އަދުގެ ޚާއްސަ


ޙަސަން ޒަހީން

މިފަހަރު މުޅިން އެހެން ވާހަކައެކެވެ. ދުވަސްވަރާ މާބޮޑު ގުޅުމެއް ނެތިދާނެ އެވެ. އެހެންނަމަވެސް ވިސްނައިވަޑައިގަތުން ރަނގަޅު ވާނެ އެވެ. އަޅުގަނޑުމެންގެ ކުދިން ކިޔެވުމަށް މޮޅެއް ނޫން ހެއްޔެވެ؟ މީގެ އަހަރުތަކެއް ކުރިން ގަދަ 10 އަކުން ޖާގަލިބޭ ކުދީން ނިސްބަތުން ވަރަށް މަދެވެ. އެހެންނަމަވެސް މިއަދު އެއީ އެތައްް ސަތޭކަކުދިންނެއް ޖާގަ ހޯދާ މަޤާމެކެވެ. މިއިން ދައްކައިދެނީ ތަޢުލީމީ ގޮތުން އަޅުގަނޑުމެންގެ ކުދިން "މޮޅުވަމުން" އަންނަ ކަމެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ހިތްވާގޮތެވެ. މި ނަތީޖާ ފެންނަ އެހެން ސަބަބެއް ނެތެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.

ދަރިމައިވުމުގެ އާ ގޮތްތައް


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތަޢާރުފު :

ޠަބީޢީގޮތުން ދަރިމައިނުވާ މީހުން ދަރިމައި ކުރުވުމަށްޓަކައި، 21 ވަނަ ޤަރުނުގައި އާ އީޖާދުތަކެއް ވަނީ ކޮށްފައެވެ. އަދި މި އާ ހޯދުންތަކުގެ އަލީގައި ދަރިމައިވާ ގޮތް ހަދައިގެން ކުދިން ހޯދުމަކީ އަދުގެ ދުނިޔޭގައި ޢާއްމު ކަމެކެވެ. މި ކަން އެންމެ ބޮޑަށް ޢާއްމުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި އެމެރިކާ ހިމެނެއެވެ.

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމެއް އޭގައި ޝާމިލުވާ ދީނެއްކަމުން، ދުނިޔޭގައި އަލަށް އުފެދޭ ކޮންމެ ކަމަކާމެދު ވެސް މި ދީން ދެކެނީ ކިހިނެއްތޯ ބެލުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

ފަރުބަދައިގެ އެންމެ އުހުގައިވާ ގަހެއްގެ މަޤާމު ކަލާއަށް ނުލިބިއްޖެނަމަ
ވާދީގެ ތެރޭގައިވާ ގަހަކަށް ވާށެވެ. އެއީ
ވާދީގެ ތެރޭގައިވާ ހިލަގަނޑެއްގެ ކައިރީގައިވާ އެންމެ ރަނގަޅު ގަހަށެވެ.
ގަހަކަށް ވުމުގެ ފުރުޞަތު ނުލިބިއްޖެނަމަ ވެޔޮ ގަނޑަކަށް ވާށެވެ.


 އާދަމް ޢަބްދުއްރަޙުމާނު/ހއ. އުތީމު

ގިސްލަމުން ރޯށެ މިވީ ފިސްވެ  މެޔާ ހިތް ދިޔުމުން
       ޖިސްމު ބާކީކޮށްފާ ރޫޙު ފިލާ ނެތި ދިޔުމުން

ދޭނަމޭ ލޯބި ރަނުން އޮތް ޞަފުޙާ ލިޔެ އެހެނަސް
       ލޭގެ ކަރުނުން އޮހޮރޭ ވޭނުގެ އަކުރާ ގަލަމުން
Print

އެސްވަޅުގެ ޙައްލަކީ ކޮބާ؟

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އެހެނިހެން


އަޙުމަދު ރަޝީދު، ލ. ފޮނަދޫ
 
[އެސްވަޅު] "މިއުޅެނީ ފައިގައި އެސްވަޅެއް ޖަހައިގެން. ހާދަ ވަރަކަށޭ މި ތަދުވަނީ. މިގޭ މީހުންގެ ފައިގައި ވަރަށް ގިނައިން އެބަނަގާ. ބައެއް މީހުން ބުނޭ މިއީ ހަމުގެ ބައްޔެކޭ، ގައިން ގަޔަށް ވެސް އަރައޭ." މިއީ އަހަރެންގެ ރައްޓެއްސެއްގެ ގެއަށް ދިޔައިރު އަހަރެންގެ ރަޙްމަތްތެރިޔާ ފައިތިލައިގައި ވަޅިއަކުން ކޮށްޓަން އިންދައި ތިޔަ ކުރަނީ ކީއްހޭ އަހައިލުމުން ދިން ޖަވާބެކެވެ.

އެސްވަޅުޖެހުމަކީ ވަރަށް ގިނަމީހުންނަށް ދިމާވާ މައްސަލައެކެވެ. މި ކަމަށް ފަރުވާ ހޯދުމަށް

އެސްވަޅު ކޮށްޓައި ހަދައެވެ. ލައްފިލުވާ ޖަހައި ހަދައެވެ. ނުވަތަ ކަރަންފުލާއި ގޮށްރީނދުލާއި ހިކިއިނގުރު ފަދަ އެއްޗެހި ހޫނުކޮށްގެން ޖައްސައި ހަދައެވެ. ނަމަވެސް މި ކަންކަމަކީ އެސްވަޅު ނެގުމުން ސަލާމަތްވުމަށް، ކުރުން ރަނގަޅު ކަންތައް ތަކެއް ނޫނެވެ. ނުވަތަ އެސްވަޅަށް ދިނުމަށް އެކަށީގެންވާ ފަރުވާއެއް ނޫނެވެ. ގިނަ ބަޔަކަށް ހީކުރެވިފައި އޮންނަފަދައިން އެސްވަޅު ނެގުމަކީ ގައިންގަޔަށް އަރާ ހަމުގެ ބައްޔެއް ވެސް ނޫނެވެ.
އެސްވަޅަކީ ކޮން އެއްޗެއް ހެއްޔެވެ؟
ދިވެހިބަހުގެ ރަދީފު ބުނާގޮތުން އެސްވަޅަކީ ހުދުހަމުގައި އުފެދޭ ބައްޔެކެވެ. މިބަލި ހުންނާނީ ވައްކޮށް، ހަރުކޮށް، އެތެރެއަށް ގޮނޑިލާގޮތަށެވެ.
އެސްވަޅު ނެގުމަކީ ނުވަތަ ޖެހުމަކީ ޤުދުރަތީގޮތުން ފައިތިލައިގެ ރައްކަލަކަށް ނަގާއެއްޗެކެވެ. އުދަލި ނުވަތަ ފަކީރާ ފަދަ އެއްޗަކުން ބުރަ މަސައްކަތެއް ކޮށްލުމުން އަތުން ފޮޅުނަގާ ބީދައިން ފައިތިލައަށް އެންމެ ބާރު ބޮޑުވާ ހިސާބުތަކުން ނަގާ އެއްޗެކެވެ. މިހެން މިދިމާވަނީ ފައިތިލަ ހޭކޭ ހިސާބެއްގެ ގޮތުން ނުވަތަ ފަޔާ ނުގުޅޭ ނުވަތަ އަރައިގެން އުޅެން އުނދަގޫ ފައިވާން ފަދަ އެއްޗަކަށް އަރައިގެން އުޅުމުންނެވެ. ޙަޤީޤަތުގައި މިވާގޮތަކީ ނުވަތަ އެސްވަޅު އުފެދޭ ގޮތަކީ މިދެންނެވިފަދަ ހިސާބެއްގެ ހަންގަނޑު ބޯވެ އެހިސާބުން އިތުރަށް ހަންގަނޑު އުފެދެމުން ދިއުމެވެ. މިގޮތަށް ފައިގެ ކުޑަ ތަންކޮޅެއްގައި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ޖަމާވެ ހަންގަނޑު ބޯވާން ފެށުމުން އެސްވަޅު އުފެދެއެވެ. މަރުވެފައި ހުންނަ ހަންގަނޑު ފައިގެ ހަންގަނޑާއި މަސްގަނޑުތެރެއަށް ދޯރިއެއް (ކޯންއެއް) ގެ ސިފައިގައި ތޮރުފެމުން ވަންނަން ފަށައެއެވެ. މިހެންވާންފެށުމުން ފައިގެ އެހިސާބުގަނޑަށް ވާންވެ ތަދުވާން ފަށައެވެ.
އެސްވަޅަކީ މަރުވެފައި ހުންނަ ހަމުން އުފެދޭ އެއްޗަކަށްވާއިރު އެސްވަޅަށް ތަދުވަނީ ކީއްވެގެން ހެއްޔެވެ؟
ކުރިންވެސް އިޝާރާތްކުރި ފަދައިން އެސްވަޅަކީ މަރުވެފައި ހުންނަ ހަން އެއްތަނެއްގައި ޖަމާވެ ދޯރިއެއްގެ ސިފައިގައި ފައިގެ ތެރެއަށް ތޮރުފެމުންދާ އެއްޗެކެވެ. އެސްވަޅުގައި ރިއްސަނީ މިހެންވެގެންނެވެ.
އެސްވަޅާމެދު އަޅައިނުލައި ހުރުމުން ވާނީ ކިހިނެއްހެއްޔެވެ؟
އެސްވަޅުޖެހުމުން އެތަނާމެދު އަޅައިނުލައި ހުރުމަކުން އެތަން ރަނގަޅުވެގެނެއް ނުދާނެ އެވެ. އޭރުން އެސްވަޅު ބޮޑަށް ގޯސްވަމުންދާނެއެވެ. އެސްވަޅާމެދު އަޅައިނުލައި ހުރުމުން އެސްވަޅު ހިމެނޭ ސަރަހައްދުގައި މަރުވެފައި ހުންނަ ހަން އިތުރަށް އުފެދި ދޯރިއެއްގެ ސިފައިގައި މި ހަރު ހަންގަނޑު ފައިގެތެރެއަށް ބޮޑަށް ތޮރުފެމުން ދާނެއެވެ. އިތުރު ވޭންތަކެއް އިޙްސާސްކުރަން ޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެސްވަޅު ރަނގަޅުވާން ގިނަ ދުވަސް ނަގާނެއެވެ.
އެސްވަޅު ޖެހުމުން ރައްކާތެރިވުމަށްޓަކައި ކުރެވެން އޮތް އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ކަމަކީ  އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓާއި މެދު ބޮޑަށް ސަމާލުވުމެވެ. އަރަމުންދާ ފައިވާނެއްގެ ސަބަބުން ނުވަތަ ބޫޓެއްގެ ސަބަބުން ފައިގެ ދަށްފުށުގައި ކުރަލާގޮތް ވާނަމަ އެ ބޫޓު ނުވަތަ ފައިވާނަކީ އަރަން އެންމެ ކަމުދާ އެއްޗެއް ކަމުގައި ބެލުން ބުއްދިވެރިއެއް ނޫނެވެ. އެހެންކަމުން އަރަން ބޭނުންކުރާ ބޫޓާއި ފައިވާނަކީ ފެންވަރު ރަނގަޅު، ފަޔަށް ފަސޭހަ އެއްޗަކަށް ވުން މުހިންމެވެ. އަގުހެޔޮ ބޫޓާއި ފައިވާން ހޯދަން ފަސޭހަވެފައި ޖީބަށް ލުއިވި ނަމަވެސް އެއިން ފަޔަށް ލިބެންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެއެވެ. އެސްވަޅު ޖަހަން މެދުވެރިވާ މައިގަނޑު ސަބަބަކީ މި ދެންނެވި ފަދަ ފައިވާނާއި ބޫޓަށް އެރުން އާދަކުރެވިފައި ވުމެވެ.
އަޅުގަނޑުމެން އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓަކީ އަޅުގަނޑުމެންގެ މުޅި ހަށިގަނޑު ބަރުދަން އެޔަށް ދޭ އެއްޗެކެވެ. މިސާލަކަށް 60 ކިލޯ ހުންނަ މީހެއްގެ ހަށިގަނޑުގެ ބަރުދަނުން 30 ކިލޯ ކޮންމެ ބޫޓު ކިބައަކަށް ނުވަތަ ފައިވާން ކިބައަކަށް އުފުލަން ޖެހެއެވެ. ފަޔާ ނުގުޅޭ، ފަޔަށް ފަސޭހަ ނޫން ފައިވާން ނުވަތަ ބޫޓަކަށް މި ބަރުކަން ދެމުންދާއިރު ފައިގެ މިބަރުދަން ފައިގެ އެކި ހިސާބުތަކަށް އެކިވަރަށް ބެހިގެން ދެއެވެ. ފައިގެ އެކި ހިސާބުތަކަށް އެކިވަރަށް ބާރު ބޮޑުވެެއެވެ. ނަތީޖާއެއްގެ ގޮތުން ފައިތިލައަށް ތަފާތު މައްސަލަތައް ކުރިމަތިވާން ފަށައެވެ. އެންމެ ބޮޑަށް ބާރުކުރާ ހިސާބުތަކުގައި ކުރަލާ ގޮތް ވެއެވެ. މި ގޮތަށް ކުރަލަމުން ދާއިރު ފައިގެ އެއް ހިސާބެއްގައި، އެއް ތަންކޮޅެއް ގައި ކުރަލާން ފެށުމުން އެތަން އެސްވަޅަކަށް ބަދަލުވެދެއެވެ.
އެސްވަޅަށް ދޭނެ ގެވެށި-ފަރުވާއެއް އޮވޭހެއްޔެވެ؟
އެސްވަޅު ރަނގަޅު ކުރުމަށް ދެވޭނެ އެންމެ ރަނގަޅު ގެވެށި-ފަރުވާ (ހޯމް ރިމެޑީ) އަކީ ތާފަނާކޮށް ހުންނަ ލޮނުފެނުގެ ތެރެއަށް 10 ވަރަކަށް މިނިޓްވަންދެން ފައިތިލަ ލައިގެންއިނދެ ފޯކޮށްލުމެވެ. އެއަށްފަހު އެސްވަޅު ހުރި ހިސާބު ސައިބޯނި ލައިގެން ހިރިގާކޮޅަކުން ރަނގަޅަށް އުނގުޅުމެވެ. މި ގޮތަށް ދުވަސްކޮޅެއް ވަންދެން ކޮންމެ ރެއަކުވެސް ފަރުވާދެމުން ގެންދެވިދާނެވެ. އިސާހިތަކުން އެސްވަޅު ހުރި ސަރަހައްދުގެ ހަންގަނޑު މަޑުވެ އެސްވަޅު އަރާގޮތް ވެދާނެއެވެ.
ވަޅިއަކުން ނުވަތަ ރޭޒަރު ތިލައަކުންވިޔަސް އެސްވަޅު ކޮއްޓައި ހެދުމަކީ އެކަން ކުރުމަށް ތަރުހީބު ދެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ތާފަނާ ފެނުން ފައިތިލަ ފޯކޮށްލުމަށްފަހު އެސްވަޅު ހުރި ހިސާބުން ހަންގަނޑު ކަފައިގެން ބައެއް ފަހަރަށް އެސްވަޅު ރަނގަޅު ކުރެވެއެވެ. އެހެނަސް މިގޮތަށް ރަނގަޅުވަނީ ތަންކޮޅެއް ތިލަކޮށް ހުންނަ އެސްވަޅެވެ.
އެސްވަޅު ރަނގަޅު ކުރުމަށް ދެވިދާނެ ދެވަނަ ގެވެށި-ފަރުވާއަކީ ނިދަން އޮށޯތުމުގެ ކުރިން ކުޑަކުޑަ ޕާންކޮޅެއް ރާހުތްފޮދަކަށްލައި ފޯކުރުމަށްފަހު އެސްވަޅުމަތީގައި އަޅައި ބަންދުކޮށްފައި ބެހެއްޓުމެވެ. ބެންޑޭޖް ފޮތިން އައްސައިލައިގެން ބަންދުކޮށްލެވިދާނެ އެވެ. މިހެން ހެދުމުންވެސް އެސްވަޅު މަޑުވެ ރަނގަޅުވާގޮތް ވެއެވެ.
ބަސްކޮށާރު:
އެސްވަޅު: –     އެސްވަޅަކީ ހުދުހަމުގައި އުފެދޭ ބައްޔެއް. މިބަލި ހުންނާނީ ވަށްކޮށް، ހަރުކޮށް، އެތެރެއަށް ގޮނޑިލާ ގޮތަށް

ގޮނޑިލުން: –    ބިއްސާއި، އޮށާޅަ އާއި މުލިހިފަދަ އެއްޗެހީގެ އަޑީގައި އުފެދިފައި ހުންނަ ހަރު ބައި

ކުރަލުން: –     ގައިގެ ހަމުގައި ގިނަފަހަރު އެއްޗެއް ކޭއްތިގެން ހަންބޯވުން

ގެވެށި ފަރުވާ: –    ގޭތެރެއިން ދެވެން ހުންނަ ފަރުވާ (ދާދިފަހުން އުފެދިގެން އައި ލަފުޒެއް ކަމުގައިވާ "ގެވެށި އަނިޔާ" މިބަސް އުފައްދާފައިވާގޮތަށް ބަލައިގެން "ހޯމް ރިމެޑީ" އަށް ބޭނުންކޮށްފައިވާ ލަފުޒެއް).

ދޯރި: –     ތެލާއި ފެނާއި އަދި އެނޫން ވެސް ދިޔާ ތަކެތި، އަނގަ ކުޑަ އެއްޗެއްސަށް އެޅުމަށްޓަކައި މަތިފުޅާކޮށް ތިރި ހިމަކޮށް ހަދާފައި ހުންނަ އެއްޗެއް. (ކޯން މިބަހުގެ ބަދަލުގައި ބޭނުންކޮށްފައި)

ތާފަނާ: –         ކިރިޔާ ހޫނުކަން ހުންނަވަރު
------------------
(ނިމުނީ)


މަޢުލޫމާތު ހޯދި ވަސީލަތްތައް:     އިންޑިއާ ޕޭރެންޓިން ޑޮޓްކޮމް އިން
                                   ދިވެހި ބަސްފޮތް 2006


މި ލިޔުން:

ފޮނުވުން:          އަޙުމަދު ރަޝީދު  (ފަންވަތުގެ ލިޔުންތެރިއެއް)
އަލުންބެލުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
ޝާއިޢުކުރުން:    އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

ވާހަކަ