އަދުގެ ޚާއްސަ

Print

ނަމާދަށްހުރެ ވާހަކަ ދައްކާކަށް ނުވާނެ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޝަރަފުއްދީނު އަބޫބަކުރު، ހއ. ދިއްދޫ

ރޭގެ އިރާކޮޅު ވާރޭ ވަހުމަށްފަހު  ފަތިސްވުމަށްޓަަކައި ދުނިޔެމަތި ތައްޔާރުވަމުން އައި އިރު ވެސް ރަށުތެރޭގައި ފިނީގެ އަސަރުވަނީ ގަދަވެފަ އެވެ. ނަމަވެސް އުމުރުން ދުވަސް ވެފައިވާ ހަރު މީހުން އާންމު ގޮތެއްގައި އަވަހަށް ރޭގަނޑުގެ ނިދިން ހޭލައި އަތިރިއަށް އެރި، ރާޅުތަކުގެ އެހީން އުނގުޅައި ސާފުކޮށްފައިވާ ދޮންވެލިން ހިމުން ވެލި މުށްވަރެއް ނަގައިގެން، ޝަހާދަތް އިނގިލީގެ އެހީއާއެކު ދަތްއުނގުޅަމުން، މިސްކިތާ ދިމާޔަށް ދިޔުމަކީ   އެ ބައިމީހުންގެ އާދަ އެކެވެ.


މި ގޮތުގެ މަތީން ތައްޚާނުބޭ ވެސް ފަތިސް ވަގުތު ކައިރިވަމުން އަންނާތީ ދަތް އުނގުޅަމުން އަވަސް އަވަހަށް މިސްކިތާ ދިމާޔަށް މިސްރާބު ޖަހައިފައި ހުއްޓެވެ. އަރި އަރިޔަށް ބޯ ތިރިކުރަމުން ވެއްޔާއެކު ޝަހާދަތް އިނގިލީގެ އެހީގައި އެންމެ އަޑީގައިވާ ކޮލުދަތުގެ ބުޑާ ހަމަޔަށް ވެސް އިނގިލި ވާޞިލުކޮށް ދުފުމުގެ ސަބަބުން ދަތްތަކުގައި ހިފައިފައިވާ ކުރެހުންތައް ފިލުވައިލުމަށް މަސައްކަތް ކުރެ އެވެ. މި މަސައްކަތުގެ ތެރޭގައި ބައެއް ފަހަރަށް ކުޑަކޮށް އޯކަށް ދެމޭގޮތް މެދުވެރިވެގެން ނަމަވެސް ކަރުބުޑުގައި ދަވައިގެ ބާރުން ހިފެހެއްޓިފައިވާ ހައްޕުނޑުކޮޅުތައް ވެސް ދަވަޔާއެކުގައި ނައްޓަ ނައްޓައިގެން އައިސް ކަރުތެރެ ސާފުކޮށްލުމުގެ އުފާވެސް ލިބިގަންނަމުން ދެ އެވެ. މި ކަމުގެ ތެރޭގައި އަނގައިގެ ތެރެއަށް ގިނަވާ ސޮންޏާ ދަތް އުނގުޅުމަށް ބޭނުންކުރާ ވެއްޔާ އެކުވެގެން އުފެދޭ ކުޅު ދަތް އުނގުޅުމުގެ ތެރޭގައި ކުޅު ޖެހޭލެއް ލަސްކަމުގެ ސަބަބުން ނަމަވެސް ދެމިޔަކަނުން ހިސާބަކަށް ފައިބާ ގޮތް ދިމާވެގެން ތިކި ޖަހަމުން ވެސް ދެ އެވެ.  ނަމަވެސް މިއިން އެއްވެސް ތިއްކެއް ބަނޑަށް ނުވަތަ ގަޔަށް ޖެހޭގޮތެއް ނުވެ އެވެ. ސަބަބަކީ، މީހާ ހިނގައިފައި ދަނީ ދަތް އުނުގުޅަމުން އަދި ކުޑަކޮށް ކުރިމައްޗަށް ލެނބިލައިގެން ކަމަށްވާތީ އެވެ.

ތައްޚާނުބެޔަށް މިސްކިތާ ހަމަޔަށް ދެވުނު އިރު، މޮހޮއްމާބޭ ވަޅުދޮށުގައި ޥުޟޫކުރަން އޮތެވެ. ތައްޚާނުބޭ ހަމަ ފެނުމާއެކު، ގޮވައިލައި ވާހަކަ ދައްކަން ފެށި އެވެ. މީގެ ދެ މީހުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައިރު، ފަތިސް ނަމާދުގެ ވަގުތު ކައިރިވަމުން އަންނާތީވެ، މުދިންމީހާ ނުވަތަ މުދިންބޭ މިސްކިތުގައި އުޅުއްވަ އެވެ. ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަމަށްވާތީ ކަންކަމުގައި އެކި އެކި ދަތިތައް ވަނީ ދިމާވެފަ އެވެ. ރަށްރަށުގައި ބައްތި ދިއްލާލަން ބޭނުންވާ ތެޔޮފޮދަކީ ވެސް ވަރަށް ދަތިން ނޫނީ ނުލިބޭ އެއްޗެކެވެ. މިހެން ވުމުން ވޮށު އަނދިރީގައި ތިބުމުގެ ދަތިކަން ވެސް މީސްތަކުންނަށް ދިމާވެފައިވެ އެވެ.  ނަމަވެސް މިރޭ މުދިންބޭ އެރި މިސްކިތުގެ ތެރެއިން ހިސާބަކަށް ފަނޑު އަލިކަމެއް ދައްކަ އެވެ. ސަބަބަކީ، މިސްކިތުގައި ހުރީ ވޮށްދިއްލައިފައިކަމަށްވާތީ އެވެ. މުދިންބޭ އިލޮށިފަތި ހިފައިގެން މަޑު މުށިކުލައެއްވާ ކުނާތަކުގެ މަތީގައި އެއްވެސް ކަހަލަ ނަޖިހެއް އޮވެދާނެ ކަމަށްޓަކައި ނަމާދަށް ފެށުމުގެ ކުރިން ސާފު ކޮށްލަމުން ގެންދެ އެވެ.

މިހާރު ފަތިސް ވަގުތު ވީ އެވެ. މުދިންބޭ ބަންގި ގޮވަން ފަށައިފި އެވެ. ވޮލިއުމް ބާރުވެގެން ގޮސް މާބޮޑަށް ފުލު ވީމާ ތާޅަފިލިން ނުކުންނަ ވައްތަރުގެ ހިތްގައިމު އަޑެކެވެ. މި އަޑަށް އިތުުރު މީހުން އަދި ފަތިސް ނަމާދަށް އަންނާނެ ވެސް ތޯއްޗެކެވެ. ނަމަވެސް މުދިންބެޔާ، ތައްޚާނުބެޔާ، މޮހޮއްމާބެޔާ، ތިން މީހުން އެބަ ތިއްބެވެ. ތައްޚާނުބޭ ވެސް އަވަސް އަވަހަށް އަނގަ ސާފު ކޮށްލާ މޫނު ދޮވެ ހަދައިގެން ޥުޟޫކޮށް ނިންމާލުމަށްފަހު އަވަހަށް މިސްކިތަށް އަރައިފި އެވެ.

މިހާރު އޭގެ ތިން ބޭކަލުން ސުންނަތް ކުރައްވަނީ އެވެ. ސުންނަތް ކޮށްނިމިގެން މުދިިންބޭ ޤަމަތް ދޭވަގުތަށް އޭގެ ދެކަލުން އިންތިޒާރު ކުރަނީ އެވެ. ކުޑަ އިރުކޮޅަކަށްފަހު، މުދިންބޭ ތެދުވަންނަވައި ޤަމަތް ދެއްވަން ފަށްޓަވައިފި އެވެ. ޤަމަތް ދީ ނިމުމާއެކު، ތައްޚާނުބެޔާ މޮހޮއްމާބޭ ނަމާދަށް ތެދުވެ ސަފު ހަދައިފި އެވެ.

މުދިންބޭ މިހާރު ނަމާދުގެ ފުރަތަމަ ރަކްޢަތަށް ފަށައިގެންފި އެވެ. މި ރަކްޢަތުގައި އަލްޙަމްދު ކިޔަވަމުން އައިސް ސޫރަތުގެ މެދަކާ ހަމަޔަށް ކިޔެވިތަނާ މިސްކިތުގައި ދިއްލާފައި ހުރި ވޮށުގެ ވާފަށުންލައިގެން ފައިބައިގެން އައި މީދަލެއް ވޮށުގެ ތެރޭގައި ކަފައިން އަނބުރައިފައި ތެލުގެ ތެރޭގައި ބާއްވާފައި އޮތް ފުއް ހިފައިގެން ވާފަށުން ލާފައި މައްޗަށް އަރަން ފަށައިފި އެވެ. މި ތަން އެއްލި ކަޅިޔަކުން މޮހޮއްމާބޭއަށް ފެނުމާއެކު ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

''އަނހާ! މީދާ ވޮށުގެ ފުއް އެ އޮއް ގެންދަނީ އެވެ.''

މި އަޑު އަހާފައި މުދިންބޭ އަލްޙަމްދު ނިންމާލުމަށްފަހު ބުންޏެވެ.

''އޭތް! ބަލަ ނަމާދަށް ހުރެގެން ވާހަކަ ދައްކާކަށް ނުވާނެ އެވެ.''

މިހެން ބުނުމަށްފަހު،  އަނެއްކާ ވެސް ބިސްމި ކިޔައި ސޫރަތް ކިޔަވަން ފަށައިފި އެވެ. މި ސޫރަތް ކިޔަވައި ހަމަ ހުއްޓުމާއެކު ތައްޚާނުބޭ ހުރެފައި ބުންޏެވެ.

''މުދިންބޭ! އަހަރެން މިހުރީ ނަމާދަށް ހުރީތީވެ ވާހަކަ ނުދައްކާށެވެ.''

ކޮންމެއަކަސް މި ހިސާބުން ދެން އެއްވެސް ބޭކަލަކު އިތުރު ޖަވާބެއް ނުދީ ނަމާދުކޮށް ނިންމާލައިފި އެވެ. އަދި މިޔަށްފަހު މީގެ ތިން ބޭކަލުން އެކުގައި ހެން ހިންގަވައިފައި ގެއަށް ދުރުވަނިކޮށް މަގުމަތިން ދިމާވީ ހާޖީ ކަލޭފާނުބެޔާ އެވެ. ކަލޭފާނުބޭ ފެނުމުން ތައްޚާނުބޭ ސަލާމް ކޮށްލަަައިފައި މީދާ ވޮށުގެ ފުއް ގެންދިޔަ ވާހަކަ ކިޔައިދީ އަދި ކަންތައް ހިނގި ގޮތުގެ ވާހަކަ ވެސް ސާފުކޮށްދިނުމަށްފަހު ބުންޏެވެ.

''ކަލޭފާނުބޭ އެހެންވީމާ އެމީހުންގެ ނަމާދު ކަމަކު ނުދާނެ ނޫންހެއްޔެވެ؟''

ކަލޭފާނުބުންޏެވެ.

''ނަމާދު ކަމުދިޔުމާ ނުބައިވުމާ ރަނގަޅުވުމާ އެީ މަށާ ބެހޭކަމެއް ނޫނެވެ. އެކަމަކު މަށަށް އެނގެނީ ނަމާދަށް ހުރެ އެކަކު ވެސް ވާހަކަ ދައްކައިގެން ނުވާނޭ ކަމެވެ.''

ވީމާ ހުރިހާ ކުދިން ވެސް ނަމާދަށް ހުރެ ވާހަކަ ދައްކަން ނުވާނޭކަން ހަނދާންކުރާށެވެ!

(ނިމުނީ)

ޝަރަފުއްދީނު އަބޫބަކުރު (1998).ސަމާސާ އަދަބު (1) ދިވެހިނާދީ - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ