އަދުގެ ޚާއްސަ

Print

ބަސްބަހުގެ ކުރިއެރުމާއި ދަށަށް ދިޔުން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ފާރޫޤު ޙަސަން

ބަހާބެހޭ ގޮތުން މިޒަމާނުގައި ހޯދޭ އާ ހޯދުންތަކުގައި ވާގޮތުން ދުނިޔޭގައި ކޮންމެ ފަނަރަ ދުވަހަކުން ބަހެއް މަރުވަމުން ދެ އެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ވާހަކަ ދެކެވުނު ބަސް ބޭނުންކުރެވިފައިވަނީ މީގެ ފަސްދޮޅަސް ހާސް އަހަރު ކުރީންނެވެ. އޭގެ ފަހުން ޒަމާނު ބަދަލުވަމުން އައި އައުމުގައި އެ ތަކެއް ބަސްތަކެއްވަނީ އުފެދިފަ އެވެ. ހޯދުންތަކުން އެނގިފައިވާގޮތުގައި ދުނިޔޭގައި އުފެދިފައިވާ ބަސްތަކުގެ ޢަދަދު އެތަކެއް ލައްކަޔަށް އަރައެވެ. އޭގެތެރެއިން އެ ތައްލައްކަ ބަހެއްވަނީ އެ ބަހަކުން ވާހަކަދައްކައި އުޅުނު މީހުންނާއެކު މަރުވެ ވަޅުލެވިފަ އެވެ.  ފަނާވެ ގޮސްފައިވާ ބަސްތަކުގެ ތެރެއިން ގިނަ ބަސްބަހަކީ އެ ބަހެއް ލިޔެ އުޅޭ އަކުރެއް ނެތް ބަސްތައް ކަމުގައިވާތީ އެ ބަސްތަކުގެ އަސަރާއި ނިޝާން ވެސް ވަނީ ދުނިޔެއިން ފޮހެވިގެން ގޮސްފަ އެވެ.  ދުނިޔޭގައި މަރުވެގެން ގޮސްފައިވާ ބަސްތަކަށް ބަލާއިރު މަރުވެފައިވަނީ އެ ބަސްތައް ލިޔާނެ އަކުރެއް ނެތް ބަސްބަސް އެ ކަންޏެއް ނޫނެވެ. 

އެ ބަސްތައް ލިޔާނެ އަކުރުތައް އީޖާދު ކުރެވިފައިހުރި ބައެއް ބަސްތައް ވެސް މަރުވެފައިވާ ބަސްބަހުގެ ލިސްޓުގައި ހިމެނިފައިވެ އެވެ. މި ސާލެއްގެ ގޮތުން ބަލާއިރު ސުމޭރިޔަން  Sumerian ބަހާއި އެތުރުސްކޭ Etruscan ބަހާއި، މާޔަން Mayan ބަހަކީ، ޤަވާޢިދުން އެ ބަސްބަހުން ލިޔެކިޔައި އުޅުނު ބަސްބަހެވެ،. ނަމަވެސް އެ ބަސްތައް ވެސް ވަނީ އުވި ގޮސްފަ އެވެ. ލެޓިންބަހާއި ސަންސްކްރިތު ބަހާއި މުސްކުޅި ގްރީކު ބަހަކީ ވެސް ލިޔާ އަކުރު ހުރި ބަސްބަހެވެ. ނަމަވެސް ޒަމާނާއެކު އެ ބަސްތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ބަދަލު އައިސްފަ އެވެ. ބަހާބެހޭ ގޮތުން ހޯދެމުންދާ ހޯދުންތަކުން އެނގޭގޮތުގައި އެވޭލާ ޒަމާނުގައި ބަސްތައް އުފެދެމުން އައީ ވަރަށް ހަލުވި ދުވެއްޔެއްގަ އެވެ. އެއިން ކޮންމެ ބަހެއް ދިގުމުއްދަތަކަށް ބޭނުން ކުރެވެމުން ދިޔަ އެވެ. ނަމަވެސް މި ޒަމާނުގައި އަލަށް ބަހެއް  އުފެދުމަކީ ވަރަށް ވެސް ނުވާކަމެކެވެ. އަނެއްކޮޅުން މުސްކުޅި ބަސްތައް ވެސް ވަރަށް ހަލުވި ކަމާއެކު ދަނީ މަރުވަމުންނެވެ. ބަހާބެހޭ މާހިރުން ވިދާޅުވާގޮތުގައި  މީގެ ދިހަ ހާސް އަހަރު ކުރިން ދުނިޔޭގެ އާބާދީއަކީ ގާތްގަނޑަކަށް ފަސް މިލިޔަނާއި، ދިހަ މިލިޔަނާ ދެމެދުގެ ޢަދަދެކެވެ. ނަމަވެސް އެ ދުވަސްވަރު ދުނިޔޭގައި ބާރަހާސް ބަސް، ބޭނުން ކުރެވުނު ކަމުގައި ލަފާކުރެވެ އެވެ. މި ޒަމާނަކަށް އައިސް ކްލޯނިއަލިއްޔަތާއި Colonization ވިޔާފާރިއާއި، ތަޢުލީމު އާންމުވުމުން މިހާރުދަނީ ބައެއް ސަރަހައްދީ ޚާއްޞަ ބަސްބަސް އުވެމުންނެވެ. ޚާއްޞަކޮށް މި ފަހަކަށް އައިސް ބަވަނަ ކުރުމުގެ ސިޔާސަތާއި މުވާސަލާތުގެ ޒަމާނީ ވަސީލަތްތައް ހަލުވިކަމާއެކު އާއްމުވަމުން ދިޔުމުގެ ސަބަބުން ސަރަހައްދީ ބަސްތައް މަރުވަމުންދާދިއުން މާބޮޑަށް ވަނީ އިތުރުވެފައެވެ. އިނގިރޭސިބަހާއި، ޗައިނާބަހޖާއި ސްޕޭނުބަސް ފަދަ ބޮޑެތި ބަސްތައް ދަނީ ވަރަށް ހަލުވިކަމާއެކު އެ ބަސްބަހުގެ މަޤާމު ހޯދަމުންނެވެ.

އެންމެ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު ދުނިޔޭގައި ބޭނުންކުރެވޭ ކަމަށް ބެލެވެނީ ހަހާސް އަށް ސަތޭކަ ބަހެވެ. (ބައެއް ސަރަހައްދުތަކުގައި ބޭނުން ކުރެވޭ ބަހުރުވަތައް މި ހިސާބުގައި ނުހިމެނޭކަންވަނީ ސާބިތުވެފަ އެވެ.) މި ތަފާސް ހިސާބަކީ އެމެރިކާގެ ބަހާބެހޭ އިދާރާއެއްކަމުގައިވާ ސަމަރ އިންސްޓިޓިއުޓް Summer Institiute އިން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބެކެވެ. ހޯދުންތަކުން އެނގިފައިވާ ގޮތުގައި މެދު މިނުގެ މޫސުން އޮންނަ ސަރަހައްދުތަކުގައި ބޭނުން ކުރެވޭ ބަހުގެ އަދަދު ހޫނު މޫސުން އޮންނަ ސަރަހައްދުތަކުގައި ބޭނުން ކުރެވޭ ބަސްބަހުގެ އަދަދަށްވުރެ ނިސްބަތުން މަދެވެ.  ޔޫރަޕުގައި ބޭނުން ކުރެވެނީ އެންމެ ދުއުސައްތަ ބަހެވެ. އެމެރިކާގައި އެއްހގާސަް ބަސް ބޭނުންކުރެވެ އެވެ. އެފްރިކާގައި ދެ ހާސް ހަތަރު ސަތޭކަ ބަސް ބޭނުންކުރެވެއެވެ. އޭޝިޔާއާއި ޕެސިފިކްގައި ތިންހާސް ދުއިސައްތަ ބަހުން ވާހަކަ ދައްކަ އެވެ. ހަމައެކަނި ޕަޕުއާ ނިއުގިނީގައި އަށްސަތޭކަ ބަހުން ވާހަކަ ދައްކަ އެވެ. ދުނިޔޭގައި ބޭނުން ކުރެވޭ ހަސާސް އަށްސަތޭކަބަހުގެ ތެރެއިން ހަތަރު ސަތޭކަ ބަސްވަނީ މަރުގެ ތުންފަތްމަތީގަ އެވެ. އެ ބަސްތަކުން ވާހަކަ ދައްކާ މުސްކުޅިން މިހާރު ގުނަމުން ގެންދަނީ އެބައިމީހުންގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްކޮޅެވެ. ކެމަރޫންގައި ވާހަކަ ދައްކާ ބަހެއްކަމުގައި ބޫސޫ Busuu ބަހުން ވާހަކަ ދައްކާ ބަޔުަކަށް މިހާޜު ދުނިޔޭގައި ތިބީ މުޅިއެކު އަށް މުސްކުޅީންނެވެ. މެކްސިކޯގައި ވާހަކަ ދައްކާ ބަހެއްކަމުގައިވާ ޗިޔާޕެންކޯ Chiapaneco   ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު ވެސް ވަރަށް މަދެވެ. އާދެ އެންމެ ސަތޭކަ ފަންސާސް މީހުންނެވެ. އެމެރިކާގައި ވާހަކަ ދައްކާ ބަހެއް ކަމުގައިވާ ލީޕަން އާޕާޗީ  Lipan Apache ބަހުން ވާހަކަ ދައްކަނީ ދެމީހުން ނުވަތަ ތިންމީހުންނެވެ. ހަމަ އެފަދައިން އޮސްޓްރޭލިޔާގައި ވާހަކަ ދައްކާ ބަހެއްކަމުގައިވާ ވާދުޖީގޫ Wadjigu ބަހުން ވާހަކަ ދައްކަން އެނގޭމީހަކަށް މިހާރު ހުރީ އެންމެ މީހެކެވެ. މި އަދަދުތަކުން ސާބިތުވާގޮތުގައި މި ބަސްތަކަކީ ވެސް ވަރަށް އަވަހަށް މަރުވެދާނެ ބަސްބަހެވެ.

ބަހުގެ މާހިރުން ވިދާޅުވާގޮތުގައި މިހާރު ދުނިޔޭގައި ބޭނުންކުރެވޭ ބަސްތަކުގެތެރެއިން ގާތްގަނޑަކަށް ތިންހާސް ބަސް ވަރަށް އަވަހަށް މަރުވެދާނެ ކަމަށް ބެލެވެއެވެ. މާހިރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މި ހިނގާ ސަތޭކަ އަހަރު ނިމޭއިރު ދުނިޔޭގައި ދެމި އޮންނާނީ ވަރަށް މަދު ބަސްތަކެކެވެ. މިހާރު ބޭނުންކުރެވެމުންދާ ބަސްތަކުގެ ނުވަދިހަ އިންސައްތަ ވާނީ މަރުވެގެން ގޮސްފަ އެވެ. ދެ ހާސް ދުއިސައްތަވަނަ އަހަރާ ހަމަޔަށްދާއިރު ދުނިޔޭގައި އޮންނާނީ އެންމެ ދުއިސައްތަ ބަހެވެ.

ބަހުގެ މާހިރުން ވިދާޅުވާ ގޮތުގައި އެއް ސަރަހައްދެއްގައި ދިރިއުޅޭމީހުންގެ އަޣުލަބިއްޔަތު އެއްބަހަކުން ވާހަކަ ދެއްކުމަކީ އެ ތަނެއްގައި އަމަން އަމާންކަމާއި ހަމަޖެހުން ދެމި އޮތުމުގެ ސަބަބެކެވެ. އެއް ސަރަހައްދެއްގައި ވާހަކަ ދައްކާ ތަފާތު ބަސްތައް އޮތުމަކީ، ދެ ބަސްވުމާއި، ހަމަނުޖެހުންތައް އުފެދުމުގެ ސަބަބެވެ. ނިޔުމެކްސިކޯގެ އަކޯމާ ޤަބީލާގެ މީހުން ގަބޫލުކުރާ ގޮތުގައި އެ ބައިމީހުންގެ އިލާހު، ބަސްތައް ތަފާތުކުރައްވައި ބައްސަވައިލެއްވީ ދުނިޔެ ފަސާދަކުރެއްވުމަށްޓަކަ އެވެ.

ބަސްތައް އުވެމުން ނެތެމުންދާގޮތާ ބެހޭގޮތުން ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި ޤުދުރަތީ އާފާތްތަކުގެ (ތަދުމަޑުކަން، ފެންބޮޑުވުން، ޒަލްޒަލާ، ވަބާއާއި ބަލިތައް) ސަބަބުން ވަރަށް ގިނަ ގައުމުތަކެއް ވަނީ، ވުޖޫދުން ފޮހެވިފަ އެވެ. އެ ބައިމީހުންނާއެކު އެމީހުން ވާހަކަ ދައްކަގައި އުޅުނުި ބަސްތައް ވެސް ވަނީ ވަޅުލެވި މާޒީއާ އެކުވެފައެވެ. ބައެއް މީހުން އަމިއްލަޔަށް ވެސް އެ ބައިމީހުންގެ މާދަރީ ބަސްދޫކޮށްލަ އެވެ. އިޤުތިޞާދީ، އިޖުތިމާޢީ ތަރައްޤީގެ ރޭހުގައި އެހެންމީހުންނާ ފައިހަމަ ކުރުމަށްޓަކަ އެވެ. ބައެއް ފަހަރު ރަށްފުށުމީހުން އެބައިމީހުންގެ އަވަށް އަވަށާއި، ރަށްރަށް ދޫކޮށްފައި ރަށްވެހިކަމުގެ ގޮތުން ކުރިއަރާފައިވާ ކޮންމެ ވެސް ތަނެއްގައި ވަޒަންވެރިވެ އެވެ. އެ ތާކު އެބައިމީހުންގެ މާދަރީ ބަސް ބޭނުމެއް ނުކުރެވެއެވެ. ނަތީޖާއަކަށްވަނީ އެމީހުންގެ މާދަރީ ބަސް، ދަރިފަށްކޮޅަށް ވާރުތަކޮށް ނުދެވުމެވެ. ދަރިފަސްކޮޅަށް ވާރުތަކޮށްދެވެނީ ތަރައްޤީވެފައިވާ ކޮންމެ ވެސް ބޭރު ބަހެކެވެ. މި ޒަމާނުގައި މި ބާވަތުގެ އެންމެ ރަނގަޅު މިސާލަކީ އިނގިރޭސި ބަހެވެ. މި ހާރަކަށް އައިސް އިނގިރޭސި ބަސް ހިމެނިފައިވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި މުވާޞަލާތުކުރުމުގެ ވަސީލަތަކަށެވެ. އިންޓަރ ނެޓްގެ ޒަރީޢާއިން ވެސް އިނގިރޭސި ބަސް ވަރަށް ބޮޑަށް ދަނީ ފުޅާވަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ދުނިޔޭގައި އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަހަކީ ޗައިނާބެހެވެ. ޗައިނާބަހުން ވާހަކަ ދައްކާ މީހުންގެ ޢަދަދު އެއްބިލިނަނަށްވުރެ ވެސް ގިނަ އެވެ. ދެ ވަނައަށް އެންމެ ގިނަ މީހުން ވާހަކަ ދައްކަނީ އިނގިރޭސިބަހުންނެވެ. ތިންވަނަ އަށް Spanish  ބަހެވެ. މި ތިންބަހުގެ އިތުރަށް ހިންދީބަހާއި ޢަރަބި ބަހާއި، އުރުދޫ ބަހާއި، ބަންގާޅީބަހާއި، ރަޝިޔާބަހާއި، ޕޯޗުގީޒުބަހާއި، ޖަޕާނުބަހާއި، ޖަރުމަނުބަހާއި، ފަރަންސޭސިބަހަކީ، ވެސް ގިނަ މީހުން ވާހކަ ދައްކާ ބަސްބަހުގެތެރޭގައި ހިމެނޭ ބަސްބަހެވެ.

ބަހުގެ މާހިރުން ވިދާޅުވާގޮތުގައި ބޮޑެތި ބަސްތައް ދުނިޔޭގައި ކުރި އަރަމުންދާ ވަރަކަށް ކުދިކުދި ބަސްތައް އެ ނިސްބަތުންދާނީ ހީނަރުވަމުން ނިކަމެތިވަމުންނެވެ. މަދު ޢަދަދެއްގެ މީހުން ވާހަކަދައްކާ ބަސްބަހަކީ ޒަމާނާ ނުގުޅޭ އުނދަގޫ ބަސްތަކެއްކަމުގައި ވެސް ދަނީ ކަނޑައެޅެމުންނެވެ. އެހެންކަމުން އެ ބަސްތައް އާޖީލުތަކަށް ދަސްކޮށެއް ނުދެވެ އެވެ. އެ ބަސްބަހުްނ ވާހަކަ ދައްކައި އުޅެނީ މުސްކުޅީންގެ މަދު މީސްކޮޅެކެވެ. އެ މީސްކޮޅު ނެތިގެންދާއިރު ބަސްވެސް ދަނީ ނެތިގެންނެވެ.

ބަހުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި ބަހަކީ އެ ބަހެއްގެ އަހުލުވެރިންގެ ދިރިއުޅުން ހުންނަ ގޮތާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. މީހުންގެ ދިރިއުޅުން ބަދަލުވުމުން ބަހަށް ވެސް ބަދަލު އާދެ އެވެ. ބަހުގެ މާހިރުންގެ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ބަސްތައް ހަލުއިކަމާއެކު، ނެތުމުން ދިޔުމަކީ، ޣައިރު ފިޠުރީކަމެކެވެ. އެއީ ޒަމާނީ ވަބާއެކެވެ. ޖަނަވާރުތަކާއި، ދޫނި ސޫފާ ސޫތްޕާއި، ގަސްގަހާގެހީގެ ނަސްލު ޙިމާޔަތް ކުރުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެވެމުންދާއިރު، ބަސްބަސް މަރު ވިޔަ ނުދީ ދިރުވަން މަސައްކަތް ނުކުރެވޭކަމީ، ހިތާމަ ހުރިކަމެކެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި ބަހެއް މަރުވުވެގެން ދިޔުމަކީ އެ ޞަރަހައްދެއްގައި އުޅޭ ދޫނި ސޫފާސޫފީގެ ނަސްލު ވެސް ނުރައްކަލަށް ހުރަހެޅޭކަމެކެވެ.

ޔުނެސްކޯ އިން 2003ގައި ޝާއިޢު ކުރި ރިޕޯޓެއްގައިވާގޮތުން ބަހެއް މަރުވުމުން އެ ބަހަކާއެކު، ޘަޤާފަތާއި، ތާރީޚާއި، ވެށީގެ ވެސް އެ ތައް ކަންތައްތަކެއް އުވިގެން ދެ އެވެ. އިންސާނުން ވާހަކަ ދައްކާ ކޮންމެ ބަހަކީ ވެސް ދުނިޔޭގެ ކޮންމެ ވެސް ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ތަޖުރިބާ ބަދަލުކުރުމުގެ ވަސީލަތެކެވެ. ބަހެއް މަރުވުމުގެ ނަތީޖާއަކަށްވަނީ ކޮންމެ ވެސް ސަރަހައްދެއްގެ  އެކޯ ސިސްޓަމާމެދު އިންސާނީ ހެކި ގެއްލިގެން ދިޔުމެވެ. ނަތީޖާ އަކަށްވަނީ އެކޯސިސްޓަމް ރަނގަޅުކުރަން އުނދަގޫވުމެވެ. ބަސްތައް މަރުވުމަކީ ވިސްނުންތެރި ހޭލުންތެރި މީހުންނާއި އާޓުނެތި ގެން ދިޔުމުގެ ސަބަބަކަށް ވާކަމެކެވެ. ދާރުލްއާޘާރަކަށް ބޮންއަޅައި ހަލާކުކޮށްލުން ފަދަ ކަމެކެވެ.

ވަރަށް ގިނަ ސަރަހައްދީ ބަސްބަހަކީ، އެ ބަސްބަހުގައި އެ ހިސާބުގަނޑެއްގެ މޫސުމާއި، އެ ހިސާބުގަނޑެއްގައި އުޅޭ ދިރޭ ތަކެއްޗާއި އެ ސަރަހައްދެއްގައި ހެދޭ ގަސްގަހާ ގެއްސާ ބެހޭގޮތުން ތަފުޞީލު ޢިލްމުތަކެއް އެކުލެވޭ ބަސްބަހެވެ. އެހެންކަމުން ބަހެއްނެތި ގެންދާއިރު އެ ޢިލްމީ ޚަޒާނާތައް ވެސް ދަނީ ގެއްލިގެންނެވެ.
ސަރަހައްދީ ބަސްތައް މަރުވިޔަނުދީ ދެމެހެއްޓޭނީ ކިހިނަކުންތޯ މިއީ ވެސް މިހާރަކަށް އައިސް އުފެދޭ ސުވާލެކެވެ. ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި އެކަމަށް އޮތް އެއް ހައްލަކީ، އެ ބަސްތައް ބޭނުންކުރާ މީހުން އެތައް ބަހަކުން ވާހަކަ ދައްކަން ދަސްކުރުމެވެ. އޮފީސްތަކާއި މަސައްކަތުގެ ދާއިރާގައި އާންމުވެފައި އޮންނަ ބަހަކުން އެ ދާއިރާގައި އާންމުވެފައި އޮންނަ ބަހަކުން އެ ދާއިރާގައި ވާހަކަދެއްކުމާއި، ތިމާމެންގެ އަމިއްލަ ގޭގައި ދަރީންނާ ވާހަކަ ދައްކާއިރު މާދަރީ ބަހުން ވާހަކަ ދެއްކުމެވެ. ކުޑަ ކުދީންނަކީ ބޮޑެތި މީހުންނަށްވުރެ ބަސްދަސް ކުރަން ކުޅަދާނަ ބައެކެވެ. ކުޑައިރު އެ ކުދީންނަށް އެ ސަރަހައްދެއްގެ ބަސް ދަސްކޮށް ދެވިއްޖެ ނަމަ އެ ކުދީންގެ މުޅި ޢުމުރަށް ވެސް އެ ބަހެއް ހަނދާނެއް ނުނެތޭނެ އެވެ.

ދެން އޮތީ ސަރުކާރުތަކުގެ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކެވެ. އެ ގޮތުން ފާހަގަ ކުރެވޭ ކަންތައްތަކަކީ ލިޔުމުގެ ސިފައިގައި އެ ބަހެއް ރައްކާކުރުމާއި، އެ ބަހަކުން ވާހަކަ ދައްކާ މީހުންގެ ވާހަކަދެއްކުމާއި، ބަހުގެ ޤަވާޢިދުތައް ރެކޯޑުކުރުމެވެ. އޭރުން އެ ބަހެއް ދިރި ދެމެހެއްޓުމަށް ވަރަށް ބޮޑު އެހީއަކަށްވާނެކަމީ ޝައްކެއް ވެސް ހުރިކަމެއް ނޫނެވެ.

(ނިމުނީ)

ޢަބްދުﷲ ފާރޫޤު ޙަސަން(2005).ފަތްތޫރަ 320، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ