އަދުގެ ޚާއްސަ

Print

ދިވެހި އެންވެރިކަން ބަދަލުވަމުންއައި ގޮތް، ކުރުގޮތަކަށް...

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


އަޙްމަދު އަރުޝަދު މުޙައްމަދު ޕެންޒީމާގެ ހއ. މޮޅަދޫ

މަސްވެރިކަމުގެ ސިނާޢަތަށް އައި ސައެންސީ ކުރިއެރުމާއެކު، މިއަދު އަޅުގަނޑުމެން މިވަނީ މަސްވެރިކަމުގެ ތަފާތު ގޮތްތައް އުނގެނި އެގޮތްގޮތަށް އަޅުގަނޑުމެންގެ މި ދިވެހި ސިނާޢަތު ތަރައްޤީ ކޮށްފައެވެ. ނަމަވެސް ލިބޭ ކުރިއެރުންތަކާއި ގެނެވޭ ބަދަލުތަކަކީ އަޅުގަނޑުމެންގެ ފަސްމަގު ހަނދާން ނައްތާލުމަށް އޮތް ބަހާއެއް ކަމަށް އަޅުގަނޑު ނުދެކެމެވެ. އެގޮތުން މިއަދު ތަފާތު ކުރިއެރުންތަކާއެކު، ދިވެހި މަސްވެރިން ހިތްހަމަޖައްސާލައިގެން މިތިބީ އެންވެރިކަންފަދަ މަސްވެރިކަމުގެ އަސާސީ ބައެއް ކަންތައްތަކަށް ލިބިގެންދިޔަ ފަސޭހަތަކެއްގައި ހިފައިގެންނެވެ.

ކާބފައިންގެ ޒަމާން އަޅުގަނޑު އިސްކޮޅުކާ ހިސާބުން ފެށިއިރު، އެންވެރިކަމުގެ އެހާރާއި މިހާރު ފެންނަން އޮތީ ވަރަށް ބޮޑު ފަރަޤެއް ދެމެދުގައި އެކުލެވޭ ގޮތެއްގައެވެ. އާދެ! ހާހަކާއި ސުމަކާ ދެމެދު ހުރި ތަފާތު ހުންނާނޭކަން ޔަޤީނެވެ. ކަންމިހެން ހުރުމާއެކު، ކުޑަގޮތަކަށް ނަމަވެސް އަލިއަޅުވާލެވޭތޯ އަޅުގަނޑު މިމަސައްކަތް ފަށަނީ މިދެންނެވި ތަފާތު ޙިއްޞާ ކޮށްލުމަށެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ކޮންމެ ކަމަކަށް ވިސްނާލެއްވިޔަސް ފެންނާނެ، އެންމެ ރިވެތި އުޞޫލަކީ ވަކި ހަމަތަކެއްގައި ޘާބިތުވެ، ރޭވުންތެރި ގޮތެއްގައި ކަންކަން ކުރިއަށް ގެންގޮސްފައިވާތަނެވެ. މިގޮތުން ކާބަފައިންގެ ޒަމާނުގައި އެންވެރިކަން ކުރިގޮތް، ކާބަފައިންގެ ދުލުން އަތުރާލާއިރު މިދެންނެވި ހަމަތައް ހިފެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ.

އެޒަމާނަކީ ފައްޔާއި ރިޔާ އިންޖީނެއްގެ ގޮތުގައި ބޭނުންކުރި ޒަމާނެވެ. ފަތިސް ނަމާދަށްފަހު، އިރުގެ އަލިކަން ދުނިޔެއަށް ފެތުރުމުގެ ކުރިން އޮޑި ފަހަރު ނެރުން ނުކުމެ، ގައުގަލާއި ހައުހަލު ބަލަމުންގޮސް، "ހާވިނާ" އާ އަރާ ހަމަކުރާނެއެވެ. މިހިސާބަށް އޮޑި ހުއްޓާ ފަނާލާން ވެއްޖެކަމަށް އިސްކެޔޮޅު އަމުރު ނެރެންވާއިރު، އެންބެލުމުގެ ފަތްކޮޅު ދެއްވާފައި ހުންނަ ކެޔޮޅު، ( އެންކެޔޮޅު ) އެންހޯދާ، އިސްކެޔޮޅު މީހާއަށް އިޝާރާތްކުރާނެއެވެ. އެހިސާބުން ދޯނީގެ މިސްރާބު އޮއިވަރަށް ބަލައި ކެޔޮޅުމީހާ އެންއޮތް ގަލުގެ މަގަތަށް ދޯނި ހަދާލާނެއެވެ. އަދި ދޯނީގެ ކޮޅުފަސްކޮޅާއި ދިރުނބާ ކޮޅުގެ ދެކެޔޮޅުންނަށް ފަނާ ލުމަށް އަންގާނެއެވެ. ދޯނި އެން އެޅުމަށްޓަކައި ހައްޔަރު ކުރަންވާއިރަށް ދެންތިއްބަވާ ކެޔޮޅުން އެން އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާނެއެވެ.

ދޯނި އެންގަލުގައި ބަނދަރު ޖެހުމާއެކު، ދޯނީގެ ދިރުނބަލަށް ޚާއްޞަ ކޮށްފައި ހުންނަ ކެޔޮޅު ދަލުގެ އަރާމަތީ ދަނޑި ލާނެއެވެ. އަދި ކޮޅުފަސް ކޮޅަށް އައްޔަންކޮށްފައި ހުންނަ ކެޔޮޅު ކޮޅުފަސްކޮޅު އަރާމަތީ ދަނޑި ލާނެއެވެ. ހަމައެއާއެކު ދަލުގެ މެދުންއޮޑިދަށު ދަނޑިލުމަށް އަވަސްވެގަނެގެން އޮޑި މެދަށް ޚާއްޞަ ކޮށްފައިވާކެޔޮޅު އުޅޭނެއެވެ. އޮޑީގެ ތިން ހިސާބުން ދަނޑި ލުމާއެކު އޮޑީގައި ހުސްކޮށްތިބޭ ކެޔޮޅުން މި ދަނޑިތައް އޮބުމަށްޓަކައި ޙަރަކާތްތެރިވަމުން ދާނެއެވެ. އެއީ ދަލަށް އެންއެރުވުމަށްޓަކައި އެން ކެޔޮޅު ފިލި އުކަންވާއިރަށް އެންދާ ވީހާވެސް އަޑިއަކަށް ގެންދިއުމަށް ފަސޭހައަކަށެވެ. ދައު ފުދޭވަރަށް އަޑިއަށް ދިއުމާއެކު އެންކެޔޮޅު ފިލި އުކާ އެން ބައިގަނޑު ދަލުގެ ތެރެއަށް ތިލަކޮށް، ދަލުގެ ތެރެއަށް އެންބައި ހާނާލުމާއެކު ދަނޑިތަކުގައި ތިބި ކެޔޮޅުން، ރީތި އަންބާއެއްގައި ވަރަށް ހިތްވަރުކޮށް ދޯންޏަށް އެން ހުރަސްކޮށްލާނެއެވެ. ދޯންޏަށް އެން ހުރަސްކުރާއިރު، އޮޑިދަށު ދަނޑިއަކީ އެންމެ މުޙިއްމު ދަނޑިއެވެ. ކާބަފައިން މިގޮތަށް ކުރަމުންއައި އެންވެރިކަމަކީ ވަރަށް އިތުބާރު އެންވެރިކަމެއްކަމަށް ހެކިދައްކައެވެ. "އޭރު އެމަށް ނުކުމެ، އެން ނުލިބި މަހަށް ނުފުރަ ތިބެންޖެހޭ ދުވަހެއް ލައްވައެއް ނުލައެވެ. އަދި މުޅިންކަހަލަ ގޮތަކަށް އެން ހިފަނީވެސް ރަށުގެ މައި ފަރުންނެވެ." މިއީ ކާބަފައިންގެ ބުނުމެކެވެ.

ކޮންމެއަކަސް މަސްވެރިކަމުގެ މިސިނާޢަތަށް ލިބުނު ކުރިއެރުމާއެކު، އެންވެރިކަން މިވަނީ ދަށަށް ގޮސްފައިކަން ޤަބޫލުކުރަންޖެހއެވެ. ފަޅުފަޅުންނާއި ފަރުފަރުން އެމުގެ ބާވަތްތައް ގިނަ ދުވަހު ލިބެން ނުހުންނަ ވާހަކައާއި އެން މިދެންނެވި ތަންތަނަށް އަރާލެއް މަދުކަމުގެ ވާހަކައަކީ މި އަދު ދެކެވޭ ވާހަކަތަކެވެ. މަސްވެރިކަން ހުއްޓިފައި ތިބެނީ އެންވެރިކަން ނެތީމައޭ ބުނާއަޑު މިއަދު ދަނީ އިވެމުންނެވެ. މިކަމުގައި ސަބަބުތަކެއް ފެންމަތިވެފައިވާކަންވެސް ދަންނަވަންޖެހެއެވެ. ދިރާސާ ކުރައްވާ ބޭފުޅުން ދަންނަވާ ގޮތުގައި ފަރު ފަޅުތަކުން ގައު ނެގުމާއި މުރަކަތަކަށްދިމާވަމުންދާ އަދަދު ނުކުރެވޭ ގެއްލުންތަކުގެ ސަބަބުން އެންވެރިކަމަށް މިވަނީ އަސަރުކޮށްފައެވެ. އަދި މިޔަރު މަސްވެރިކަމަށް ދިއްކޮށްލި އަތްތަކުގެ ޙިއްޞާއެއްވެސް މިކަމުގައި ވާކަމަށް ބަޔާންކުރައްވައެވެ.

ކޮންމެއަކަސް ދެން އަލިއަޅުވާލެވޭތޯ އަޅުގަނޑު މަސައްކަތް ފަށާނީ، މިއަދުގެ އެންވެރިކަމަށް އިޝާރާތްކޮށެވެ. ޒަމާން ބަދަލުވެ، މަސްވެރިކަމުގެ ފުޅާ ސިނާޢަތެއް ޤާއިމުވެފައިވާއިރު، މިއަދުގެ އެންވެރިކަމަށްވެސް މިވަނީ ޒަމާނީ ޓެކްނޮލޮޖީއާއި ދާއިރާއިން ކުރެވޭ ދިރާސާ ތަޙުލީލުތަކުގެ ޞަފްޙާތަކުން އައު ގޮތްތަކެއް ތަޢާރަފްވެ، ލިޔެވިފައެވެ. އެގޮތުން ފަލައަކުރުން ލިޔެވިފައިވާ މުޙިއްމު މަޢުލޫމާތުތަކަކީ، ދޯނިފަހަރުގެ ވަތުގައި އެން ދިރުވާފައި ގިނަ އިރު ބެހެއްޓޭނެ ގޮތްތަކެއް ތަޢާރަފްކުރުމާއި، މަސް ދަނދުފަތި ފަދައިން އެން ކަނދުފަތިތަކެއް ޤާއިމްކޮށް މިއީ ކާމިޔާބު މަސައްކަތް ތަކަކަށް ހެދުމަށް ކުރައްވަމުން ގެންދާ މަސައްކަތްތަކެވެ.

ނަމަވެސް މިއަދުގެ ސައެންސީ ހޯދުންތަކުން އެނގިގެން ގޮސްފައިވަނީ އެމަކީ މޫސުމީ އެއްޗެއްކަމާއި، އެންވެރިކަމަކީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރަނގަޅުވެ، ގޯސްވަމުންދާ ކަމެއްކަމެވެ. މިއަދުގެ މަސްވެރިން އެން އެޅުމަށްޓަކައި މިހާރު ބޭނުން ކުރަމުން ގެންދާ ޢާންމު ގޮތަކީވެސް ކާމިޔާބު ގޮތެއްކަމަށް މިއަދުގެ މަސްވެރިން މަޢުލޫމާތު ދެއްވައެވެ. މިއަދުގެ މަސްވެރިން ޢާންމު ގޮތެއްގައި އެން ހޯދުމަށް ކަނޑަށް ނުކުމެ އުޅެނީ ރޭގަނޑުގެ ވަގުތު ތަކުގައެވެ. ކަނޑުތަކުގެ އެކި ހިސާބުގައި މަސްވެރިން ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި ދޯނިފަހަރު ބަނދަރުކޮށް، ތަފާތު ކުލަ ކުލައިގެ އަލި ކަނޑަށް އަޅުވައިގެން އެން ތިލަކޮށް ދައުޖަހައިގެން އެން ހިފުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މިގޮތުން މަސްވެރިން ފާހަގަކުރައްވާ ގޮތުގައި ރެހި ހިފުމަށް އާދައިގެ އައްޔެއް ކަނޑައެޅުވުމުން ފަސޭހަކަމާއެކު އެއަށްޔަށް ޝައުޤުވެރިވެ، ދަލަށް އަރައެވެ. ޢާންމު ގޮތެއްގައި ގިނަ ބާވަތްތަކުގެ އެން ހިފުމަށް އެންމެ ކަމުދަނީ ރަތްކުލައިގެ އައްޔެވެ. އެމުގެ ޝައުޤުވެރިކަން އިތުރު ކުރުމަށްޓަކައި އައްޔަށް އެކި ބަދަލުތައް ( އަލި ފަނޑުކޮށް، އަލިގަދަކޮށް ) ގެނެވެއެވެ. މިގޮތަށް އެން ތިލަވުމުން ދައު ޖެހުމަށް ތައްޔާރުވެ، ލައިޓްގެ އަލި ފަނޑުކޮށްލުމަށް ފަހު، ދައު ޖަހާ އެންނަގަނީ ކަމަށް އަޅުގަނޑު މަޢުލޫމާތު ސާފުކުރި ގިނަފަރާތްތަކަކުން އަޅުގަނޑަށް މަޢުލޫމާތު ދީފައި އެބަހުއްޓެވެ. އަދި ބައެއް މަސްވެރިންނާ ޚިޔާލު ބަދަލު ކޮށްލުމުން އެނގިގެން ދިޔައީ ތަފާތު ކުލަ ކުލައިގެ އައްޔަށް އެން ޝައުޤުވެރިކޮށް، ތިލަކޮށް އަތުލުމަކީ ވަރަށް ފަސޭހަކަމެއް ކަމެވެ.  އަދި ކާމިޔާބުވެސް ގޮތެއްކަމެވެ.

މިއަދު މިސިނާއަތަށް އައިސްފައި މިވާ، ސައެންސީ ހޯދުންތަކުގެ ގޮތްތަކަކީ އަޅުގަނޑުމެން ދިވެހިން މިއަދު އުފަލާއެކީ ޤަބޫލުކުރި ފަސޭހައެކެވެ. މިސިނާޢަތަށް މިއަށްވުރެ ފަހި، ހުޅުވާލުންތަކެއް ފެނިގެންދާނެކަމަށް ކުރެވޭ އުއްމީދަކީ މިއަދު އަޅުގަނޑުވެސް ދިވެހި ދަރިއެއްގެ ހައިޞިއްޔަތުން ދެކެން ބޭނުން ހުޅުވާލުމެކެވެ.

( ނުމުނީ )

ނޯޓް:
މިއީ ހއ. އަތޮޅު މީޑިއާ ސެންޓަރުން ތައްޔާރުކުރި ޕްރޮގްރާމެއްގައި ހިމެނުމަށް، އެ ސެންޓަރުގެ އެދި ލެއްވުމަކަށް އަޅުގަނޑު ތައްޔާރުކުރި ލިޔުމެކެވެ. މިލިޔުން މިހާރުވަނީ އެ ޕްރޮގްރާމްގައި ހުށައަޅައި ދީފައެވެ.   


ހަމަމިގަލަމުން

އިދާރާ

ވާހަކަ