އަދުގެ ޚާއްސަ

Print

ސިސިލީ...! އިސްލާމުންގެ ކިއްލާއެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިރާސާ


ފަރަޙާތު ޢަލީ މުޙަންމަދު

އިޓަލީގެ މުސްލިމުންނާ ބެހޭގޮތުން ވާހަކައެއް ދައްކަން ޚިޔާލުކޮށްލާއިރު، ޚިޔާލުގެ ވައުފަށް އެންމެ ފުރަތަމަ ވެސް ގޮސް ބަނދެވެނީ އެ ރަށުގެ ޒަމާންވީ މުންނާރެއްގަ އެވެ. އެ ޒަމާނެއްގައި އިސްލާމުން އެތަނުގައި ވެރިކަން ކުރި ފަޚުރުވެރި ތާރީޚީ ހަނދާންތަކުގެ ތެރެއަށް ޚިޔާލުގެ ނައު ބައްސައިލެވެ އެވެ. އާދެ! އިސްލާމީ ދައުލަތުގެ އެންމެ ކުލަގަދަ ފަޚުރުވެރި ދުވަސްވަތަކުގެ ހަނދާނުގެ ތެރެއަށް ވަދެވިދެ އެވެ. އޭރު އެ ރަށަކީ، އިސްލާމީ ތަހުޒީބާއި ތަމައްދުންގެ ދަންމަރެވެ. އެއިން އަލިކަން ލިބުމަށް ''އަނދިރިކަމުގެ ތެރޭގައި'' ވާ ޔޫރަޕުގެ ޒުވާނުންތައް އެތަން މިތަނުން އެ ރަށަށް ''އޮހެމުން'' ދިޔަ އެވެ.

 އެރަށުގެ މަގުތަކުގެ އެއްފަރާތުގައި މިހާރު ވެސް ފެންނަން އެހެރަ ނާރިނގު ގަސްތަކާއި، ކަދުރުރުއްތަކަކީ، އިސްލާމުންގެ ހަނދާންތައް އާކޮށްދޭ އެމީހުންގެ ނިޝާންތަކެވެ. އެރަށުގެ ބޮޑެތި ބައެއް ޤަދިމީ ބިނާތަކާއި ބޮޑެތި މަގުތަކަށް  އަދިވެސް ކިޔަނީ އިސްލާމީ ނަންތަކެވެ. އެއީ އެ ރަށް ފަތަޙަކުރި ފާތިޙުން ދީފައިވާ ނަންތަކެވެ. މިހާރުގެ ވެރިރަށް ޕެލަމޯ (PALERMO ) ގައި 300 އަށްވުރެ ގިނަ މިސްކިތް ހުރިކަމަށްވެ އެވެ. މީހާރު އޭގެ ތެރެއިން ގިނަ މިސްކިތް ހަލާކުވެ ސުންނާފަތިވެގެން ގޮސްފައި ވީނަމަވެސް، ޒަމާނުގެ ތޫނުވަކިތަކުން މިންޖުވެފައިވާ މިސްކިތްތައް، އިސްލާމުންގެ ފަޚުރުވެރި ތާރީޚު އެ ރަށުގައި ތަމްސީލުކުރެ އެވެ. މިއީ ކިތަންމެ ވަރަށް ބަޔަކު ހަނދަން ނެތި ކޮށްލަން އުޅުނަސް، އޮޅުވައިލެވޭނެ ޙަޤީޤަތެއް ނޫނެވެ.

ޤަދީމީ ފައްޅިތަކާއި، ބޮޑެތި ގަނޑުވަރުތަކުގައިވާ ފަލަ ތަނބުތަކާއި، އެތަންތަނުގެ ފާރުތަކުގައިވާ ރީތި ހިތްގައިމު ކުރެހުންތަކުން، އަދި ވެސް އިސްލާމުންގެ ވަހެއް ނުފިލަ އެވެ. އަރަބި ލިޔުންތަކުން ޒީނަތްތެރި ކުރެވިފައިވާ ލަކުޑީގެ މަސައްކަތްތައް އިސްލާމީ ތަހުޒީބުގެ ''މީރު ވަސް'' ގެނެސްދެ އެވެ. އެ ރަށުގެ ބަނދަރުތަކުގައިވާ ސަލާމަތީ ބުރުޒުތަކާއި އުސްފާރުތަކުގައި ވަނީ އިސްލާމީ މޭސްތިރިންގެ ހުނަރެވެ. އިސްލާމުން އެ ރަށުން ގަދަކަމުން ނެރުމުގައި އަދި ބާކީ ތިބި މުސްލިމުން އެތަން މިތަނަށް ވިއްސިވިހާލި ކުރުމުގައި ނުވަތަ މަޖުބޫރުން ނަޞާރާދީނަށް ވެއްދުމުގައި ނަޞާރާއިންނަށް ކާމިޔާބު ވިޔަކަސް، އެ ރަށުގައި ބިންވަޅު ނެގިފައިވާ އިސްލާމީ ތަހުޒީބުގެ އެކި އެކި ފޮފަތައް ފޮހެލުމުގައި އެމީހުންނަކަށް ކާމިޔާބެއް ނުލިބުނެވެ.

ސިސިލީގައި އޮތް އިސްލާމީ ވެރިކަން ވިއްސިވިހާލިވީ ކިހިނެއް؟

އަޣާލިބާއިންގެ ދުވަސްވަރު (1) އުތުރު އެފްރިކާގައި ސިސިލީ ފަތަޙަކުރުމުގެ ވަރުގަދަ ރޫޙެއް އުފެދި، އަލްޤާޟީ އަސަދުބުނު ފުރާތުގެ ޤިޔާދަތުގެ ދަށުގައި ޢަސްކަރީ ޙަމަލާތަކެއް އެ ރަށަށް އަމާޒުކުރެވުނެވެ. ވަރުގަދަ ބާޒުތަކެއް ފަދައިން، (ފާތިޙުންގެ  ގޮތުގައި) އިސްލާމުން އެންމެ ފުރަތަމަ ސިސިލީއަށް ތިރިކޮށްލީ، ހިޖުރީ ސަނަތުން 212ވަނަ އަހަރުގަ އެވެ. އިސްލާމީ ބަޠަލުން އެ ރަށަށް ފޭބުމާއެކު، ރަށުގައިވާ ސަލާމަތީ ބުރުޒުތަކާއި އެހެނިހެން މުހިންމު ތަންތަން އެ މީހުންގެ ބާރުގެ ދަށަށް ގެންނަން ފެށްޓިއެވެ. އެހެންނަމަ ވެސް ޖެހިވަޑައިގަތް އާލާސްކަންފުޅެއްގައި މި ޙަމަލާގެ ޤިޔާދަތުގައި ހުންނެވި، އަލްޤާޟީ އަސަދު ބިން ފުރާތު، ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފި އެވެ. އުނދަގުލާއި، ދަތިވޭނުގައި ފުރިހަމަ ފަންސާސް އަހަރުގެ ދިގު މުއްދަތަކަށްފަހު، އިސްލާމީ ލަޝްކަރުގެ ފުރިހަމަ ބާރު މުޅި ރަށަށް ފެތުރިގެން ދިޔައީ، ހިޖުރީ ސަނަތުން 264ގަ އެވެ.

މި ގޮތުން ސިސިލީގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅުނެވެ. ޢިލްމައި އަދަބުގެ ޤިބުލަޔަކަށް އެތަން ވެގެން ދިޔަ އެވެ. ޔޫރަޕުގެ ނަޞާރާ ޒުވާނުންނަށް، ޒަމާނުގެ ޢިލްމާއި ތަހުޒީބު އުނގަންނައިދީ، ދަސްކޮށްދޭ މަރުކަޒަކަށް މި ތަން ވެގެން ދިޔަ އެވެ.

މި ތަނުގައި ބިނާވެފައި އޮތް އިސްލާމީ ދައުލަތުގެ ޢުމުރުގެ ފަހުކޮޅުގައި، ގައިބާރު ދެރަވެ، ޢަޞުރުން އިރު ތިރިވެފައިވަނީކޮށް، ޞަލީބީ ނޯރމަނުންގެ ޙަމަލާތައް މިރަށަށް އަތުވެއްޖެ އެވެ. ހިޖުރީ ސަނަތުން 479ގައި ރޯމަނުން މި ރަސް އަތުލި އެވެ. މި ރަށުގައި އޮތް އިސްލާމީ ވެރިކަން އުވެން ދިމާވި އެންމެ ބޮޑު އެއް ސަބަބެއް ކަމުގައިވަނީ، އިސްލާމުންގެ އިހުމާލެވެ. ކުޅިވަރާއި ''މުނިފޫހި ފިލުވުމުގައި '' އިސްލާމުން މަސްތުވެ ގެއްލިފައި ތިބުމުންނެވެ. ފާސިދު ޢަމަލުތަކުގެ މަޅީގައި އިސްލާމުން ޖެހުނީތީ އެވެ. ޖިހާދުކުރުން ދޫކޮށް ހަވާ ނަފުސަށް ހެއްލިގެން ދިޔައީތީ އެވެ. މި ސަބަބުތައް މެދުވެރި ވެއްޖެނަމަ، މިއީ ކޮންމެ ޒަމާނަކު ކޮންމެ ތަނަކު އޮތް ދައުލަތެއް ނަމަވެސް އެ ދައުލަތަކަށް ދިމާވާނެ ގޮތެވެ. އިސްލާމީ މުފައްކިރެއްކަމުގައިވާ އިބްނު ޚަލްދޫން (2) އޭނާގެ ''މުޤައްދިމާ''ގައި ލިޔުއްވަ އެވެ. ''ދައުލަތެއްގެ ޙަޔާތަކީ، އިންސާނެއްގެ ޙަޔާތްފަދަ އެއްޗެކެވެ. އެންމެ ފުރަތަމަ ޅަ ދުވަސްވަރެވެ. ދެން ޒުވާން ދުވަސްވަރެވެ. އެ އަށްފަހު މުސްކުޅިވުމެވެ. ދެން ބަލިވުމަށްފަހު، މަރުވުމެވެ.''

ނޯރމަނުން އިސްލާމުންގެ މައްޗަށް ގަދަވެގަތަސް، ސިސިލީގައި ތިބި އިސްލާމުންގެ ނަޞީބު އަންދަލުސްގައި ތިބި އިސްލާމުންގެ ނަޞީބަށްވުރެ ގަދަ އެވެ. ކުވައިތުގެ މަޖައްލާ ''އަލްޢަރީބު''ގައިވެ އެވެ.  ''ނޯރމަނުން ސިސިލީގައި އޮތް އިސްލާމީ ދައުލަތް ވައްޓާލިޔަސް އެ ރަށުގައި ތިބި އިސްލާމުން އެ ރަށުގައި ތިއްބެވެ. އަދި އައު ސަރުކާރުގެ ވެރިންގެ ރުހުން ހޯދައިގެން ވިޔަފާރިއާއި އިޖުތިމާޢީ ޚިދުމަތްތަކުގައި މަޝްޣޫލުވެ އުޅުނެވެ. އަދި އިސްލާމީ ދައުލަތުގެ ރަސްމީ ބަސްކަމުގައިވި ޢަރަބި ބަސް ވެސް، އެއީ ސަރުކާރު ގަބޫލުކުރާ ލެޓިންބަހާއި ގްރީސް ބަސްފަދަ ބަހެއްގެ ގޮތުގައި ގަބޫލު ކުރެވެމުން ދިޔަ އެވެ. (3)
ޙަޤީޤަތަށް ދަންނަވާނަމަ، ބައެއް ނޯރމަން ރަސްރަސްކަލުން ވެރިކަމުގެ ދުވަސްވަރު އެ ރަށުގައި ތިބި އިސްލާމުންނާމެދު ކަންތައްތައް ކުރެވެމުން ދިޔައީ އެންމެ އެދެވޭ ގޮތަށެވެ. މި ރަސްރަސްކަލުންނަކީ، އިސްލާމީ ޙަޟާރަތުގެ އަގުވަޒަންކޮށް، އިސްލާމީ ތަހުޒީބުގެ ރަހަ ލިބިވަޑައިގެން ތިއްބެވި ރަސްރަސްކަލުންނެވެ. ނަމަވެސް މި ކަންތައްތައް މިގޮތަށް އަބަދަކު ދެމިއެއް ނޯތެވެ. ފްރެޑްރިކްގެ ދުވަސްވަރު އިސްލާމުންނަށް، އަނިޔާތަކާއި ދުއްތުރާތައް ލިބެންފެށި އެވެ.

މި އަނިޔާތަކާއި ދުއްތުރާތައް މުސްލިމުންނަށް ކުރިމަތި ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ނަޞާރާ ފިއުޑަލިސްޓުންނެވެ. (4) މި ކަމުގެ ސަބަބުން މުސްލިމުންނަށް ޖެހުނީ އެކި އެކި ހަޅުތާލުތައް ހިންގާށެވެ. އެއީ އެ ރަށުގައި (ސިސިލީގައި) މިބައިމީހުން ދެމި ތިބުމަށްޓަކަ އެވެ. ނަތީޖާއަކަށްވީ ފްރެޑްލިކް ހުރިހާ މުސްލިމުންގެ ވުޖޫދު އެ ރަށުން ފޮހެލުމަށް ގަސްތުކުރުމެވެ. މި ގޮތުން މީގެ ތެރޭން ގިނަ މުސްލިމުންތަކެއް ''ލޯޒީރޯ'' ކިޔާ ކުޑަ ކުޑަ ރަށަކަށް އަރުވާލެވުނެވެ. އެއީ މުސްލިމުން އެ ހިސާބުން ވެސް ބޭރުކޮށްލުމަށް އެޅުނު ފިޔަވަޅެކެވެ. އަދި ޝާރަލްގެ ދުވަސްވަރުގައި މި ޖަޒީރާގައި ތިބި ގިނަ ޢަދަދެއްގެ މުސްލިމުން އޮޑިފަހަރަށް އަރުވައިގެން ގެންގޮސް މެދުތެރޭ ކަނޑަށް ބައްސައިލެވުނެވެ. ދެން ބާކީ ސިސިލީގައި ތިބި މުސްލިމުންނަށް، އިސްލާމްދީން ދޫކޮށް ނަޞާރާދީން ޚިޔާރު ކުރުމަށާއި، ނަޞާރާ ނަންތަކަށް އެ ބައިމީހުންގެ ނަންތައް ބަދަލު ކުރުމަށް މަޖުބޫރު ކުރުވި އެވެ. އަދި ހަމަ އެއާއެކު، މުސްލިމުން މުސްލިމުވަންތަކަން ދޫކޮށް، ޔޫރަޕުގެ އަޚުލާޤީ ގޮތުން ދަށް އަދަކާދަ ގަބޫލުކުރުމަށް މަޖުބޫރު ކުރެވުނެވެ.

މި ހިސާބުން ސިސިލީގައި ޒަމާންތަކެއް ވާންދެން އޮތް އިސްލާމީ ވެރިކަން މުޅީން ވުޖޫދުން ފޮހެލެވުނެވެ. އެއީ މީލާދީން ތޭރަވަނަ ޤަރުނުގެ ތެރޭގަ އެވެ.
(ނިމުނީ)


ހަވާސާ ނޯޓު؛

1-    އަލްއަޣާލިބާ: މިއީ އިބްރާހީމު ބުނު އަލް އަޣުލަބު، އުތުރު އެފްރިކާގައި އުފެއްދި ދައުލަތެކެވެ. (800 – 905 ހ) ފުރަތަމަ ވުޖޫދަށް އައީ ޢައްބާސީ ދައުލަތުގެ ލާމަރުކަޒީ ގޮތްޕެއްގެ ގޮތުގަ އެވެ. މި ދައުލަތުގެ ވެރި ރަށަކީ، އަލްޤައިރުވާނެވެ.

2-    އިބްނު ޚަލްދޫން: (1332 –  1406 މ) ތާރީޚީ ފަލްސަފާއާއި، އިޖުތިމާޢީ ޢިލްމުގެ ބާނީ،

3-    އަލް ޢަރަބީ 375 ވަނަ ޢަދަދު ފެބްރުއަރީ 1990 މ.

4-    ފިއުޑަލިޒަމް؛ މިއީ މެދުޒަމާނުގައި  ޔޫރަޕުގައި އޮތް ސިޔާސީ އަދި އިޤުތިޞާދީ ނިޒާމެކެވެ. މި ނިޒާމުގައި އާންމުންނަށް ދަނޑުބިންތައް ދޫކުރެވެނީ، އޭގެ ބަދަލުގައި އެމީހުންގެ ޚިދުމަތް ހަނގުރާމައިގެ މައިދާންތަކާއި، އަދި ތަނުގެ ޝާހީ ޢާއިލާޔަށް ފުރިހަމަޔަށް ކިޔަމަންވެ ބޯލެނބުމާއެކު، އެ ޢާއިލާތަކަށް ޙިމާޔަތް ދިނުމަށް ޝަރުޠުކޮށްފަ އެވެ. އަދި މީގެ އިތުރަށް ވެސް، ޝާހީ ރަސްކަމުގެ ކޮއިލަށް ބޭނުންފުޅުވާ ހުރިހައި ޚިދުމަތެއް ހިލޭ މިބައި މީހުން ދޭންޖެހޭނެ އެވެ.

އަސްލުގައި މި ނިޒާމަކީ، FRANKISH KINGDOM ގެ ދުވަސްވަރު (އަށްވަނަ ޤަރުނު) ގައި ޤާއިމު ކުރެވުނު ނިޒާމެކެވެ.  އެ އަށްފަހު އުތުރު އިޓަލީއަށާއި، ސްޕޭނަށާއި، ޖަރުމަނު ވިލާތަށް މި ނިޒާމު ތަޢާރުފުވެގެން ދިޔަ އެވެ. އިނގިރޭސިވިލާތަށާއި، އަޔަރލެންޑަށާއި، ސްކޮޓްލެންޑަށާއި، ދެކުނު އިޓަލީއަށާއި، ސިސިލީއަށް މި ނިޒާމު ތަޢާރުފުވީ ނޯރމަނުންގެ ފަރާތުންނެވެ. ފަނަރަވަނަ ޤަރުނާއި ހަމަޔަށް މި ނިޒާމު އުވި ނުގޮސް މުޅި ޔޫރަޕުގައި ''އަށަގެންފައި'' އޮތްކަމަށްވެ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ