އަދުގެ ޚާއްސަ

Print

މީދާ މަދުކުރުމަށް އާގޮތެއް!

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތިމާވެށި


 ފޮނުވީ: އަޙުމަދު ސަމީޢު
    
ގްލިރިސީޑިއާ ސެޕިއަމް އަކީ ވަރަށް ހަލުއިކަމާއި އެކު ވަރަށް ގަދަޔަށް ހެދޭ ތޮޅި އާއިލާއަށް ނިސްބަތްވާ ގަހެކެވެ. މިގަހުގެ ބޭނުން ހިފޭގޮތާއި އެކުރެވޭ ބޭނުމަކާއި ގުޅޭގޮތަށް ބަލާ ތަފާތު ނަންނަމުން އެކި ޤައުމުތަކުގައި ކިޔައި އުޅެއެވެ. ކޮކޯ ހައްދާ ޤައުމުތަކުގައި ކޮކޯގަހަށް ހިޔާދި ރައްކާތެރިކަން ދޭތީ މި ޤައުމުތަކުގައި މި ގަހަށް ކޮކޯގެ މަންމައޭވެސް  ކިޔައިއުޅެއެވެ. ނަމަވެސް މި ޤައުމުތަކުގައި އާދައިގެ ދަނޑުވެރިންގެ ތެރޭގައި މި ގަސް މަަޝްހޫރުވެފައިވަނީ މިމީހުން ހައްދާ ގަސްތައް މީދަލުން ސަލާމަތްކުރުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. މީދާމަރާ ގަހުގެ ނަމުންނެވެ.
 
  
މީދަލުގެ ސަބަބުން ޕިލިޕީންސްފަދަ ހަނޑޫ ހައްދާ ޤައުމުތަކުގެ ހަނޑޫ ދަނޑުތަކުގެ %10 ކޮންމެ އަހަރަކު ހަލާކުވެގެން ދެއެވެ. އާދައިގެ ދަނޑުވެރިންނަށް އަގުބޮޑު އަދި މޮޅު ބޭސްތަކާއި މިފަދަ ސާމާނު އަދި ދަނޑުވެރިކަމުގައި ބޭނުންކޮށް އުޅޭ އާ ގޮތްތައް އެނގިފައި ނެތުމުގެ ސަބަބުން ކުރީޒަމާނުގެ މުސްކުޅި އަދި އާދަޔާ ޚިލާފު އުކުޅުތައް ބޭނުން ކުރުމަށް މި ދަނޑުވެރިންނަށް ވަނީ މަޖުބޫރުވެފައެވެ. ދަނޑުތަކަށް ގެއްލުންދޭ ސޫފާސޫފިން ދަނޑުތައް ސަލާމަތްކުރުމަށް މި ދަނޑުވެރިންނަށް ވިސްނޭ އެންމެ ޚަރަދުކުޑަ ގޮތަކީ ފަސޭހައިން ލިބެންހުންނަ ވިހައެކުލެވޭ ގުދުރަތީ ތަކެތި ބޭނުން ކުރުމެވެ. އެހެންކަމުން ވަރަށް ގިނަ ޤައުމުތަކުގައި މީދާ ކޮންޓްރޯލް ކުރުމަށްޓަކައި ގްލިރިސީޑިއާ ގަހުގެ ބޭނުން އެކި ގޮތްތަކަށް ހިފަމުންދެއެވެ.
    
ޕިލިޕީންސްގައި ކުރެވުނު ދިރާސާއެއްގައި %72 މީހުން ބުނާގޮތުގައި އެމީހުން ހަނޑޫ ދަނޑުތަށް ކުދި މަޑި އަދި އެހެނިހެން ސޫފާސޫފިން ރައްކާތެރިކުރުމަށް ގްލީރިސިޑިއާ ގަހުގެ ގޮފިކޮޅުކޮޅު ދަނޑަށް އަޅައެވެ. ހޮންޑިއުރަސްގެ ދަނޑުވެރިން މި ގަހުގެ ހަރުތޮށި ލައިގެން ޒުވާރި ކައްކައިފައި ދަނޑުގެ އެކިތަންތަންތާގައި ބަހައްޓައެވެ. މެކްސިކޯގެ ދަނޑުވެރިން މީގެ ތޮއްޓާއި ފަތް މުގުރުމަށްފަހު ކާއެއްޗެއްސާއި އެއްކޮށް މީދަލަށް ބޭސްލާފަދައިން ތަންތާގައި ބަހައްޓައެވެ.
    
ކަމުގެ މާހިރުން ހާމަކުރާގޮތުގައި މިގަހުގައިވާ ސިއްރަކީ ކޮއުމަރިން ކިޔާކެމިކަލް ގަހުގައި އެކުލެވޭކަމެވެ. މިއީ އަސްލު އޭގެ ގޮތުގައި ވިހަޔަކަށް ނުވިޔަސް މިކެމިކަލް ބެކްޓީރިއާގެ އެހީގައި ފާމެންޓްވުމުން ޑިކޮމެރޮލް ކިޔާ ކެމިކަލަކަށް ބަދަލުވެއެވެ. މިއީ އާންމުކޮން ރޮޑެންޓިސައިޓެއްކަމަށްވާ ވާފަރިންނާއި ގާތްކުރާ އެއްޗެއްކަމުން މީދަލުގެ ހަށިގަނޑަށް މީގެއަސަރުކުރެއެވެ. މި ވިހައިގެ ސަބަބުން މީދާ މަރުވަނީ އޭގެ ހަށިގަނޑުގެ އެތެރެއިން ލޭއައިސްގެންނެވެ. މީގެއިތުރުން ގްލިރިސީޑިއާ ބޭނުންކޮއްގެން ހަދާ ބޭސް ކެއުމަކަށް މީދާ އެއްވެސްވަރަކަށް ފަސްނުޖެހޭކަންވެސް ފާހަގަކުރެވެއެވެ. އާންމުކޮން އުފައްދާ ގިނަ ކެމިކަލް (ސިންތެޓިކް ) ބޭސްތަށް ގިނަދުވަހު ބެހެއްޓުމުން އެއަށް ހޭނި ގިނަދުވަހަކު ބޭނުމެއްނުކުރެއެވެ.
   
ގްލިރިސީޑިއާ ސެޕިއަމްގައި މި ނޫނަސް އެހެނިހެން ފައިދާތައް އެބަހުއްޓެވެ. ގްލިރިސީޑިއާ ސެޕިއަމްއަކީ އޭގެ އަސްލުގޮތުގައި ވިހަ އެއްޗެއްނޫންކަމުން އިންސާނުންނަށް އެއްވެސް ވަރަކަށް އަސަރެއް ނުކުރެއެވެ. ލެޓިންއެމެރިކާގެ ބައެއް ޤައުމުތަކުގައި މީގެ ތޮޅި ކެއުމަށްވެސް ބޭނުންކޮށްއުޅެއެވެ. ގެރިބަކަރި ކުކުޅު ޖަނަވާރު ގެންގުޅުމުގައި މިތަކެތީގެ ކާނާއެއްގެގޮތުގައިވެސް މިގަސް ބޭނުންކުރެއެވެ. އަދި މިއީ ގެރިބަކަރިފަދަ އެއްޗެއްސަށް ވަރަށްރަނގަޅު ފަތެއްވެސްމެއެވެ. ކާނާއެއްގެ އިތުރުން އެކިފާޑުގެ ފަނިފަކްސައިންވެސް ދުރުކޮށްދެއެވެ. ދަނޑު ވަށައިގެން ބޯޑަރެއްގެ ގޮތުގައިވެސް ހެއްދިދާނެއެވެ. ވައިނިވަލެއްގެ ގޮތުގައެވެ. މިއީ ބިންގަނޑު މުއްސަނދިކުރުމަށް ވަރަށްރަނގަޅު ގަހެކެވެ. މިގަކީ ރާއްޖޭގައި ވަރަށް ފަސޭހައިން ހެއްދޭ ރާއްޖޭގެ މާހައުލާގުޅޭ މިހާރުވެސް ބައެއް ރަށްރަށުގައި މަދުމަދުން ހުންނަ ގަހެކެވެ.

ނިމުނީ

ނަކަލުކުރީ: އެހުރު މަޖައްލާ (2003). މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިދާރާ

ވާހަކަ