Print

އަނެކެއްގެ ޙަޔާތާއި، ނުބެހެމާތޯ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


މި މަޒުމޫނަކީ 11 ޛުލްޙިއްޖާ 1373ވަނަ އަހަރު ނުކުތް ސަރުކާރު ޚަބަރުގެ ޚާއްޞަ ނަންބަރުގައި ޝާއިޢު ކޮށްފައިވާ މަޒުމޫނެކެވެ.


ފާޠިމަތު ޢަބްދުލްވައްހާބު


''އެހެން މީހުންގެ މިނިވަންކަން ނަގައިލުމަކީ އުފާތޯއޭ؟
            ބެހެން އަނެކެއްގެ މިނިވަންވީ ޙަޔާތާ ނޫޅެމާތޯ އޭ؟ '' 

ކުރިމަތީގައިވާ މައުޟޫޢަކީ، ވަރަށް ގިނަ ދުވަހުއްސުރެ، އަޅުގަނޑުގެ ގަލަން ހިންގައިލެވޭތޯ ބަލާނަމޭ ހިތާހުރި މައުޟޫޢެކެވެ.  ވަރަށް ގިނަ މުއްދަތަކަށްފަހު، އަޅުގަނޑުގެ ގަލަމަށް އަލުން ދެލިއެޅީ، މި މައުޟޫޢާ މެދު ހިތުގައި އުފެދިފައިވާ ޝުޢޫރުތަކެއް ޢިބާރާތްކޮށްލެވޭތޯ އެވެ؟

އާދޭހެވެ! އާދޭހެވެ! ''އަނެކެއްގެ ޙަޔާތާއި ނުބެހެމާތޯ އެވެ؟ '' މި ސުރުޚީއަށް މަޒުމޫނެއް ލިޔުމުގެ މަތިވެރި މަޤުޞަދުގަ އެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި އަދި އަޅުގަނޑަށް ފެންނަތާނގައި، ދުނިޔޭގައި، އެކަކު އަނެކެއްގެ ހަޔާތާއި ބެހެވެނީ އަދި ބެހެނީ ވަރަށް ގިނަ ރޮނގުރޮނގުން، އެއް މަޢުނަޔަށްވުރެ ގިނަ މަޢުނައިގަ އެވެ. ހަމައިންނާއި ނުހަމައިންނެވެ. ތިޔަ ބޭފުޅުން އަޅުގަނޑު މި ދަންނަވާ އެއްޗެއް އޮޅުވައި ނުލައްވާނެކަމުގައި ޔަޤީން ކުރަމެވެ. އަޅުގަނޑު ދެންނެވޭތޯ މި މަސައްކަތް ކުރާއެއްޗަކީ، އެެހެންމީހުންގެ މިނިވަން ޙަޔާތާއި ނުހަމަ ގޮތެއްގައި އަޅުގަނޑުމެން ނުބެހެމާތޯ އެވެ؟ މި ހެންނެވެ. އަޅުގަނޑުގެ މި އިޚްލާޞްތެރި އެދުމަށް ތިޔަ ބޭފުޅުންނާއި ބޭކަލުންނާއި ބޭކަލުން ޢަމަލީގޮތުން ތާއީދުކުރައްވައިފިނަމަ، ހީނުވާހައި ކުޑަ ދުވަސްކޮޅޭއްގެ ތެރޭގައި، އަޅުގަނޑުމެން ދިވެހިންގެ މެދުގައި ޞުލްޙަ މަޞްލަޙަތު ޤާއިމު ވާނޭކަމާއި މެދަކު، ކުޑަވެސް ޝައްކެއް ނެތެވެ. ބަހުސެއް އޮތް މަޤާމެއް ނުމެ ނޫންމެ އެވެ.

ކުރީގައި ވެސް އަޅުގަނޑަށް ދެންނެވިފައި ވާނޭފަދައިން، އެކަކު އަނެކެއްގެ ޙަޔާތާއި ބެހެވެނީ އަދި ބެހެނީ ވަރަށް ގިނަ ސިފަސިފައިގައި އެއް މަޢުނައަށްވުރެ ގިނަ މަޢުނައިގައެވެ. ނަމަވެސް މި ވަގުތު އަޅުގަނޑުގެ ޚިޔާލީ ދުރުމީގެ އަލިކަން ފޯކަސްކުރެވޭތޯ މި ބަލަނީ ދުނިޔޭގައި މި ކަންހިނގާ އެންމެ އާންމު ރޮނގުރޮނގުމައްޗަށެވެ. އަޅުގަނޑުގެ ނަޒަރުގައި އެންމެ އާންމުކަން ބޮޑީ، ސިޔާސީ ރޮނގުންނާއި، ތިޖާރީ ރޮނގުންނެވެ. ފިތުނައާއި، ފަސާދައިގެ ރޮނގުންނެވެ. ޙަސަދަވެރިކަމުގެ ރޮނގުންނެވެ. އަދި މި ނޫން ވެސް ކިތަންމެ ރޮނގަކުންނެވެ.

ދުނިޔޭގައި ވެދިޔަހައި އަދި ވަމުންދާހައި ނުރައްކައުތެރި ބިރުވެރި އަދި ހިތާމަވެރި ކުދި ބޮޑު ހަނގުރާމަތަކުގެ އަޞްލަކީ، ފަހެ ކޮބައިތޯ އެވެ؟ އެކި އެކި ހަނގުރާމަތައް ފެށިފައިހުރީ އެކި ރޮނގުރޮނގުންނެވެ. އެކި ސިފަސިފައިގަ އެވެ. ބައެއް ފަހަރަށް ސިޔާސީ ރޮނގުންނެވެ. އަނެއްބައި ފަހަރަށް ތިޖާރީ ރޮނގުންނެވެ. އަނެއްބައި ފަހަރަށް ފިތުނައާއި ފަސާދައިގެ ރޮނގުންނެވެ. އަނެއްބައި ފަހަރަށް އަދި ކީއްތޯ އެވެ؟ އެންމެ ގިނަ ފަހަރަށް ދުނިޔޭގައިވާ އެންމެ ވިހަ ގަދަ ފަނިކަމުގައި ހިމެނޭ ޙަސަދަވެރިކަމުގެ ރޮނގުންނެވެ. އަނެއްބައި ފަހަރަށް...... ނަމަވެސް މި ހުރިހައި ކަމެއްގެ ވެސް އަޞްލަކީ، ހަމަ އެކައްޗެކެވެ. އެކަކު އަނެކެއްގެ ޙަޔާތާއި ނުހަމަ ގޮތުގައި ބެހެވޭކަމުގެ ހިތި ހިތާމަވެރި ނަތީޖާ އެވެ. އެކި އެކި ޤަރުނުގައި ހަނގުރާމަތައް ވެވިފައިވަނީ އެކި ސަބަބަށްޓަކަ އެވެ. މި ސާލަކަށް 17އާއި 18ވަނަ ޤަރުނުގެ ތެރޭގައި  ޕޯރޗުގީޒުންނާއި ސްޕޭނުގެ މީހުން އެތެރެވެރިޔަށް އައިސް ކުޅަ ހަނގުރާމަތަކުގެ ވާހަކަ ތިޔަ ބޭފުޅުން ވެސް ހުންނާނީ އައްސަވައިފަ އެވެ. ހަމަގައިމު ވެސް ބައެއް ބޭފުޅުން އައްސަވާނެ އެވެ. އެ ބައިމީހުންގެ ގިނަ ހަނގުރާމަތައް ހިމެނިގެންވީ ތަޖުރިބާ ގޮތުންނޭ ދެންނެވިޔަސް، އަޅުގަނޑު ހިތުން ދޮގަކަށް ނުވާނެ އެވެ. އާދޭހެވެ! އެ ބައި މީހުން ހަނގުރާމަ ކުރީ އެތެރެވަރީގެ މީހުންނަށްވުރެ ހުރިހާ ރޮނގަކުން ވެސް ވިޔާފާރީގެ ގޮތުން ކުރި އެރުމަށެވެ. އެ މީހުންނަށްވުރެ މުއްސަނދިވުމަށެވެ.

ނަމަވެސް އެބައިމީހުން މިކަން ކުޅައީ، ނުހަމަ ގޮތުގައެވެ. އެބައިމީހުންގެ މަސައްކަތަކީ، ކޮބައިކަމަށްތޯއެވެ؟ އެތެރެވަރީގެ އަހުލުވެރީން ބޭރު ރާއްޖެތަކަށް ވިޔަފާރީގެ ގޮތުން ގެންދާ މުދާކޮޅު ފޭރި، ފުރާދުއްވާ ބޯޓުފަހަރު ލޫޓުމާރުކޮށް ހެދުމެވެ. މި ކަންވެސް ހަމަ އެކަނި ވިޔާފާރީގެ ގޮތުން ކުރާނަމަކަ، ފޭރިކައި، ލޫޓުމާރުކުރުމުގެ ބޭނުމެއް ނުވީސްކަން ކަށަވަރެވެ. މި ކަމުގެ ވެސް އަސްލަކީ، އެކަކު އަނެކެއްގެ ހަޔާތާއި ނުހަމަ ގޮތުގައި ބެހުންކަން ޔަޤީނެވެ.

'' އުފައުކޮށް އެންމެހައި ރަޙުމަތްތެރީނާގެން އުޅޭއިރުގައި
        ވަފާތެރިވާން ދިމާވާހައި ކަމެއްގައި ދަންނަމާތޯޔޭ؟ ''

މީގެ އަށެއްކަ އަހަރުކުރިން ހިނގި ބޮޑު ހަނގުރާމައިގެ އަޞްލަކީ، ސިއްރަކީ، ފަހެ ކޮބައިތޯ އެވެ؟ އަޅުގަނޑަށް ވިސްނޭގޮތުގައި ވޭތިވެދިޔަ ބޮޑު ހަނގުރާމައަކީ، ސިޔާސީ ރޮނގުން އެއްބަޔަކު އަނެއް ބަޔެއްގެ ޙަޔާތާއި ބެހުމުން ލިބޭ ހިތި ހިތާމަވެރި ތަޖުރިބާތަކުގެ އެންމެ ފުރިހަމަ މިސާލެކެވެ.

އެ ހަނގުރާމަ ފެށުނު ގޮތް ތިޔަ ބޭފުޅުންގެ ހިތްޕުޅުތަކަކުން ވެސް އަދި ފިލައިގެނެއް ނުދާނެކަން ކަށަވަރެވެ. އާދެ! އެ ހަނގުރާމަ ފެށުނީ ޖަރުމަނުން އެއިރު ލިބިފައިވި ތަރައްޤީއާއި ދުނިޔޭގެ ކަންކޮޅުތަކަށް އެމީހުންގެ ނުފޫޒު ފޯރާފައިވި މިންވަރުން ވެސް ނުފުދިގެން އެހެން މީހުންގެ މިލްކުތަކަށް ވެސް އެމީހުންގެ އަތް ފޯރުވާން އުޅެން ހަދައިގެންނެވެ.


ފަރަންސޭސީންގެ އަތްދަށުގައި އޮތް ޕޮލަންޑު ޖަރުމަނުން ދަމައިގަންނަން އުޅުނު ކަމުގެ ނަތީޖާއަކަށްވީ ފަރަންސޭސިން ޖަރުމަނުންނާއި ދެކޮޅަށް ހަނގުރާމައިގެ އިޢުލާނު ކުޅައުމެވެ. އާޚިރު ނަތީޖާއަކީ މުޅި ދުނިޔެ ގުގުމައިގެން ދިޔަ އަނިޔާވެރި ބިރުވެރި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އެވެ. އަޅުގަނޑު ހިތުން މިއީ އެއްބަޔަކު އަނެއް ބަޔަކާއި ނުހަމަ ގޮތުގައި ބެހުމުން ލިބޭގެއްލުމުގެ ލާމަސީލު މިސާލެކެވެ. ކުޑަ ވެސް ޝައްކެއް ނެތެވެ. ފަރަންސޭސީން އެ ވަގުތު ޖަރުމަނުންނާއި ދެކޮޅަށް ހަނގުރާމަފެށީ، ވަރަށް ބޮޑު ހަމަޔަކުންނެވެ. ނުހަނު އިންސާފުވެރި ގޮތެއްގަ އެވެ. އެޔާއި ޚިލާފަށް ޖަރުމަނުން ޕޯލަންޑާބެހިގަތީ، ކޮޅެއް ނެތް ފަދަ ނުހަމަ ގޮތެއްގަ އެވެ. ބޭ އިންސާފުންކަން ކަށަވަރެވެ. ދެން އަޅުގަނޑުމެންގެ ލިސްޓުގައިވާ އެހެން ބާވަތްތަކުގެ މައްޗަށް ވެސް އަވަސް ކަޅިއެއް ނަމަވެސް ހިންގައިލެވޭތޯ ބަލަމާ ހިންގަވާށެވެ.

އަޅުގަނޑުގެ ނަޒަރުގައި އެންމެ ނުރައްކައުތެރި އަދި އެންމެ އާންމު ތިންބާވަތަކީ، ފިތުނައާއި، ފަސާދައާއި، ޙަސަދަވެރިކަމުގެ ގޮތުން އެއްބަޔަކު އަނެއްބައަކާއި، ބެހޭ ބެހުންތަކެވެ. މި ރޮނގުން އެކަކު އަނެކެއްގެ ހަޔާތާއި ބެހެން ފަށައިފީމުން، އެކަމުގެ ހިތި ނަތީޖާއަކަށްވަނީ، އަދި ވާނީވެސް، ދެބައިމީހުންގެ ހަލާކެވެ. ދެބައިމީހުންކުރެ އެއް ބަޔަކު ވެސް ހިތް ހަމަޖެހޭނެ ފުރުޞަތެއް އުފަލެއް އަރާމެއް ލިބޭނެ ހަމަ އެންމެ ހިނދުކޮޅެއް ވެސް ނުލިބޭނެ އެވެ. އަދި ކީއްތޯ އެވެ؟ ކަމުގެ އަންޖާމަކީ، ދާއިމީ ހިތި ހިތާމައަކަށް ނޫނީ ނުވެއެވެ. މި ދެންނެވި ނު އެދެވޭ ސިފަތައް، ޔަޢުނީ މި ދެންނެވި ރޮނގުން މީހުންގެ ޙަޔާތާއި ބެހެވޭ ބެހެވުންތައް އަޅުގަނޑުމެން ދިވެހިންނަށް ވުރެ ގިނަބައެއް އަޅުގަނޑަށް ވިސްނިފައެއް ނުވެއެވެ. ހަމަގައިމު ވެސް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑުހިތުން، ސަރުކާރުގެ ޚަބަރުގެ ޢިއްޒަތްތެރި އަހުލުވެރީން ވެސް،  ރަނގަޅަށް ވިސްނަވައިފީމުން، އަޅުގަނޑާ އެއްބަސްފުޅުވާންޖެހިވަޑައިގަންނަވާނެ އެވެ. ދިވެހީންގެ މެދުގައި މި ނު އެދެވޭ ސިފަހުރި މަތިވެރި މިންވަރު ހިތަށް އިޙްސާސްވުމުން އަޅުގަނޑުގެ ލޮލުން އޮހޮރެނީ ހިތި ލޭކަރުނަ އެވެ. (އަޅުގަނޑު މިހެން މި ދަންނަނަވަނީކީ، އަޅުގަނޑު އިސްތިސްނާވެ ހުރެގެނެއް ނޫނެވެ.) ތިޔަ ބޭފުޅުން ވެސް ނިކަން ރަނގަޅަށް ފިކުރު ކުރައްވާ ބައްލަވާށެވެ. މިނިވަން ޙަޔާތެއްގައި އުފާވެރި ދިރިއުޅުމެއްގައި މަރުވެގެންދަނީ މި ދިވެހި ޖައްވުން ކިތަކަށް މީހުންތޯ އެވެ؟

ހަމައާދައިގެ ދިރިއުޅުމުގެ ތެރޭގައި ހުންނަ އާދަކާދަޔާ ވެސް ދުރުތިބީން ނުބެހޭނެ ގޮތަކީ، ހަމަ ޢަމުދުން ވެސް ނެތް ގޮތެކޭ ދެންނެވިޔަސް މުޅިއަކުން ދޮގަކަށް ނުވާނެ އެވެ. އަދި އަޅުގަނޑު އެންމެ އަޖައިބުވާ ކަމަކީ، ކޮބައިކަމަށްތޯ އެވެ؟ މި ބާވަތުގެ ކޮންމެ ކަމެއްގައި ވެސް ކަންރައްދުވާ މީހާ އެއްގޮތަކަށް އަޅާ ނުލިޔަސް ކަންކުރާމީހާ ކަންކުރާ ވަރުން ކުރަމުން ގެންދަނީ އެވެ. ނަތީޖާއަކީ، ކޮބައިތޯ އެވެ؟ ނަތީޖާއަކީ، ކަންރައްދުވާމީހާ އަށް ނުޙައްޤު ގޮތެއްގައި ލިބެނީ، ގިލަނެއް ފަދަ ހިތި ހިތާމައެކެވެ. ކަންކުރާމީހާގެ ޤަދަރު އެހެން މީހުންގެ ފިލައިގެން ހިނގައިދެ އެވެ. އަންޖާމުގައި ދެ ބައިމީހުންކުރެ އެއްބަޔަކަށް ވެސް، އުފަލެއް ހިތްހަމަ ޖެހުމެއް ލިބޭނެ ހަމަ އެންމެ ސިކުންތެއް ވެސް ނުލިބެ އެވެ. އާދޭހެވެ! ބޭކާރު ބެހެވުމެކެވެ. ނުޙައްޤު ބެހެވުމެކެވެ. ދެބައިމީހުންގެ ހަލާކެވެ.


''ތިމާގެ އަމިއްލަ ހިތް ތެދުވެރި ކަމާއެކުގައި ދިރޭ އިރުގައި
             ދިމާވާ ވޭނަކުން އެކުރާ އަސަރުތައް    ދަންނަމާތޯޔޭ؟

ތިމާޔާއެކު އުޅޭ  ޔާރުންގެ އުފަލާ އަދި ހިތާމައިގާ،
        އަމާނާތްތެރިކާ      އަދި ހެޔޮ ހިތުން  ބައިވެރިވަމާތޯޔޭ؟

އޭ އަޅުގަނޑުގެ ލޯބިވާ އަޚުންނާއި އުޚުތުންނޭވޭ! މީހުންގެ މިނިވަން ޙަޔާތާއި ނުބެހެމާ ހިންގަވާށެވެ. ކޮންމެ މީހެއްގެ ވެސް ޙަޔާތަކީ، އެމީހެއްގެ އަމިއްލަ މިލްކެކެވެ. ކޮންމެ މީހަކު ވެސް މޮޅަސް، ދެރަޔަސް، ފިރިހެނަކަސް، އަދި އަންހެނަކަސް، އެދޭނީ މިނިވަން ޙަޔާތެކެވެ. އަޅުގަނޑު ހިތުން ތިޔަ ބޭފުޅުން ވެސް، އެދި ވަޑައިގަންނަވާނީ މިނިވަން ދިރިއުޅުއްވުމެކެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ހަމަގައިމު ވެސް އަޅުގަނޑު އެދެނީ، އެންމެ ފުރިހަމަ މަޢުނައިގައި މިނިވަން ޙަޔާތެކެވެ. ވީމާ، އަޅުގަނޑުގެ އާދޭހަކީ.......އާދެ! އިޚްލާޞްތެރި އާދޭހަކީ، މި އަދަށްފަހު ތިޔަ ބޭފުޅުންނާއި، ބޭކަލުންނާއި، ބޭކަނބަލުން ވެސް އެހެންމީހުންގެ ޙަޔާތާއި ނުހަމަ ގޮތެއްގައި، ބެހިވަޑައިނުގެންވޭތޯ މަސައްކަތްޕުޅު ކުރެއްވުމެވެ. އެހެނެއްނޫނެވެ. އެހެންމީހުންގެ ދަރިއުޅުމާއި މެދު ޚިޔާލުކޮށް އެއިން ޢިބްރަތް ޙާޞިލުކޮށްގެން، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން، ލާބަހުރި ތެދުމަގުގައި އާރާސްތު ކުރުމަކީ، ކޮންމެހެން ވެސް ބޭނުން ކަމެކެވެ.

އޭ ލޯބިވާ ވަޠަންގެ ދަރީންނޭވޭ! އޭ ޢިއްޒަތްތެރި ސަރުކާރުގެ ޚަބަރުގެ އަހުލުވެރިންނޭވޭ! މި ނުބައި ވިހަގަދަ ފަނި އަޅުގަނޑުމެންގެ އަޚުލާޤުގައި އަށަގަތަ ނުދެމާ ހިންގަވާށެވެ! އަނެއްކަކަށް ލިބޭ އުފަލަކީ، އަޅުގަނޑުމެންނަށް ވެސް ލިބޭ އުފަލަކަށް ހަދަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ކުރު ޙަޔާތަކީ، އެކެއް އަނެކެއްގެ ލޯތްބާއި ހަމްދަރުދީ އިން ހެޔޮ އެދުމާއި އެހީތެރިކަމުން، ޒީނަތްވެގެންވާ ހަޔާތަކަށް ވޭތޯ ހިއްމަތާއި މިންނަތް ކުރަމާ ހިންގަވާށެވެ! އަޅުން ކުރާނީ މަސައްކަތެވެ. ލާބަ ދެއްވާނީ، ކީރިތި މަތް ﷲ އެވެ.

'' ކުރާށޭ ބެއިނުމެއްދެން ކަންކަމުންދޭ ތަޖުރިބާ ތަކުގައި
        ފުރާން ދަތުރަށް މިތާ ނުވަނީސް، އެއިން ފައިދާ ލިބޭތޯޔޭ؟

ހިފާށޭ އެންމެ މާތް އަޚުލާޤު   ޢިއްޒަތްތެރި ދަރީނޭވޭ،
        ނަފާ ލިބިދާ މަގެއް އެއް ވެސް، މި ނޫނީ ދެން އޮވޭތޯޔޭ؟ ''

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ