އަދުގެ ޚާއްސަ

Print

ޖޫލީ

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހީމް ވަޙީދު


  
     ފޮޓޯނަގަން ފޯނަށް ފިތާލުމާއެކު ޖޫލީ އަތް ހުރަސްކޮށްލި އެވެ. ފްލޭޝް ވި އެވެ.

    "ނޯ ޕިކްޗަރ.. ޕްލީޒް!" ޖޫލީ ބުންޏެވެ.

   
އަހަރެން ފޯނު ތިރިކޮށްލީމެވެ. އެއީ ކީއްކުރަން އަހަރެން ކުރި ކަމެއް ހެއްޔެވެ؟ އަހަރެން މާލެ އަށް ދިޔުމުން ނީޒާ ފޯނު ބަލާނެ އެވެ. ކޮންމެހެން އަހަންނަށް ޝައްކު ކުރެވިގެނެއް ނޫނެވެ. ގައިމު ވެސް ނީޒާ ބުނަނީ އެހެންނެވެ. ކައިވެނި ކުރުމުގެ ކުރިން ނީޒާ މާބޮޑު ނުފޫޒެއް ނުފޯރުވާނެ ކަމުގައި ނީޒާ ބުންޏެވެ. ލޯބިވެގެން އުޅޭއިރު، "ގޮށްމުށުގެ ބާރުން" ބައިވެރިޔާ ކިޔަމަން ކުރުމަކީ ބޭކާރުކަމެކޯލަ އެވެ. އޭގެ ހުރިހާ ވޭނެއް ލިބޭނީ ކައިވެންޏަށްފަހުގަ ޔޯލަ އެވެ. ޝައްކު ކުރާ ވަރަށް ވުރެ ބޮޑަށް، އަހަންނަށް ނީޒާ އިތުބާރު ކުރާ ކަމުގައި ނީޒާ ބުންޏެވެ. އެއީ ކާކު ގަބޫލުކުރާނެ ވާހަކައެއް ހެއްޔެވެ؟ ޝައްކު ނުކުރާ ލޯބިވެރިޔެއް، ފިރިއެއް، އަނތްބެއް ނުހުންނާނެ އެވެ.

   
އަހަރެން ބެންކޮކަށް އައީ އޮފީސް ދަތުރެއްގަ އެވެ. ފަހު ރޭ ކޮޓަރީގައި އިނދެފައި ކުއްލިއަކަށް ހިތަށްއެރި އެވެ. ބެންކޮކްގައި ވަރަށް ރީތި އަންހެންކުދިން އުޅޭ ވާހަކަ މީހުން ބުނެ އެވެ. އެއީ ތެދެއްތޯ ބަލާލަންވެއްޖެ އެވެ. އެ ނިޔަތުގައި، ރިސެޕްޝަނަށް ގުޅާލުމާއެކު، ދާދި އަވަހަށް ދޮރުގައި ޓަކިޖަހާލި އެވެ. އެ ވަގުތު ހިތް ބުންޏެވެ. ތި އަޅަނީ ޅައެއްޗެކެވެ. ނޫނެކެވެ. އަހަރެން ހިތަށް ވިސްނައިދިނީމެވެ. އެއީ ޅައެއްޗަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ މަގުމަތީގައި ހިނގާފައިދާއިރު ވެސް، އަންހެން ކުދިން ފެނެ އެވެ. އަހަރެން ވެސް އުޅުނީ ކުއްޖަކު ބަލާލަން ވިއްޔާ އެވެ. އަނެއްކާ ވެސް ހިތް ބުންޏެވެ. އަތުގައި ޖެހެންޏާ ދަތުގައި ވެސް ޖެހޭނެ އެވެ. ކޮންތާކު ހެއްޔެވެ؟ އަހަންނަކީ އަގީދާ ނުލާހިކު ވަރުގަދަ މީހެކެވެ.

    "ހަލޯ!" ދޮރު ހުޅުވާލުމުން ޖޫލީ ބުންޏެވެ. "ގުޑް އިވްނިންގް!"

   
އެއީ ވަރަށް ރީތި ކުއްޖެކެވެ. އެ ހިސާބުން ދެން ޖޫލީ ފޮނުވާލަންވީ ހެއްޔެވެ؟ އެއީ ހުތުރު ކަމެކެވެ. ކޮޓަރި އަށް ގެނެސް ހާލުއަހުވާލު އަހާލަންވާނެ އެވެ. ކުޑަމިނުން ނަން އަހާލިއްޔާ އެއީ ހަރާންކަމެއް ހެއްޔެވެ؟ ނުވަތަ، އެ ކަހަލަ ރީތި ކުދިން އެ ކަހަލަ ކަންތައް ކުރަނީ ކީއްކުރަންތޯ އެހިދާނެ އެވެ. އެ ކަން ހުއްޓުމަށް ހިތްވަރެއް ވެސް ދެވިދާނެ އެވެ. އެއީ ހެޔޮކަމެކެވެ. އަހަރެންގެ މަގްސަދު ނުލާހިކު ރަނގަޅެވެ.

    "ވަދޭވަދޭ!" އަހަރެން ވެސް ވާހަކަދެއްކީ އިނގެރޭސި ބަހުންނެވެ. "ކޮން ނަމެއް ކިޔަނީ؟"

    "އޯ!" ހިނިތުންވެލާފައި އޭނަ ބުންޏެވެ. "އަހަންނަށް ކިޔަނީ... ޖޫލީ!"
  
     "ރީތި ނަމެއް!" އަހަރެން ބުނީމެވެ.

   
ނަން ރީތިވުމުން ރީއްޗޭ ބުނުން އެއީ ގޯސްކަމެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ މައްސަލައެއް ނޫނެވެ. ޖޫލީ މުޅި ކޮޓަރި އަށް ނަޒަރުހިންގާލި އެވެ. އަހަންނަކީ އެއްވެސް ތަރުތީބަކުން އެއްޗިހި ގެންގުޅޭ މީހެއް ނޫނެވެ. އުމުރުން 25 އަހަރު ވީއިރު ވެސް، އަމިއްލަ އަށް ގަމީހެއް ފަތްޖަހާލާކަށް އަހަންނަކަށް ނޭނގެ އެވެ. ޖޫލީ ހިތަށްއަރާނީ ކީކޭބާ އެވެ؟

    "ފެންފޮދެއް ލިބިދާނެ؟" ޖޫލީ އެހި އެވެ.
   
ޖަނަވާރަކަށް ފެންފޮދެއް ދިނަސް އެއީ ރަނގަޅު ކަމެކެވެ. އެހެންވީއިރު، ޖޫލީ އަށް ފެންފޮދެއް ދިނުން އެއީ ކުށަކަށް ނުވާނެ އެވެ. އަހަރެން މިނީ ބާރ ނުވަތަ ކުޑަ އައިސްއަލަމާރި ހުޅުވާލީމެވެ. އޭގައި ދަޅު ވެސް ހުއްޓެވެ. ފެނުގެ ބަދަލުގައި ދަޅެއް ދިނުމުން އަހަންނަކީ ކިހާ ދީލަތި މީހެއްކަން ޖޫލީ އަށް އެނގޭނެ އެވެ. އޭނަ ދަޅު ބޮއި ނިމުމުން، ދޭންވާ ފައިސާއެއް ދީފައި ފޮނުވާލީމައި ނިމުނީ އެވެ. ދަތުރުގެ އެންމެ ފަހު ރޭ އަހަރެންގެ ފޫހި ފިލުމުގެ އިތުރަށް، ހެޔޮ ކަމެއް ކުރެވުމުގެ ހިތްހަމަޖެހުން ވެސް އަހަންނަށް ލިބޭނެ އެވެ.

    "ޝްކުރިއްޔާ!" ކޯކުދަޅު ދިނުމުން ޖޫލީ ބުންޏެވެ. "ހާދަ ރަނގަޅޭ!"

   
ޖޫލީ އަށް ދިވެހި އިނގޭތީވެ އަހަރެން ހައިރާނެއްނުވެ އެވެ. ބެންކޮކްގެ އަންހެންކުދިންނަށް ދިވެހި ނޭގުނިއްޔާ ދެރަ އެވެ. އެ ޚިޔާލުގައި އަހަރެން އިންދައި ކުއްލިއަކަށް ފެނުނީ ޖޫލީގެ ގަޔަށް ދަޅު ބަންޑުންވި ތަނެވެ. ޖޫލީ ވަރަށް ދެރަވި އެވެ. އަހަރެން ވެސް ވަރަށް ދެރަވި އެވެ. ޖޫލީ ލައިގެން ހުރީ ވަރަށް ރީތި ހެދުމެކެވެ.

    "ޓޮއިލެޓް؟" ޖޫލީ އެހި އެވެ.

   
އެ ހުރިގޮތަށް ޖޫލީ ފޮނުވާލެވިދާނެ އެވެ. އޭރުން އެއީ މާ މޮޅުކަމެއް ހެއްޔެވެ؟ އެއީ ކޯކެވެ. ކުޑަ ފެންފޮދެއް ލުމުން އެ ކަން ނިމުނީ އެވެ. އަނެއްކޮޅުން އަހަރެން ފާޚާނާ އަށް ވަންނާނީކީ ވެސް ނޫނެވެ. އެއީ އެންމެ ދެ މިނެއްޓުއިރުގެ ކަމެކެވެ. އަހަރެން ފާޚާނާގެ ބޮކި ދިއްލައިދިނީމެވެ. ޖޫލީ ވަނުމުން އަހަރެން ގޮސް ކުޑަދޮރު ކައިރި އަށް ހުއްޓުނީމެވެ. ރޭގަނޑު، އެހާ އުސް އިމާރާތެއްގެ މަތިން ބަލައިލުމުން ބެންކޮކް ފެންނަލެއް ވަރަށް ރީއްޗެވެ. އަހަރެން ކައިވެނި ކުރާ ދުވަހު، މުޅި ގޭގައި ވެސް ކުލަކުލައިގެ ބޮކިތައް ދިއްލާނަމެވެ. ހަފްތާއެއް ވަންދެން އެހެން ބާއްވާނަމެވެ. ނީޒާ އާއި އަހަރެންގެ ކައިވެނި މުޅި މާލެ ހަނދާންހުންނާނެ އެވެ. ގައިމު ވެސް، އެ ވަރަށް ބޮކިފަތި ދަމާނަމެވެ.

    "އެކްސްގިއުޒް!" ޖޫލީ ބުނި އަޑު އިވުނެވެ.

   
އަހަރެން ބަލައިލީމެވެ. ފައިން ފެށިގެން ބޮލަށް ހީބިހި ނަގައިގެންދިޔަ އެވެ. ޖޫލީ އައީ ހެދުން ހިފައިގެންނެވެ. އޭނަ ހުރީ ބޮޑު ތުވާއްޔެއް އޮޅައިގެންނެވެ. އެއީ އެވަރުގެ ކަމެއް ހެއްޔެވެ؟ ހެދުން ހިކުނީމައި އޭނަ ހިނގައިދާނެ އެވެ.

    "ހެދުން ކޮންތާކު ބާއްވާނީ؟" ޖޫލީ އެހި އެވެ.

   
އަހަރެން ކޮނޑެއް ދިއްކޮށްލީމެވެ. ކޮނޑުގައި ހެދުން އެޅުވުމަށްފަހު، އަލަމާރީގެ ދޮރު ހުޅުވާލާފައި މަތީގައި ކޮނޑު އަޅުވާލި އެވެ. ޖޫލީ އައިސް އެނދުގައި އިށީނދެލި އެވެ. ހެދުން ހިކެންދެން ޖޫލީ ބައިންދަންވާނެ އެވެ. ތެތް ހެދުން ލައިގެން ދިޔުން އެއީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. އެ ވަރުގެ ރަހުމެއް އަހަރެންގެ ހުންނަން އެބަޖެހެ އެވެ. އެކަމަކު، އެހާއިރު ވަންދެން އަހަރެން ވީ މަންމަނެއްހެން އިންނަން ހެއްޔެވެ؟

    "ކިހާ ދުވަހެއް ވެއްޖެ މި ހޮޓަލުގަ އުޅޭތާ؟" ހިނގައިގަންނަމުން އަހަރެން އެހީމެވެ.

    "ފަސް އަހަރު.." ޖޫލީ ބުންޏެވެ. "ކުރިން އުޅުނީ ސްޕާގަ! މިހާރު ވެސް، ބައެއް ދުވަސް ދުވަހު ސްޕާގަ އިންނަން.."

    "އެހެންތަ؟ ހާދަހާ ބިޒީވާނޭދޯ!" ޖޫލީ އަށް ހިނިތުންވެލާފައި އަހަރެން ހިނގައިގަންނަމުން ބުނީމެވެ.

   
ރަނގަޅަށް ނުވިސްނާ ހިނގައިގަތުމުން އަހަރެންގެ ކޮނޑު، އަލަމާރީގެ ދޮރުފަތުގައި ވަރަށް ބާރަށް ޖެހުނެވެ. އަހަންނަށް ވަރަށް ތަދުވި އެވެ. އެކަމަކު ޖޫލީ އިނުމުން އެހާ ތަދުވިކަމަކަށް ނުހަދަމެވެ. ކޮނޑުގައި ފިރުމާލާފައި އެ ހިސާބުން ނިންމާލީ އެވެ. ޖޫލީ ވަގުތުން އައިސް އަހަރެން ގެނެސް އެނދުގައި ބޭންދި އެވެ. ކޮނޑުގައި ފިރުމާލަދިނެވެ. އެއީ، އެހެން މާނައެއްގައި އޭނަ ކުރިކަމެއް ނޫނެވެ. އެކަން ޔަގީންވާތީވެ، އަހަރެން އަޅައެއްނުލަމެވެ. ޖޫލީ އަށް ކޮނޑު ދީގެން އިނީމެވެ. ޖޫލީ ގޮސް، އޭނަގެ ދަބަހުން ކޮންމެވެސް ކަހަލަ ފުޅިއެއް ނެގި އެވެ. ޖޫލީ ބޭނުންވަނީ ތެޔޮފޮދެއް ހާކާލަދޭށެވެ. އަހަރެން ކަންތައް ކޮށްދިންލެއް ރަނގަޅުކަމުން އޭނަ ވެސް ކަމެއް ކޮށްދޭން ބޭނުންވީ އެވެ. ނިޔަތުގެ މައްސަލައެއް ނެތެވެ. ސާފު ހުދު ކަރުދާސްކޮޅެއް ފަދަ އެވެ. ޖޫލީ އައިސް އަހަރެންގެ ގަމީހުގެ ގޮށުގައި ހިފި އެވެ.

    "މައްސަލައެއް އެބައޮތްތަ؟" ޖޫލީ އެހި އެވެ.

   
އަހަރެން މީ ކޮންކަހަލަ މޮޔައެއް ހެއްޔެވެ؟ ގަމީސް ލައިގެން ހުއްޓައި ކޮނޑުގައި އެއްޗެއް އުނގުޅޭ ހެއްޔެވެ؟ އަނެއްކޮޅުން ޖޫލީ ކިހާ އަދަބުވެރި ހެއްޔެވެ؟ އަހަރެންގެ އިޒްނަ އަށް ވެސް އެދުނެވެ. ދެ ވަނަ ވިސްނުމެއް ނެތި އަހަރެން އެކަން ކުރީމެވެ.

    "އޮށޯވެލަންވީނު؟" ޖޫލީ އެދުނެވެ.

   
ތެދެކެވެ. އިށީނދެގެން އިންދާ އެކަން ކުރަން ތަންކޮޅެއް އުނދަގޫވާނެ އެވެ. ޖޫލީ އަކީ، ޕްރޮފެޝަނަލްކޮށް އެކަން ކުރާ ކުއްޖެކެވެ. އޭނަ އަށް މާ ރަނގަޅަށް އެނގޭނެ އެވެ. އެ ކަމާ އަހަރެން ހާސްވާންވީ ކީއްވެހެއްޔެވެ؟ އަންހެނުން ވިއްސާ ފިރިހެން ޑޮކްޓަރުން ވެސް ތިބެނީ ވިއްޔައެވެ. އަހަރެންގެ ކޮނޑުގައި ތެޔޮފޮދެއް އަންހެން ކުއްޖަކު އުނގުޅާލިއްޔާ ވާނީ ކީއްހެއްޔެވެ؟ އޮށޯތީމެވެ. އިސާހިތަކު ނިދިއްޖެ އެވެ.
   
ހެނދުނު ހޭލެވުނުއިރު ނުވައެއް ޖަހައިފި އެވެ. ޖޫލީއެއް ނެތެވެ. އެއްވެސް ނިވާކަމެއް ނެތުމުން އަހަރެން އޮތީ ހީކަރުވާފަ އެވެ. އަވަހަށް ގައިގަ ރަޖާއަޅާލީމެވެ. ދެން ހިތަށްއެރި އެވެ. ރޭގަ ފެނުނީ ހާދަހާ އެހެންކަހަލަ ހުވަފެނެކެވެ. އެހެން ހިތަށްއެރި ވަގުތު، ބޮޑު ތުވާއްޔެއް އަހަރެންގެ އެނދުގައި އޮއްވާ ފެނުނެވެ. އެއީ ހުވަފެނެއް ނޫން ހެއްޔެވެ؟ ހަގީގަތެއްކަން ޔަގީންވާ ވަރަކަށް އަހަރެން ހަނދާނެއް ނެތެވެ. ކޮނޑުގައި ވަސް ބަލައިލީމެވެ. މީރު ވަހެއްދުވަ އެވެ. އަލަމާރީގެ ދޮރު ހުރީ ހުޅުވާފަ އެވެ. ދޮރުގެ މަތީގައި ކޮނޑު، ހެލިލަހެލިލާ ހުއްޓެވެ. ފޯނުމަތިން ހަނދާންވުމާއެކު ފޯނު ބަލައިލީމެވެ. ފޮޓޯގަނޑު އޮތެވެ. އެ ކުއްޖާގެ މޫނެއް ނުފެނެ އެވެ. ފޯކަސްވެފައި ހުރީ އަތަށެވެ. އެއީ ހިނގިކަމެކެވެ. ހުވަފެނެއް ނޫނެވެ.
   
އަހަންނަށް ފޮޓޯ ފުހެލެވިދާނެ އެވެ. ހަގީގަތް ފުހެވޭނެ ހެއްޔެވެ؟ އެ ކުއްޖާ އަށް ކިޔަނީ ޖޫލީކަމެއް ވެސް އަހަންނަކަށް ޔަގީނެއް ނޫނެވެ. އެކަމަކު، އަހަރެންގެ އަޒުމް ކިހާ ބަލިކަށިކަން އަހަންނަށް ކަށަވަރުވެއްޖެ އެވެ. އިރު އޮއްސޭއިރު އަހަރެން ހުންނާނީ މާލޭގަ އެވެ. އަހަރެންނާ ނީޒާ ބައްދަލުވާނެ އެވެ. ހަތަރުކަޅި ހަމަކުރަން އަހަންނަށް ކެރޭނެ ހެއްޔެވެ؟ ކަމެއް ކޮށްފައި ފަހުން ހިތާމަކުރުމަށް ވުރެ މޮޅީ، އެ ކަމެއް ކުރަން ހިތަށް ވެސް ނޭރުވުމެވެ. ދާން ބޭނުން ނުވާ ތަނަކާ، އެއްވެސް ވަރަކަށް ކައިރިނުވާށެވެ. އެ ދިމާލަށް ފުރަތަމަ ފިޔަވަޅު ވެސް ނާޅާށެވެ. މޮޅުގޮތަކީ އެއީ އެވެ.

(ނިމުނީ)



ހަމަމިގަލަމުން

އިދާރާ

ވާހަކަ