Print

ސިއްރު ބައިވެރިޔާ ކަނޑުފެއްތުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް (2009)

މި ވާހަކައިގައި ދެ ފުށް އެބަ އޮތެވެ. އެއްފުށުގައި ވަނީ، ލަދުވެތިކަމެވެ. އައިބުކަމާއި ހުތުރުކަމެވެ. އަނެއްފުށުގައިވަނީ، ތާރީޚެވެ. މާޒީއާއި ހާލެވެ.  މި ކަންކަމުގެ ތެރޭން ބޭއިޚްތިޔާރުގައި އުފެދިގެން އަންނަ ހިނިއައުމެކެވެ.

އަޅުގަނޑަށް ވާހަކަ ކިޔައި ދެއްވީ، އުމުރުން އަށްޑިހަ އަހަރުގެ މުޙުތަރަމު ބޭކަލެކެވެ. އޭނާ ބުނުއްވި ގޮތުގައި މިކަމެއް ހިނގީ ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު އެވެ. ދުވަސްވަރަކީ، މާލޭގެ ގޯތިގޯތީގައި ވަށައިފާރު އޮތް ދުވަސްވަރެއް ނޫނެވެ. ފުޅަފުގެ ދުވަސް ވަރެވެ.  ގެރިބަކަރި މާލޭތެރެއަށް ދޫކޮށްލެވިފައި އޮތް ދުވަސްވަރު ވެސް މެ އެވެ.

މި ޢަމަލު ހިންގި މީހާ  މިހާރު ދުނިޔެއަކު ނެތެވެ. އޭނާވީ ނިޔާވެފަ އެވެ. އޭނާގެ ނަން އަޅުގަނޑު ނުލިޔާނަމެވެ. ލިޔާނީ އޭނާ އަށް ކުރެވުނު ކުށެވެ. އޭގެ ނަތީޖާ އެވެ.

އޭނާ ކުރަމުންއައި، ޢަމަލަކީ، ނުވަތަ ކުށަކީ،  އެހެން މީހުން އަނެއް ޖިންސުގެ ފަރާތުން ފުއްދައިގަންނަ ޣަރީޒާ،  ބަކަރިއެއްގެ ކިބައިން ފުއްދުމެވެ.  މި ކަމެއް މީނާ ކުރާކަމާމެދު  ކޮންމެ ވެސް ބަޔަކަށް ޝައްކެއް ހިނގައިފި އެވެ. ބައެއް މީހުން ފާރަލާންފަށައިފި އެވެ. އެއްރެޔަކު މީނާގެ ބޯކޮޅު ބަލަމުން އުޅުނު ބަޔަކު މީހުންނަށް އޭނާގެ މި ''ސަކަރާތް'' ފެނި، ޖަހައި އޮބައިގެންފި އެވެ. އެއްވެސް އިޢުތިރާޒެއް ބަހަނާއެއް ކުރިމަތިކުރެވެން  ނެތްގޮތެއްގަ އެވެ.

އަނެއްދުވަހު ދަމަކަށް އިރު އެރި އިރު، އިރުގެ އަލިކަން ފޯރި އެއްވެސް ގެޔެއް، މި ޚަބަރު ނުފޯރައެއް ނެތެވެ. އެންމެން އެންމެނަށް، މިވާހަކަ ދައްކައެވެ. ބައެއް މީހުން އަޖާބަކަށްވެގެންނެވެ. އަނެއް ބަޔަކު މަޖަލަކަށް ވެގެންނެވެ. އަނެއްބަޔަކު ފަކުރަކަށްވެގެންނެވެ.

ކޮންމެޔަކަސް، ކުށްކުރި މީހާ، ފަނޑިޔާރުގެޔަށް ގެންދެވިއްޖެ އެވެ. ތަޙުޤީޤު ކުރެވިއްޖެ އެވެ. ވަރަށް ފަސޭހައިން އެއްބަސްވެ އިޢުތިރާފު ވެއްޖެ އެވެ. އެހެންކަމުން ވިދިގެން އަންނަ ދުވަހުގެ ވަކި ވަގުތެއްގައި މައްސަލައިގެ ޙުކުމްތަންފީޒު ކުރަން ފަނޑިޔާރު ގެޔަށް އަންނަން އަންގަވައިފައި ފޮނުވައި ލައްވައިފި އެވެ. މި އެންގެވުމުގެ އަޖާބަކީ، އެނާ ފަނޑިޔާރުގެއަށް ހާޒިރުވާންޖެހޭ ގޮތެވެ. އަންނަން ޖެހެނީ އޭނާގެ ސިއްރު ބައިވެރިޔާ (ގުޅުން ހިންގި ބަކަރި) ގޮވައިގެންނެވެ. އެ ބަކަރި ގެންނަންވަނީ އަންހެން ކުއްޖެއްހެން، ބުރުގާ  އަޅުވައިގެންނެވެ.  ގޭންފެށިގެން ''ދެވެރިން'' އަންނަން ޖެހެނީ އެކުއެކީގައި ހިނގައިފަ އެވެ.

 ޙުކުމް ތަންފީޒު ކުރާ ދުވަހުގެ  މަންޒަރުތައް އިހަށް ފަސް ޖައްސައިލައިފައި މި ހައި ހިސާބުން  މި ކަލޭގެޔާ އަދި އިސްވެ ދެންނެވުނު ހާދިސާޔާ ގުޅުންހުރި އެހެން ކަމެއްގެ ކޮޅު ހިއްލައިލާނަމެވެ.

މާލޭ ގޭގެޔަށް ވަކި ނަންތައް ކިޔައި ނަންފިލާގަނޑު ހަރުކުރުން އުސޫލެއްގެ ގޮތުން ހަމަޖެހިގެން ދިޔައީ ވެސް މި ދުވަސްވަރު އެވެ. މި މީހަކު ބޭނުންވީ މޮޅު އިނގިރޭސި ނަމެއް ގެޔަށް ކިޔާށެވެ. އޭނާޔަކީ ފެޝަނަށް ލޯބި ކުރާ އަބަދުވެސް ވަރަށް ނަލަކޮށް ހުންނަ މީހެއްކަމުގައި ވެއެވެ.  އެކި މީހުން އެކި ނަންތައް ދެ އެވެ. މި ހެން އުޅެނިކޮށް މީނާ ވަރަށް އިތުބާރު ކުރާ ރަށްޓެއްސަކު، މާ ރީތި ނަމެއް ދީފި އެވެ. ނަން ރީތިވި ވަރުންނާއި، ރަޙުމަތްތެރިޔާއަށް އޮތް އިތުބާރެއްގެ ބޮޑުކަމުން، ނަމުގެ މާނަ އަކީ ކޮބައިތޯ ވެސް އަހައިލާކަށް ބޭނުމެއް ނުވި އެވެ.

ވުޒާރަތުއްދާ ޚިލިއްޔާ (މިނިސްޓްރީ އޮފް ހޯމް އެފެއަރޒު) އަށް ހިނގައްޖެ އެވެ.  އެ ނަން ފާސްކުރުމަށެވެ. ނަން ލިޔެފައިވާ ކަރުދާސްކޮޅު ދައްކާލުމުން ނަންފާސްކޮށްދެއްވާ ބޭފުޅުން ހިނިފުޅުވަޑުވައިގަތް އަޑަށް ފުރާޅުވެސް ޓަކަޓަކަ ލައިފައި ހީނގަތްހެން ހީވި އެވެ. ''ކީއްތަވީ؟ ތިޔަ ނަން ހުތުރީތަ؟ ތިޔަހަރީ ފިލި ކޯޅި ވެސް ހަމަކޮށް. ބަލަ މަށަށް ރީތި ވީމައޭ މަ ތިޔަ ނަން މަގޭ ގެޔަށް ކިޔަން މި ގެނައީ''  ނުރުހުންތެރި ހަރުކަށި ރާގަކަށް އޭނާ މިހެން ބުނެލި އެވެ. އެބޭފުޅުން ވެސް ވިދާޅުވީ ހިނި އަންނަނީ އެ ނަން ރީތި ކަމުން ކަމުގަ އެވެ. '' އެކަމަކު ބުނެ ބަލަ! GOATMEETގެ މާނައަކީ ކޮބައިތަ؟'' ''މާ.....މާނަ.. މާނައެއް މަށަކަށް ވެސް ނޭނގެ.. އެކަމަކު ކިހައި ރީތި ތިޔަ ނަން...''

ކޮންމެޔަކަސް މި ބޭފުޅުން މި ނަމުގެ މާނަ ވިދާޅުވެ ދެއްވައިފި އެވެ. ކާކު ދިން ނަމެއްތޯ އައްސަވައިފި އެވެ. އައިރުޅިޔާއި ގަތްލަދުން، ނަންދިން މިހާޔާ ދިމާޔަށް މިސްރާބުޖެހީ ހެއްދެވި ނެހެއްދެވިޔަށް ގޮވަމުންނެވެ.

ދެން އަސްލު މައުޟޫޢުގެ މައްޗަށް އެނބުރިލާނަމެވެ. ކުރެވިފައިވާ ޙުކުމް ތަންފީޒު ކުރުމުގެ މަންޒަރަށް ކަޅި އެއްލަމާ ހިންގަވާށެވެ!
އެ ދުވަހުގެ ހަވީރުއަތަށް އެޅިއިރު މުޅި މާލެ އޮތީ ޢީދެއްގައި މަގުމަތީ ކުޅިވަރު ބަލަން ތައްޔާރުވާހެން ތައްޔާރު ވެފައެވެ. ކުދިބޮޑު އެންމެން ނަލަހެދި ގޭގޭ ފުޅައްމަތިން، ފުޅަލިމަތިން ބޯދެމުންދަނީ، އެއްކަލަ ބުރުގާއެޅި ސޫފި ބަލައިލުމަށެވެ. އާދަޔާ ޚިލާފު ދެބައިވެރިންގެ ހިނގައިލުން ބަލައިލުމަށެވެ.
ޒަމާނުގެ ހަމަތައް ނިޔާކުރާގޮތުން، ފަނޑިޔާރުގޭން ވިދާޅުވީމާ އެއީ ބާރުހުރި އަމުރެކެވެ. އޭގެ ކުރިމަތީގައި ލަދެއް ތަދެއް އުޒުރެއް ބަހަނާއެއް ނޯންނާނެ އެވެ. ނުބައިކަންތައްތަކަކީ ނުބައިކަންތައްތަކެވެ. ކުށަކީ ކުށެވެ.  ކުށްވެރިންނަކީ ކުށްވެރިންނެވެ. ޝަރަފުވެރިންނަކީ ކުށްނުކުރާމީހުންނެވެ. ކުށްނުކުރާހާ ހިނދަކު، ކޮންމެ މީހަކީ ވެސް އިޙްތިރާމު ލިބިގެންވާ ޤަދަރުވެރި އިންސާނެކެވެ. އެކަމަކު އެ އިޙްތިރާމާއި ޤަދަރު  އޭނާ އަމިއްލަޔަށް ފައިދަށުލައި ހިރަފުހާ ތަތްތަޅުވައިލުމުން، މުޖުތަމަޢަކުން، ޤާނޫނީ އެހެން ބާރަކުން، އެ ފަދަ މީހުންގެ ޙައްޤޭ ޢަދުލޭ އިންސާފޭ ހަމަހަމަކަމޭ ކިޔައިގެން ތެދުވެ އެމީހުން މެދު އުޑަށް އުފުލާކަށް އެޒަމާނަކު ނޫޅެއެވެ.

މާ ގިނަ އިރެއް ނުވަނީސް ހަނި މަގަކުން މާލޭގެ ބޮޑުމަގަށް (މަޖީދީ މަގަށް)  ނިކުތްތަން އެ ފެނުނީ އާދަޔާ ޚިލާފު ހިނގައިލުމެއްގައިވާ، ''ދެ ބައިވެރިން''ނެވެ. އެ ދެވެރިންނާއެކު ފަނޑިޔާރުގޭން ދޭވާނީ އަކު ހުއްޓެވެ. އޭނާ ފިޔަވައި ދެންތިބި ދެ މަޚުލޫޤުންކުރެ އެކަކީ ރީތިކޮށް ފެންވަރައި ނަލަ ހެދިގެން ހުރި އިންސާނެކެވެ. އަނެއް މަޚުލޫޤަކީ ވަރަށް ރީތި ބުރުގާއެއް އަޅުވައިވާ ހަތަރެސްފައިޖެހި ޖަނަވާރެކެވެ. އާދެ! އައުރަ ނިވާކޮށްގެން އޮތް މެދުވަރެއްގެ ބަކަރި އެކެވެ.  ބަކަރީގެ ކަރުގައި ވާގަނޑެއް ޖަހައިފައި އޮތެވެ. އެ ވާގަނޑުގެ އެއްކޮޅު އޮތީ، އެ ސޮރުގެ ''ބައިވެރިޔާ'' އަތުގަ އެވެ. ދެވެރިން ހިނގައިފައި އަންނަ އިރު، މާބޮޑަށް ހިތާ ނުވަނީ ކަންވެސް ނޭނގެޔޭ މި އަދު އަލަށް ބުރުގާއެޅި ބަކަރި މަންޖެ ގިނަ ފަހަރަށް މަސައްކަތް ކުރަނީ އޭނާގެ ބައިވެރިޔާ ގެންދާ ކޮޅު ނޫން އަނެއް ކޮޅަށް ދާށެވެ.

ގޯޅި ގޯޅީކަންކަން މައްޗާއި، ފުޅަށްފުޅަފު މަތީން، ފުޅަލިތަކުމަތީން ބޯދީގެން ތިބި މީހުންތައް އެހެރަ ލަވާހަޅޭކާއި، ކުރާ ފުރައްސާރައިގައި މީހަކު އަވަދި ވެދާނެ އެވެ. ''ބަލަގަ އަހަރެމެން ވެސް މިތިބީއޭ ތިޔަ ވަރު ކަމެއް ތިޔަ ކުރީ، ހަމަ ކޮންމެހެން ޢަރަބިކަރައިން ގޮލައެއް އަތުލައިގަންނަ ހިތްވީހޭ'' މި ކަހަލަ އެތައް އެއްޗެއް ގޮވައި ހޯބޯލަވައި ހަދަތެވެ.

މައްސަލަ ނިމުނީ، މި ކަލޭގެ ތަޢުޒީރުކޮށް ދެ އަހަރު ދުވަހަށް އަރުވާލައިގެންނެވެ. ބަކަރި ހަމަ އެ ވަގުތު ކަތިލައި، އޭގެ މަސް ކަނޑުފެއްތީ އެވެ. އެއް ވެސް މީހަކު އެ ބަކަރީގެ މަސް  ކެއުން ވެސް މަނާ ކުރެއްވި އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ