މި ޝަހަރުގެ ފައިސާ
ޢަބްދުލްމުޢީދު ޙަސަން
ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ.
ޙަކީމަކީ، ބޮޑު ޢާއިލާއެއް ބަލަހައްޓާ ފަޤީރެކެވެ. އޭނާގެ ޝަހަރުގައި ހުރެ ކުރާ މަސައްކަތުން ދިރިއުޅުމުގެ ޚަރަދު ބަރަދު ހަމަނުޖެއްސެއެވެ. މިހެންވެ، އެހެން ޝަހަރަކަށް ގޮސް މަސައްކަތް ކުރުމަށް އޭނާ ގަސްތުކުރިއެވެ.
ދެން، ޢާއިލާގެ އެންމެންނާ ދަތުރު ސަލާމްކުރުމަށްފަހު، އޭނާގެ ޙިމާރުގެ މައްޗަށް އަރައިގެން ދަތުރުކުރަން ފެށިއެވެ. ދެތިން ދުވަހުގެ ދިގު ރާސްތާއެއް ކަޑައްތުކުރި ފަހުން، ކޮންމެވެސް ޝަހަރެއްގެ ރަށްބޭރުގައި ހިލަ އުފުލާ ބަޔަކު އޭނާއަށް ފެނުނެވެ. އެބައިމީހުން މަސައްކަތްކުރާތަން ބައްލަވަން ވަރަށް ހައިބަތުހުރި ބޭކަލަކު ހުންނެވިއެވެ.
އެބައިމީހުންނާ ކައިރިއަށް ޖެހިލާފައި، އޭގެ ތެރެއިން މީހަކު ކުރެން ޙަކީމު އަހާލިއެވެ.
"އެހެރީ ކާކުތަ؟"
"އެއީ އަހަރެމެންގެ ރަސްގެފާނު." އެމީހާ ޖަވާބު ދިނެވެ.
"ރަސްގެފާނޭ! ކީއްވެ އެމަނިކުފާނު މިތަނަށް ވަޑައިގެން އެހުންނަވަނީ؟" އަނެއްކާވެސް ޙަކީމު ސުއާލުކުރިއެވެ.
"ރަސްގެފާނު އެހުންނަވަނީ، އަހަރެމެން ކުރާ މަސައްކަތް ބައްލަވައި އިނާމު ދެއްވަން."
ޙަކީމުގެ ހިތަށް އެރިއެވެ. ރަސްގެފާނު އަމިއްލަފުޅަށް މި މަސައްކަތް ބަލަހައްޓަވާނީ، މިއީ، ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ވާތީތާއެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށް ބަލަހައްޓަވާ ކަމެއް ކުރާ ބަޔަކަށް ކުޑަ އިނާމުތަކެއް ނުދެއްވާނެތާއެވެ.
މިހެން ހިތައި، އެމީހުންގެ ތެރެއަށް ވަދެ، ޙަކީމު މަސައްކަތްކުރަންފެށިއެވެ. ރަސްގެފާނު ދެއްވާފާނެ ބޮޑު އިނާމެއްގެ ދަހިވެތިކަމުގައި، އޭނާ މަސައްކަތްކުރަމުން ގެންދިޔައީ އެހެން މީހުންނަށްވުރެ ހީވާގިކޮށްނެވެ. އެހެން މީހުން ނުއުފުލިގެން ބަހައްޓާފައި ހުންނަ ބިޔަ ހިލަގަނޑުތައް ނަގައިގެން އުފުލިއެވެ. އެ ހިލަތައް ހުސްވީމާ، ކުދި ހިލަތައް އުފުލިއެވެ. ނަމަވެސް އެހެން މީހުންނާ ޚިލާފަށް ފަހަރަކު ދެތިން ހިލަގަނޑު އޭނާ އުފުލިއެވެ.
އިސާހިތަކު، ރަސްގެފާނުގެ ނަޒަރު ޙަކީމާދިމާއަށް ހުއްޓިއްޖެއެވެ. މިކަން ޙަކީމަށް ވެސް އެނގިއްޖެއެވެ. ދެން ކުރިޔަށްވުރެ ބޮޑަށް ހީވާގިވެ، މަސައްކަތްކުރުން އަވަސްކޮށްލިއެވެ. އެހެން މީހުންނަށް ލިބޭނެ އިނާމަކަށްވުރެ ބޮޑު އިނާމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
ހަވީރުވެ އިރު އޮއްސެން ގާތްވުމުން، މަސައްކަތްކުރުން ހުއްޓާލުމަށް އެންގުނެވެ. ދެން އެންމެން ސަފަކަށް އެތުރިލިއެވެ. އެބައިމީހުންގެ ކުރިމަތީގައި ރަސްގެފާނު ހުންނެވިއެވެ. އިސާހިތަކު އިނާމު ލިބިގަތުމަށް އައުމަށް އެންގިއްޖެއެވެ. ދެން ފަހަރަކު މީހަކު ގޮސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ހުއްޓި އަދަބު އަދާކުރުމުން، އެމީހަކާ މުޚާޠަބުކުރައްވައި، "ސާބަހޭ" މިހެން ރަސްގެފާނު ވިދާޅުވެއެވެ. ބައެއް މީހުނާ މުޚާޠަބުކުރައްވައި، ދެ ފަހަރު ސާބަހޭ ވިދާޅުވެއެވެ. މިގޮތަށް މިކަން ހިނގަމުން ގޮސް، ޙަކީމާ ޖެހިއްޖެއެވެ.
ޙަކީމު ގޮސް ރަސްގެފާނުގެ ކުރިފުޅުމަތީގައި ހުއްޓި އަދަބު އަދާކުރުމުން، އެ މަނިކުފާނު އޭނާގެ އަތާ އަތް ޖޯޑުކުރައްވައި ސަލާމްކުރެއްވިއެވެ. އަދި ތިން ފަހަރު ސާބަހޭ ވިދާޅުވިއެވެ.
މަސައްކަތްކުރި އެންމެނަށް ސާބަސް ދެއްވުމަށްފަހު، ރަސްގެފާނު ގަނޑުވަރަށް ވަޑައިގެންފިއެވެ. މިކަން ހިނގައި ދިޔަ ގޮތާމެދު، ޙަކީމު ވަރަށް ބޮޑަށް ހައިރާންވިއެވެ. އަދި އޭނާގެ ހިތުގައި އެތައް ސުއާލެއް އުފެދުނެވެ. ދެން މަސައްކަތްކުރި މީހަކާ، ޙަކީމު ސުއާލުކުރިއެވެ.
"އަހަރެމެންނަށް އިނާމު ލިބޭނީ ކޮންއިރަކުން؟"
"ތިބާއަށް އިނާމާއި އުޖޫރަ ލިބިއްޖެއެއްނު!" އެ މީހާ ޖަވާބުދިނެވެ.
ޙަކީމުގެ ހިތަށް އެރިއެވެ. މިއީ ހައުދަހައި ބުއްދި މަދު ޖާހިލު ބަޔެކެވެ. ރަސްގެފާނު މިއުޅުއްވަނީ، މި މީހުންގެ ގަމާރުކަމުން ނާޖާއިޒު ފައިދާ ނަންގަވައިގެންތާއެވެ! އެމަނިކުފާނު، މި މީހުންނާ މުޢާމަލާތްކުރައްވާ ގޮތަށް، ހަމަހިލައި އަހުރެންނަކާ ކުޅިކުޅިވަރެއް ނުކުޅުއްވޭނެއެވެ!
އޭރު ޙަކީމު ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ކާއެތި ކޮޅެއް ގަނެލާނެ އެންމެ ލޯލާރިއެއް ވެސް އޭނާގެ އަތަކު ނެތެވެ. ނަމަވެސް، ރަށުތެރެއަށް ދާން އޭނާ ހިނގައިގަތީ އަންބޮނޑީގައި ބައިލައްކަ ރުފިޔާ ހުރި ކެޔޮޅެއް ފަދައިންނެވެ!
ޙަކީމު އެދިޔަ ގޮތަށް ގޮސް ވަނީ، ރަށުގައި ހުރި އެންމެ ރަނގަޅު ކާބޯތަކެތި ހުރި، އެންމެ އަގުބޮޑު ސައިހޮޓަލަށެވެ. އެތަނުގައި ހުރި އެންމެ މީރު ކާނާ ގެނެސްގެން ބަނޑު ފުރޭވަރަށް ކާލިއެވެ. ދެން ރަނގަޅަށް ދުފައިގެން ހޮޓަލުން ނުކުންނަށް ހިނގައިގަތެވެ. އެވަގުތު ސޭޓު އައިސް އޭނާ ހިފެހެއްޓިއެވެ. އަދި ބުންޏެވެ.
"ބަލަ! ތިދަނީ ކޭ ތަކެއްޗަށް އަގު ނުދީއެއްނު؟"
"ތިބާގެ އަތް ދެއްވާ! އޭރުން އަގު ދޭނަން." ޙަކީމު ބުންޏެވެ.
ދެން ސޭޓުގެ ކަނާތް ޙަކީމުއާ ދިމާއަށް ދިއްކޮށްލިއެވެ. އެހިނދު، ސޭޓުގެ އަތާ އަތް ޖޯޑުކޮށް ހޫނު ތަރުޙީބަކާއެކު، ޙަކީމު ސަލާމްކުރިއެވެ. އަދި ސޭޓުގެ އަތުގައި ބޮސްދީފައި ބުންޏެވެ. "ސާބަސް، ސާބަސް، ސާބަސް."
ޙަކީމު މިހެދި ގޮތުން ސޭޓު ހިސާބަކަށް ހައިރާންވިއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް ރުޅިއައެވެ.
"އަހަރެންނަށް ދޭންވީ ސާބަހެއް ނޫން. އަހަރެންނަށް ދޭންވީ ފައިސާ." ސޭޓުގެ ދުލުން މި ބަސްތައް މުޅިން ބޭރުނުވަނީސް ޙަކީމު ރައްދުދިނެވެ.
"ސާހިބާ! އަޅުގަނޑު ތިބާއަށް މިދިނީ، ފައިސާ!"
"ކަލޭ އަހަރެންނަށް އެކައްޗެއް ވެސް ނުދޭ. މި އެންމެންގެ ކުރިމަތީގައި ކޮން ދޮގެއް ތިހަދަނީ؟" ސޭޓުގެ ރުޅި ގަދަވަމުން ދިޔައެވެ.
"ސާހިބާ! އަޅުގަނޑު މި އެންމެންގެ ކުރިމަތީގައި މިދިނީ، މި ޝަހަރުގެ ރަސްގެފާނުގެ ޚަޒާނާއިން އަޅުގަނޑު ގެނައި ފައިސާ." ޙަކީމުގެ މި ޖަވާބުން ސޭޓުގެ ރުޅި އިތުރަށް ގަދަވެ، ދެބުމަ ގަތާލަމުން ބުންޏެވެ.
"ކަލޭ ތީ ބޮޑު މޮޔައެއްތަ؟"
"ނޫން. އަޅުގަނޑަކީ، މޮޔައެއް ނޫން. އަޅުގަނޑަކީ، މިޝަހަރުގައި މިހާރު ހުރި އެންމެ ބޮޑު ބުއްދިވެރިޔާ!"
މިޒާތުގެ ވާހަކަތަކުން، ޙަކީމާއި ސޭޓުގެ ވާހަކަ ދިގުވެ، މާރާމާރީއަކަށް ބަދަލުވެދާ ހިސާބަށް ދިއުމުން، ކޮންމެވެސް މީހަކު ފުލުހުންނަށް އެންގިއެވެ. ދެން ފުލުހުން އައިސް މައްސަލަ ބެއްލެވިއިރު، ވަކި ގޮތަކަށް މައްސަލަ ނިންމޭކަށް ނެތެވެ. މައްސަލަ ބިނާވެފައިވަނީ، ރަސްގެފާނުގެ ޚަޒާނާގެ ފައިސާގެ މައްޗަށް ކަމަށްވާތީއެވެ. ދެން ފުލުހުން މި މައްސަލަ ފޮނުއްވީ، ރަސްގެފާނުގެ ދަރުބާރަށެވެ.
ޖެހިގެން އައި ދެތިން ދުވަހަށްފަހު، ޙަކީމާއި ސޭޓު، ރަސްގެފާނުގެ ދަރުބާރަށް ހާޒިރުކުރެވުނެވެ. ރަސްގެފާނަށް ޙަކީމު ފެނިވަޑައިގަތުމުން، އޭނާއަކީ، އެއްކަލަ ދުވަހު ހީވާގިކަމާއެކު މަސައްކަތްކުރި މީހާކަން އެނގިވަޑައިގަތެވެ. މިހެންވެ، އޭނާއާ ކުޑަކޮށް ވާހަކަ ދައްކަވާލެއްވުމަށް ހިއްތަވައި ސުއާލުކުރެއްވިއެވެ.
"ތިބާ ކޭ ތަކެތީގެ އަގަށްވާ ފައިސާ، ސޭޓަށް ނުދިނީ ކީއްވެ؟"
"މާތް ސާހިބާ! އަޅުގަނޑު ކޭ ތަކެތީގެ އަގަށްވާ ފައިސާ އަޅުގަނޑު އޭނާއަށް ދީފިން." ވަރަށް އަދަބުވެރިކަމާއެކު ޙަކީމު ދެންނެވިއެވެ.
"ތިބާ އޭނާއަށް ދިނީ ކޮން ޝަހަރެއްގެ ފައިސާ." ރަސްގެފާނު އެއްސެވިއެވެ.
"މާތް ސާހިބާ! އަޅުގަނޑު އޭނާއަށް ދިނީ، މި ޝަހަރުގެ ފައިސާ. އެއީ، ހިލަ އުފުލި ދުވަހު، މާތް މަނިކުފާނުގެ ޚަޒާނާއިން ނުހަނު ދީލަތިކަމާއެކު އަޅުގަނޑަށް ދެއްވި ފައިސާ. އޭގެ އިތުރުން އަޅުގަނޑުގެ ޝަހަރުގެ ފައިސާ އިން އޭނާގެ އަތަށް ބޮހެއް ވެސް ދިނިން!"
ޙަކީމުގެ ވާހަކަ އަޑުއެއްސެވުމަށްފަހު، ރަސްގެފާނު ވަރަށް ބޮޑަށް ހިނިފުޅުވެޑުވިއެވެ. އަދި ޙަކީމުގެ ބުއްދިވެރިކަމަށް ތާރީފުކުރައްވައި، އެމަނިކުފާނުގެ ބޮޑުވަޒީރުކަން އޭނާއަށް ދެއްވިއެވެ. ދެން "ބޮޑުވަޒީރު ޙަކީމު" އެއްކަލަ ސައިހޮޓާ ބައްލަވައިގަތެވެ. އަދި އެއީ އެންމެންގެ އަތްފޯރާ ފަށުގައިވާ ތަނަކަށް ހައްދަވައި ސޭޓުގެ މައްޗަށް ތަޙުޤީޤު އިޢުލާންކުރެއްވިއެވެ.