(4) ނަޞާރާ ދީނުން އިސްލާމްދީނަށް ސާބިތުކަމާއެކު ވަޑައިގެންނެވި ކަޢުބު ބިން ސޫރު
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު އިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރެއްވިއެވެ. [لَيْسُوا۟ سَوَآءً ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَـٰتِ ٱللَّـهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ ﴿١١٣﴾ يُؤْمِنُونَ بِٱللَّـهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ ﴿١١٤﴾ وَمَا يَفْعَلُوا۟ مِنْ خَيْرٍ فَلَن يُكْفَرُوهُ ۗ وَٱللَّـهُ عَلِيمٌۢ بِٱلْمُتَّقِينَ (1) - އެއުރެން، ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ أهل ވެރިންގެ ތެރެއިން ސީދާކަންމަތީ قائم ވެ ތިބޭ ބަޔަކުވެއެވެ. އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آية ތައް ކިޔަވަތެވެ. اللَّه އަށާއި، آخرة ދުވަހަށް އެއުރެން إيمان ވެތެވެ. އަދި، އެއުރެން ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކުރެތެވެ. އަދި، ހެޔޮކަންތައް ކުރުމަށް އެއުރެން އަވަސްވެގަނެތެވެ. އެއުރެން ވަނީ صالح ންގެ ތެރެއިންނެވެ. ހެޔޮކަމުގެ ތެރެއިން އެއުރެންކުރާ އެއްވެސްކަމެއް، ފަހެ، އެކަމެއްގެ ثواب ން އެއުރެން محروم ނުކުރައްވާހުށްޓެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] މި ބަސްފުޅުގައި ހިމެނޭ މަދު މީހުންގެ ތެރޭގައި ކަޢުބު ބިން ސޫރު ހިމެނިވަޑައިގަންނަވާކަމަށް މުފައްސިރުން ވިދާޅުވެއެވެ. އެކަލޭގެފާނު ޒިއްމީއެއްގެ ގޮތުގައި އުޅުއްވައި އިސްލާމްދީނަށް ވަދެވަޑައިގަތީއެވެ.