރު ވެސް، އަހަރެންގެ ދުވަސް ދިޔައީކަން އަހަންނަށް އެނގުނެވެ.

   
އުމުރުގެ ގޮތުން ބަލާއިރު، އެ ކުއްޖާ އަކީ، އަހަރެންގެ ދަރިއެއްވަރު ވާ ކުއްޖެކެވެ. ނަމަކީ، ސަލާމް އެވެ. ސަލާމް ދުށީ އަހަންނަކީ، ސަލާމްގެ މަންމަގެ އުމުރުގެ މީހެއްގޮތުގަ އެވެ. ދެން ނުކުންނާނެ މައްސަލަތައް ވިސްނާލާށެވެ. އަހަންނާ އަނގަތަޅަން ވެސް ސަލާމް ކިތަންމެ އިރަކު އިނދެވެ. ބައެއް ފަހަރު އަހަރެންގެ އަތުގައި ހިފާލަ އެވެ. މަންމައެއްގެ އަތުގައި ހިފާލާހެންނެވެ. އަހަރެން ހުންނަނީ ފިނިވެފަ އެވެ. އަހަރެން ބަލަނީ، ސަލާމަށް ނުފެނި އުޅެވޭތޯ އެވެ. އެކަމަކު، ވަރަށް ގިނަ ފަހަރު ސަލާމް ބަލައިލާއިރު އަހަންނަށް އިނދެވޭނީ ބަލަހައްޓައިގެންނެވެ. އޭނަ ހީލާނެ އެވެ. އަހަރެން ވެސް ހީލަމެވެ. ސަލާމް ހީކުރަނީ އެއީ ރައްޓެހިކަން ކަމަށެވެ.
   
އޮފީހުގެ އަހަރީ ދުވަސް އައެވެ. ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި، މުވައްޒިފުންގެ ޝޯވއެއް އޮތެވެ. އެއްވެސް ނެށުމެއްގައި އަހަރެން ބައިވެރިއެއް ނުވަމެވެ. އެކަމަކު، ކޮންމެވެސް ކަމެއްގައި ބައިވެރިވާންވާނެތީވެ، ތަމްސީލުގައި ތަންކޮޅެއް ކުޅެދޭން އެއްބަސްވީމެވެ. ނަސީބަކުން އެ ތަމްސީލުގައި ސަލާމެއް ނޫޅެއެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެކަކަށް ވެސް ނޭނގޭނެ އެވެ. ފަހަރެއްގައި، ތަމްސީލުގައި އަހަރެންގެ ދަރިއެއްގެ ރޯލު ސަލާމަށް ދިނަސް، އަހަރެން ޖެހޭނީ ކުޅޭށެވެ. އެކަމަކު، ސަލާމަށް، ދަރިފުޅާއޭ ކިޔާފައި އަހަންނަކަށް ނުގޮވޭނެ އެވެ. ކޮންމެ ކަމެއްގެ ވެސް ހައްދެއް އޮންނާނެ އެވެ.
   
ޝޯގެ ފަރިތަކުރުންތައް ބާއްވަމުންދިޔަ ދުވަސްތަކުގައި، ސަލާމްގެ އަސަރުގަދަ ހިނިތުންވުމުން، އަހަރެންގެ ހިތް ކޮށާ ކުދިކޮށްލި އެވެ. ކޮންމެ ރެއަކު ހުވަފެނުން ސަލާމް ފެނެއެވެ. ވަރަށް ގާތް ގުޅުމެއް، ހުވަފެނީ ހަޔާތުގައި، އަހަރުމެން ދެ މީހުންގެ ދެމެދުގައި ގެންގުޅެވުނެވެ. އެހެންކަމުން، ސަލާމާ ތަންކޮޅެއް ދުރުވެލަން އަހަރެން މަސައްކަތް ފެށީމެވެ. އޭނަ އުޅޭ ތަންތަނަށް ނުގޮސްވޭތޯ ބަލަންފެށީމެވެ. އެކަކަށް ވެސް ޝައްކުވިޔައެއް ނުދެމެވެ. އެހެންނަމަވެސް، އަހަރެން ފެނިއްޖެއްޔާ ސަލާމް އަންނާނެ އެވެ. އޭނަ ދެކެނީ  ރައްޓެއްސެއްގޮތަށެވެ. އެއީ ވަކި އަހަންނަށް އެކަނި އޭނަ ގެންގުޅޭ ގާތްކަމެއް ނޫނެވެ. އެއީ އޭނަގެ އާދަ އެވެ.
   
ހަފްލާ ބޭއްވި ރޭ، ހުރިހާކަމެއް ވެސް ދިޔައީ، އަހަރެން ބޭނުންވި ގޮތަށެވެ. ވަކި ހިސާބަކުން، ޝޯގެ ތަރުތީބު ބަދަލުވާންފެށި އެވެ. ސަލާމަތްވީ ހަމައެކަނި އަހަރެން އުޅުނު ތަމްސީލެވެ. އެންމެ ފަހު ވަގުތު، އެ ކަންތައް ވެސް ދިޔައީ ގޯހުން ގޯހަށެވެ. ތަމްސީލު ކުޅެންޖެހުނު ރޭ، ދަރިފުޅެއްގެ ރޯލު ކުޅެން ފަރިތަކުރި ކުއްޖާ، ކުއްލިއަކަށް ގެއްލުނީ އެވެ. ދެން އެ ތަމްސީލު ކެންސަލް ކުރުމަށް އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެކަކު ވެސް އެއްބަހެއްނުވި އެވެ. އެންމެ ފަހުން އައީ ސަލާމެވެ. އަހަރެންގެ ފައި ތުރުތުރުއަޅަންފެށި އެވެ. އޭނަޔާ ދިމާލަށް ދަރިފުޅޭ ނުކިޔަން އަހަރެން އަޒުމްކަނޑައެޅީމެވެ. އޭގެ ބަދަލުގައި އަހަރެން ކިއީ ނަމެވެ. އެއްވެސް މީހަކަށް އެ ކަމެއް ފާހަގައެއް ނުކުރެވުނެވެ. އެ ޝޯވ ބަލަން، ސަލާމްގެ މައިންބަފައިން ވެސް އައެވެ. އަހަރެން ވަރަށް ޖެހިލުންވި އެވެ.
   
އަހަރެންނަށް ޕެންޝަން ލިބެން ދެ މަހަށް ވެފައިވާތީވެ، އެ އޮފީހުން ކެނޑެވޭކަށް ނެތެވެ. އިޝްގީ ލޯބިން އަހަރެން ފޯވަމުންދިޔައިރު، އޮފީހުގައި އަހަރެން އުޅެނީ ސަލާމްގެ އަޑު ވެސް ނީވޭ ހިސާބެއްގަ އެވެ. އެހެން އުޅެނިކޮށް، ނާޝިދާ އަށް އެކަން ފާހަގަވެއްޖެ އެވެ. އެއީ، އަހަރެންނާ ޖެހިގެން އިންނަ މީހާ އެވެ.

    "ކުރިން ދެ މީހުން ވަރަށް އެއްކޮށް އުޅެއުޅެފަ، މިހާރު ހާދަ ދުރުވެއްޖެހެން ހީވެއޭ!" ނަޝީދާ ބުންޏެވެ.

    ޝައްކުވެގެން ވިސްނަން ފެށުމުން، ތަމްސީލުގެ ކަންތަކާއި، ސަލާމް ފެނުމުން އަހަރެންގެ ލޮލަށް އަންނަ ވިދުވަރު ވެސް ނަޝީދާ އަށް ފެނިއްޖެ އެވެ. އަހަރެން ދޮގުތަކެއް ހަދައިގެން އެކަމުން ސަލާމަތް ވެދާނަމެވެ. އޭގެ ބަދަލުގައި، އަހަރެން އެއްބަސްވީމެވެ. އޭރު އަހަރެން ހުރީ، އެކަމުން އަހަރެން ސަލާމަތްކޮށްދޭން އެހީވާނެ މީހަކަށް ބޭނުންވެފަ އެވެ.

    "ކިހިނެއް އަހަރެން ހަދަންވީ ސަލާމަތްވާން؟" އަހަރެން އެހީމެވެ.

    "އެކަމަކުވާ!" ނަޝީދާ ހައިރާންވެފައި ބުންޏެވެ. "އެއީ މީހެއްގެ ކިރުބޯ ޅަދަރިއެއްނު!"

    "އެނގެޔޭ!" އަހަރެން ބުނީމެވެ. "ވަރަށް ލަދުގަނޭ.. ހިއެއްނުވޭ އެކަން ކުރަން އުޅުނު ނަމަވެސް، ކާމިޔާބުވާނެހެނެއް ވެސް.."

    "ހަމައެކަނި ހީއެއްތަ ނުވަނީ؟ އެ ކަން ހަނދާންނައްތާލާ! ސަލާމްގެ މައިންބަފައިން ވަރަށް ހަރުކަށިވާނެ.. އެ މީހުން އުންމީދުކުރަނީ ސަލާމް ކިޔަވަން ފޮނުވަން.. އަހަންނަށް ހީވަނީ އޭނަގެ މަންމައާ އެއް އުމުރެއްގެ މީހެއްހެންތީ.." ނަޝީދާ ވިސްނާލާފައި ބުންޏެވެ. "ތިކަން ހަމަ މިހާރު ހުއްޓާލާ!"
    ހުއްޓާލެވޭނީ ފަށާ ކަންތަކެވެ. ފެށޭ ކަންތައް ޖެހޭނީ ހުއްޓޭށެވެ. އެކަމަށްޓަކައި، ދުވަސްކޮޅެއް ވަންދެން ސަލާމާ ދުރުގައި އަހަރެން ހުންނަންޖެހުނެވެ. ސެކްޝަން ބަދަލުކުރުމުން ވެސް ވީކަމެއް ނެތެވެ.

    "ހުންއައިސްގެންތަ ތި އުޅެނީ؟" އަހަރެން އުޅޭ ވައްތަރުން ސަލާމަށް ޝައްކެއްވި އެވެ.

    "ކުޑަކޮށް! ހީވަނީ ޗުއްޓީއެއް ނަގަންވީހެން.." އަހަރެން ބުނީމެވެ.

   
މިހާރު އަހަރެން މިހިރީ ޗުއްޓީގަ އެވެ. ދޭތެރެއަކުން ސަލާމް ގުޅާލަ އެވެ. ފޯނު ނުނަގައިފިއްޔާ ގެ އަށް ވެސް އަންނާނެ އެވެ. ޗުއްޓީނެގުމުން ވީ އެއްވެސް ފައިދާއެއް ނެތެވެ. އެތައް އިރެއް ވަންދެން ވެސް އަހަންނާ ވާހަކަދައްކަން އޭނަ އިނދެދާނެ އެވެ. އަންނާނީ ކޮންމެވެސް ރައްޓެއްސަކާ އެކީގަ އެވެ. އަހަރެން އިންނަނީ ހިތުވިންދު އަވަސްވެފަ އެވެ. ގެ އަށް ނުވަންނާށޭ ސަލާމް ގާތުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟ އަހަންނާ ވާހަކަނުދައްކާށޭ ބުނުން ވެގެންދާނީ ވަރަށް ހެއްވާ ކަމަކަށެވެ. މީ ކިހާ އުނދަގޫ ދިރިއުޅުމެއް ހެއްޔެވެ؟ ކުރެވޭހާ ވެސް ކަމަކީ، ބައެއް ފަހަރު "ބިޒީވުމެވެ."

އުނދަގޫވެގެން، އެންމެ ފަހުން އަހަރެން އައިސް މިހިރީ އައްޑޫގަ އެވެ. އަހަރެން ހުރި ތަނެއް، އޮފީސް އެކަކަށް ވެސް ނޭނގޭނެ އެވެ. އެކަމަކު، އަބަދު މި ތަނުގައި ހުރެވޭ ހެއްޔެވެ؟ އަހަރެން ފިލަން މި ދުވަނީ ކާކަށް ހެއްޔެވެ؟ ސަލާމްގެ ސޫރަ، ކަނޑާނެގިފައިވަނީ އަހަރެންގެ ހިތުގަ އެވެ. ސިކުނޑީގަ އެވެ. ކޮންމެ ތަނެއްގައި ހުއްޓަސް އަހަރެންގެ ހަނދާނުން އެ ސޫރައެއް ނުފުހުވޭނެ އެވެ. އަހަރެން އެނބުރި އަންނާނެކަމަށް، އޮފީހުގެ މީހުން އުންމީދުކުރާނެ އެވެ. އެ މީހުންނަށް ނޭނގޭ ކަމަކީ، އަހަރެންގެ ޗުއްޓީ ދުވަހަކު ވެސް ނުނިމޭނެ ކަމެވެ.  
    
      (ނިމުނީ)
                                           

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ