އަދުގެ ޚާއްސަ

Print

ޖާހިލުކަމަކީ....

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާންވެސް ޖެހިދާކަމެކޭ



ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު


ފުވައްމުލަކު ފާމުދޭރިކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ. ބަނބުކެޔޮގަސް އިންޑިޔާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ، ތިމަންގެ ކާފައިކަލޭގެފާނުންގެ ބަފައިކަލުންނަށަވި (ކާފަގެ ބައްޕަ) އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ރަދުންނެވެ. މިރެދުން ބަނބުކެޔޮގަސް ގެންނަވައިގެން އެއިގެތެރެއިން ގަހެއް މިރަށު (ޔަޢުނީ ފުވައްމުލަކު) ދޫޑިގަމު އެދުރުމަނިކުފާނަށް ފޮނުއްވައިފިއެވެ. ގަސްގެނައި މީހާ އެދުުރުމަނިކުފާނުގެ އަރިހު ދެންނެވި ބަހަކީ ރަދުން ވިދާޅުވިޔޭ. މިއީ ވަރަށް ރަނގަޅު އެއްޗެކޭ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެޔޭ.

ދެން އެދުރު މަނިކުފާނު މިގަސް ދޫޑިގަމު އެދުރުގޯތީން ބޭރު އިރުމަތީފަރާތުގައި އިންދަވައިގެން ރަނގަޅަށް ހެދެމުން އަންނަނިކޮށް އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅު ޖެހިއްޖެއެވެ. މިރަށު މީހުންނަކީ އެބަލިދެކެ މާބިރުގަންނަ ބަޔެކެވެ. އެބަލި ޖެހިއްޖެ މީހަކު ލައިއުޅެނީވެސް ވަލަށެވެ. އެކަމަކު އެދުރު މަނިކުފާނުގެ ޖާހު ބޮޑުކަމާއި މީހުންނަށް އެމަނިކުފާނުގެ ބޭނުންބޮޑުކަމުން ވަލަށްލާން ނުކެރި ގޯތީގެ އިރުމަތީފުޅަފު ކައިރީގައި ކުޑަ ގެޔެއް އަޅައިފައި އެގެޔަށް ލައިގެން އެދުރުމަނިކުފާނުގެ ދަރިވަރުން ދަންފަޅިބަހައިގެން އެމަނިކުފާނުންގެ އަރިހުގައި އެބައުޅެތޭ. މިދުވަސްވަރު އެއްކަލަ ގަހުން ދިގުއެއްޗެހިތަކެއް ނުކުންނާން ފަށައިފިޔޭ. މިވާހަކަ އެދުރުމަނިކުފާނުންގެ އަރިހުގައި އެބައިމީހުން ދެންނެވީމާ ވިދާޅުވިޔޭ. ކޮބާ ނިކަން ތިޔަ ގެނެސްބަލާށޭ. ދެން އެދުރުމަނިކުފާނުން މިތަކެތި ބައްލަވާފައި މިތަނުން ދެތިން ހަތަރު ތޮޅިއެއް ވަށްފޮއްޗަށް ކޮށައި ފެނުކައްކައިގެން ކާންއުޅެއުޅެ މިބައިމީހުންގެ އަރުން އެތެރެޔަކަށް މިޔެއް ނުދިޔައެވެ. ދެން އެދުރުމަނިކުފާނު ވިދާޅުވިޔޭ. ތިޔަތަކެތި ދެން އުކާލާށޭ. ކޮންމެއަކަސް ތިޔައަކީ ފަސޭހަގޮތަކުން ކެވޭ އެއްޗަކަށް ނުވީތާޔޭ.
 
ދެން މިބައިމީހުން މިތަކެތި އުކާލާފާ ތިއްބާ ކުޑަދުވަސްކޮޅަކުން ގަހުގައި މާފަލަ ޒާތުގެ ހަޔެއްކަ އެތި ނުކުމެގެން އެބަހަރަ ބޮޑުވެއެވެ. މިވާހަކަ ދެންނެވީމާ އެދުރުމަނިކުފާނުން ވިދާޅުވިޔޭ. އާނއާނ ތިޔައިގެ މޮޅު އެއްޗަކީ ތިޔަނުކުންނަނީ ތޯއްޗެކެވެ. ދޮން ވެގެން ވެއްޓޭންދެން ތިބޭށޭ. މިހެންވެފައި އޮއްވައި އެއްރެޔަކު ދަންވަރު މިގަސްދަށުން ބަންކިޔާފައި އަޑެއް އިވިއްޖެއެވެ. މިތާ ތިބި ދެތިންކުދިން ގަތްބިރުން އެކަކު އަނެކަކަށް އަނގައިންވެސް ނުބުނެ އިރުއަރާންދެން ތިބެއްޖައޫއެވެ. އިރުއެރިފަހުން ގޮސްބެލިއިރު މިއިވުނު އަޑަކީ މިގަހުގަ އިން ބޮޑު އެއްޗެއް ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނު އަޑުކަމުގައި ވެއްޖެއެވެ. ދެން މިބައިމީހުން މިނަގައިގެން އައިސް އެދުރުމަނިކުފާނަށްދެއްކީމާ ވިދާޅުވިޔޭ. ވަޅިޔަކުން ފަޅާލަބަލާށޭ. ފަޅާލީމާ ކަރުގަނޑު ދައްކަވާފައި ވިދާޅުވިޔޭ. ކާންވީ އެއްޗަކީ މިއޮތީ ކަމަށޭ ވާނީ ކޮންމެ އެއްޗެއްގެވެސް އެންމެމޮޅުވާނީ އެންމެ އެތެރޭގައި އޮންނަތަނެއް ވިއްޔާއޭ.

ދެން މިކަރުގަނޑު ނަގައިގެން ކުދިކުދިކޮށް ކޮށައިގެން ރާފޮނިއަޅައިގެން ކައްކައިފޫއެވެ. އެދުރުމަނިކުފާނުން މިފަރިއްކުޅުވައިފޫއެވެ. އެރޭ އެދުރުމަނިކުފާނަަށް ވީ ގޮތަކީ ނުލާހިކުވަރަށްބޭރަށް ހިންގަވައި ވަޑައިގަތުމެއް އަތުވެއްޖެޔޭ. ދެތިން ދުވަހު ބޭރަށްހިންގާފައި އެދުރުމަނިކުފާނުގެ އާލާސްކަންފުޅު ފަސޭހަވާން ފަށައިފިއެވެ. މިބައިމީހުން އެންމެން ބުނެފޫއޭ. ތިޔަ އެއްޗަކީ ވަރަށްމޮޅު އެއްޗެކޭ. ތިޔައީ ދުޅަބަލީގެ ބޭހެވެ. ދެންމިކަން މިހެން ހިނގިފަހުން އެގަހުގައި އަޅާ އެއްޗަކާ މީހުންނަކު އަޅައެއްނުލަތެވެ. މިހެން އެތައް ދުވަހެއްވީފަހުން ރަށުގާ ފެންބޮޑުވެ ރަށްތަދުވެގެން އުޅުނު ދުވަސްވަރެއްގައި މީހުން އެދުރުމަނިކުފާނުގެ އަރިހުގައި ދަންނަވައިފޫއެވެ. މިގަހުން ވެރޭތަކެތި މިތާކު އުޅޭ މުސްކުޅިދައިތަޔަކު ގެންގޮސްގެން އެގޮތް މިގޮތް ހަދައިގެން ކައިއެބައުޅެޔޭ. އެދައިތާގެ ގޭތެރެ ވަރަށްވެސް ތިޔާގެއެވެ. ދެން އެދުރުމަނިކުފާނު އެދައިތާ ގެންނަވައިގެން އެއްސެވީމާ ދެންނެވިޔޭ. އަޅުގަނޑު އެއްރެޔަކު ފަތިހު ހީކަރުވައިގަނެގެން މިތަންގަނޑެއްގައި އަލިފާންގަނޑެއް ޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާންފެށީމާ ބެލިއިރު އެއީ މިގަހުން ވެއްޓިފައި އޮތް އެއްޗެއް ފިހެވެނީއޭ. އަޅުގަނޑު އޭގެ ރަހަބެލިއިރު ވީ ވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނު ކައްކައިގެން އެގޮތް މިގޮތަށް ކައިއުޅޭތާ ކިތަންމެ ދުވަހެކެވެ. ދެން އެދައިތާގެ ކިބައިން އެދުރުމަނިކުފާނު ބަނބުކެޔޮ ކެއުމުގެ ގޮތްތައް އައްސަވައި ދަސްފުޅުކުރައްވައިފިއެވެ. ދެން އެތައް މިތާގައި ބަނބުކެޔޮ ގަސްތައް ހެދި ގިނަވެއްޖެއެވެ. މިހެންވެޔޭ މިބުނީ ޖާހިލުކަމަކީ ބަނބުކެޔޮކަރުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ ކަމެކެވެ.
ނިމުނީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ